Advertisement

ހަތަރުކަށިމަތި "ބަބުރު" ދިވެހިން

4 މާރިޗު 2022 - 09:41 12

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އިހުގެ ދިވެހި އާއިލާއެއް ދައްކުވައިދޭ ތަސްވީރެއް.


ހަތަރުކަށިމަތި "ބަބުރު" ދިވެހިން

4 މާރިޗު 2022 - 09:41 12

ކުޑައިރު ސްކޫލަށް ދާއިރު އަހަރެންގެ ބެސްޓު ފްރެންޑްގެ އިސްތަށިގަނޑު ހުންނާނީ "ކަޓު ޖައްސާފަ" އެވެ. ފަންފަން ސޮހޭ އިސްތަށިކޮޅެކެވެ. އިސްތަށިގަނޑުގެ އަޑިން ބައެއް ތުނިކޮށް ކޮށާލާފައި މަތިން، ތޮތްޕެއްހެން ކޮށާލާފަ އެވެ. މިޒަމާނުގެ ކުދިންނަށް އެ ސިފަކޮށްދޭން އެންމެ ފަސޭހަ ވާނީ އޭރުގެ މަޝްހޫރު ބޯއީ ބޭންޑް "ބެކް ސްޓްރީޓް ބޯއިޒް" ގެ ނިކް ކާޓަރގެ ހެއާސްޓައިލޭ ބުނީމާ ތޯއްޗެކެވެ. ކޮއްކޮމެން ގޫގުލްކޮށްލާށެވެ. ކޮންމެއަކަސް، އަހަރެންވެސް ބޭނުންވަނީ އެހެން ހުންނާށެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ސްކޫލުގައި އެންމެ ޗާލާކީ ވެގެން އުޅޭ ތިން ފިރިހެން ކުދިން މަށަށް ގޮވާލާނީވެސް "ބޯބުޅި ކަވާބު"، ނުވަތަ "ނަސްކަޅޭ" އޭ ކިޔާފަ އެވެ. ގޭތެރޭގެ މާހައުލުގައިވެސް ތިމާގެ މީހުން ލޯބިން "މާމަ ކަޅޭ" ބުންޏަސް އަހަރެން ދެރަވެ އެވެ. ވާނީވެސް އެހެންތާ އެވެ. ހަތަރު ބެއިންކުރެ އެންމެ ކުލަ އަނދިރީ އަހަރެންގެ އެވެ. ކުލާސްކުދިން ކަރުދާހުން ކުދި ބޯޅަ ހަދާފައި އަހަރެންގެ ބޮލަށް އުކާނެ އެވެ. މަންމަ ފުނާ އަޅުވައިދޭއިރު، ބޮލުން ފުހޭ ރަބަރާއި، ކަރުދާސް ބޯޅަ ފެންނަ ދުވަސްތައް ވެސް އަންނާނެ އެވެ.

