25 ޖުލައި 2022 - 20:45 0
ނޭޕާލްގެ އަމަރު ޝްރެސްތާ (ކ) ރާއްޖޭގެ ޒައިން ޒަފަރު ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ސާފް
25 ޖުލައި 2022 - 20:45 0
އިންޑިއާގެ ބުބަނޭޝްވަރުގައި މިއަދު ފެށި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަަތަމަ މެޗުން ރާއްޖޭގެ ޒުވާން ގައުމީ ޓީމު އަތުން ނޭޕާލް 4-0 އިން މޮޅުވެއްޖެ އެެވެ.
މިއީ ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން، މި އުމުރުގެ ރޭންޖަށް ބާއްވާ ހަތަރު މުބާރާތެވެ. އެ ގޮތުން 2015 ވަނަ އަހަރު ނޭޕާލްގައި ބޭއްވީ 19 އަހަރުން ދަށުގެ ފޯމެޓަށެވެ. އޭގެ ފަހުން 2017 އާއި 2019 ވަނަ އަހަރު ބޭއްވީ 18 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. އެ އަށް ފަހު މި އަހަރު ފަސް ގައުމުގެ މެދުގައި ޖޫނިއާ ސާފް ޗެމްޕިއަންޝިޕް މި ބާއްވަނީ 20 އަހަރުން ދަށަށެވެ. މި މުބާރާތް ދެ ފަހަރު ނޭޕާލުން ކާމިޔާބު ކުރިއިރު، އިންޑިއާ އިން ވަނީ އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.
ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ކުރީކޮޅުގައި ރާއްޖޭގެ ޑިފެންސްލައިނަށް ބާރުބޮޑުވި ނަމަވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނޭޕާލުން ހަލުވި ކުޅުންތެރިންތަކަކަށް ބަރޯސާވެގެން މެޗު ޑޮމިނޭޓްކުރަން ވިސްނާފައި އޮތްއިރު، ރާއްޖެ ވެސް ކައުންޓަ އެޓޭކުގައި ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރަމުންދިޔަ އެވެ.
ނޭޕާލްގެ އަޝިޝް ކައިރިން ރާއްޖޭގެ ނަފްކޮ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ސާފް
ނޭޕާލުން ލީޑުނެގީ މެޗުގެ 42 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ދިޕޭޝް ގުރުންގް ޖެހި ބޯޅަ އަމާޒުވީ ރާއްޖޭގެ ގޯލުގައި ހުރި ޝައިހާން އަލީ އަތުގައި ނުޖެހި ގޯލުގެ ކަނަށެވެ. ފުރަތަމަ ހިލޭ ޖެހުމަކުން ނޭޕާލްގެ އަޔޫޝް ގަލާން ނެގި ބޯޅަ ގޯލަށް އަމާޒުވި ވަގުތު ޝައިހާން ބޯޅަ ހުއްޓުވި ނަމަވެސް ދެ ވަނަ ފަހަރު އޭރިއާބޭރުން ފުރުސަތު ލިބުނު ވަގުތުގައި ދިޕޭޝް ގޯލު ޖެހީ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައި ރާއްޖޭން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ 57 ވަނަ މިނިޓުގައި ނޭޕާލްގެ ސުގަމް ސުވާލް ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ސުގަމް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޝައިހާން އަތްދަށުންނެވެ. މި ގޯލު ޖެހިތާ ފަސް މިނިޓް ފަހުން، ނޭޕާލުން ތިން ވަނަ ގޯލެއް ޖެހީ ޕެނަލްޓީ އަކުންނެވެ. ރާއްޖޭގެ ހުސެއިން ޝާވިން ކުރި ފައުލަކަށް ދިން ޕެނަލްޓީ ވައްދާލީ، ކްރިތިޝް ރަތުނާ ޗުންޖޫ އެވެ.
ރާއްޖެ އަށް ގޯލެއް ޖަހައިދޭން އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އަށް ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ޖެހުމުގެ ކުރިން ނޭޕާލް ޑިފެންޑަރުން އެ ބޯޅަ ސަލާމަތްކުރި އެވެ.
ނޭޕާލުން ހަތަރު ވަނަ ގޯލު ޖެހީ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ނޭޕާލްގެ މަނަންގްޔާ ނަކަރްމީ މި ގޯލު ޖެހީ ރާއްޖޭގެ ކެޕްޓަން، ހުމެއިދު ހުސެއިން ބްލޮކްކުރި ބޯޅަ އެއް ހޯދުމަށް ފަހު އެވެ. މި ގޯލުގައި ނޭޕާލްގެ ސުމިތު ޝްރެސްތާ މުހިންމު ރޯލެއް ކުޅުނެވެ.
ރާއްޖެ ވަނީ 2017 ވަނަ އަހަރުގެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް އަތުން 2-0 އިން ބަލިވެފަ އެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު، ހަމަ 18 އަހަރުން ދަށުގެ އުމުރުފުރާ އަށް ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ނޭޕާލާ 1-1 އިން އެއްވަރުކޮށްފަ އެވެ. އެ ފަަހަރު ސާފް ޗެމްޕިއަންޝިޕް އޮތީ ނޭޕާލުގަ އެވެ.
ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާނެ އެވެ. އޭގެ ދެ ދުވަސް ފަހުން، މި މަހު 31 ވަނަ ދުވަހު ލަންކާއާ ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު ދެ ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ.
Comment