Advertisement

އެންމެންގެ ތެރޭގައި އެކަނި، އެކަނިވެރިކޮށް!


އެންމެންގެ ތެރޭގައި އެކަނި، އެކަނިވެރިކޮށް!

އެކަނިވެރިކަން ނުވަތަ އިނގިރޭސި ބަހުން ކިޔާ ގޮތުންނަމަ " ލޯންލީނެސް" އަކީ އެހެން މީހުންނާ އެކުގައިވުމަށް ހިތް އެދުނު ނަމަވެސް މީހުންނާ ވަކިވެފައި ވުމުން ކުރެވޭ ހިތްދަތި އިހުސާސެވެ. ވަށައިގެން މީހުން ތިބި ނަމަވެސް ހަގީގީ، މާނައެއް ހުރި ގުޅުމެއް ނެތްކަމުގެ އިހުސާސް ކުރެވޭނަމަ އެ އިހުސާސްކުރެވެނީ އެކަނިވެރިކަމެވެ. އެކަހެރިވުމާއި އެކަނިވެރިކަމަކީ ތަފާތު ދެ ކަމެކެވެ. އެކަހެރި ވުމަކީ ގިނަ ފަހަރަށް އަމިއްލަ އިހުތިޔާރު އޮންނަ ކަމެކެވެ. މީހުންނާ އެކަހެރިވެލާ އެކަނި ވަގުތުކޮޅެއް ހޭދަ ކޮއްލަން ހަމަ ކޮންމެ މީހަކުވެސް ބޭނުން ވެދާނެ އެވެ.

އެކި ސަބަބުތަކާ ހެދި އެކަނިވެރި ދުވަސްކޮޅެއް ހޭދަ ކުރަން ނުޖެހޭ މީހަކު ވަރަށް މަދުވާނެ އެވެ. ކޮންމެވެސް ދުވަސްވަރެއްގައި ކޮންމެވެސް މިންވަރަކަށް އެކަނިވެރިކަން ތަޖުރިބާ ކުރަން ޖެހުމަކީ އާންމު އިންސާނީ ތަޖުރިބާ އެކެވެ. ނަމަވެސް " ކުރޮނިކް ލޯންލިނެސް " ނުވަތަ އަބަދާއި އަބަދު އެކަނިވެރިކަން އިހުސާސް ކުރެވުމަކީ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަމެކެވެ. ސިއްހީ ނުރައްކާތައް ކުރިމަތިވަނީ އެކަނިވެރިކަމަކީ އެތައް ދުވަހަކަށް ދިގުދެމިގެންދާ އާންމު ހާލަތަށް ވީމަ އެވެ. މި ލިޔުމުގައި "އެކަނިވެރިކަން" މި ބޭނުން ކުރަނީ އެ ހާލަތަށް ނިސްބަތްކޮށެވެ.

އެކަނިވެރިކަމަކީ މީހެއްގެ ސިއްހަތަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ނުރައްކަލެވެ. އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް (ސީޑީސީ) ގެ ވެބްސައިޓްގައި އެކަނިވެރިކަމުގެ ސިއްހީ ނުރައްކާތައް ބަޔާންކޮށްފައި ވެއެވެ. ސީޑީސީ ގެ ވެބްސައިޓްގައި ފަހުގެ ދިރާސާތަކާ ހަވާލާދީ ބުނެފައިވަނީ އެކަނިވެރިކަމުގެ ނުރައްކާ ސިނގިރޭޓު ބުއިމާއި، ފަލަބަލި އަދި ހެލިފެލިވެ ނޫޅެވުމާއި އަޅާ ކިޔާލެވޭވަރު ވެ އެވެ. މީގެ އިތުރުން އެކަނިވެރިކަމަކީ ޑިޕްރެޝަން ، ހާސްވުމާއި ކަންބޮޑުވުން ނުވަތަ އެންޒައިޓީ އަދި އަމިއްލައަށް މަރުވުމަށް މަގުފަހި ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އެކަނިވެރިކަމުގެ ސަބަބުން ހިތުގެ ބަލީގެ ރިސްކް 29 ޕަސެންޓަށް އަދި ސްޓްރޯކްގެ ރިސްކް 32 ޕަސެންޓަށް އުފުލޭ އިރު ހިތުގެ ބަލި ހުންނަ މީހުން އެ ބަލީގައި މަރުވުގެ ރިސްކް 4 ގުނަ އިތުރުވާ ކަމަށް ބުނެފައި ވެއެވެ. ސީޑީސީ ވެބްސައިޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި އެކަނިވެރި މީހުންނަށް ޑިމެންޝިއާ ކުރިމަތިވުމުގެ ރިސްކް 50 ޕަސެންޓް އިތުރެވެ. ޑިމެންޝިއާ އަކީ ދޮށީ އުމުރުގެ މީހުންގެ ސިކުނޑީގެ މަސައްކަތްތައް، ހާއްސަކޮށް ވިސްނުމާއި ހަނދާން ކުރުމުގެ ގާބިލުކަން އާންމު ދިރިއުޅުމަށް ހުރަސް އެޅޭ ވަރަށް ދަށްވާ ބައްޔެކެވެ.

