Advertisement

އުދައިގެ ގެއްލުން ބޮޑުވަނީ މިހެންވެ!

3 ޖުލައި 2022 - 08:39 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރަށަކަށް ވަރަށް ބޮޑަށް އުދަ އަރަނީ: ހިއްކަން ނުވާނެ ސަރަހައްދުތައް ހިއްކުމަކީ އުދައިގެ ގެއްލުން ބޮޑުވާ ކަމެއް -- ފޮޓޯ: ފައިލް


އުދައިގެ ގެއްލުން ބޮޑުވަނީ މިހެންވެ!

3 ޖުލައި 2022 - 08:39 2

"ރާޅަކު ފުލު ރާޅެއް ގިނަ ވަމުން ގިނަވަމުން ގޮސް އެ ޕައިލްވެފައި، ކޮންމެވެސް ދިމާލަކުން އެއެއްޗިހި [އެ އުސްވި ލޮނުގަނޑު] އެބަ ޖެހޭ ދާން އަނެއް ފަރާތަށް. އަތޮޅުގެ އެތެރެވަރިއަށް ވަންނަން. ވަންނަން ދާއިރު ދެރަށް ދޭތެރެ ގުޅުވާފައި. މި ދިމާލުން ހިއްކާ މިހެން ހަދާފައި އޮތީމާ ދެން އެއަށް ދެވެން އޮތް ގޮތަކަށް ދާނެ،" އީޕީއޭގެ ޑިރެކްޓަރް ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށަށް އުދަ އެރުމުގެ ސަބަބުން ލިބޭ ގެއްލުން މިހާރު މިހާ ބޮޑުވަނީ ކީއްވެގެންކަން ބެލިފައި ވޭތޯ "އަދަދު" އިން ސުވާލުކުރުމުން، އޭނާ ވިދާޅުވެދެއްވީ، ގުދުރަތީ ނިޒާމުގައި އެކަން އޮންނަ ގޮތެވެ. ވެގެން މިއުޅޭ ކަމަކީ ގުދުރަތީ އެ ނިޒާމަށް ހުރަސް އެޅޭ ގޮތަށް ތަންތަން ހިއްކައި، އަތޮޅު އަތޮޅުގައި ހުރި މުހިންމު ކެނޑުންތައް ބަންދުކުރުމުގެ ސަބަބުން ވީ ގޮތެކެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގާ އިރު އެ މަޝްރޫއެއްގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ބަލަން ޖެހެނީ ވެސް އެހެންވެ އެވެ.

ނައީމް އެ ވިދާޅުވި ފަދަ ރާޅުތައް އަތޮޅާ ދިމާލަށް އަންނަން މެދުވެެރިވާ ގުދުރަތީ ސަބަބުތަކެއް ހުރެ އެވެ. އެއީ އާ ކަމެއް ވެސް ނޫނެވެ. ކޮޅިގަނޑެއް (މޫސުމީ ސައިންސްގައި ކިޔާ ގޮތުން ނަމަ ލޯ ޕްރެޝާ ޓްރަފެއް ނުވަތަ ލޯ ޕްރެޝާ އޭރިއާއެއް) އުފެދުމުން އެ ސަރަހައްދެއްގެ ލޮނުގަނޑު އުފުލެ އެވެ. އެއާއެކު ވިލާ ބޯވެ ވައި ގަދަވުމުން، އެ އުފުލުނު ލޮނުގަނޑު އެކި ދިމަ ދިމާލަށް ދަތުރުކުރަން ފަށަ އެވެ. ހުޅަނގު މޫސުމުގައި ރާއްޖޭގެ ހުޅަނގު ބިތުގެ ރަށްރަށަށް އަންނަނީ އެފަދަ ބާނިތަކެވެ.

"އެހިސާބުގަނޑުގެ ލޮނުގަނޑު އެބަ ހިއްލޭ ލޯ ޕްރެޝަރެެއް އުފެދުނީމާ. ހަމަ އެއާ އެއްކޮށް ވައިގަދަވޭ. އެއާ އެއްކޮށް ދިޔަ ބޮޑުވެފައި، ޖޫން ޖުލައި ގަދަޔާ މިހުރިހާ ކަމެއް ދިމާވީމާ އުދަ މިއަރަނީ، [އުދަ ބާނި އުފެދެނީ]،" ނައީމް ވިދާޅުވި އެވެ.

