Advertisement

ހަނދާންތަކުން: ޓީވީއެމް ބެލުމުގެ ފޯރި

29 އޭޕްރީލް 2022 - 13:31 0

އަހުމަދު ޝިޔާމް

އަހުމަދު ޝިޔާމް


ހަނދާންތަކުން: ޓީވީއެމް ބެލުމުގެ ފޯރި

29 އޭޕްރީލް 2022 - 13:31 0

އެއީ 1978 ވަނަ އަހަރުގެ ކުރީކޮޅެވެ. ރާއްޖޭގައި ޓީވީގެ ހިދުމަތް ދިނުމަށް ސަރުކާރުން ޓީވީ ޓަވަރެއް ޖަހައި އިމާރާތެއް ވަނީ އަޅައިފަ އެވެ. އެ ތަނުގައި މަސައްކަތްކުރާ މީހުން އުޅޭކަން އެނގެނީ، އެ ސަރަހައްދުގައި އޮންނަ، އޭރުގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު އަބްދުލްހަންނާނު ހަލީމުގެ ބަކަރިކޮށި ބަލައިލަން ދާއިރު އެވެ. ބަކަރިކޮށި އޮންނަނީ ޓީވީއެމް އެހުރި ކޮށީގެ ހުޅަނގުންނެވެ. ހަވީރު ފޫހިފިލުވަން ބަކަރި ކޮށި ކައިރިއަށް ދަނީ، ޓީވީއެމްގެ ދެކުނު ފާރުގެ ބިއްދޮށުންނެވެ. ދެކުނު ފާރުގެ ބިއްދޮށުގައި ހިކިފައި އޮންނާނީ ކުޑަ ތަންކޮޅެކެވެ. އެއީ ކުނިވެސް އަޅާ ތަނެކެވެ. ބައެއް ދުވަސްދުވަހު ދިޔަވަރު ބޮޑުނަމަ، ލޮނަށް އެރެން ޖެހޭނެ އެވެ. ރާޅު ބޮޑު އިރު ޓީވީއެމްގެ ފާރަށް ރާޅު ޖަހާނެއެވެ. ހިދުމަތް ދޭން ފަށާނެ ދުވަހެއް، އޭރަކު ނޭނގެ އެވެ.

ކޮންމެ ހުކުރު ދުވަހަކު މެންދުރުފަހު އަހަރެން ހެންވޭރު އަތިރީގޭ އާގެއަށް ދަމެވެ. އެއީ އެ ގޭގައި އުޅޭ އަހަރެންގެ ބައްޕަގެ ތިމާގެ މީހެއް ގާތަށެވެ. އޭނާގެ ގާތުގައި ހުރެލުމަށެވެ. އެ ގޭ ބޭފުޅުންނާ ވެސް ރައްޓެހިކަމެއް ބާއްވަވަ އެވެ. ހާއްސަކޮށް އިސްމާއީލް ހިލްމީ އާއި އަލްމަރުހޫމް އަހުމަދު ހިލްމީ އާއި، މަރިޔަމް އަމީން ވެސް ބައެއް ވާހަކަ އައްސަވާ ހައްދަވަ އެވެ. އަހަރެންގެ ކާފަ، އާކަކާގޭ ބޭފުޅުންގެ އަރިހުގައި މަލިކަށް ވެސް ދުރުވެ އުޅުއްވި އެވެ. އަހުމަދު ހިލްމީއަކީ އާކަކާގޭ ބޭފުޅެކެވެ. އަހަރެމެން ގޭގައި ކައިވެނި ހަފްލާއެއް އޮތަސް އެ ބޭފުޅުން ވަޑައިގަންނަވަ އެވެ.

މިހާރު ބޭންކް އޮފް ސިލޯނުގެ އިމާރާތް ހުރި ތަނުގައި ހުންނަނީ ފަތުރުވެރިންނަށް ތަކެތި ވިއްކާ ފިހާރައެކެވެ. އެ ތަނަށް ކިޔަނީ އަކިރި އެވެ. އެއީ އަތިރީގެއާގޭގެ ފިހާރައެކެވެ. އަކިރި ޝޮޕްގައި ހުންނަ ކުލަ ޓީވީއަކުން ޓީވީއެމްގެ ކުލަބަރި ފެންނަން ހުރެ އެވެ. ދެން ހުންނަނީ މިއުޒިކެއް ޖަހާފައެވެ.

