Advertisement

ޑަޗް ޑޮކްލޭންޑްސްގެ ދިފާއުގައި މިނިސްޓަރު މައުސޫމް: ފްލޯޓިން ސިޓީ އަންނާނެ

22 ޖޫން 2022 - 22:04 3

އަމަން ހަލީމް

އަމަން ހަލީމް

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް، އޭނާ ވިދާޅުވީ ފްލޯޓިން ސިޓީ ހަގީގަތަކަށް ވާނެ ކަމަށް.


ޑަޗް ޑޮކްލޭންޑްސްގެ ދިފާއުގައި މިނިސްޓަރު މައުސޫމް: ފްލޯޓިން ސިޓީ އަންނާނެ

22 ޖޫން 2022 - 22:04 3

މާލެ އަތޮޅުގެ ހަ ފަޅެއްގައި ފްލޯޓިން ސިޓީތަކެއް ހަދަން ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކޮށްފައިވާ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ހަގީގަތަކަށް ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މައުސޫމް މިހެން ވިދާޅުވެފައި މިވަނީ ޑަޗް ޑޮކްލޭންޑްސްގެ ޕްރޮޖެކްޓު ހުއްޓުވަން އުޅުނު ކަމަށް ތުހުމަތުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މައްސަލައެއް ފެންމަތިކުރައްވާފައި ވަނިކޮށެވެ. ނަޝީދު ތުހުމަތުކުރެއްވީ ވަޒީރުން ތިއްބަވާ އިކޮނޮމިކް ކައުންސިލުން މި ޕްރޮޖެކްޓަށް ހުރަސްއަޅުއްވާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒު ވަނީ ކަން ހިނގާފައިވާ ގޮތް "އަދަދު" ނޫހަށް ސާފުކޮށްދެއްވާފަ އެވެ. އަދި ވިދާޅުވީ ޑަޗް ޑޮކްލޭންޑްސް ޕްރޮޖެކްޓު އިކޮނޮމިކް ކައުންސިލުން ހުއްޓުވާފައި ނުވާނެ ކަމަށާއި ހަމައެކަނި އިންކާރު ކުރީ އެއްބަސްވުން މުރާޖާކޮށް ސޯޝަލް ހައުސިން އަޅަން ހުއްދައަށް އެދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމަށް ހުއްދަ ދެވެން ނެތީ ގާނޫނު ތަން ނުދޭތީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެކަމަކު މިހާރު ވެސް ޑަޗް ޑޮކްލޭންޑްސްއިން ހުށަހަޅާފައިވާ ގޮތަށް ރިސޯޓާއި ޑޮކްޔާޑާއި ލަގްޒަރީ ވިލާ އަޅަން އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލޯޓިން ސިޓީ ޕްރޮޖެކްޓެއްގެ ވާހަކަތައް ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އެވެ. އޭރު ފްލޯޓިން ރަށްތަކަކާއި ގޯލްފްކޯހެއް ހަދަން ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކުރި ކަމަށް އޭރުގެ ހަބަރުތަކުން ފެންނަން އެބަހުއްޓެވެ. އެކަމަކު ޕްރޮޖެކްޓު ވުޖޫދަކަށް ނާދެ އެވެ.

އާންމުވެފައިވާ އެމްޑީޕީގެ ގައުމީ މަޖިލިހުގެ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި މިނިސްޓަރު ފައްޔާޒު ވަނީ މި ޕްރޮޖެކްޓު ހަގީގަތަކަށް ނުވާނެ ކަަމަށް ވިދާޅުވެފަ އެވެ. އެހެން ވިދާޅުވާ ސަބަބެއްގެ ގޮތުގައި ދެއްކެވީ މި ފަޅުތައް ވިއްކާލަން އެ ކުންފުނިން މަސައްކަތް ކޮށްފައިވުމާއި ދެ ފަޅެއް ވިއްކާލާފައި އޮތް އޮތުމެވެ.

އޭގެ ތެރެއިން އެއް ފަޅަކީ އެ ކުންފުނިން 2016 ގައި ވިއްކާލީ "ލެގޫން 17" އެވެ. މި ފަޅު ސިލްވާ މެރިން ނަމަކަށް ކިޔާ ކުންފުންޏަކަށް ވިއްކާލީ 300،000 ޑޮލަރަށެވެ. މިއީ މިފަހުން ހުޅުވި އެޓްމޮސްފިޔާ ރިސޯޓްސްގެ އޮބްލޫ އާއިލާފުއްޓާއި ލޯބިގިލި ހުންނަ ފަޅެވެ.

އަނެެއް ފަޅު ވިއްކާލީ މި ސަރުކާރު އައިސް މިދިޔަ އަހަރުގެ މާޗުގައި އެއްބަސްވުން އާކުރި ފަހުން މިދިޔަ އޮގަސްޓު މަހު މާރަށް ކިޔާ ކުންފުންޏަކަށެވެ.

އެކަމަކު މި ޕްރޮޖެކްޓު ހަގީގަތަކަށް ވާނެ ކަަމަށް ވިދާޅުވެ ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ޑަޗް ޑޮކްލޭންޑްސްއަށް ތައުރީފުކުރައްވަމުން ވިދާޅުވީ ޑަޗް ޑޮކްލޭންޑްސްގެ އިންގިލާބީ ޕްރޮޑަކްޓަކީ ޒަމާނީ، ދެމެހެއްޓެނިވި ޓޫރިޒަމާއި ދިރިއުޅުމަށް "ކޮމްޕްލިމެންޓް" ކުރާނެ ޕްރޮޑަކްޓެއް ކަމަށެވެ.

މައުސޫމް މިހެން ވިދާޅުވި ނަމަވެސް މި ފަޅުތައް ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކުރެވުނު ފަހުން މިވީ ދިހަ އަހަރުގެ ތެރޭގައި އެއިން ފަޅެއްގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. މިފަހުން އެތަނުގައި ވިލާ އަޅަން ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ބައިސަން މޯލްޑިވްސްއާ ހަވާލުކުރި އެވެ. އޭރު ބުނީ ނިމުނު ރޯދަ މަހުގެ ފަހުން އެތަނުގައި އަޅާ ފުރަތަަމަ ގެތައް ފެންނަން ފަށާނެ ކަމަށެވެ.

އެކަމަކު އެފަހުން ޕްރޮޖެކްޓުގެ އިތުރު އަޕްޑޭޓެއް އާންމުކޮށް މީޑިއާއަކާ ހިއްސާ ނުކުރެ އެވެ.