Advertisement

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ރާއްޖޭގެ ތުރީ އޮން ތުރީ ބާސްކެޓް ޓީމަށް ފުރަތަަމަ ދެ މެޗުގައި ނާކާމިޔާބީ

14 އޮގަސްޓު 2022 - 22:12 0

އީރާން ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ އަމްޒަރު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު


އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ރާއްޖޭގެ ތުރީ އޮން ތުރީ ބާސްކެޓް ޓީމަށް ފުރަތަަމަ ދެ މެޗުގައި ނާކާމިޔާބީ

14 އޮގަސްޓު 2022 - 22:12 0

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ގައުމީ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން މިއަދު ޔޫގާންޑާ އާއި އީރާން އަތުން ބަލިވެއްޖެ އެވެ.

ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުގައި ހިމެނެނީ އަބްދުﷲ އަމްޒަރު މުހައްމަދު، ރިޝްވާން މުހައްމަދު، އަހުމަދު އަލީ މުސްތަފާ (ބޮމްބެ) އަދި އިސްމާއިލް ވިލްދާން ޔޫސުފް އެވެ. ޓީމުގެ ކޯޗަކީ ނަޒީފް އަހުމަދު (ނަޒީ) އެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި މިއަދު ހެނދުނު ޔޫގާންޑާއާ ދެކޮޅަށް ކުޅެ ފުރަތަމަ ޕޮއިންޓް އެއްކުރި ނަމަވެސް ފަަހަތުން އަރައި މޮޅުވާން ޔޫގާންޑާ އިން ތަފާތު ދެއްކި އެވެ. ޔޫގާންޑާ އިން މެޗު ނިންމާލީ 20-07 ޕޮއިންޓު ކުރީގައި އޮވެގެންނެވެ. މި މެޗުގައި ރާއްޖޭގެ ބޮމްބެ އާއި ރިލްވާން ރަނގަޅު ކުޅުމެއް ދެއްކިިއިރު، މައްސަަލަ ދިމާވީ ފުރުސަތު ލިބުނު ވަގުތުތަކުގައި ޕޮއިންޓް އެއްނުކުރެވިގެންނެވެ.

ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމު (ކ.ވ) ބޮމްބެ، ވިލްދާން، ރިޝްވާން އަދި އަމްޒަރު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


ޔޫގާންޑާ ޓީމުގައި ފެނުނީ ސްކޯރިން ރޭޓް ރަނގަޅު ދެ ކުޅުންތެރިއެއްގެ ބޭނުން ހިފައިގެން، އޭގެ ފައިދާ ނެގިތަނެވެ.

ރާއްޖޭން ފުރަތަމަ މެޗު ނިންމާލިތާ ގަޑިއެއްހާއިރު ފަހުން ދެ ވަނަ މެޗު ފެށިއިރު، ރާއްޖޭން ނުކުތީ އީރާނާ ދެކޮޅަށެވެ. އީރާނުން ވަނީ ގްރޫޕްގެ ފުރަތަމަ މެޗުގައި މޮރިޓޭނިއާ ބަލިކޮށްފަ އެވެ.

ރާއްޖެއާ ދެކޮޅަށް ވެސް އީރާން ފެނުނީ ކޮންފިޑެންސާ އެކު ކުޅެލިތަނެވެ. އެ ޓީމު މެޗުގެ ކުރީކޮޅުގައި ޕޮއިންޓްތަކެއް އެއްކުރިއިރު، ރާއްޖޭން އީރާނާ ދެކޮޅަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އަމްޒަރު އެވެ. ގިނަ ޕޮއިންޓް ހޯދައިދިނީ ވެސް އަމްޒަރު އެވެ. އިންޑިވިޖުއަލީ އާއި ޓީމު ކޮމްބިނޭޝަނަށް ބަލާއިރު، އީރާންގެ ފެނުނީ ވަރުގަދަ ކޮށެވެ. އެ ޓީމުން މެޗުން މޮޅުވީ 21-04 ޕޮއިންޓުންނެވެ. އެކާވީސް ޕޮއިންޓް ހަމަކުރީ މިނިޓެއްހާއިރު ހުއްޓަ އެވެ.

ރާއްޖޭން ގްރޫޕްގައި ދެން އޮތް ދެ މެޗު ކުޅޭނީ އަންގާރަ ދުވަހު އެވެ. އެ ދުވަހު ރާއްޖޭން ކުޅޭނީ މޮރިޓޭނިއާ އާއި ގުޔާނާއާ ދެކޮޅަށެވެ. ރާއްޖެ އަށް ނޮކައުޓް ބުރުން ފުރުސަތު ލިބޭނީ އެ ދެ މެޗުގައި ނަތީޖާ ނެރެގެންނެވެ.

މިއަދު ގުޔާނާ އިން ވަނީ ފަހު ވަގުތު ދެއްކި ހިތްވަރާ އެކު މޮރިޓޭނިއާ ބަލިކޮށްފަ އެވެ.