ޅަ އުމުރުގައި ރަހުމަތްތެރިން ނުހޯދުމަކީ ބޮޑުވުމަށް ފަހު އެކަނިވެރިކަން ކުރިމަތިވާނެ ކަމެކެވެ. ޅަ އުމުގައި ރަހުމަތްތެރިން ހޯދަން ފަސޭހަވާނެ އެވެ. ކުޑަކުދިންނަކީ ބޮޑެތިމީހުންހާ "ޖަޖްމެންޓަލް" ނުވަތަ މީހުންނަކީ ވަކިކަހަލަ މީހެއް ކަމަށް ފަސޭހައިން ނިންމާނެ ބަޔެއް ނޫނެވެ. މީހުންގެ ފަރާތުން އުންމީދު ކުރަންވީ ކަމެއްވެސް އެންމެ ރަނގަޅަކަށް ކުޑަކުދިންނަކަށް ނޭނގޭނެ އެވެ. މިއީ ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމަކާއި އަޅާލުން މުހިންމު ވާ އެއް ސަބަބު ވެސްމެ އެވެ. ކުދިންގެ ބެލެނިވެރިން މިކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ އެވެ.

ފުރާވަރު އުމުރުގައި މަޑުމަޑުން މިޒާޖުގެ ހެދިބޮޑުވުމުގެ ބޮޑުބައެއް ފުރިހަމަވެ އަމިއްލަވަންތަ އަދި ތަފާތު ވިސްނުމާއި އުޅުން ފެންނަން ފަށާނެ އެވެ. ޅައުމުރުގައި އުފެދޭ ރަހުމަތްތެރިކަމަކީ ވަރަށް ބާރުގަދަ ގުޅުމެކެވެ. ސްކޫލް ނިމޭތާ އެތައް އަހަރެއް ފަހުންވެސް ސްކޫލް ދައުރުގެ އެކުވެރިޔަކު ފެނުމުން ބައްދަލު ނުވާތާ ގިނަދުވަސްވީ އާއިލާ މީހަކާ ދިމާވުމުން ކުރެވޭ ކަހަލަ އިހުސާސެއް ކުރެވެނީ އެ ސަބަބަށްޓަކައި ކަމަށް ވެދާނެ އެވެ. ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ ތެރޭގައި ރަހުމަތްތެރިން ހޯދުމުގެ ފުރުސަތު މާބޮޑަށް ހަނިކޮށް އިޖުތިމާއީ ދިރިއުޅުން ހަލާކުކޮށްލެވުމަކީ ބައެއް ބެލެނިވެރިންނަށް ނޭނގިނަމަވެސް ކުރެވޭ ކަމެކެވެ. މިއީވެސް ހަނދާނުގައި ބެހެއްޓުން މުހިންމުކަމެކެވެ.

ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ބޮޑުވަމުން އައި ދުވަސްވަރު އާއިލާގެ ފަރާތުން އޯގާތެރިކަމާއި އެއްބަރުލުމާއި އަޅާލުން ލިބުމުގެ ބަދަލުގައި މަލާމާތާއި ފުރައްސާރަ އަދި ހުއްޓުމެއް ނެތި ފާޑު ކިޔުން އަމާޒުވުމާއި ތަފާތުކުރުން ފަދަ ނަފްސާނީ އަނިޔާ ލިބިފައިވާނަމަ މީހުންނާ ގާތް ގުޅުމެއް އުފައްދަން މީހާ ޖެހިލުން ވެދާނެ އެވެ. ސްކޫލް ދުވަސްވަރު ބުލީކުރުން ނުވަތަ ދިވެހިބަހުން ބުނާގޮތުންނަމަ ހަނގާކުރުމާއި ކުރިމަތިވެފައި ވާނަމަ މީހުންނާ ދުރުވުމާއި އެކަނިވެރިކަމަށް މަގުފަހި ވެދާނެ އެވެ.

