5 އޮގަސްޓު 2022 - 05:40 0
އޮސްޓްރޭލިއާގެ ޖީ (ވ)އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރަފާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
5 އޮގަސްޓު 2022 - 05:40 0
އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި އޮސްޓްރޭލިއާގެ މިންޔުން ޖީ އަތުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ބަލިވެއްޖެ އެވެ.
އަންހެން ސިންގަލްސްގެ، ގްރޫޕް ސްޓޭޖުގައި ރަފާ ހިމެނުނީ ޔޫގާންޑާގެ ރީތާ ނަކުމިސްތާ އާއި ސީޝެލްސްގެ ލައުރާ ސިނޯންއާ އެއް ގްރޫޕެއްގަ އެވެ. އެ ދެ މެޗުން ވެސް ރަފާ މޮޅުވީ 4-0 އިންނެވެ.
އެކަމަކު، ރޭ އޮސްޓްރޭލިއާގެ ޖީ ކައިރީގައި ރަފާ އަށް އެންމެ ރަނގަޅަށް ނުކުޅެވުނުއިރު، ޖީ ވަނީ މި ލެވަލްގެ ތަޖުރިބާގެ ބޭނުން ރަނގަޅަށް ހިފައި، 4-0 އިން މެޗުން މޮޅުވެފަ އެވެ.
ޖީ ފުރަތަމަ ސެޓު ގެންދިޔައީ މާ އުނދަގޫ ކަމެއް ނެތި، 11-02 އިންނެވެ. އެކަމަކު، ދެން ކުޅުނު ސެޓުގައި ރަފާގެ މަސައްކަތުގެ ރޭޓް ރަނގަޅުވި އެވެ. އެހެންވެ، ދެ ވަނަ ސެޓު ޖީ އަށް ގެންދެވުނީ 11-06 އިންނެވެ. އެކަމަކު، ތިން ވަނަ ސެޓުގައި ޖީ ވަނީ އަނެއްކާ ވެސް ފަރަގު ބޮޑުކޮށް 11-02 އިން މޮޅުވެފަ އެވެ. އަދި ހަތަރު ވަނަ ސެޓު ފަށައިގެން ރަފާ ކޮންމެ ވެސް ވަރަކަށް ލީޑެއް ނެގޭތޯ ބެލި ނަމަވެސް ޖީ ވަނީ އެ ފުރުސަތު ނުދީ ހަތަރު ވަނަ ސެޓު، 11-02 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.
ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާ، ރަފާ އާއި މޫސާ މުންސިފް ވަނީ އިއްޔެ، މޮރިޝަސްގެ ޗޭން ހުކް އާއި ހޮސެނާލީ އޯމެހާނީގެ ޕެއާއާ ކުޅެފަ އެވެ. މިކްސް ޑަބަލްސްގެ ފުރަތަމަ ބުރުގެ މި މެޗުން ޗޭން އާއި ހޮސެނާލީގެ ޕެއާ މޮޅުވީ 3-2 ސެޓުންނެވެ.
ފުރަތަމަ ސެޓު، ޗޭން އާއި ހޮސެނާލީގެ ޕެއާ އިން 05-11 އިން ގެންގޮސްފައި ވަނިކޮށް ރަފާ އާއި މުންސިފްގެ ޕެއާ ވަނީ ދެން ކުޅުނު ސެޓު، 11-07 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. ތިން ވަނަ ސެޓު 03-11 އިން ގެންގޮސް، ޗޭން އާއި ހޮސެނާލީ އަނެއްކާ ވެސް ލީޑެއް ނެގި އެވެ. ހަތަރު ވަނަ ސެޓު 06-11 އިން ގެންގޮސް މުންސިފް އާއި ރަފާގެ ޕެއާ އިން ވަނީ ދެ ވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.
ނަތީޖާ ނެރެން ކުޅުނު ސެޓުން، ރަފާ އާއި މުންސިފްގެ ޕެއާ އަތުން ޗޭން އާއި ހޮސެނާލީ މޮޅުވީ 06-11 އިންނެވެ.
ކޮމަންވެލްތު ގޭމްސްގައި ޓީޓީ އަށް ދެން އޮތީ މިއަދު ކުޅޭ އަންހެން ޑަބަލްސް މެޗެވެ. ރާއްޖޭގެ މަލާކް މުއިއްޒު އާއި ފާތިމަތު ޖުމާނާގެ ޕެއާ ކުޅޭނީ މޮރިޝަސްގެ ހޮސެނާލީ އާއި ޖާލިމް ނަންދޭޝްވަރީގެ ޕެއާއާ އެވެ.
Comment