ކުޑައިރު މަންމަމެން ގާތު ޝަކުވާ ކުރީމެވެ. އަހަރެން "ބަބުރުކުއްޖެއްހެން" ހުންނަނީ ކީއްވެގެންތޯ ސުވާލުކުރީމެވެ. ޖަވާބުގައި މަންމަ ކިޔައިދެނީ މަންމަގެ ބައްޕަ މަންމައަށް އާއިލާ ކިޔައިދީފައިވާ ގޮތެވެ. އަހަރެމެންނަކީ ފެރިދޫގައި ވަޒަންވެރިވި ބަބުރު ލީޑަރު ސަންގޯރުގެ އަހަންމަދުގެ ސަންޕަގެ މަރިޔަންގެ ހައްވަގެ އާދަނުގެ ހަމައެކަނި ދަރިފުޅުގެ ދަރިންކަން މަންމަ ހަނދާންކޮށްދެ އެވެ. ބައްޕައަކީވެސް އެފްރިކާއިން ގެނެސް މިނިވަންކުރި އަޅެއްގެ ދަރިފަސްކޮޅުގެ މީހެކޭ މާމަ ބުނެ އެވެ. ބައްޕަގެ ބައްޕަ ވަރަށް ކުރިން ނިޔާވުމާ ގުޅިގެން އެ އާއިލާއާ ބެހޭ މާ ބޮޑެތި ތަފުޞީލުތަކެއް ނުލިބެ އެވެ. އެހެންނަމަވެސް އެ ވަރު އޭރު އަހަންނަށް ފުދެ އެވެ. އަހަރެންނަކީ ކަޅު ނަޞްލުގެ ކަޅު މީހެއްކަމަށް ބަލައިގަތީ "ފްރެޝް ޕްރިންސް އޮފް ބެލް އެއަރ"ގެ ވިލް ސްމިތުމެން ކަހަލަ މީހެއް ކަމަށް ދެކި ފަޚުރުވެރިކަމާއެކުގަ އެވެ. އެ ކުޑަ ކުޑަ މަޢުލޫމާތުކޮޅާއެކު އަހަރެންނަށް ގަނާކުރި ސްކޫލް ކުދިންނަށް ދޭނެ ރައްދެއް އަހަރެންނަށް ދަސްވި އެވެ. އެމީހުންގެ ކޮންމެ މަލާމާތަކަށް އަހަރެން ރައްދު ދެނީ އަހަރެންނަކީ "ހަތަރުކަށިމަތި ބަބުރު ދިވެއްސެއްކަމަށް" ބުނަމުންނެވެ.

ބޮޑުމީހަކަށްވެ އިންޑިޔާއަށް ކިޔަވަންދިޔަ ހިސާބުން އަނެއްކާވެސް އަހަރެންނަށް އަހަރެންގެ ނަޞްލު ހަނދާންވެއްޖެ އެވެ. މި ފަހަރު ނަޞްލީ އިމްތިޔާޒުގެ ތެރެއިންނެވެ. އެ ޤައުމުގެ މަތީ ފަންތީގެ ކެފޭ ރެސްޓޯރަންޓުތަކަށް "ކަޅު މީހުން" ނުވައްދާނޭކަމަށް ބުނެ ކުރާ ތަފާތުކުރުމުގައި، އޭރު ބުރުގާ އަޅާފައި ހުންނަ އަހަރެންވެސް އަދި މަނޫނަސް އިތުރު ބައެއް ދިވެހި ކުދިން ހިމަނަން ފަށައިފި އެވެ. ރާއްޖޭގައި އުޅެ ބޮޑުވާ ދިވެހިންނަށް މި ފަދަ ނިޒާމީ ތަފާތުކުރުންތައް ފެނުމަކީ ނާދިރުކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ބޭރު ޤައުމުތަކުގައި އަހަރެމެންގެ އަސްލު އެމީހުން ބަލަނީ ޕާސްޕޯޓުގައި އޮންނަ މަޢުލޫމާތަކުން ނޫނެވެ. އިސްތަށިގަނޑާއި، މޫނާއި، ހަށިގަނޑުގެ ބައްޓަމާއި ހަމުގެ ކުލައިންނެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހެވެ. އަހަރެންގެ އެކުވެރި ހުޅަނގު އެފްރިކާ މީހަކާއި ރަޙުމަތްތެރި ދިވެހި ދެމަފިރިން، މާލޭ ދެ ނަންބަރު ފާލަން ކައިރީ އޭރު ހުންނަ "ކަސްޓަމްސް ކެންޓީނަށް" ސައިބޯން ގޮސްތިބި ރެއެކެވެ. އެތަނަށް ވަދެގެން އައި ބޮޑު ފިރިހެނަކު، މި ބުނާ އެފްރިކާ ސޮރުގެ ކޮނޑުގައި ޖަހާލާފައި، ކޮބާ މާލެއައީ ކޮންއިރަކުންހޭ، ބައްޕަ ކޮބާހޭ، މަންމަ ކޮބާހޭ ކިޔައި ސުވާލުތައް އަމުނާލީ، ދެކެ ފަރިތަ ރަހުމަތްތެރިއެއް ފަދައިންނެވެ. މިއީ އޭނާ އެބުނާ ސޮރު ނޫންކަން އޭނާއަށް ރޭކާލީ އެ ރަޙުމަތްތެރިޔާ ސިހިފައިހުރެ، އިނގިރޭސި ބަހުން ވާހަކަ ފެށީމަ އެވެ. އަހަރެމެން އެ ބޭބެއަށް ވާނުވާ އޮޅުންފިލުވައިދިނުމުން، މަޢާފަށް އެދި ފެރިދޫ އެވެނި ގެއެއްގެ އެވެނި ކުއްޖަކު ކަމަށޭ ކިޔާފައި އިސްއޮބާލައިގެން ހުރެ އެހެން މޭޒެއް ދޮށަށް ހިނގައްޖެ އެވެ.

