Advertisement

އިންޓަ އިން ހުށަހެޅީ ލޯނަކަށް ލުކާކޫ ގެންދަން: ރިޕޯޓް

2 ޖޫން 2022 - 07:51 0


އިންޓަ އިން ހުށަހެޅީ ލޯނަކަށް ލުކާކޫ ގެންދަން: ރިޕޯޓް

2 ޖޫން 2022 - 07:51 0

ލަންޑަން (ޖޫން 2) - ޗެލްސީގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ލޯން އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކްލަބް އިންޓަ މިލާނަށް ގެންދަން ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީން މިދިޔަ އަހަރު ލުކާކޫގެ ސޮއިހޯދީ 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު)ގެ ފީ އަކަށެވެ. މިއީ އެ ކްލަބްގެ ތާރީހުގައި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. ޗެލްސީގެ ފުރަތަމަ މެޗުތަކުގައި ލުކާކޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، ސީޒަންގެ މެދުތެރެއިން އޭނާ ދިން އިންޓަވިއުއެއްގެ މައްސަލަ ހޫނުވެ، ޗެލްސީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު، ލުކާކޫ، ސްކައި އިޓަލީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޗެލްސީގައި ހުރީ އެންމެ އުފަލުންނެއް ނޫން ކަމަށާއި އަލުން އިންޓަ އަށް ދާން ބޭނުންވާ ކަމަށެވެ. ލުކާކޫ އަށް މި ނިމުނު ސީޒަނުގެ ޕްރިމިއާ ލީގުގައި ޖެހުނީ އަށް ގޯލެވެ. ސީޒަނުގައި ޖުމްލަ އެކު، 15 ގޯލެވެ. އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ، ޗެލްސީން މި ފަހަރު ލުކާކޫ ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޓަ އިން އަލުން ލުކާކޫ ގެންނަން ހުށަހެޅީ ލޯން ޑީލެކެވެ. އެއީ ލޯން ފީގެ ގޮތުގައި 10 މިލިއަން ޕައުންޑް (12 މިލިއަން ޑޮލަރު) ޗެލްސީ އަށް ދިނުމަށް ފަހު ލުކާކޫ އަށް މުސާރައިގެ ގޮތުގައި 6.4 މިލިއަން ޕައުންޑް (8 މިލިއަން ޑޮލަރު) ދޭގޮތަށެވެ. ލުކާކޫ މި ވަގުތު ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ، ބޯނަހާ އެކު 16 މިލިއަން ޑޮލަރުގެ މުސާރަ އެއް ލިބޭގޮތަށެވެ. ބޯނަސް ނުލައި، ލިބޭނީ 12.7 މިިލިއަން ޑޮލަރެވެ.

ޗެލްސީން އަންނަ ހަފްތާގައި ލުކާކޫގެ އޭޖެންޓާ އެކު މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.

އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަތުމުގެ ޑީލް ނިންމާފައިވާއިރު، އެ ޓީމުން އަންނަ ސީޒަނަށް ވަރުގަދަ ޓީމެއް އެކުލަވާލާނެ ކަމަށް ވަނީ ބުނެފަ އެވެ. އެ ގޮތުން ބައެއް ކުޅުންތެރިން ޓީމު ދޫކޮށްލާނެ ކަމަށާއި ފެންވަރު ރަނގަޅު ކްލަބުން ބޭނުންވާ ކުޅުންތެރިން ޓީމާ ގުޅޭނެ ކަމަށް ވެސް ބޯލީ ވަނީ ބުނެފަ އެވެ.

ޗެލްސީން ހޯދަން މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ އޮސްމާން ޑެމްބެލޭ، ސެވިއްޔާގެ ޖޫލްސް ކޫންޑޭ، އާރްބީ ލައިޕްޒިގުގެ ޖޮސްކޯ ގްވާޑިއޯލް އަދި ވެސްޓް ހޭމްގެ ޑެކްލަން ރައިސް ހިމެނެ އެވެ.