7 އޭޕްރީލް 2022 - 13:37 0
7 އޭޕްރީލް 2022 - 13:37 0
މިދިޔަ ހަތަރު ވަރަކަށް އަހަރު ޕްރޮފެޝަނަލް ފުޓްބޯޅައާ ދުުރުގައި ހުރި މުހައްމަދު ޝިފާން (ކުޑައްޓޭ)، ކުރިއަށް އޮތް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ރޭޑިއަންޓްގެ ސަޕޯޓަރުން އިސްވެގެން ވުޖޫދުކޮށްފައިވާ, ރޭޑިއަންޓް އިން އަންނަނީ އޮގަސްޓް މަހު ފަށަން ތާވަލުކޮށްފައި އޮތް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ޓީމެއް އެކުލަވާލުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރަމުންނެވެ.
ރޭޑިއަންޓަށް ސޮއިކުރުމަށް ފަހު ކުޑައްޓޭ ކޮންޓްރެކްޓް ދައްކާލަނީ.-- ފޮޓޯ: ރޭޑިއަންޓް/ ފޭސްބުކް
މިދިޔަ މަހު ވުޖޫދުވި ރޭޑިއަންޓް ގެންނަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމާއި ފީފާގެ ސަސްޕެންޝަނެއް އަތުވެފައިވާ ނިއު ރޭޑިއަންޓް ފުޓްބޯޅައިގެ ހަރަކާތްތަކުގައި ނެތުމެވެ. ދެ ފަހަރެއްގެ މަތިން ނިއު އަށް ކުޅުނު ބ. އޭދަފުށްޓަށް އުފަން ކުޑައްޓޭ، 39، ރޭޑިއަންޓް ޖޯޒީގައި ފެނުމަކީ ނިއުގެ ސަޕޯޓަރުންނަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ.
އެންމެ ފުރަތަމަ 2004 ވަނަ އަހަރު ނިއުއާ ގުޅުނު ކުޑައްޓޭ ވަނީ ޒުވާން އުމުރުގައި ވެސް އެ ޓީމަށް ކުޅެން ފަށައިފަ އެވެ. ނިއު އިން 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީ ފައިނަލުގައި ކުުޅުނުއިރު، ކުޑައްޓޭ ޓީމުގައި ހިމެނެ އެވެ. ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޑައްޓޭ ވަނީ އެ މުބާރާތުގައި ރާއްޖޭން ޖެހި ފުރަތަމަ ގޯލު ކާމިޔާބު ކޮށްފަ އެވެ. އޭނާ ގޯލު ޖެހީ ޕާކިސްތާން ކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ފަހު ކުޑައްޓޭ، 2009 ވަނަ އަހަރު ނިއުގެ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބާ ގުޅުނެވެ. އެ ޓީމަށް ތިން އަހަރު ވަންދެން ކުޅުނު ކުޑައްޓޭ އަލުން ނިއުއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. އެ ޓީމަށް ތިން އަހަރު ކުޅުމަށް ފަހު ކުޑައްޓޭ، 2016 ވަނަ އަހަރު ވެލެންސިއާ އަށް ސޮއިކުރި އެވެ. ވެލެންސިއާ އަށް 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގައި ވެސް ކުޅުނު ކުޑައްޓޭ، ކުޅުން ހުއްޓާލީ 2018 ވަނަ އަހަރުގެ މާލޭ ލީގަށް ފަހު އެވެ.
2018 ވަނަ އަހަރުގެ މާލޭ ލީގުގެ މެޗެއްގެ ތެރެއިން މާޒިޔާގެ އީސަ (ކ) އަތުން ބޯޅަ ހޯދަން ކުޑައްޓޭ މަސައްކަތްކުރަނީ.
އޭގެ ފަހުން އެކި ރަށު ލެވަލާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ކުޑައްޓޭ އަންނަނީ ކުޅެމުންނެވެ. އޭނާ އިއްޔެ ރޭޑިއަންޓަށް ސޮއިކުރިއިރު، މިހާރު ކުރިއަށްދާ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ހުޅުމާލެ ވެޓެރަންސް ޓީމުގައި ވެސް ހިމެނެ އެވެ.
ވެޓެރަންސް މުބާރާތުގެ ގަވާއިދުގައިވާ ގޮތުން 2019 އިން ފެށިގެން މިހާތަނަށް އެފްއޭއެމްގެ ރަސްމީ މުބާރާތެއްގައި ނުކުޅޭ ކުޅުންތެރިންނަށް ވެޓެރަންސް މުބާރާތުގައި ކުޅެވޭނެ އެވެ. ހުޅުމާލެ ވެޓެރަންސް ކްލަބްގައި ކުޑައްޓޭ ހިމަނާފައިވަނީ 35-40 އަހަރުގެ ދެ ކުޅުންތެރިން ރަޖިސްޓްރީ ކުރަން ލިބޭ ޖާގައިގެ ތެރެއިންނެވެ.
މިހާރު ކުރިއަށްދާ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ހުޅުމާލެ ވެޓެރަންސް ޓީމު: ކުޑައްޓޭ (ވމ. 2).-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރޭޑިއަންޓްގެ ކޯޗިން ސްޓާފުންނަކީ ކުޑައްޓޭއާ އެކު ނިއު އަށް ކުޅުނު ކުޅުންތެރިންނެވެ. ރޭޑިއަންޓްގެ ކޯޗަކީ ސޮބާހު މުހައްމަދު އިބްރާހިމް އެވެ. އެސިސްޓަންޓް ކޯޗަކީ ނިއުގެ ކާމިޔާބު ކެޕްޓަން އަހުމަދު މުހައްމަދު (އައްމަޑޭ) އެވެ.
ކުޑައްޓޭ ވަނީ 2018 ވަނަ އަހަރު ސޮބާގެ ކޯޗުކަމުގައި ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ.
ތިން ވަނަ ޑިވިޝަނުގައި ކުޅެން ރޭޑިއަންޓުން އެކުލަވާލާ ޓީމުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިން ގިނަ އެވެ. ކުޑައްޓޭގެ އިތުރުން ރޭޑިއަންޓުން މިހާތަނަށް އިއުލާނުކޮށްފައިވާ ކުޅުންތެރިންނަކީ ކުރިން އީގަލްސް އަށް ކުޅުނު މުހައްމަދު ލިޔާހު، ވިޔަންސާ އިން ފާހަގަވި ހަސަން އިބްރާހިމް (ތުނޑޭ) އަދި ނިއު ރޭޑިއަންޓާއި ވިކްޓްރީ އަދި ނިލަންދޫ ޓީމަށް ވެސް ކުޅުނު ސައްދާމް ހުސެއިން އެވެ.
Comment