އަބަދާއި އަބަދު އެކަނިވެރިކަން ތަޖުރިބާކުރެވުމަކީ މީހާއަށް ބަދަލުތަކެއް އަންނަ ކަމެކެވެ. އެކަނިވެރިކަމުގެ ސަބަބުން ތިމާ އެހެން މީހުންނާ މެދު ދެކޭ ގޮތް ގޯސް ވެ އެވެ. އެހެން ގޮތަކަށް ބުނާނަމަ އެހެން މީހުންނާއި އަދި ތިމާގެ އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ނެގެޓިވް ވެ އެވެ. މީހާ ނެގެޓިވް މީހަކަށް ވުމުން ގިނަފަހަރަށް ސަމާލުކަން ދެވެނީ މީހުންނާ އެކު ކުރެވިފައި ގޯސް އަދި ހިތްދަތި ތަޖުރިބާތަކަށެވެ. މީހެއްގެ ފަރާތުން ލިބިދާނެ ގެއްލުމަކަށް ނުވަތަ ބޮނޑިޔަކަށް އަބަދުވެސް ހުރެވެނީ ފާރަޔަށެވެ. މީހަކު ތިބާ ދެކެ ރުޅިއައިސްފައި ނުވަތަ ހިތްހަމަ ނުޖެހިފައި ނެތް ނަމަވެސް މީހުންނާ މެދު ކުށްހީކުރެވެއެވެ. މީގެ ސަބަބުން އިޖުތިމާއީ ހަރަކާތްތަކާ ދުރުވެ އެވެ.

އެކަނިވެރިކަމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. އެއީ ކޮންމެ އިންސާނަކަށް ކަހަލަ ގޮތަކަށް އުމުރުގެ ކޮންމެވެސް ހިސާބެއްގައި ތަޖުރިބާ ކުރަން ޖެހޭ ކަމެކެވެ. އެކަނިވެރިކަމާއި ކުރިމަތި ވެފައި ވާނަމަ އެކަން ފިލުވާލުމަށް މަސައްކަތް ކުރަން ޖެހެ އެވެ. އޭގެ ސަބަބުތައް ދެނެގަންނަން ޖެހެ އެވެ. އުޅުމުގެ އާދަތަކާއި ވިސްނުން ގެންގުޅެވޭ ގޮތާއި މެދު ވިސްނާލާށެވެ. ކިޔެވުމާއި މަސައްކަތާއި ހަޔާތުގެ ބައިވެރިޔާއި ދަރިންނަށް ވަގުތުދީފައި ޓީވީއާއި ނެޓްފްލިކްސް ބަލާފައި އިތުރު ކަމެއް ކުރަން ވަގުތު ނޯންނަނީ ކަމަށް ވެދާނެ އެވެ. ނަމަވެސް އެކަނިވެރިކަމަކީ މަޑުމަޑުން މީހާ ވިހަކޮށްލާ ކަހަލަ ވިހަގަދަ ވިހައެއް ކަން ހަނދާން ބަހައްޓާށެވެ.

ފަހަރެއްގައި ވިސްނުން ގެންގުޅެވޭ ގޮތަކީ އަބަދުވެސް އެހެން މީހުންގެ ފަރާތުން ކުރިމަތިވެފައިވާ ނޭދެވޭ ކަންކަމަށް އެކަނި ސަމާލުކަން ދިނުން ކަމަށް ވެދާނެ އެވެ. މީހަކާ ނުވަތަ ބަޔަކާ ބައްދަލު ވާނެ އިޖުތިމާއީ ހަރަކާތަކަށް ދާއިރު އެކަން ރަނގަޅަށް ނުދާނެ ކަމަށާއި އެމީހުން ތިމާ ބަލައި ނުގަންނާނެ ކަމަށް ހިތާހިތުން ގަބޫލުކޮށްގެން ހުރެ ދެވެނީ އެވެ. މީގެ ބަދަލުގައި އަލަށް، ނުދަންނަ މީހަކާ ބައްދަލު ކުރާ އިރުވެސް އެއީ ދެކެ ފަރިތަ ރައްޓެއްސެކޭ ހިތަށް އަރުވާށެވެ. ހަގީގަތުގައި ކަން އޮތީ މިހެން ނޫންނަމަވެސް ސިކުނޑިއަކަށް އެކަން ނޭނގޭނެ އެވެ. އެމީހަކަށް ތިބާ ވަރަށް ކަމުދެޔޭ ހިތަށް އަރުވާށެވެ. މިއީ މުޖައްރިބު ފަރުވާ އެކެވެ. މިގޮތައް ކަންކުރުމުން ދެމީހުން ދޭތެރޭ ފިނިކަމާއި ނުތަނަވަސް އިހުސާސެއް ނޯންނާނެ އެވެ. ހިނިތުންވުމާ އެކު މީހުންނާ ބައްދަލުކުރާށެވެ. މިއީ މީހާގެ ރާގާއި ހަކަތަ ހަމައަކަށް އެޅޭ ކަމެކެވެ. އަނެއް މީހާއަށް ވެސް ތިބާ ހަމަޖެހިފައި ހުރިތަން ފެނުމުން އޭނާ ވެސް ހަމަޖެހޭނެ އެވެ.

