Advertisement

ދިގު ވާހަކަ: މާޒީން ހިތި

20 ޖޫން 2022 - 09:35 0


ދިގު ވާހަކަ: މާޒީން ހިތި

20 ޖޫން 2022 - 09:35 0

(ނުވަވަނަ ބައި)

"މިޒޫ ތި ދެއްކި ހުރިހާ ވާހަކައެއް ހަމަ ތި އަސަރާއެކު ހަބީބު ގާތުގައި ކިޔަން ކެރޭނެތަ؟" މާނަ ފުން ގޮތެއްގައި ޔަޒީދު ކޮށްލީ ސުވާލެކެވެ.

"ހަބީބުތަ ފައިސާއަށް މީހުން ގަންނަނީ؟" އަހަރެންގެ ރުޅި ގަނޑު ފަޅައިގެން ދިޔަ އެވެ.

"ވިއްކަނީ." ޔަޒީދުގެ އަޑުގައި ހުރީ މަޑުމައިތިރި ގޮތެވެ.

އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދައްކާނެ ވާހަކައެއް ބޮލަކަށް ނުވަނެވެ. ޔަޒީދު އެ ބުނީ ކިހާ ބޮޑު ތެދެއް ހެއްޔެވެ؟ އެއީ ކިހާ މާނަ ފުން ވާހަކައެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ އެއެވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އެއްވެސް ހަގީގަތެއް ނެތް، އަސާސެއް ނެތް ވާހަކަ އެކެވެ.

"މިއަދު މިޒޫއަށް މަންޒަރު ފެންނަނީ މީހަކު ކުލަ ޖައްސާ ދޭގޮތަށް. އޭގެ ފަހަތުގައި ފޮރުވިފައި ވަނީ ކިހާ ވަރެއްގެ ތަސްވީރެއް ކަމެއް މިޒޫއަކަށް ނުވިސްނޭ. ވަޒަންކޮށް ނުލެވޭ. ކުޑަމިނުން ތަސައްވަރު ވެސް ކޮށް ނުލެވޭ،" ޔަޒީދު ފުން ނޭވާއެއް ބޭރުކޮށްލި އެވެ. "އަހަންނަށް އެކަން އެނގޭތީ ހަބީބު ބުނި އަގަކަށް، ބުނި ގޮތެއް ހަދައިގެން ވެސް މި ވަގުތު މި ގަތީ."

އަހަންނަށް ބަލައިލެވުނީ ޝަކުވާގެ ނަޒަރުންނެވެ. ނަމަވެސް ޔަޒީދުގެ ޖުމުލަތަކުގެ ސަބަބުން އެ ޝަކުވާތައް ކެހި މީހާ ހިމޭންވާން ފެށި އެވެ. ވިސްނައިލަން ޖެހޭ ބައެއް ކަންކަން ވެސް ސިކުނޑިއަށް ތަސްވީރުވަމުން ދިޔުމުންނެވެ.

"މި ފަހަރު ހިނގައިބަލަ އެހެން ކަމެއް ހަނދާނަށް ގެންނާން. ހަބީބު ބަލިވެގެން އިންޑިޔާއަށް ދިޔައީ މެއްނު." ޔަޒީދު ފޯނުގެ ސްކްރީނުގައި އިނގިލި ޖައްސާލި އެވެ.

"ކިހިނެއް އެކަން އެނގުނީ؟" އަހަންނަށް ބުނެލެވުނެވެ.

"އެއީ މީގެ ދެ އަހަރު ކުރިއެއްނު ދޯ! ޖުލައި މަހުގެ ތިންވަނަ ދުވަސް. އެ ދުވަހު އެއަރޕޯޓުން ދިމާވިއެއްނު ހަބީބުގެ ރައްޓެއްސެއް. މި ދައްކަނީ އިޓަލީ މީހެއްގެ ވާހަކަ. އޭނާއަކީ އިޓަލީ މީހެއް ނަމަވެސް އޭނާ އުޅުނީ އިންޑިޔާގަ." ޔަޒީދު ފުން ނޭވާއެއް ބޭރުކޮށްލަމުން އޭނާގެ ފޯނުގެ ސްކުރީނު އަހަންނަށް ދައްކާލި އެވެ.

