Advertisement

ޑެމްބެލޭ މަޑުކުރުވަން ކުރާ މަސައްކަތް ބާސެލޯނާ އިން ހުއްޓައެއްނުލާ

23 ޖޫން 2022 - 09:15 0


ޑެމްބެލޭ މަޑުކުރުވަން ކުރާ މަސައްކަތް ބާސެލޯނާ އިން ހުއްޓައެއްނުލާ

23 ޖޫން 2022 - 09:15 0

ބާސެލޯނާ (ޖޫން 23) - މި މަހުގެ ނިޔަލަށް ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ހުރި ފްރާންސްގެ ވިންގް، އޮސްމާން ޑެމްބެލޭ މަޑުކުރުވަން ކުރަމުން އަންނަ މަސައްކަތުގައި ބާސެލޯނާ އިން ދޫ ދީފައިނުވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ޑެމްބެލޭ އަށް ބާސެލޯނާ އިން އާ ކޮންޓްރެކްޓެއް ދޭން މިިދިޔަ އަހަރެއްހާ ދުވަހު ކުރި މަސައްކަތުގައި ވެސް އަލިމަގެއް ނުފެނުނެވެ. މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ވެސް ބާސެލޯނާ އިން ޑެމްބެލޭ ވިއްކާލަން މަސައްކަތް ކުރި އެވެ. އެކަމަކު، ފަހުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒާއި ޑެމްބެލޭގެ ދެމެދުގައި މައްސަލަތައް ހައްލުވެ، ޑެމްބެލޭ ވަނީ މެޗުތަކުގައި މޮޅު ކުޅުން ދައްކައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި އިޓަލީގެ ޔުވެންޓަސް އިން ޑެމްބެލޭގެ ސޮއިހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައިނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ހަފްތާ ތެރޭގައި ޑެމްބެލޭއާ އެކު ބާސެލޯނާ އިން އާ ކޮންޓްރެކްޓެއް ހެދުމުގެ މަޝްވަރާތައް ފަށާނެ އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް، އެ ކްލަބްގެ މެނޭޖްމަންޓަށް އަންގާފައިވަނީ އާ ކުޅުންތެރިއަކު ބޮޑު އަގުގައި ގެނެސްގެން ރިސްކެއް ނެގުމުގެ ބަދަލުގައި ޓީމުގައި މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިއަކު ކޮންޓްރެކްޓް އާ ކުރުމަކީ މާ ބުއްދިވެރި ނިންމުމަކަށް ވާނެ ކަމަށެވެ.

ބޮރޫޝިއާ ޑޯޓްމަންޓް އިން ބާސެލޯނާ އަށް 2017 ވަނަ އަހަރު ޑެމްބެލޭ ބަދަލުވީ 97 މިލިއަން ޕައުންޑް (122 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީ އަކަށެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީގެ ސޮއި ހޯދުމަށެެވެ. ބަޔާނުން ތަކުރާރުކޮށް ބުނަމުން އަންނަނީ ލެވަންޑޯސްކީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އެކަމަކު، ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލެވަންޑޯސްކީގެ ސޮއި ހޯދަން ބާސެލޯނާ އިން 55 މިލިއަން ޑޮލަރު ހުށަހަޅައިފިނަމަ، ބަޔާނުން އޮތީ އެ ޑީލް ކުރިއަށްގެންދަން ތައްޔާރަށެވެ.