އެއްކަލަ ސަންގޯރުގެ މަތިން އަނެއްކާވެސް ހަނދާންވީ މާ ފަހުން ހުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ "ދިވެހިންގެ ވާހަކަ" މި ފޮތް ކިޔަމުންދަނިކޮށެވެ. އޭގައި 45 ވަނަ ވާހަކައަކަށް ލިޔުއްވާފައި އޮތެވެ.

"މާލޭގައި މީގެ ކުރިން ސަތޭކަޔެއްހާ އަހަރު ކުރީގައި ބަބުރުންތަކެއް އުޅެޔޭ. މިބައިމީހުންގެ އެންމެން އެންމެ ބޮޑުމީހަކަށް ބަލައިގެން އުޅެނީ ނަލަސަންގޯރޭ ކިޔާމީހެކޭ. މި ނަލަ ސަންގޯރު ބަހެއް ބުނެފީވިއްޔާ ބަބުރުންނަށް އެއީ ފަނޑިޔާރުބަހެވެ. މި ނަލަ ސަންގޯރު ގޭގެ ފުރާޅު ފަންބައުވެގެން ފަންލާން އެއްދުވަހަކު ހުރިހައި ބަބުރުން އެއްވެއްޖެއްޔޭ. ދެން ފަންކޮށާލާފައި ފުރާޅުގައި ފަންލީ މަތިން ތިރިއަށެވެ. ފަންލައި އަވަދިވެގެން ގޭތެރެއަށް ވަންއިރު މިބައިމީހުންނަށް ތައްޔާރުކޮށްފައިހުރި ބަނބުކެޔޮލީ ބަތްޕެން ބޮޑު ދެތިން ތަށީގައި ހުއްޓެވެ. މިބައިމީހުން މިބަތްޕެން ބޯން އިށީންތަނާ ވާރޭގަނޑެއް ވެހިގެންފިޔޭ. ދެން އެންމެން އެންމެނަށް ބުނެފޫއޭ. ސަންގޯރުބޭ ސަންގޯރުބޭވޭ. މިވީ ކިހިނެތްތޯއޭ. ފަންލީ ފުރާޅުމަތީން ހައްތާ ފެނޭ. ސަންގޯރުބޭ ބުނުއްވައިފިޔޭ. ކުދީނޭވޭ. އެކަކު ނިދުރަ އެކަކު ނިދުރަޔޭ ދުނިޔެ ބަތްޕެންތައްޓޭ. މިބައިމީހުން ލައްބަޔޭ ބުނެފާ ބަތްޕެން ބޮއިގެން ނުކުމެގެން ހިނގައްޖެއޭ."