އެއް ދުވަހު އެ ފިހާރަ ދޮރުމަތީގައި ހުރި ފަތުރުވެރިއަކު، އެ ފިހާރައިގެ ސޭޓަކަށް އުޅޭ ރާމިޒުއާ ސުވާލުކުރި އެވެ. މިއީ ދިވެހިރާއްޖޭގެ ޓީވީ ހެއްޔެވެ. އޭނާ ބުންޏެވެ. ޓީވީ ސްޓޭޝަން ފަށަން ވެގެން ޓެސްޓު ސިގްނަލް ދެނީ އެވެ. ވަރަށް އަވަހަށް ފަށާނެ އެވެ.

ޔަހުޔައިދި މޫސާ މަނިކުގެ ގެއަށް (ގ. ދިލްފިޒާގެ) ޓީވީއެއް ގެނައި ހަބަރު މުޅި ހިސާބަށް ފެތުރިގެން ހިނގައްޖެ އެވެ. މިރޭ އެ ގޭގައި ޓީވީ ދައްކާނެ ވާހަކަ ވެސް އިވިއްޖެ އެވެ. އެއީ އަހަރަމެންގެ ގެއާ ވަރަށް ކައިރީގައި ހުންނަ ގެއެކެވެ. މަޣުރިބު ނަމާދުން ފައިބައިގެން ދުވެ ގަޑަގަޑަ އަޅާފައި އެ ގެއާ ދިމާއަށް ހިނގައްޖައީމެވެ. އޭރު އަދި ހަ ގަޑި ބައިވެސް ނުވެ އެވެ. އޭރު ވެސް ކުދިންނާއި ބޮޑެތި މީހުން އެ ގޭދޮށުގައި އެއްވެ ތިއްބެވެ. ޓީވީއެމްގެ ޕްރޮގްރާމްތައް ފަށަނީ ހަތެއް ޖަހާއިރު އެވެ. އޭރު ޓީވީއެމްގެ ހިދުމަތް ވަނީ ފަށައިފަ އެވެ.

އެއްވެ ތިބި ކުދިންތަކުގެ ތެރެއިން ފުރޭނިގެން އެންމެ އެތެރެއަށް ދެވޭތޯ ބެލީމެވެ. އެ ގޭ އިސްމާއީލް މަނިކަށް އަހަރެން ފެނިގެން އެތެރެއަށް ވައްދައި، ދިގު ކޮޅުފިލާ ގޮނޑިއެއްގައި ބައިންދައިފި އެވެ. ބައެއް ކުދިން ބިންމަތީގައި އިށީނދެގެން ތިއްބެވެ. އެކަމަކު ބިންމަތީގައި ގޯންޏާއި ސަތަރިގަނޑެއް ފަތުރާފައި އޮތެވެ. އޭރު، އެ ގެ ހުންނަނީ ފަނުންނެވެ. ގޯތިން ވަންނަ ތަނުގައި ބޮޑު ބަނބުކެޔޮ ގަހެއް ވެސް ހުރެ އެވެ. ފެންޑާ އަކަށް ހުންނަ ތާނގައި އުނދޯއްޔެއް ހުރެ އެވެ. އެކަމަކު އެ ރޭ އެ އުނދޯލި ހުރީ ނަގައިފަ އެވެ. ބޭރުން ދާ މީހުންނަށް، ފެންޑާގައި ތިބޭ މީހުން ރީތިކޮށް ފެނެ އެވެ. ފެންޑާގެ ބިތްތަކުގައި ހުންނަނީ ގޯނި ޖަހައިފަ އެވެ. އެ ގޭގައި ކަރަންޓެއް ވެސް ނުހުރެއެވެ. ހުންނަނީ ސާފުތެޔޮ އަޅައިގެން ދިއްލާ ބައްތި އެވެ. އޭރު އިސްމާއީލް މަނިކު ބޮޑު ބެޓެރީއެއް ޓީވީއާ ގުޅަނީ އެވެ. ކޮންމެވެސް ކުއްޖަކު ޓޯޗު ބައްތިއަކުން އަލިކޮށްގެން އޮތެވެ.

