12 ޖޫން 2022 - 18:49 0
12 ޖޫން 2022 - 18:49 0
ދޯހާ، ގަތަރު (ޖޫން 12) - މި އަހަރުގެ ފަހު ކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފަހު ދެ ޖާގަ މި ހަފުތާ ތެރޭގައި ކަށަވަރުވާއިރު، ކޮލިފައިންގެ ފަހު މެޗުތަކަށް އޮސްޓްރޭލިއާ އާއި ނިއު ޒިލޭންޑް، ޕެރޫ އަދި ކޮސްޓަ ރީކާ ދަނީ ތައްޔާރުވަމުންނެވެ.
ވޯލްޑް ކަޕްގެ ފަހު ދެ ޖާގަ ކަނޑައެޅުމަށް ކުޅޭ އިންޓަ ކޮންފެޑަރޭޝަންސް ޕްލޭ-އޮފް މެޗުތައް ކުރިއަށް ދާނީ އެއް ލެގު ކުޅޭ ގޮތަށެވެ. މި ފަހަރުގެ މި މެޗުތައް ކުރިއަށްދާނީ ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ ގަތަރުގަ އެވެ. މި މެޗުތައް ކުޅޭ އަހްމަދު ބިން އަލީ ސްޓޭޑިއަމް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ވެސް ކުޅޭ ސްޓޭޑިއަމެކެވެ.
އިންޓަ ކޮންފެޑަރޭޝަންސް ޕްލޭއޮފްގައި އޮސްޓްރޭލިއާ އާއި ޕެރޫ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ އެވެ. އަދި އާންގަރަ ދުވަހު، ކޮސްޓަ ރީކާއާ ދެކޮޅަށް ނިއު ޒިލޭންޑް ނުކުންނާނެ އެވެ. މި ހަތަރު ގައުމަކީ ވެސް، އިންޓަ ކޮންފެޑަރޭޝަންސް ޕްލޭއޮފަށް އާ ގައުމުތަކެއް ނޫނެވެ.
އެންމެ ފަހުން، 2018 ވަަނަ އަހަރު ރަޝިއާގައި ހޯސްޓްކުރި ފީފާ ވޯލްޑް ކަޕަށް ޕެރޫ ކޮލިފައިވީ ޕްލޭއޮފްގައި ނިއު ޒިލޭންޑް އަތުން 2-0 އިން މޮޅުވެގެނެވެ.
އޮސްޓްރޭލިއާގެ އާމަޒަކީ ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވުމެވެ. އެންމެ ފަހުން އޮތް ހަތަރު ވޯލްޑް ކަޕްގެ ތެރެއިން، ދެ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިވީ ޕްލޭ އޮފް މެޗުން މޮޅުވެގެނެވެ. އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނަ ޕެރޫ އަކީ ރޭންކިންގެ ގޮތުން އޮސްޓްރޭލިއާ އަށް ވުރެ ކުރީގައި އޮތް ގައުމެކެވެ. ފުރަތަމަ ޕްލޭއޮފްގައި ޕެރޫ ވަނީ ޔޫއޭއީ އަތުން 2-1 އިން މޮޅުވެފަ އެވެ.
މެޗުގެ ކުރިން އޮސްޓްރޭލިއާގެ ކޯޗު ގްރެހަމް އާނޯލްޑް ބުނީ ޕްލޭ އޮފް އަށް ނުކުންނައިރު، ޕެރޫ އަކީ ފޭވަރިޓުންގެ ގޮތުގައި އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އަހަންނަށް މައްސަލައެއް ނެތް ގިނަ މީހުން އޮސްޓްރޭލިއާ އަށް ފުރުސަތެއް ނެތޭ ބުންޏަަސް. ބައެއް ފަހަރު މެޗުތަކުން މޮޅުވަނީ ހަމައެކަނި މޮޅަށް ކުޅެގެނެއް ނޫން. ގަދަ އަޅައި މަސައްކަތް ކޮށްގެން ވެސް ޓީމުތަކުން އެބަހުރި މެޗުތަކުން މޮޅުވެފައި،" އާނޯލްޑް ބުންޏެވެ.
އޮސްޓްރޭލިއާ އާއި ޕެރޫ މެޗުން މޮޅުވާ ޓީމަކަށް، ވޯލްޑް ކަޕްގެ ގުރޫޕް ޑީ އިން ޖާގައެއް ލިބޭނެ އެވެ. މި ގުރޫޕްގައި ދެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި ޑެންމާކް އަދި ޓިއުނީޝިއާ އެވެ.
ނިއު ޒިލޭންޑާއި ކޮސްޓަ ރީކާ ކުރިމަތިލާ މެޗުން މޮޅުވާ ޓީމެއް ދާނީ ވޯލްޑް ކަޕްގެ ގުރޫޕް އީއަށެވެ. މި ގުރޫޕްގައި ދެން އޮތީ ސްޕެއިން، ޖަރުމަން އަދި ޖަޕާނެވެ.
ފަސް ފަހަރު ވޯލްޑް ކަޕްގައި ކުޅެފައިވާ ކޮސްޓަ ރީކާ އަކީ ފޭވަރިޓުންނެވެ. ނިއު ޒިލޭންޑުން މިހާތަނަށް ތިން ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާއިރު، އެންމެ ފަހުން މުބާރާތަށް ކޮލިފައިވީ 2010 ވަނަ އަހަރެވެ. -- އޭއެފްޕީ
Comment