އުފެދުނު ގޮތަށް އޮތް އިރު، ގެއްލުން ކުޑަ

އުދަ އެރުމަކީ ރާއްޖޭގައި އަބަދުވެސް ހިނގަ ކަމެކެވެ. އެކަމަކު މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، އުދަ އެރުމަކީ އެއްވެސް ރަށެއްގެ ބަޔަކު މާ ހާސްވާނެ ކަމެއް ނޫނެވެ. އެއީ ހަމަ އަހަރުގެ ކޮންމެވެސް ދުވަސްވަރެއްގައި ހިނގާނެކަން ޔަގީންވާ، ދިވެހިން އެކަމަށް ހޭނިފައިވާ ރާއްޖޭގެ މޫސުމީ ނިޒާމުގައި އޮންނަކަން އެނގޭ ކަމެކެވެ.

"ކުރީގައި ގުދުރަތީ ގޮތަށް އޮތް އިރު އެތަންތަނުން ކެނޑިފައި ހުންނާތީ [ލޮނުގަނޑަށް] ރީއްޗަށް ދެވޭ. ދެން އެހެން ނަމަވެސް އޭރުވެސް އަރާ،" ނައީމް ވިދާޅުވި އެވެ.

އިހުގައި ދިވެހިންގެ ދިރިއުޅުން ބިނާކޮށްފައި އޮތީ ކޮންމެެވެސް ވަރަކަށް އުދަ އެރިޔަސް މީހުންގެ ދިރިއުޅުމަށް އޭގެ ގެއްލުންތައް ކުޑަވާ ގޮތަށެވެ. އުދަ އަރާކަން އެނގޭ ސަރަހައްދާ ކައިރީގައި ގެ އެޅުމަކީ އޭރުގައި ކުރާ ކަމެއް ނޫނެވެ.

"މިހާރު ގެއްލުން މިވާ ގޮތަކީ ރަށްތައް ފުރެންދެން ގޯތި ގެދޮރު އަޅާފައި މިހުންނަނީ. އެހެންވީމާ ވަރަށް އަތިރިމައްޗާ ހަމައަށް ރަނގަޅު ފެންވަރުގެ ގެދޮރު އަޅާފައި [މިހުންނަނީ]،" ނައީމް ވިދާޅުވި އެވެ.

އުދަ އެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ނައީމް ވިދާޅުވި ގޮތުގައި މިހާރު އުދަ އަރައި ބޮޑެތި ގެއްލުންތައް ލިބޭ ރަށްތަކުގެ އާބާދީތައް ރައްކާތެރި ކުރަން ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އެހެން ނޫނީ އެއަށް ވުރެ ރައްކާތެރި ރަށްރަށަށް އެ އާބާދީތައް ޖެހޭނީ ބަދަލުކުރާށެވެ.

"ރާއްޖޭގެ ރަށްތައް ތަރައްގީކޮށް ރާއްޖޭގެ ރަށްތަކުގައި މީހުން ދިރިއުޅެން، ކުރިއަށް އޮތް ތަނުގައި ވިސްނާ ކަމަށްވާ ނަމަ މި ރަށްތަކުގައި މީހުންނަށް ދިރިއުޅެވޭނެ މިންވަރަށް ސަލާމަތީ ކަންތައްތައް، ރަށްތަކުގައި ގުދުރަތީ ކާރިސާތަކުން ސަލާމަތް ވެވޭނެ ގޮތްތައް ހަދަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވަރަށް ސާފުކޮށް ވިދާޅުވީ އުދަ އެރުމާއި އުދައިގެ ގެއްލުން ބޮޑުވުމުގެ ފަހަތުގައި އޮތީ އަމިއްލައަށް ކޮށްފައިވާ ކަންތައްތަކެެއް ކަމަށެވެ. އެެއީ ހިއްކަން ނުވާ ތަންތަން ހިއްކުމާއި އޮއި ދެމެން ޖެހޭ ތަންތަން އޮއި ނުދެމޭ ގޮތަށް ބަންދުކުރުން ކަހަލަ ކަންތައްތަކެވެ.

