Advertisement

އަބަދު ބޮލުގައި ރިއްސަނީ، ފަރުވާ ކުރާނީ ކިހިނެއް؟

4 މޭ 2022 - 09:42 0


އަބަދު ބޮލުގައި ރިއްސަނީ، ފަރުވާ ކުރާނީ ކިހިނެއް؟

4 މޭ 2022 - 09:42 0

ހެނދުނު ހޭލީއްސުރެ ބޮލުގައި ރިހެނީ އެވެ. މަސައްކަތެއް ކުރާނެ މޫޑެއް، މީހަކާ ވާހަކަ ދައްކާނެ ހިތް ވެސް ނެތެވެ. ގޭތެރެ އަޑު ގަދަ އެވެ. ގެއިން ބޭރު މާ އަޑުގަދަ އެވެ. މިވަރުގެ ރިހުމަކާ އެކު އުޅޭނީ ކިހިނެއް ހެއްޔެވެ؟

އިނގިރޭސި ޖާނަލް އޮފް ހެޑޭކް އެންޑް ޕެއިންގައި ދާދި ފަހުން ހިމަނާފައިވާ ރިޕޯޓެއްގައި ބޮލުގެ ރިހުން ބޮޑުތަނުން ކުޑަކުރާނެ ގޮތް ނުވަތަ ބޮލުގެ ރިހުމަށް އަމިއްލަ އަށް ފަހުވާ ހޯދާނެ ގޮތުގެ އިރުޝާދުތަކެއް ހިމަނާފައިވެ އެވެ. ދުނިޔޭގެ އާބާދީގެ ކޮންމެ ހަ މީހަކުން އެކަކީ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ ބޮލުގެ ރިހުމެއް ތަޖުރިބާކުރާ މީހެއް ކަމަށް ދިރާސާގެ މައްޗަށް ބިނާކޮށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ. މީގެ އިތުރުން އެ ސްޓަޑީ އެކުލަވާލި ޓީމުން ބުނެފައިވާ ގޮތުން ހަތް ޕަސެންޓް މީހުންނަކީ މައިގްރޭން ތަހައްމަލުކުރާ މީހުންނެވެ. އަދި ނުވަ ޕަސެންޓު މީހުންނަކީ ފިކުރު ބޮޑުވުމުގެ ސަބަބުން 'ޓެންޝަން ހެޑޭކް' ތަޖުރިބާކުރާ މީހުންނެވެ.

އިގިރޭސިވިލާތުގެ ތަފާސްހިސާބު ދައްކާ ގޮތުން، މައިގްރޭން ގެ އަސަރު ގައުމުގެ އިގްތިސޯދަށް ކުރެ އެވެ. އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ސިކްލީވް ނަގާ އެއް ސަބަބަކީ އެއީ ކަމަށް ވާއިރު، އަހަރަކު 2.3 ބިލިއަން ޕައުންޑްގެ ގެއްލުން ނުވަތަ އެއާ ގާތް މިންވަރަށް އިގްތިސޯދަށް އަސަރު ކުރާ ކަމަށް ބުނެފައިވެ އެވެ.

މައިގްރޭން

މައިގްރޭންގެ އެންމެ އާންމު ސިފަތަކުގެ ތެރޭގައި، ބޮލުގެ އެއް ފަޅީގައި ވިންދު ޖަހާ ގޮތަށް ރިއްސުން ހިމެނެ އެވެ. ބައެއް ފަހަރު މިގޮތަށް ރިއްސުމާ އެކު ލޮލުގެ ފެނުން ނުސާފުވުން، ނުވަތަ މޭނުބައިކުރާ ފަދަ އުނދަގޫ އިހުސާސަކާއެކު ވަރުބަލިކަން އިހުސާސްކުރެވުމާއި ގަދަ އައްޔާއި އަޑަށް މީހާ ބަލިކަށިވާ ގޮތެއް ހުރެދާނެ އެވެ. މައިގްރޭން ތަހައްމަލުކުރާ މީހުންގެ ތެރޭގައި ފިރިހެނުންނާ އަލާ ބަލާއިރު ގިނައީ އަންހެނުންނެެވެ.

މީގެ ސަބަބެއް ކަމަށް ސައިސްވެރިން ގަބޫލުކުރަނީ، އަންހެނުންގެ ހޯމޯން ތަކަށް އަންނަ ބޮޑެތި ބަދަލުތަކެވެ. މިސާލަކަށް ޕީރިއަޑް ސައިކަލް އާ އެކު އެސްޓަރަޖަން ދަށްވެ، މަތިވެ، މިފަދަ ބަދަލުތައް އައުމެވެ.