ކޮންމެއަކަސް ޓީވީ ދައްކާ ގަޑި ޖެހިގެން ޓީވީން މަންޒަރުތައް ފެންނަން ފަށައިފި އެވެ. އެއީ ވަރަށް ކުޑަ ޓީވީއެކެވެ. އެކަމަކު އަހަރެންނަކަށް އޭރު އެ ޓީވީ ކުޑަކަމަކަށް އިހުސާސެއް ނުކުރެވެ އެވެ. އެއްވެފައިވާ ކުދިން އަތްތިލަބަޑި ޖަހައިލި އެވެ. ތަރުހީބުގެ އަތްތިލަބަޑިއެކެވެ. އަލަށް ޓީވީ ފެނުމުގެ އުފަލުގަ އެވެ. އެކަމަކު ކަޅާއިހުދުގެ މަންޒަރުތަކެވެ. ހަބަރު ކިއުމަށްފަހު ދައްކައިލީ ކަނޑު އަޑީގެ ފިލްމެކެވެ. ސީކްރެޓް އޮފް ދަ ސީ އޭ ކިޔާ ސީރީޒެއްގެ ފިލްމެކެވެ. ބޮޑެތި މިޔަރުތަކެވެ. ފުޅި އަޅައިގެން ފީނާ މީހުންނެވެ. އަށް ގަޑި ބައިވުމުން ޓްރާންސްމިޝަން ނިންމައިލައިފި އެވެ.

ގަލޮޅު ދިލްފިޒާގޭ އިސްމާއީލް މަނިކަކީ ބޯޓުދަތުރު ކުރާ މީހެކެވެ. އޭނާއަށް ރާއްޖެ އާދެވޭ ދަތުރަކާ ދިމާވީ ރާއްޖޭގައި ޓީވީގެ ހިދުމަތް ހަމަ ފެށުނުތަނާ އެވެ. ރާއްޖޭގައި ޓީވީގެ ހިދުމަތް ފެށުނީ މާޗު 29، 1978 ގަ އެވެ.

ކުވައިތުން 12 އިންޗީގެ ކަޅާއިހުދުގެ ޓީވީއެއް އިސްމާއީލް މަނިކު ގަތެވެ. އަގަކީ 63 ޑޮލަރެވެ. އޭނާއަށް އޭރު މައުލޫމާތު ލިބިފައިވާ ގޮތުން ރާއްޖޭގައި ޕަލް ސިސްޓަމްގެ ޓީވީ ނޫނީ ނުދެއްކެ އެވެ. އެހެންވެ އަވަހަށް އެ ކަހަލަ ޓީވީއެއް ގަތީ އެވެ. އެ ދަތުރު އޭނާ ރާއްޖެ އައީ “ކްލައިމެކްސް އެމަތީސްޓް” ކިޔާ ބޯޓަކުންނެވެ. ރާއްޖޭގައި މަޑުކުރަން ލިބުނީ ތިން ދުވަސްކަމުން ފުރަތަމަ ދުވަހު ބޯޓުގައި ހުރެ ޓީވީ ޓެސްޓުކުރުމަށް ފަހު ދެވަނަ ދުވަހުގެ ރޭ ގޭގައި ޓީވީ ބަހައްޓައި، ދައްކަން ފެށީ އެވެ. ރަޖިސްޓަރީ ވެސް ކޮށްގެންނެވެ. އޭރު ޓީވީ ރަޖިސްޓަރީކުރާން ޖެހެ އެވެ. އޭނާއަށް ލިބުނު ރަޖިސްޓަރީ ނަންބަރަކީ 63 އެވެ. ޓީވީ ގޭގައި ބެހެއްޓުމަށް ފަހު ތިންވަނަ ދުވަހު އޭނާ ފުރީ އެވެ. ދެން ރާއްޖެ އައީ ތިން އަހަރު ފަހުންނެވެ.

އަހަރެމެންގެ ގޭދޮށުން ދެވަނައަށް ޓީވީއެއް ގެނައީ ނަންކުރާ ގެއަށެވެ. އެ ގެއަށްވެސް ގެނައީ ކަޅާއިހުދުގެ ޓީވީއެކެވެ. އެ ޓީވީ ގެނައީ ނަންކުރާ ނަސީމު ދަތުރުކުރަން އުޅެފައި ރާއްޖެ އައި އިރު އެވެ. އެ ގެއަށް ވެސް ޓީވީ ބަލަން ދަމެވެ. ދެ ރެޔަކު، އަހަރެމެންގެ ގެއަށްވެސް އެ ޓީވީ ގެނަ އެވެ. އެއީ ކާފައާއި މާމައަށް ދައްކައިލަން ވެގެންނެވެ. އެ ރޭ އަހަރެމެންގޭ ގޯތިތެރެވެސް އޮތީ ފުރި ބާރުވެފަ އެވެ. ބައެއް ރޭރޭ ދިލްފިޒާގެއިން ވެސް އަދި ނަންކުރާގެއިން ވެސް ތަންކޮޅެއް ނުލިބޭނެ އެވެ. ހުކުރު ވިލޭ ރޭ ހިންދީ ފިލްމެއް ދައްކަ އެވެ. އަންގާރަ ވިލޭރޭ އިނގިރޭސި ފިލްމު ދައްކަ އެވެ. ފިލްމެއް ނިމޭނީ ދެ ރޭ ނުވަތަ ތިން ރޭ ދައްކައިގެންނެވެ. އެއީ ޓީވީ ދައްކާ ވަގުތުކޮޅު މަދުވުމުންނެވެ.

