Advertisement

އިތުރު ފަސް އަހަރު އެންމެ މަތީ ފަންތީގައި ކުޅެން ބޭނުން: ރާމޯސް

12 އޭޕްރީލް 2022 - 19:49 0


އިތުރު ފަސް އަހަރު އެންމެ މަތީ ފަންތީގައި ކުޅެން ބޭނުން: ރާމޯސް

12 އޭޕްރީލް 2022 - 19:49 0

ޕެރިސް (އޭޕްރީލް 12) - އެންމެ މަތީ ފަންތީގައި އިތުރު ފަސް ވަރަކަށް އަހަރު ކުޅެން ބޭނުންވާ ކަމަށް ޕީއެސްޖީ އަށް ކުޅެމުންދާ ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފި އެވެ.

ޕްރައިމް ވީޑިއޯ އަށް ދިން އިންޓަވިއުއެއްގައި ރާމޯސް ،36، ބުނީ ރިޓަޔާކުރުމުގެ ކުރިން އެންމެ މަތީ ފަންތީގައި "ފަސް ވަރަކަށް އަހަރު" ކުޅެން ބޭނުންވާ ކަމަށެވެ.

"ހަތަރު ފަސް އަހަރެއްހާ ދުވަހު އެންމެ މަތީ ފަންތީގައި ކުޅެލަން ބޭނުން. އޭގެ ފަހުން އާ ތަޖުރިބާއެއް ކުރަން ބޭނުންވަނީ،" ރާމޯސް ބުންޏެވެ. "ފިސިކަލީ ފިޓުވެއްޖެއްޔާ، އަހަންނަށް ކެރިއަރު ކުރިއަށް ގެންދިއުމަށް ސަމާލުކަން ދެވޭނެ."

ރާމޯސް ބުނީ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓުރެކްޓަށް އިތުރު އެއް އަހަރަށް އާ ކުރުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ.

"މިހާރު ކޮންޓުރެކްޓް އޮތީ ދެ އަހަރަށް. މި މަސައްކަތްކުރަނީ އެ ކޮންޓުރެކްޓަށް އެއް އަހަރު އިތުރުކޮށް، ޖުމްލަ ތިން އަހަރު މި ކްލަބުގައި ކުޅެން،" ރާމޯސް ބުންޏެވެ.

ޕީއެސްޖީގައި ރާމޯސް ބޭނުންވާ ލެވަލަށް އަދި ނުކުޅެވުމުގެ އެންމެ ބޮޑު ސަބަބަކީ ދިމާވަމުން އަންނަ ފިޓްނަސް ދަށްވުމާއި އަނިޔާގެ މައްސަލަ އެވެ. ޕީއެސްޖީ ޓީމަށް މި ސީޒަނުގައި ރާމޯސް މިހާތަނަށް ކުޅެފައިވަނީ އެންމެ ހަތް މެޗުގަ އެވެ. އެއީ ފްރެންޗް ލީގުގެ ހަ މެޗާއި ފްރެންޗް ކަޕްގެ އެއް މެޗެވެ. އެ މެޗުތަކުގައި އޭނާ ވަނީ ޕީއެސްޖީ އަށް އެއް ލަނޑު ޖަހައިދީފަ އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރި ރާމޯސް އެ ކްލަބު ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ސްޕެއިންގެ ގައުމީ ޓީމާއެކު ރާމޯސް ވަނީ ވޯލްޑް ކަޕާއި ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. -- އޭއެފްޕީ