މައިގްރޭންގެ ތަދު އުފެދޭ އެންމެ އާންމު ސަބަބު ތަކުގެ ތެރޭގައި ކަންކަމާ މެދު މާ ބޮޑަށް ވިސްނުމާއި ކެއުމުގައި ފަރުވާކުޑަ ކުރުމާއި އެކަށީގެންވާ މިންވަރަށް ހަމަ ނިދި ނުލިބުން ހިމެނެ އެވެ. އެހެންކަމުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ދުޅަހެޔޮ ބަދަލުތައް ގެނެސްފި ނަމަ މައިގްރޭން އެޓޭކް އަންނަ މިންވަރު މަދުވުމުގެ ޗާންސު އިތުރުވެ އެވެ. ހަކުރު ގިނައިން ބޭނުންކުރުމާއި ޕްރޮސެސްކޮށްފައި ހުންނަ މަހާއި ގިނަ ދުވަސް ވެފައި ހުންނަ ޗީޒް ފަދަ ތަކެތީގައި ވެސް މައިގްރޭން އަށް ނުރަނގަޅު އެލެމެންޓް ހިމެނެ އެވެ.

ލަންޑަން ކިންގްސް ކޮލެޖްގެ ނިއުރޮލޮޖީ ޕްރޮފެސާ، ޕީޓާ ގޮޑްސްބީ މި މައުލޫގަައި 'ޓެލެގްރާފް' އަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުން، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރާ ކަންކަން؛ ނިދުމާއި ގަޑިން ގަޑި އަށް ކެއުމާއި ގަވާއިދުން ކަސްރަތުކުރުމަކީ މައިގްރޭން ގެ ތަދު ތަހައްމަލުކުރަންޖެހޭ މިންވަރު މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކެކެވެ.

ޓެންޝަން ހެޑޭކް

މިއީ އެންމެ އާންމު ބާވަތުގެ ހެޑޭކް އެވެ. މައިގްރޭން އާ ހިލާފަށް، މި ބާވަތުގެ ރިހުމެއް ނަމަ ދެނެގަންނާނެ ގޮތަކީ، ބޮލުގެ ސަރަހައްދެއްގައި ގަދައަށް ވިންދު ޖަހާ ކަހަލަ އިހުސާސެއް ނުހުންނާނެ އެވެ. އައްޔާއި އަޑުގެ ސަބަބުން ރިހުމަށް ބަދަލެއް ނާންނާނެ އެވެ.

މި ޒާތުގެ ބޮލުގެ ރިހުން ޕެރެސެޓަމޯލް ނުވަތަ އެސްޕިރިން ފަދަ ބޭހަކުން ފިލުވައިލެވޭނެ އެވެ.

ޓެންޝަން ހެޑޭކް އަކީ އާންމުކޮށް މީހާގެ އެހެން ކޮންމެވެސް ކަހަލަ ސިއްހީ މައްސަލައެއް އުޅޭ ކަމުގެ ނިޝާނެކެވެ. މިސާލަކަށް މާ ބޮޑަށް ފެން މަދުވުމާއި، ނަފްސާނީ ގޮތުން އުނދަގޫ ހާލަތަކަށް ދިއުމާއި، ނިދި މަދުވުމާއި ދަތުގެ މައްސަލަތަކާއި ނުވަތަ މާގިނައިން ކެފެއިން ބޭނުން ކުރެވޭ ކަމުގެ އިންޒާރެއްގެ ގޮތުން ވެސް މިފަދަ ބޮލުގެ ރިހުން މެދުވެރިވެ އެވެ.

ކޮޅަށް ހުން ައިރު ހުރެވޭ ގޮތުން އަރާ ތަދު ތަކުގެ ސަބަބުން ވެސް ބައެއް ހާލަތުގައި ޓެންޝަން ހެޑޭކް މެދުވެރިވެދާނެ އެވެ. ޕިޒިއޮތެރަޕީ އިން މިފަދަ އުނދަގުލެއް އުޅޭނަމަ ފަރުވާ ލިބޭނެ އެވެ.

އައި ސްޓްރެއިން ހެޑޭކް

އައި ސްޓްރެއިން ހެޑޭކުން މައިގްރޭން އާއި ޓެންޝަން ހެޑޭކް ޓްރިގާ ވެދާނެ އެވެ. އައި ސްޓްރެއިން ހެޑޭކް މެދުވެރިވަނީ އެއް ތަނަކަށް މާ ގިނަ އިރު ފޯކަސް ކުރުމުގެ ސަބަބުންނެވެ. ހާއްސަކޮށް ސްކްރީނަށް ގިނަ އިރު ބެލުމުގެ ސަބަބުން މެދުވެރިވާ މި ބޮލުގެ ރިހުން ހުންނައިރު އެންމެ ތަދުވާނީ ލޮލާއި ލޯ ވަށައިގެންނެވެ.