މި ވާހަކަ ކިޔާލާފައި ކާފައަށް ގުޅާފައި އިތުރު ތަފްޞީލެއް ލިބޭތޯ ބަލާލުމުން، އެ ވާހަކަ ނޭނގޭ ކަމަށް ބުންޏެވެ. އެހެންނަމަވެސް ޞަލާޙުއްދީން ވިދާޅުވިއްޔާ ތިޔަވާނީ ތެދުފުޅަކަށޭ ކާފަ ބުނީ ޔަޤީންކަމާއެކުގަ އެވެ. ކޮންމެވެސް ވަރަކަށް ސަންގޯރުގެ ވާހަކަ ދައްކަމުން ގޮސް، ކާފައާ މާ ގާތުން ސަންގޯރާ ތިމާގެ މީހުން މިއަދުވެސް ދުނިޔޭގައި އެބަތިބިކަމަށް ބުނެތްޕެވެ. ހަނދާނަށް އައީ އެ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ސަޢުދު ޢަބްދުލްކަރީމު ލިޔުއްވާފައިވާ ވާހަކަ އެވެ. ފެރިދޫއަށް ސަންގޯރު، ހިމަންދޫއަށް ބިލާލު، މާޅޮހަށް މަރުޖާނު ފޮނުވާލިވާހަކަ އެވެ. މި ތިން މީހުންނަކީ އައްސުލްޠާން މުޙައްމަދު މުއީނުއްދީނު 1 ގެ ރަސްކަމުގައި އެފްރިކާއިން ބައްލަވައިގަނެގެން ގެންނެވި 3 އަޅުބަބުރުން ކަމަށް ބުނެވެ އެވެ. އަދި ފެރިދޫގައި ދެމި އޮތީ ސަންގޯރުގެ ދިވެހި ބަނޑުގެ ދަރިފަސްކޮޅުކަމަށް ސަޢުދު ވިދާޅުވެ އެވެ. މިއީ ފެރިދޫއަށް ބަބުރުން އައި ގޮތާމެދު ދެކެވޭ ވާހަކަތަކުގެ ތެރެއިން، ވާރުތަ ވަމުން އަންނަ ރިވާޔަތެވެ.

އެހެން ބައެއް މީހުން ރާއްޖޭގެ ބަބުރު ނަސްލުގެ އާބާދީއާ ގުޅުވަނީ ހަދި ހަސަން ރަސްގެފާނުގެ ޒަމާނުގައި ހިންގި ހަމަނުޖެހުންތަކަށް ފަހު އަރުވާލިކަމަށް ބުނާ 70 ބަބުރުންނެވެ. ހަދި ހަސަން ރަސްގެފާނު ޙައްޖުވެވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތްކަމަށްވަނީ ހަތްދިހައެއްހާ އަޅު ބަބުރުން ގޮވައިގެން ކަމަށް ބުނެވެ އެވެ. އަދި ރަސްގެފާނުގެ މާ ގާތް ބަޔަކަށް މި މީހުން ހައްދަވައިގެން ގެންގުޅުއްވަނިކޮށް، އެއިން މީހަކު ކުށެއް ކުރުމުން އެކަން ކުށްވެރިކުރައްވައި އަލްޤާޒީ ޙަސަން ޝީރާޖީ ކުރެއްވި ޙުކުމާ ނުރުހުންވެވަޑައިގެން، ފަނޑިޔާރުމަނިކުފާނު ގައިގައި ކަފަބަނދެ ހުޅުޖެހިކަމަށް ވެ އެވެ. އެއަށްފަހު، ކޮންމެވެސް އިރެއްގައި މި އަޅު ބަބުރުންތައް ފެރިދޫއަށް އަރުވާލެވުނީ ކަމުގައިވެސް ބުނެވެ އެވެ. އަރިއަތިޅު އަރުމާދުގައި ރަދުން ފެރިދޫއަށް ފައިބާވަޑައިނުގެންނެވި ސަބަބުތަކުގެ ތެރޭގައި މިކަން ވުން އެކަށީގެންވާކަމަށްވެސް ބައެއް ދާރިސުން ބަހުޘު ކުރައްވަ އެވެ. އަދި މިހާދިސާ އާއި މި ބުނާ ސަންގޯރާއި މަރުޖާނާ ބިލާލާ ދެމެދު އޮންނަ ގުޅުމެއްވެސް އެހާ ސާފެއް ނޫނެވެ. ޔަޤީންވާ ކަމަކީ އެ ރަށުގައި އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުންދާ ތަރިކައެއްގެ ގޮތުގައި އެ ޒަމާނުގެ ބައެއް "ސަންގޯރުމެންގެ ދަތުރުނާމާ" ފަދަ ބައެއް ލަވަތަކާއި، މުސްކުޅިވެރިންގެ ހަނދާނުން ކިޔައިދޭ ވާހަކަތައް އަދިވެސް އިވޭކަމެވެ.