އަހަންނަށް ބަލައިލެވުނީ ޔަޒީދުގެ ފޯނުގެ ސްކުރީނަށެވެ. އެއީ ލިއަމް އެވެ. އެއީ ހަބީބުގެ ރައްޓެއްސެކެވެ. އަހަރުމެން ތިބީ ލިއަމް ކުއްޔަށް ނަގައިފައި ހުރި ގެއެއްގަ އެވެ. ލިއަމަކީ ވަރަށް އޯގާތެރި މީހެކެވެ. އޭނާއަކީ ރީތި ސިފަތަކެއް ލިބިފައިވާ ބަލައިލަން ހިތްގައިމު ގޮތެއް ވެސް ހުންނަ މީހެކެވެ. ލިއަމްގެ ކަތި ނަޒަރާއި އޭނާ އަހަންނާ ދިމާއަށް ބަލާ ދަހިވެތި ގޮތުން އަހަންނަށް އޭނާއާ ދިމާއަށް ބަލައިލަން ވެސް ނުކުރެ އެވެ. ފާޑެއްގެ ލަދުވެތި ފަރުދާއަކުން އަހަރެންގެ ނަފުސް އޮންނަނީ ބަނދެވިފަ އެވެ.

"ހަބީބު ދިޔައެއްނު މިޒޫ އެކަނި ބަހައްޓައިފަ އެހެން މީހަކާއެކު އެއްރެޔަކު ތަންކޮޅެއް ދުރު އަވަށަކަށް. ހަނދާންކޮށްބަލަ! އެއީ ވަރަށް ވިއްސާރަ މޫސުން ގޯސް ރެޔެކެއްނު. އެރޭ ގޭގައި އެކަކު ވެސް ނެތެއްނު." ޔަޒީދު ލަސްލަހުން ކިޔައިދިނެވެ.

އަހަންނަށް އެ ރޭގެ ހާދިސާތަކެއް ހަނދާނަކަށް ނާދެ އެވެ. ނަމަވެސް، ޔަޒީދު އެ ކިޔައިދެމުންދާ ވާހަކަތަކުން ބައެއް މަންޒަރު ސިފަވާހެން ހީވަމުން ދިޔަ އެވެ.

"ހަނދާންކޮށްބަލަ! ތަންކޮޅެއް ފުންކޮށް ވިސްނައިލަ ބަލަ! ރަތްކުލަ މަތިން ހަނދާންކޮށްބަލަ! ރަތްކުލަ، އާނ! ރަތްކުލަ. ދެން ހަނދާންނަށް ގެނެސްބަލަ ދިރިދިރި އޮތް ހުދު ހާލެއް. ހާތަކެއް." ޔަޒީދު އަހަރެންގެ މޫނަށް ބަލަން އިނދެ ކިޔައިދެމުން ދިޔަ އެވެ.

އަހަންނަށް ފާޑަކަށް ބަލައިލެވުނެވެ. ބޮލަށް ބަރުޖެހެމުންދާހެން ވެސް ހީވަމުން ދިޔަ އެވެ. ޔަޒީދު އެ ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ. ބައެއް ފަހަރު އެ މަންޒަރު ފެންނަހެން ވެސް ހީވަމުން ދިޔަ އެވެ. ހުދު ހާލެއްގެ ފަތްތައް ބުރަބުރައިގެން ދާ މަންޒަރު ފެންނަމުން ދިޔަ އެވެ. އަހަންނަށް މަޑުމަޑުން ލޯ މަރައިލެވުނެވެ. ސާފުކޮށް އެ މަންޒަރު ސިފަވި އެވެ. ކަޅު އަނދިރި ކޮޓަރިއެއް ތެރެއިން ހުދުކުލައިގެ ދޫނިފަތްތައް އެކި ދިމަދިމާއަށް އުދުހެމުން ދިޔަ މަންޒަރު ފެންނަމުން ދިޔަ އެވެ. މަޑުމަޑުން ލޯ ހުޅުވާލީމެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނީ އިހުތިޔާރުން ބޭރުގަ އެވެ.

