Advertisement

އެހެން ޕާޓީއެއްގެ ފަހަތަށް އަރާނެ ފޯމިއުލާއެއް ނެތް: ޕީޕީއެމް

7 ޖުލައި 2022 - 16:42 0

ޔާމީނާއި ގާސިމް: އެހެން ލީޑަރެއްގެ ފަހަތަށް އަރާނެ ފޯމިއުލާއެއް ނެތް ކަމަށް ބުނި - ފޮޓޯ: މިހާރު


އެހެން ޕާޓީއެއްގެ ފަހަތަށް އަރާނެ ފޯމިއުލާއެއް ނެތް: ޕީޕީއެމް

7 ޖުލައި 2022 - 16:42 0

ޕީޕީއެމް ޕީއެންސީ އިން އެހެން ޕާޓީއެއްގެ ނުވަތަ އެހެން ޕާޓީއެއްގެ ލީޑަރެއްގެ ފަހަތަށް އަރާނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށް ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނީ ޕާޓީގެ ލީޑަރު, ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލަށްލުމަށް ހުކުމްކޮށްފިނަމަ, ޕީޕީއެމްގެ ތާއިދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮންނާނެ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކަށް ރައްދުދީ އެވެ.

އެ ޕާޓިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން ޖަލަށްލުމަށް ވަރަށް ބޮޑަށް ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ގެންދޭ ކަމަށެވެ. އެކަމުގައި ގާސިމްގެ އަތެއްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ކޯޓު ތަކަށް ކަޅު ފައިސާ އަޅާ ނުފޫޒު ފޯރުވާފައިވާކަން އެނގޭ, ރައީސް ޔާމީން ޖަލަށް ލުމަށް ހައްގު ނޫން ގޮތުގައި މިހާރު ވެސް ގާސިމް އާއި އަދި ވާދަވެރި ފަރާތްތަކުން އެގެންދަނީ މަސައްކަތް ކުރަމުން، އެކަން ކާމިޔާބެއް ނުވާނެ," އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ 2023 ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ އެވެ.

"ރައީސް ޔާމީން ޖަލަށް ލައިގެން ޖުމްހޫރީ ޕާޓީ އަދި އެހެން ޕާޓިއަކުން ވެސް އަދި ލީޑަރަކު ވެސް އެމީހުންގެ ފަހަތަށް ޕީޕީއެމް ޕީއެންސީ އިން އަރާފާނެ ކަމަށް ނުވަތަ އެމީހުންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް މި ކޯލިޝަން ފަހަތަށް ޖެހޭނެކަމަށް ހީކުރުމަކީ ދެކޭ ހުވަފެނެއް، އެކަމެއް މިކޯލިޝަނުން ނުކުރާނެ," އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ފޯމިއުލާއެއް ވާދަވެރި ފަރާތްތަކަށް ނުނެރެވޭނެ, އަދި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތަކަށް އައި ނަމަވެސް، ޕީޕީއެމް އިން ކަންކުރާނެ ގޮތް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އޮންނާނެ,"

އަބްދުއްރަހީމް ފާހަގަ ކުރެއްވި ގޮތުގައި އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާސިމް ޕީޕީއެމްއަށް ލަނޑުދިން ގޮތް އެ ޕާޓިން ހަނދާނެއް ނުނެތޭނެ އެވެ.

އެ އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމުމުން ޖުމްހޫރީ ޕާޓީން ނުރަސްމީ ކޯލިޝަނެއް ޕީޕީއެމްއާއެކު ހަދައި, ދާއިރާތަކަށް ބަހާލައިގެން ވާދަކުރި އެވެ. އޭގެ ސަބަބުން އެމްޑީޕީއަށް ފައިދާވެ, ގިނަ ދާއިރާތަކެއް ޕީޕީއެމްއަށް ގެއްލުނުކަން އެ ޕާޓީން ގަބޫލު ކުރެ އެވެ.