ލޮލަށް އަރާމު ލިބުމުން މި ރިހުން ކެނޑިދާނެ އެވެ. ބޭސް ބޭނުން ކުރުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ.

ކްލަސްޓާ ހެޑޭކް

މިއީ މަދުން ނޫނީ ނުފެންނަ މި ވައްތަރެއްގެ ބޮލުގެ ރިހުމަކީ އާދަޔާ ހިލާފު ރިހުމެއްގެ ގޮތުގައި ޕްރޮފެދާ ގޮޑްސްބީ ސިފަކޮށްފައިވެ އެވެ. މި ގޮތަށް ބޮލުގައި ރިހޭ އިރު ބޮލުގެ އެއް ފަޅިއާއި އެއްކޮށް ލޯ ވަށައިގެން ހިމެނޭ ހިސާބުގައި ގަދަ އަށް ރިއްސަ އެވެ. އަދި ރިހުމުގެ ބާރު ގަދަކަމުން ލޮލުން ފެން އައިސް، ލޮލުގެ ހުދުބައި އާދަޔާ ހިލާފަށް ރަތްވުން ފަދަ އަލާމާތްތައް މެދުވެރިވެ އެވެ.

ކޮވިޑް ހެޑޭކް

ކޮވިޑް 19 އާ އެކު މިހާރު މިއީ ވެސް ބޮލުގެ ރިހުން ނުވަތަ ހެޑޭކް ލިސްޓަށް އިތުރުވި އާ ބޮޅެކެވެ. ކޮވިޑް ޖެހުމުން، ބަލީގެ އެންމެ މައިގަނޑު އަލާމާތްތައް ފެންނަން ފެށުމުގެ ތިން ވަރަކަށް ދުވަސް ކުރިން ބޮލުގައި އުފެދޭ މި ރިހުން ހުންނަ އިރު އެއްޗަކުން ބާރަށް ޖެހުމުން ތަދުވާ ގޮތަށް މުޅި ބޮލުގައި ރިހުން ހުންނަ ކަހަލަ ގޮތެއް ވެ އެވެ.

ޑރ ގޮޑްސްބީގެ ނަޒަރުގައި ބޮލުގައި ރިހެން މެދުވެރިވަނީ ނޭވާލުމުގެ ނިޒާމުގައި އިންފެކްޝަން އަށަގަތުމުންނެވެ. ބޮލުގައި ރިހުން ކޮވިޑް ޖެހުމުގެ އަލާމާތެއްގެ ގޮތުގައި ގިނައިން ރިޕޯޓްކުރަނީ ކޮވިޑްގެ ފަހުގެ ވޭރިއެންޓް ޖެހޭ މީހުންގެ މެދުގަ އެވެ. ސަބަބެއް ކަމަށް ގޮޑްސްބީ ބުނެފައިވަނީ އެއީ ވައިރަސް، ހަށިގަނޑުގެ ތެރެއަށް އެތެރެވާ މިންވަރުވެސް އިތުތުވުމުން ކަމަށެވެ.

މި ލިސްޓުގައި ހިމެނޭ ބައެއް ބޮލުގެ ރިހުން ތަކަށް އަމިއްލަ އަށް މާ ބޮޑު ފަރުވާ ތަކެއް ކުރެވެން ނެތަސް، އެންމެ އާންމު ބޮލުގެ ރިހުމުގެ ތެރޭގައި ހިމެނޭ ޓެންޝަން ހެޑޭކް އާއި އައި ސްޓްރެއިން ހެޑޭކް އިން އަމިއްލަ އަށް ރައްކާތެރިކަން ހޯދިދާނެ އެވެ. މައިގްރޭންގެ އަލާމާތްތައް ވެސް ދިރިއުޅުމުގައި ހިމަނާ ދުޅަހެޔޮ އާދަތަކުން ކުޑަ ކުރެވިދާނެ އެވެ. ބޮލުހގެ ރިހުން އާންމުކޮށް ހުންނާތީ އެކަމާ ކަންބޮޑުވެ އިތުރަށް ރިހުން ގަދަވާ ގޮތަށް ވިސްނުމުގެ ބަދަލުގައި ބަދަލު ގެންނަންވީ އާދަތަކަށެވެ.