"ދެން ހަނދާނަށް ގެނެސްބަލަ ހުސްގަޔާ ހުރި މީހެއްގެ ތަނަވަސް މޭމަތި. ލެއިން ތަތްތެޅިފައިވާ ހަށިގަނޑު. އެ މޭމަތި." ޔަޒީދު ލަސްލަހުން ބުނެލި އެވެ.

ހަމަ ސީދާ އެ މަންޒަރު އަހަރެންގެ ލޮލަށް ސިފަވި ކަހަލަ އެވެ. އެ އިހުސާސް އަހަންނަށް ކުރެވުނު ކަހަލަ އެވެ. އެއީ ތަފާތު ކަމެކެވެ. މުޅީން ތަފާތު ހަރަކާތެކެވެ. އެ ކަން ހިނގައިދިޔަ ގޮތް ފިލްމެއްގެ މަންޒަރުތަކެއް ފަދައިން ފެންނާން ފެށި އެވެ.

ހަބީބު ދިޔައީ ތަންކޮޅެއް ދުރުގައި އުޅޭ އޭނާގެ ޑޮކުޓަރަކަށް ދައްކާން ވެގެންނެވެ. އެރޭ އެ ކޮޅުގައި މަޑުކުރާ ގޮތަށެވެ. އަނެއް ދުވަހު އަންނާނެ ކަމަށްބުނެފަ އެވެ. އަހަރެން ގެންދާން ބުނުމުން ވެސް އޭނާ އެކި އުޒުރު ދެއްކި އެވެ. އެންމެފަހުން އަހަރެން ގޮތް ދޫކުރީ އެވެ. އަހަރެންގެ ހުރިހާ ކަމެއް ހަވާލުވީ ލިއަމް އަށެވެ.

އެއީ ބޮޑު ގަނޑުވަރެއް ކަހަލަ ގެޔެކެވެ. ދެ ބުރިއަށް ހަދައިފައިވާ އެ ގޭގެ ސިޓިންރޫމާއި ބަދިގެ ނޫން އެއްވެސް ތަނަކަށް އަހަރެން ނުވަންނަމެވެ. ކޮޓަރިތަކުގެ ހާލަތެއް ވެސް ނުވެސް އެނގެއެވެ. އެތަނުގައި މީހަކު އުޅޭކަމެއް ނޫޅޭ ކަމެއް ވެސް ނޭނގެ އެވެ. އެނގުނުހާ ވެސް ކަމަކީ ލިއަމް ނޫން މީހަކު އެ ގޭގައި ނޫޅޭނެ ކަމެވެ. އެކަން ވެސް އެނގުނީ ލިއަމް އެހެން ބުނެފަ އޮތީމަ އެވެ.

ހަބީބު ދިޔުމުން ވީ ފޫއްސެއްގެ ބޮޑުކަމުން އަހަރެން އޮށޯތީ އެވެ. އޮށޯވެލިހެން ހީނުވެ އެވެ. ލޮލަށް ނިދި ސަވާރުވި އެވެ. ނިދުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ނޭނގެ އެވެ.

އަހަންނަށް ހޭލެވުނީ ކޮންމ ެވެސް އަޑުފަށްގަނޑެއް އިވެން ފެށުމުންނެވެ. ތަންކޮޅެއް ދުރުން ކުޑަދޮރެއް ވަޔާ ތެޅޭހެން ވެސް ހީވަމުން ދިޔަ އެވެ. އެއާއެކު ފާޑަކަށް ބައްވެފައި އިވޭ ކަހަލަ ބޫން އަޑެއް ވެސް އިވެމުން ދިޔަ އެވެ. ތަނަކުން ވައި ބޭރުވުމުން އިވޭ ކަހަލަ ބޮލަށް އުނދަގޫވާ ޒާތުގެ އަޑެއް ވެސް އިވިއިވި ހުއްޓެވެ.