ބޮޑާ ކަމަކީ ރަނގަޅު ސިފައެއް ނޫނެވެ. ނަމަވެސް މީގެ އަނެއް ކޮޅުވެސް އެބަ އޮތެވެ. އެހެން މީހުންނަކީ ހުރިހާ ކަމެއް ފުރިހަމަ ބަޔެކޭ ހީކުރުމެވެ. ތިމާ އަކީ މާ އަގުދަށް މީހެކޭ ހީކުރުމެވެ. އެހެން މީހަކު ބުނެފާނެ ނުވަތަ ހީކޮށްފާނެ އެއްޗަކާ މެދު މާ ބޮޑަށް ވިސްނުމެވެ. މީހެއްގެ ފަރާތުން ފެންނަ ކުޑަކުޑަ ކަމެއްވެސް އެއީ މާ ބޮޑު ކަމެކޭ ހީކުރެވުމެވެ. އެހެން މީހުންނަށް ވެސް ތިބާއެކޭ އެއްގޮތަށް މޫޑު ނެތް ހިނދުކޮޅެއް އަތުވެދާނެ އެވެ. އެހެން މީހުންގެ ދުނިޔެ އެނބުރެނީ ތިބާގެ ވަށައިގެންނެއް ނޫންކަން ހަނދާނުގައި ބަހައްޓާށެވެ. އެހެން މީހުންވެސް ތިބާއެކޭ އެއްގޮތަށް ވިސްނާ ސަމާލުކަން ދޭނެ ކިތަންމެ ކަމެއް ހުންނާނެ އެވެ. އެހެން މީހުން ސަމާލުކަން ދޭ ކަންތައްތަކުގެ އިންސައްތަ ހިމެނޭ ޗާޓެއް ތައްޔާރު ކޮށްފިނަމަ ތިބާއަށް ލިބޭނީ ކިތައް އިންސައްތަ ހެއްޔެވެ. އެބަޔަކު ހީކޮށްފާނެ އެއްޗަކާ މެދު އެންމެ ބޮޑަށް ވިސްނޭ މީހުން، ސަމާލުކަން ދޭ ކަންތައްތަކުގެ އެއް ޕަސެންޓު ތިބާއަށް ނުލިބުމަކީ ގާތް ކަމެކެވެ. އެހެން މީހުން ދެކޭ ގޮތާ މެދު މާބޮޑަށް ވިސްނުމަކީ ނުރަނގަޅުކަމެއްގެ އިތުރުން ބޭކާރުވެސް ކަމެކެވެ.

މީހުންނަކީ ސޯޝަލް މީޑިޔާއިން ފެންނަހާ ފުރިހަމަ އުފާވެރި ފުރިހަމަ ބަޔެއް ނޫނެވެ. ސޯޝަލް މީޑިޔާގައި ކަމާ ވެގެން އުޅޭ މީހުން އެންމެ ފޮޓޯއެއްވެސް ހިއްސާކުރާނީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނާ ތައްޔާރުވުމަށް ފަހު އެވެ. އެއީ އެމީހެއްގެ އަސްލު ދިރިއުޅުމެއް ނޫނެވެ. ދިރިއުޅުމުގެ އެންމެ ހިނދުކޮޅެކެވެ. ސޯޝަލް މީޑިޔާއިން މީހުން ފެންނަ ގޮތާއި އަމިއްލަ ދިރިއުޅުމާ އަޅާ ކިޔުމަކީ ނަފްސާނީ ސިއްހަތައް ނޭދެވޭ އަސަރުކުރާ ކުރާކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެކަނިވެރިކަމުން އަރައިގަންނަން ބޭނުންނަމަ އެކަމަށް މަސައްކަތް ކުރަން ޖެހެ އެވެ. މީހަކަށް ގުޅާލަން އިސްނަގާށެވެ. ކޮފީއަކަށް ދިއުން ކަހަލަ އިޖުތިމާއީ ހަރަކާތަކަށް ދައުވަތު ދޭށެވެ. އެކަން އެންމެ އުންމީދުކުރިގޮތައް ނުދިޔަ ނަމަވެސް ނާއުންމީދު ނުވާށެވެ. އަނެއްކާވެސް މީހަކާ އެކު ވަގުތު ހޭދަކުރަން އިސްނަގާށެވެ. މީހުންނާ ގިނައިން ވާހަކަ ދައްކާ އެކުގައި ވަގުތު ހޭދަކުރުމަކީ އިޖުތިމާއީ ހުނަރު ދުވަހެއް ދުވަހަކަށް ރަނގަޅު ވާނެ ކަމެކެވެ. މީހާއަށް އުފާރިކަމާއި ހިތްހަމަ ޖެހުން ލިބޭނެ ކަމެކެވެ.