ކޮންމެއަކަސް ވިލާތުގެ ޤައުމުތަކުން ކުރި އަޅުވިޔަފާރީގެ މާލީ ބައިވެރިއަކަށް ދިވެހިން ނުވާކަމަކަށް ނުބުނެވޭނެ އެވެ. "ދިވެހިންގެ ތަރިކަ 13؛ ދިވެހި ވިޔަފާރި" މި ފޮތުގައި ޖޭމްސް ހޭމަންގެ "ދަ ކައުރީ ޓްރޭޑް" މި ފޮތާ ހަވާލާދެއްވައި ލިޔުއްވާފައިވާ ގޮތުން އޭރު އެފްރިކާއިން ހޯދާ އަޅުންގެ އަގަކީ 100 ރާތަލާއި 180 ރާތަލާއި ދެމެދުގެ ބޮލީގެ އަގެވެ. މިވެރިން މި ބޮލި ގަނެއުޅުނީ ދިވެހިންގެ އަތުންނެވެ. އެހެންނަމަވެސް، ދިވެހިންގެ ތެރޭގައި އެފްރިކާ އަޅުން ގެންގުޅުނު ކަމަކަށް މަޢުލޫމާތެއް ނުލިބެ އެވެ. އެހެންނަމަވެސް ޚާދިމުންގެ ގޮތުގައި ބައެއް ރަސްކަލުންނަށް "ހަދިޔާ ކުރެވޭ" އަޅުންނާއި "ގަންނަ" އަޅުން ގެންގުޅޭކަމަށް ބުނެވެއެވެ. ރަސްމަތިފުށު ބައެއް ތަސްވީރުތަކާއި ލިޔެކިޔުންތަކުގައިވާ ހަވާލާތަކުން މި ބުނުމަށް ބާރުދެ އެވެ.

އަހަރެންގެ މި ލިޔުމުގެ މަޤްޞަދަކީ އަހަރެންގެ ނަސަބުނާމާ ހާމަކުރުމެއް ނޫނެވެ. ދިވެހިންގެ ތެރޭ، ރަސްމަތިފުށު އާއިލާތަކަށް ނިސްބަތްވާ މީހުންނާއި ވަލީވެރިންގެ ޢާއިލާތަކުގެ ޢާއިލީ ގަސްތައް ކުރަހައި ޢާންމުކުރަން މީހުން ފަޚުރުވެރިވާ ނަމަވެސް، ބޭރުން ވަޒަންވެރިވެ ދިވެހި ފަސްގަނޑަށް ދިވެހިވީ އާއިލާތަކުގެ އާއިލީ ގަސްތައް ފެންނަނީ ހާދަ މަދުންނެވެ. ކުޑަ ހިތްވަރެއް ލާށެވެ. އަސޭކަރަ އާއި، އޮޅުދޫ ކަރައާއި، އިނގިރޭސިންނާއި ޕޯޗުގީޒުންނާ ގުޅުންހުރި މީހަކަށް ތިމާ ވުން އެކަށީގެންވެ އެވެ. ޖިއޮގްރަފީގެ ގޮތުން ރާއްޖެ އޮތީ އޭރުގެ ކަނޑުދަތުރުފަތުރު ކުރާ މީހުންގެ ބަނދަރެއްގެ ގޮތުގައި ކަމަށް ވީ ހިނދު، ދިވެހި ރާއްޖޭގެ ވަޒަންވެރިވީ ހަމައެކަނި ބުދިސްޓުންނާއި ހިންދޫންނެއް ނޫނެވެ. އެމެރިކާ "މެލްޓިން ޕޮޓަކަށް" ވުމުގެ ކުރިން، މާކުރިން، ދިވެހިން އޮތީ ސިންދަފާތު ބޮޑު، ޖަޒީރާ ޤައުމެއް، އެއް ބަހަކުން ވާހަކަ ދައްކާ އެއް ދީނަކަށް އަޅުކަންކުރާ، އެއް ސަރުކާރަކަށް ތަބާވާ ޤައުމަކަށް ހަދާފައިކަން ފަޚުރުވެރިކާމާއެކު ހަނދާންކޮށްލަންވެސް ދިރާސާކޮށްލާށެވެ.