ހިތްބުނެލީ އަޑު އަންނަ ދިމާއެއް ހޯދުމަށެވެ. ލިއަމް ނޫން އިތުރު މީހަކު ގޭގައި ނޫޅޭނެ ކަމަށް ޔަގީންކަން އޮތުމުންނެވެ. ލިއަމްއަކީ ވެސް ގިނަ ވަގުތު ގޭގައި އުޅޭ މީހެއް ނޫނެވެ. އިތުރު ހިޔާލެއް ބޮލަށް ތިލަވީ ވެސް އެހެންވީމަ އެވެ. ފަހަރެއްގައި މޫސުން ގޯސްވުމުގެ ސަބަބުން ކޮޓަރިއެއްގެ ކުޑަދޮރު ވަޔަށް ތެޅެނީ ކަމަށް ގަބޫލުކުރެވުނެވެ.

ތެޅިތެޅި އޮތް ހިތަކާއެކު ލަސްފިޔަވަޅުތަކެއް އަޅަމުންއަޅަމުން ބޭރަށް ނުކުމެލީމެވެ. ވަށައިގެން ވަނީ ހިމޭންކަމެވެ. އިވެމުން ދިޔަ އަޑުތައް އެއްކޮށް ހިނދުނެވެ. ކުއްލިއަކަށް އިވުނީ ހާލެއްގެ ހަޅޭއްކުގެ އަޑެވެ.

އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. ލިބުނު ސިހުމަށްވުރެ ބޮޑަށް ހައިރާންކަން ވެރިވީ ވެސް އެހެންވީމަ އެވެ. ހާލެއްގެ އަޑު އިވެންޖެހުނީމަ އެވެ. ދެތިން ފަހަރަކު އެ އަޑު ތަކުރާރުވި އެވެ. އެހައި ހިސާބުން ޔަގީންކަން ލިބުނީ އެއީ ހީއެއް ނޫންކަމަށެވެ.

އަޑު އިވެމުން ދިޔައީ މަތީ ފަންގިފިލާ އިންނެވެ. އެހެންވެ އެ ދިމާއަށް ހިނގައިގަތީމެވެ. ފަހަރެއްގައި ވައިރޯޅިއާއެކު، ހާޅުގައި ޖެހިގެން ގޭތެރެއަށް ވަން ހާލެއް ނިކުންނަށް ނޭނގިގެން އުޅެފާނެތީ އެވެ. ސިޑީގެ ހަރުފަތްތަކުން ދެ ހަރުފަތް އެއްކޮށްލައިގެން މައްޗަށް އެރީމެވެ. އޭރު ވެސް ހާލުގެ އަޑު އިވިއިވި ހުއްޓެވެ. ބައެއް ފަހަރު ހާލުގެ އަޑު ގަދަވެލަ އެވެ. އަނެއްބައި ފަހަރު މަޑުވެލަ އެވެ. އެކި ފަހަރު އަޑު އިވެނީ ވެސް އެކި ގޮތަށެވެ.

އެ އަޑު އަންނަ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. އަޑު އަންނަނީ އެންމެ ދުރުގައި ހުރި ކޮޓަރިންނެވެ. އެ ކޮޓަރިއާ ހަމައަށް ދެވެން އޮތީ ހަނި ދިގު މަގެކެވެ. އެއީ ދެ މީހުން އެކުގައި ކިރިޔާ ހިނގައިލެވޭ ފަދަ ދިގު ސަރައްކާއްޔެކެވެ.

އަޑު އިވެމުން ދިޔަ ކޮޓަރީގެ ދޮރު ހުރީ ކޮންމެ ވެސް ވަރަކަށް ހުޅުވިފަ އެވެ. ކޮޓަރީގެ ތެރެއިން ނުކުމެފައިވާ ފަނޑު އަލި ރޮނގު މަގަށް އެޅިފައި ހުއްޓެވެ.