އަތިރީގެއާގޭގައި ހުންނަންދާ ދުވަސްދުވަހު އިރު އޮއްސޭއިރު ގެއަށް ދާންޖެހޭތީ ހަދަން ފެށިގޮތަކީ 6:30 ގެ ކުރިން ގޮސް ހަކުރާ ފެއާ ކާނިވަލަށް ވަންނަނީ އެވެ. އެ ކާނިވާ ދުވާލު އޮންނަނީ ހިލެ އެވެ. އެ ގަޑީގެ ފަހުން ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. ކުރިން ވަދެ ތިބޭ މީހުންނެއް ނުނެރޭނެ އެވެ. އެ ތާނގައި ހުންނަ ބޮޑެތި ކުލަ ޓީވީތަކުން ފިލްމު ދައްކަ އެވެ. ކަރު މައްޗަށް ޖަހައިގެން ޓީވީ ބަލަން ހުރެފައި އަށެއް ޖެހީމާ ދުވެފައި ގެއަށް އަންނަނީ އެވެ. އެއީ އޭރު މަންމަމެންނަށް ހަދައިލެވޭ ކުޑަ މަކަރެކެވެ. ނަމަވެސް ވިޔާނުދާ ކަމެއްގައި ބައިވެރިއެއް ނުވަމެވެ. ޓީވީ ބެލުމުގެ ފޯރި ހުންނަވަރުން އެހެން ހަދައިލަނީ އެވެ. ހަކުރާ ފެއާއަކީ ރައީސް ނާސިރުގެ ދައުރުގައި އެއް އަހަރު ދުވަހަށް ހުޅުވި ކާނިވަލެކެވެ. މިހާރު އެ ތަނުގައި ބިނާކޮށްފައި އެ ވަނީ ރައްޔިތުންގެ މަޖިލިސްކުރާ ގެ އެވެ. އަތިރީގެއާގެއިން ރޭގަނޑު ކައިގެން އަންނަ ރޭރޭ އެ ގޭ ބޮޑު ފެންޑާގައި ހުންނަ 14އިންޗީ ގެ ކުލަ ޓީވީ ވެސް ބަލައިލެވެ އެވެ.

އަހަރެމެންގެ ގެއަށް ޓީވީއެއް ހޯދީ 1981 ވަނަ އަހަރު އެވެ. 14 އިންޗީގެ ކުލަ ޓީވީއެކެވެ.

އޮލިމްޕަހުގައި ބޮޑު އިސްކްރީންގައި ފިލްމު ދެއްކުމުގެ އިތުރުން އެ ދުވަސްވަރު ޓީވީގައި ފިލްމު ދެއްކި އެވެ.

މާލޭގެ ފިހާރަތަކުގައިވެސް ވިއްކަން ހުއްޓާ ފެންނަނީ 12 ނުވަތަ 14 ވަރަކަށް އިންޗީގެ ކުލަ ޓީވީ އެވެ. މުޅިންވެސް ހުންނަނީ ފޮށިގަނޑު ޓީވީ އެވެ. ރާއްޖޭގައި ކުލަ ޓީވީ ސްޓޭޝަނެއް ހުޅުވުނުއިރު ސްރީ ލަންކާގައި ވެސް އެ ދުވަސްވަރު ކުލަ ޓީވީ ސްޓޭޝަނެއް ނުހުރެ އެވެ.

އޭގެ އެތަކެއް އަހަރު ފަހުން، 1999 ވަނަ އަހަރު، ރާއްޖޭގެ އުތުރުގެ ހުރިހާ ރަށަކަށް ދިޔުމުގެ ފުރުސަތު ލިބުނެވެ. އެ ދަތުރަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ބޯތަށްޓެއް ހަރުކޮށް، ޓީވީއެމްގެ ހިދުމަތް ދިނުމަށް ކުރި ސަރުކާރުގެ ދަތުރެކެވެ. ސެޓަލައިޓު މެދުވެރިކޮށް ޓީވީގެ ހިދުމަތް ދޭން އޭރު ވަނީ ފަށައިފަ އެވެ. މާލެ އާއި ކައިރި މަދު ރަށްތަކަށް ޓީވީ ޓަވަރުގެ ސިގްނަލް ލިބެ އެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށަށް އެ ހިދުމަތް ކުރިއަކުން ނުލިބެ އެވެ.

