Advertisement

ލަންކާ އިން ސްޓައިލް ބަދަލުކޮށްފި، ރާއްޖޭގެ އަމާޒު މޮޅަކަށް: މޮރިއޭރޯ

14 ޖޫން 2022 - 09:04 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ލަންކާ އިން ސްޓައިލް ބަދަލުކޮށްފި، ރާއްޖޭގެ އަމާޒު މޮޅަކަށް: މޮރިއޭރޯ

14 ޖޫން 2022 - 09:04 0

ސްރީ ލަންކާއާ ދާދި ފަހުން ހަވާލުވި ކޯޗު، ވޭލްސް ލީގުގައި ކުރިން މަސައްކަތްކުރި އެންޑީ މޮރިސަންގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުމުގެ ސްޓައިލް ބަދަލުކޮށްފައިވާ ކަމަށާއި ރާއްްޖޭން އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލަން ބޭނުންވަނީ މޮޅަކާ އެކު ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ސެންޓްރަލައިޒްކޮށް އުޒްބެކިސްތާންްގައި ކުރިއަށްދާ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ 3-0 އިން ތައިލެންޑް އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި އުޒްބެކިސްތާން އަތުން 4-0 ރާއްޖެ ބަލިވިއިރު، މި ދެ ނަތީޖާއާ އެކު ރާއްޖެ އަށް ބާކީ މެޗެއް އޮއްވައި ވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފަ އެވެ.

ރާއްޖެ އަށް އޭޝިއަން ކަޕް ގެއްލުނީ ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމުގެ ދޮރު ބަންދުވުމުންނެވެ. ގްރޫޕްގެ އެއް ވަނަ އަށް އޭޝިއަން ކަޕްގެ ސީދާ ޖާގައެއް ލިބޭއިރު، ދެ ވަަނަ ހޯދައިގެން ވެސް ފުރުސަތެއް އޮންނާނެ އެވެ. އެ ދެ ފުރުސަތު ވެސް ފުރަތަމަ ދެ މެޗުގެ ނަތީޖާއާ އެކު ގެއްލުނީ އެެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ލަންކާ ވެސް އޮތީ ކަޓައިފަ އެވެ. ދެ ޓީމުން ވެސް މިއަދުގެ މެޗަށް ނުކުންނައިރު، އަމާޒުހިފާނީ މޮޅަކާ އެކު ނިންމާލުމަށެވެ.

މިދިޔަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ނާއިޒު (ވ) އަތުން ބޯޅަ ހޯދަން ލަންކާގެ ޗަމޯދު މަސައްކަތް ކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު


މިއަދުގެ މެޗުގެ ކުރިން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި މޮރިއޭރޯ ބުނީ ލަންކާ ކޯޗަކަށް މޮރިސަން އައި ފަހުން އެ ޓީމުން ކުޅެމުން އަންނަ ގޮތް ބަދަލުވިއިރު، އާ ކުޅުންތެރިންތަކެއް ވެސް އެ ޓީމަށް ނަގާފައިވާ ކަމަށެވެ.

"ސްރީ ލަންކާ އިން ކުޅެމުން އައި ސްޓައިލް ބަދަލުކޮށްފި، ހަތަރެއް ނޫނީ ފަސް ވަރަކަށް އާ ކުޅުންތެރިން ވެސް އެބަތިބި ޓީމަށް ނަގާފައި. އެކަމަކު، މިއީ ހަމައެކަނި މައުލޫމާތު، އަހަރެމެން ޖެހޭނީ އަމިއްލަ ނަފްސަށް ވިސްނަން. އަހަރެމެންގެ ގޭމް ކުޅެން، އަވަސްކޮށް އަހަރެމެންގެ ލެވަލްގައި ކުޅެގެން، މޮޅަކަށް އަމާޒު މި ހުރީ،" މޮރިއޭރޯ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭން މިހާރު ކުޅެން މަަސައްކަތް ކުރާ ގޭމް ފެނުމުން ގިނަ ބަޔަކު އޭގެ ރަނގަޅު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމަކު، ހަމައެކަނި މަސައްކަތެއް ކުރުމަކުން ނުފުދޭ ކަމަށާއި ނަތީޖާ ވެސް އަންނަން ޖެހޭއިރު، އެ އަށް މަސައްކަތް ކުރާނެ ކަމަށް މޮރިއޭރޯ ގަބޫލުކުރެ އެވެ.