ހިތުގައި އަތް އަޅައިގެން ދެ ފިކުރެއްގައި ހުރެ ލަސްލަހުން ހިނގަމުން ދިޔައީމެވެ. ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ ކަމަށް ވިސްނޭތީ އެވެ. އަހަންނަށް ހިންދިރުވާ ވެސް ލެވެނީ ދެ ތިން ފިޔަވަޅު އެޅުމަށްފަހުގަ އެވެ. ކޮންމެ ފިޔަވަޅެއް އަޅަން ފައި ހިއްލައިލެވެނީ ދެވަނަ ފިޔަވަޅަށް ވެސް ސިއްރުވާ ގޮތަށެވެ. އެ މިންވަރަށެވެ. އެހައި ވެސް ލަސްލަހުން، ސިއްރު ސިއްރުންނެވެ.

ކޮޓަރީގެ ދޮރާހަމައަށް ދެވުނު އިރަށް ހާލުގެ އަޑު ގަދަވި އެވެ. މަރަށް ތެޅިގަތް ކަހަލަ އަޑެއް އިވުނެވެ. ދޮރުން ހުޅުވިފައިވާ ދޭތެރެއިން ބަލައިލެވުނީ ކޮޓަރީގެ ތެރެއަށެވެ.

ދެ ލޯ ބޮޑުވި އެވެ. އަނގަމަތީގައި އަތް އެޅުނެވެ. މަޑުމަޑުން ފަހަތަށް ޖެހިލުވުނެވެ. ފާރުގައި ބުރަކަށި ޖައްސާލެވުނެވެ. އަމިއްލަ އަނގަމަތީގައި އަތްއެޅުނެވެ. ނޭވާ ވެސް ބޭރަށް ނުނިކުންނާނެހެން ސިއްރުވާ ގޮތަށެވެ.

ވަގުތުކޮޅެއް ވަންދެން އެ ގޮތުގައި ހުރެވުނެވެ. ހަނދާންވީ ގޮތެއް ވެސް ނޭނގިފަ އެވެ. އިރުކޮޅަކުން ހިޔާލު ބަދަލުވި އެވެ. ފެނުނު މަންޒަރު ޔަގީންކޮށްލަން ބޭނުންވީ އެވެ.

މަޑުމަޑުން ދޮރާ ކައިރިވެލީމެވެ. ފަނޑު އަލިކަމުގެ ތެރެއިން ފެންނަމުން ދިޔަ މަންޒަރާ މެދު ފުންކޮށް ވިސްނައިލީމެވެ. އެއީ އާދައިގެ ކަމެއް ނޫނޭ ހިތްބުނެލި އެވެ. އަހަންނަށް ޔަގީން ވަނީ އެއީ ފިރިހެނެއް ކަމެވެ. ހުސްގަޔާ ހުރި މީހެއް ކަމެވެ. އޭނާ ބަލަން ހުރީ ކުޑަ ދޮރާ ދިމާއަށް ކަމެވެ. ކުޑަދޮރުން ވަންނަމުން ދިޔަ ވައިރޯޅިތަކުގެ ސަބަބުން ކަނދުރާއާ ހަމައަށް ދިގުކޮށްފައިވާ އޭނާގެ އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ އެވެ. އަހަންނަށް ފެންނަމުން ދިޔައީ އޭނާގެ ފަހަތުންނެވެ. ފުރަގަހެވެ. ޔަގީންވަނީ އޭނާގެ ގައިގައި ނިވާކަމެއް ނެތްކަމެވެ.

އޭނާގެ ކަނާއަތުގައި އެލުވާލެވިފައި އޮތީ ހުދުކުލައިގެ ހާލެކެވެ. އެއީ ރޫފަ ރަނގަޅު ހާލެކެވެ. އިވެމުން ދިޔައީ އެ ސޮރު ސަލާމަތަށް އެދި ރޮއި ހޭރެމުން، ތެޅެމުންނެވެ. އަހަންނަށް ބަލައިލެވުނީ އަނެއް އަތަށެވެ. އެ އަތުގައި އޮތީ ތޫނު ވަޅި އެކެވެ. ވަޅީގެ މިޔައިގައި ހުރީ ލޭކަން އަހަންނަށް ޔަގީން ކުރެވުނެވެ. ތިރިއަށް އެލުވާލެވިފައިވާ ވަޅީގެ މިޔައިން ތިކި ޖަހަމުން ދިޔައީ ލޭކަން ވެސް ޔަގީންކުރެވުނެވެ.