އެ ދަތުރަށް ފެށުމުގެ ކުރިން އުތުރުގެ ކޮންމެ ރަށެއްގައި ތިން ފޫޓު ހަތަރު ފޫޓުގެ ކޮންކްރީޓް ބުޑެއް ވަނީ އަޅައިފަ އެވެ. އެ ބުޑު ހުންނަނީ ރަށު އޮފީހުގެ ގޯތިތެރޭގައި ވަޅުލައިފަ އެވެ. ބޭނުމަކީ ބޯތަށި ހަރުކުރުމަށް ތައްޔާރުވުމެވެ. އެ ބުޑުގައި ބާރަ ފޫޓްގެ ބޯތަށްޓެއް ހަރުކޮށް ރިސީވަރެއްގެ އެހީގައި ޓީވީގެ ހިދުމަތް ދޭން ފެށީ އެވެ. ހަމައެކަނި ރަށު އޮފީހަށެވެ. ނަވާވީސް އިންޗީގެ ކުލަ ޓީވީއެއް ވެސް ހަވާލު ކުރެ އެވެ. ޝަރުތަކީ ރައްޔިތުންނަށް ފެންނާނެހެން ޓީވީ ބެހެއްޓުމެވެ. އޭރު ޓީވީގެ ހިދުމަތް ދެނީ ހަވީރު ފަހަކުން ހަތަކަށް، އަދި ރޭގަނޑު އަށަކުން ބާރަ އަށެވެ.

ރަށްރަށަށް ޓީވީއާގުޅޭ ތަކެތި ބޭލުމުގައިވެސް ރައްޔިތުން ތިބެނީ ކެތް މަދުވެފަ އެވެ. ބައެއް ރަށްރަށުން، ރަށު އޮފީހުގައި ހުރި ބޮޑު ކޮންކްރީޓް ބުޑު ކޮނެގެން ނަގަ އެވެ. އަދި އިޖުތިމާއީ މަރުކަޒު ކަހަލަ، ގިނަ ރައްޔިތުންނަށް ބަލަން ތިބެވޭ ތަނަކަށް އެ ބުޑު، ބަދަލުކުރެ އެވެ. ތަންޑިޔާ ލައިގެން ދަމާފައި ނުވަތަ ދަމާ ގާޑިޔަލުގަ އެވެ. މާލޭ ޓީވީ ފެންނަން އުޅޭތީ އެވެ.

ރަށުގެ ގޭގެއަށް ޓީވީގެ ހިދުމަތެއް މިވަރަކުން އަދި ނުލިބޭނެ އެވެ. އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ކުރަމުން ދިއެވެ. ރަސްމީ ހުއްދަ ނެތަސް އަހަރެމެންގެ ޓީމުގެ މެންބަރުން މަޝްވަރާކޮށްފައި ނިންމީ ސެންޑަރުގެ އެހީގައި ހިދުމަތް ދިނުމަށެވެ. މީހުން ހޯދައިފައި ހުންނަ ސެންޑަރު ހަރުކޮށްދީ ސިގުނަލް ފޮނުވާ ދެމުން ދިޔައީމެވެ. ރައްޔިތުން ތިބެނީ މަޑި އެންޓަނާ އާއި ޓީވީ ވެސް ހޯދައިގެންނެވެ. ޓީވީއެމް ނުލިބުނަސް، ވީސީއާރުގެ އެހީގައި އޭރު ވެސް އެ މީހުން ފިލްމް ބަލަ އެވެ.

ބޯތަށި ރާވައި ހަރުކުރުމުގެ މަސައްކަތް ކުރާއިރު ވެސް ކުޑަކުދިންނާއި ބޮޑެތި މީހުން އޮންނަނީ އެއްވެފަ އެވެ. މަންޒަރު ބަލާށެވެ. ޓީވީއެމްގެ ސިގްނަލް ލިބި، މަންޒަރު ފެނުމާއެކު، އެއްވެފައި ތިބޭ މީހުންނާއި ކުދިން ތަރުހީބުގެ އަތްތިލަބަޑިއެއް ދެއެވެ. މި މަންޒަރު ފެނުމުން އިހުސާސް ކުރެވުނީ ކުޑައިރު އަހަރެން ވެސް ޓީވީ ބަލަންދާ ގޭގޭގެ އަށް ދިޔަ ދުވަސްވަރު މަތިންނެވެ. އޭރު އެކަމަށް ހުރި ފޯރި އެވެ. އެ ދުވަހު ކުރެވުނު އިހުސާސް އެވެ.