"މި ކުޅުންތެރިން މި ކުރާ މަސައްކަތަށް ނަތީޖާއެއް ހައްގު. އަހަރެމެން އެނބުރި ގައުމަށް ދާއިރު މޮޅެއް ހޯދަން ޖެހޭ. ލަންކާއާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫވާނެ. އެކަމަކު، ކުޅުންތެރިންނަށް ފުރިހަމަ އަށް އިތުބާރު އެބައޮތް،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން އެންމެ ފުރަތަމަ ރަސްމީ މެޗަކަށް ނުކުތީ ލަންކާއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ލަންކާ އެއްވަރުވީ 4-4 އިންނެވެ. އެ މެޗުގެ 57 ވަނަ މިނިޓް ކުޅެވުނުއިރު، ރާއްޖެ އޮތީ ހަތަރު ގޯލު ކުރީގަ އެވެ. އެކަމަކު، ލަންކާގެ ފޯވާޑް ވަސީމް ރަޒީކް ޖެހި ހަތަރު ގޯލާ އެކު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ފަހަރު ކޮލިފައިންގައި ކުޅޭ ލަންކާ ޓީމުގައި ވަސީމް ނުހިމެނޭއިރު، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ސްރީ ލަންކާގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ފުރަތަމަ ދެ މެޗުގައި ދެއްކި ރީނދޫ ކާޑުތަކަށް ފަހު މި މެޗަށް ސަސްޕެންޑްވެފަ އެވެ.

މޮރިއޭރޯގެ ކޯޗުކަމުގައި ފޯ ނޭޝަންސް ކަޕްގެ ލަންކާ މެޗުން ފެށިގެން މިހާތަނަށް ހަ މެޗު ކުޅުނުއިރު، ރާއްޖެ މޮޅުވީ އެއް މެޗުންނެވެ. އެއީ މިދިޔަ މާޗް މަހު މާލޭގައި ބަންގްލަދޭޝް އަތުން އެކުވެރިކަމުގެ މެޗެއްގައި 2-0 އިންނެވެ. އަނެއް ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ބަލިވި ދެ މެޗުގެ ތެރޭގައި މި ފަހަރު ތައިލެންޑާއި އުޒްބެކިސްތާން އަތުން ބަލިވި މެޗު ހިމެނެ އެވެ.

މިހާތަނަށް ގައުމީ ޓީމާ އެކު ކުރެވުނު މަސައްކަތާ ބެހޭގޮތުން މޮރިއޭރޯ ބުނީ ޓެކްޓިކަލީ އޭނާ ކުޅެން ބޭނުންވާ ސްޓައިލަށް ޓީމު ހާނުވަން ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށެވެ. ހައި ޕޭސް ގައި ފުޓްބޯޅަ ކުޅެން މަސައްކަތްކުރާއިރު، މުޅި އެކު 95 މިނިޓް ރަނގަޅު ލެވަލެއްގައި ކުޅެވޭ ވަރަށް ފިޓްނަސް ކުޅުންތެރިން ގައިގައި ހުންނަން ޖެހޭ ކަމަށާއި އެ އަށް މަސައްކަތް ކުރުން ވެސް މުހިންމު ކަމަށް މޮރިއޭރޯ ބުނެފައިވެ އެވެ.

"އަހަރެމެން މި ކުޅުނު ދެ ގައުމުގެ ޓީމު (އުޒްބެކިސްތާނާއި ތައިލެންޑް)ގައި ތިބީ މުޅިން ކަހަލަ ގޮތަކަށް ޕްރޮފެޝަނަލް ކުޅުންތެރިން. އެ ކުޅުންތެރިން ކުޅެމުން އަންނަނީ ވަރުގަދަ ލީގުތަކުގައި. އަހަންނަށް އެނގޭ މުސްތަގުބަލުގައި އަހަރެމެން ރަނގަޅު ލެވަލެއްގައި ވާދަކުރަން ބޭނުންނަމަ ކުރަން ޖެހޭ ކަމަކީ ކޮބައިކަން. އެކަމަކު، މި ވަގުތަށް ބަލާއިރު، އެއީ އަދި އެހެން ވާހަަކައެއް،" މޮރިއޭރޯ ބުންޏެވެ.

އުޒްބެކިސްތާންގެ މަރުކަޒީ ސްޓޭޑިއަމްގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 17:00 ގަ އެވެ. ލަންކާ ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން 3-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ތައިލެންޑް އަތުން ބަލިވީ 2-0 އިންނެވެ.