"އަޅުގަނޑުމެން ހަމަ އަމިއްލައަށް ކޮށްފައި ހުންނަ ކަންތައްތަކުގެ ސަބަބުން، އުދަ އެރުމާއި އުދައިގެ ސަބަބުން ލިބޭ ގެއްލުން އިތުރުވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މަޑަވެެއްޔާއި ހޯޑެއްދޫގެ ދުވަސްްވީ މީހުން މިވާހަކަ ދެއްކި

މަޑަވެއްޔާއި ހޯޑެއްދޫ ގުޅައިލުމަށް ޓަކައި ކޯޒްވޭ އަޅަން އީއައިއޭ ހެދި އިރު، އެ ދެރަށުގެ ދަވަސްވީ މީހުން އީއައިއޭ ކޮންސަލްޓެންޓުންނަށް ދިން ދިން މެސެޖެއް އޮތެވެ. އެމީހުން ބުނީ ކޯޒްވޭގެ މަސައްކަތް ކޮޮށްފި ނަމަ ދެރަށަށް ވެސް އުދަ އަރާނެ ކަމަށެވެ.

މަޑަވެއްޔަށް އުދަ އަރައި ގެއްލުން ވާތީ ރައްޔިތުންގެ މަޖިލީހަށް 2020 ވަނަ އަހަރު ހުށަހެޅި މައްސަލައެއް މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓްގައި މިވާހަކަ އެބަ އޮތެވެ.

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ މަސައްކަތް އެތަން މިހާރު އޮތް ޑިޒައިނާ އެއްގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ގެއްލުންވާނެ ކަމަށް އެ މަޑަވެލި ކައުންސިލުން ބުނި ކަމަށް ވެސް އެ ރިޕޯޓުގައި އެބަ އޮތެވެ.

އެރިޕޯޓުގައިވާ ގޮތުން ކޯޒްވޭގެ އީއައިއޭ ހެދި އިރު އެކަމަށް ރިއާޔަތްކޮށް، ގެއްލުންތައް ކުޑަކުރުމަށް ޓަކައި ވަކި ކަންތައްތަކެއް ކުރަން ޝަރުތުކޮށްފައި އޮތެވެ. އެކަމަކު މަޝްރޫއު ނިންމާލީ އެކަންތައްތައް ނުކޮށެވެ.

ނައީމް ވިދާޅުވީ ރައްޔިތުންނަށް މިހާރު ވަމުން އެދަނީ އެގޮތަށް ކަންތައްކުރުމުގެ ނަތީޖާއެއްގެ ގޮތުން ވަމުންދާ ގެއްލުންތަކެވެ.

"މިހާރު ސަރުކާރުން އެބަ އުޅޭ ކޯޒްވޭ މުޅިން ނަގާފައި އަލުން ބަދަލުކުރަން. އެއީ ކިހާ ބޮޑު ހަރަދެެއްތޯ؟ ވިސްނާ ނުލައި [މަސައްކަތް ކޮށްފައި އޮތީ]. އަދި އިމްޕެކްޓްތައް މިއަށް އަންނާނޭ ބުނެބުނެ އޮއްވާ، އީއައިއޭގައި ހުރި މިންވަރަށް ވެސް އެކަންތައްތައް ނުކޮށް އޮތީ އެ ޕްރޮޖެކްޓް ނިންމާފައި. އޭގެ ގެއްލުން މިހާރު ރައްޔިތުންނަށް ވަމުން މިދަނީ،" ނައީމް ވިދާޅުވި އެވެ.

މިފަހަރު އެރި އުދައިގައި މަޑަވެލީގެ 90 ޕަސެންޓް ގެއަށް ގެއްލުން ވި އެވެ. ނައީމް ވިދާޅުވީ ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރަން ދޭ އެފަދަ ލަފާތަކަށް އަޅައި ނުލާ މަޝްރޫއުތައް ކުރިއަށް ގެންދާ ނަމަ ރަށްރަށުގެ 100 ޕަސެންޓް ގެއަށް ގެއްލުންވާ ފަހަރު ވެެސް އަންނާނެ ކަމަށެވެ.

އުދަ އެރުމާއި މޫސުމީ އެހެނިހެން ކަންތައްތަކުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ލިބޭ ގެއްލުން ކުޑަކުރަން އެދޭ ނަމަ ސަރުކާރުތަކުން މިވާހަކަތައް އަޑުއަހަން ޖެހެ އެވެ. އެއީ ތަރައްގީއަށް ހުރަސް އެޅޭނެ ކަމެއްް ނޫނެވެ. ކޯޒްވޭތައް އެޅިޔަސް، އޮއިދެމޭނެ ގޮތެއް ހެދިދާނެ އެވެ. މޫދާ ގާތުގައި އިމާރާތްކުރާ ނަމަ އެކަށީގެންވާ ތޮށިތައް ލެވިދާނެ އެވެ. ގެއްލުން ކުޑަކުރުމަށް ޓަކައި ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ.