ޙާލަތުގެ ނާއިންސާފުގެ ކުރިމަތީ މިއަދު އަހަރެން އަނދަގޮނޑި ޖެހިއްޖެ އެވެ. ޢަބުރާއި ޢިއްޒަތާއި ޤަދަރު ކަސްބީކޮށްގެން ފައިސާވެރިންގެ ފައިބުޑުގައި އެހީ އާއި ޙަމްދަރުދީއަށް އެދި ސަލާންޖަހަން ޖެހިއްޖެ އެވެ. ފެއްސާއި ރަތާއި ހުދަށް ސަލާމުގައި ނެގި އަތް، "ދިރިތެޅުމުގެ" ދިލަ ހޫނަށް ކެތްނުކުރެވިގެން ތިރިކުރަން މަޖުބޫރުވެއްޖެ އެވެ.
ވަށައިގެން ފެންނަނީ އުސް ޢިމާރާތްތަކެވެ. ބުރިޖުތަކެވެ. ފައިސާގެ މަތީ ފިޔަވަޅު އަޅަމުން، ނުފޫޒުގެ ފޭރާމެއްގައި، ބާރުގެ މަންޒިލަށް އެކި މީހުން ކުރަމުންދާ ދަތުރުތަކެވެ. ނަންމަޝްހޫރު މަރުކާތަކުގެ ގަޑިތަކުން ޒީނަތްތެރިކުރެވިފައިވާ އަތުގެ ހިމާޔަތް ލިބިފައިވާ އެޕަލް ފޯނުތަކެވެ. ޢިލްމާއި ހިލްމުގައި ކޮޅުފައިން ޖަހަން ހިއްލާލާ ފައިތިލަ ހިމާޔަތްކޮށްދޭ އަގުބޮޑު ލެދަރ ބޫޓުތަކެވެ. އިޚުލާސްތެރި ޚިދުމަތުގެ އެންމެ ދާތިކެއްވެސް ނުހިލޭ ހަށިތަކެއްގެ ވެރި "ރައްޔިތުންގެ މަންދޫބުން"ތަކެކެވެ. ޝާނާއި ޝައުކަތުގެ މަޤްޞަދުގައި އުފައްދާފައިވާ "ޚިދުމަތްތެރިންގެ" ނާޗަރަންގީގެ ތެރޭ ފަނާވަމުންދާ ސިޔާސަތުތަކާއި، މުއައްސަސާތަކެވެ. ބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ސުންނާފަތިވަމުން އެދާ ކަށްގަލުގައި ކަނޑާ ނަގާފައި އޮންނަ "މުޖުތަމަޢު" މި ލަފުޒެވެ.
ކޮންމެ ވެރިއެއް އޭނާގެ ހިންގުންތެރިކަން ސިފަކުރުމަށް ރާޒުވާ ގަނޑަކުން މިސާލު ނަގާއިރު، ޙަޤީޤަތަކީ، ދިރިއުޅުމުގެ ރާޒުވާ ގަނޑުގައި މަނާ މަންތިރިވާނޭ ޖާގަ ނުދޭކަމެވެ. މަނާފުކަށް އޮތީ، ވެރިންގެ މަޤާމުގެ ދިފާޢުގައި ޚިދުމަތްކޮށް، އެ ފަކީރު ކުރި ޚިދުމަތެއްގެ ފޮނި މީރުކަން ޚުދު އެފަކީރަށް ނުލިބި ފަނާވެގެން ދިޔުމެވެ. ބޮނދުގެ ހިމާޔަތުގައި ޤުރުބާންވުމެވެ. ކޮންމެ ވެރިއެއް ކުރާ ވަޢުދުގެ ލިސްޓު، ރާއްޖޭގެ ޗާޓުގައި އުތުރުން ދެކުނަށް އަތުރާލެވޭހާ ދިގެވެ. އެހެންނަމަވެސް، ނިކަމެތިންގެ މަހާނަގަލުން ގާނަގައިގެން ބިނާކުރާ ތަޚުތެއްގައި އިނދެ ކުރެވޭނީ ކޮން އިންސާފެއް ހެއްޔެވެ؟
ކޮރަޕްޝަނާއި، ކުށާއި، ފަސާދަ ޢާއްމުވެގެންދާ ވާހަކަ އެވެ. ހައިރާންވާންވީ ކީއްވެގެން ހެއްޔެވެ؟ ޢިލްމެއް ހިލްމެއް އަގުނުކުރެވޭ މުޖުތަމަޢެއްގައި ޢާއްމުވެގެންދާނީ ޖާހިލުކަމުގެ މޭވާ ނޫންހެއްޔެވެ؟ ކޮރަޕްޝަނަކީ ފައިސާ ލިބެން އެންމެ ފަސޭހަ މަގުކަން އަހަރެމެންނަށް މިއަދު މި ވަނީ އުނގަންނައިދީފަ އެވެ. ޢިއްޒަތްތެރި ވަގުންގެ ކުރިމަތީ "ޤާނޫނުގެ ދިގު އަތް" ވެސް ފަސާދައިގެ ބިޑިން ކަސްތޮޅު އެޅިފައިވާކަން އަހަރެމެން މިއަދު ދަންނަމެވެ. ހަމަބުއްދި އާއި ހެޔޮނުބައި ދޭ އިންޒާރުތަކުގެ އަޑު ފައިސާގެ އަތްބަޔަކުން މަޑުކޮށްލެވޭކަން މިއަދު އެނގިއްޖެ އެވެ. ބާރުވެރި ދީވަލްޕާއިންނަށް މުޖުތަމަޢަކީ ސިންދުބާދެވެ. ފެންކައްކާ ބޮއްޔެކެވެ. ކެޔޮގަނޑު ކަނޑާލުމަށްފަހު އެއްލާލާ ގަހެކެވެ.
ކުޑައިރު ހުވަފެންތަކެއް ކުރެހީމެވެ. ފެއްސާއި، ރަތާއި ހުދު ދެލިންނެވެ. ދިވެހި މި ބިމުގެ ޤުދުރަތީ، އިޤްތިޞާދީ އަދި އިޖުތިމާޢީ މަލަމަތި އިހުނަށްވުރެ ފެހިކުރުމަށް އަހަރެންވެސް ބައިވެރިވާން އަދައިގެންނެވެ. ޚުދު އަހަރެންގެ ލެއިން، ދިވެހި ދިދައިގެ ރަތްކަލަ ގަދަކުރުމަށް އަދައިގެންނެވެ. ދިވެހި ސާފު ދޮންވެލިގަނޑެކޭ އެއްފަދަ، ކިލަނބުކަމެއް ނެތް އިންސާފުވެރި ވެއްޓެއްގައި ދިރިއުޅުން ބިނާކުރަން އަދައިގެންނެވެ. މި ވަޠަންގެ ތަރިކަ، މި ދެ އަތުން ހިމާޔަތްކުރުމަށް އަދައިގެންނެވެ.
އެހެންނަމަވެސް މިއަދު، އަހަރެން މާޔޫސްވެއްޖެއެވެ. އުއްމީދުގެ ހުޅުކޮޅު ނިވޭނީ ދެންމެ ދެންމެ ނޫންބާއޭ ސުވާލު އުފެދެން ފަށައިފި އެވެ. ދުނިޔެއަށް ފެންނަނީ އިންޑިޔާ ކަނޑުގައި އިރުން ހުޅަނގަށް ދެމޭ މުތީގެ ހާރެކެވެ. އެ މުތީތައް އުފެއްދީ އިތާއަށް ކިހާ އަނިޔާއެއް ކޮށްގެންކަން ދަންނަނީ ކިތައް މީހުންހެއްޔެވެ؟ ފެއްސާއި ރަތާއި ހުދުގެ ކުލަ ވިއްސާރަދުނީގެ އެހެންކުލަތަކުގެ ތެރޭ ފަނޑުވެއްޖެ އެވެ. އެއިން ކުލައަކަށް ދީލާ ނުލާ ފެއްސާއި ރަތާއި ހުދުގެ ނިވަލުގައި ތިބި މީހުން ބާކީވެއްޖެ އެވެ. ނިކަމެތިން ބަރުދާސްތުކުރާ ވޭނާއި ހިތާމައަކީ ބާރުވެރިންގެ އިންޖީނުގެ ހިނގުން އޮމާންކުރާ ގިރިހަށް ވެގެން ހިނގައްޖެ އެވެ.
މި މަންޒަރު ދެކެން ހަނުކުރެވިދާނެ އެވެ. ފެންނަ ކަންކަމަށް ތިމާގެ ލޯ ކަނު ކުރެވިދާނެ އެވެ. އެހެނަސް އެއީ، އެ ހިތާމަ އާއި ނާއިންސާފު ތިމާގެ ފައިތިލަ ދަށުގައި އޮތް އުއްމީދުގެ ފައިފުހި ކަހާލަންދެނެވެ. އެހާހިސާބުން، ބަހެއް ނުބުނާން ހުރި މީހާއަށްވެސް ޖެހޭނީ ބަސްބުނާށެވެ. ބޮނދަށް ބޮނދަމުން މަޑުމަޑުން ހިރެމުން ގޮސް މަނާ މަންތިރިވާ ދުވަސްވެސް އަތުވެދާނެ އެވެ.
Comment