އޭނާގެ ވަށައިގެން ދިއްލައިފައި ހުރީ އުއްބައްތި ތަކެކެވެ. ބަލައިލެވުނީ ތިރިއަށެވެ. އުއްބައްތިތައް ހުރީ ތަރިއެއްގެ ބައްޓަމަށް އަތުރާފަ އެވެ. އޭނާ ހުރީ ވަށްބުރެއްހެން އުއްބައްތި އަތުރާފައިވާ ތަނުގެ މެދުގަ އެވެ. އޭނާގެ ފައި ބޮޑުގައި ހުރީ ހުދުކުލައިގެ ހާލެވެ. ކޮންމެ ހާލެއްގެ ވެސް ކަރުވަނީ ކަނޑައިލައިފަ އެވެ. ބައެއް ހާލުގެ އެންމެ ފަހުގެ ހަރަކާތް ކޮށްލާ މަންޒަރު ފެނުނެވެ. އެސޮރުމެން މަރަށް ތެޅެމުން ދިޔަ މަންޒަރު ފެނުނެވެ. ހަރަކާތްތައް ސިފަވި އެވެ. އަހަރެންގެ ހިތުގައި ޖެހެމުން ދިޔަ އެވެ.

އޭނާގެ އަތުގައި އޮތް ހާ މައްޗަށް ހިއްލައިލި އެވެ. އެއާއެކު އެ ސޮރު ހޭރިގަތެވެ. ބާރުބާރަށެވެ. އަހަރެންގެ މޭ ތުރުތުރު އަޅައިގަތެވެ. ނޭނގޭ ބިރުވެރިކަމަކުން މީހާ ގުޑުގުޑު ލައިގަތެވެ. އަތްފައި ފިނިވެ މޭ ބޮޑުވާ ހެން ވެސް ހީވާން ފެށި އެވެ.

އޭނާގެ އަތުގައިވާ ވަޅިން ހާލުގެ ކަރު ބުރިކޮށްލި އެވެ. އެއްވެސް ރަހުމެއް ހަމްދަރުދީ އެއް ނެތި އެވެ. އެސޮރު އާދޭސްކޮށްކޮށް އޮއްވަ އެވެ. އެއަށްފަހު ހާލުގެ ކަރުން އޮހެމުން ދިޔަ ލޭތައް އޭނާގެ މޫނާ ދިމާއަށް އޮހޭނެހެން އެލުވާލި އެވެ.

އަހަރެންގެ ހިތުގައި ސުވާލުގެ ރާޅުބާނިތަކެއް ދުވެގަތެވެ. އެއީ ލޭ ބޯ މީހަކީ ހެއްޔެވެ؟ ނޫނީ އޭނާ ލެއިން ފެންވަރަނީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެއީ ރަހުމެއް ކުލުނެއް ނެތް އަމަލެކެވެ. ހިތެއް ނެތް މީހެކެވެ. އެހެން ނޫން ނަމަ އެ ގޮތަށް އޭނާ ކަންތަކެއް ނުކުރީހެވެ.

އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނީ އިހުތިޔާރުން ބޭރުގަ އެވެ. އޭނާ ބަލައިލި އެވެ. އޭނާގެ މޫނު ރީތިކޮށް އަހަންނަށް ފެނުނެވެ. ދެ ލޯ ބޮޑުވީ އެ މަންޒަރު ސިފަވިލެއް ބޮޑު ކަމުންނެވެ. އެއާއެކު ބޮލަށާއި މެޔަށް ތަދެއް އެރީ އެވެ. އެހައި ހިސާބުން މުޅި ދުނިޔެ ހުއްޓުނީ އެވެ.

(ނުނިމޭ)