Advertisement

މެގުއާ އަތުން ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ނަގާ ވާހަކަ ދޮގުކޮށްފި

19 ފެބުރުވަރީ 2022 - 06:37 0

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ (ކ) އާއި މެގުއާ.-- ފޮޓޯ: އޭއެފްޕީ


މެގުއާ އަތުން ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ނަގާ ވާހަކަ ދޮގުކޮށްފި

19 ފެބުރުވަރީ 2022 - 06:37 0

މެންޗެސްޓާ (ފެބްރުއަރީ 19) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ހެރީ މެގުއާ އަތުން ނަގައި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދޭން އުޅޭ ކަމަށް މީޑިއާގައި ފެތުރޭ ވާހަކަތައް ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ދޮގުކޮށްފި އެވެ.

އިނގިރޭސި ބައެއް ނޫސްތަކުން މިދިޔަ ދެތިން ދުވަހު ރިޕޯޓްކުރި އެއް ހަބަރަކީ މެގުއާ އަތުން ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ނަގައި ރޮނާލްޑޯ އަތަށް ދޭން އުޅޭ ވާހަކަތަކެވެ. އަދި އެއީ ޔުނައިޓެޑްގެ މެޖޯރިޓީ ކުޅުންތެރިން ވެސް ބޭނުންވާ ގޮތް ކަމަށް އެ ރިޕޯޓްގައިވެ އެވެ. އެހެން މީޑިއާ ރިޕޯޓެއްގައިވާ ގޮތުގައި ޔުނައިޓެޑްގެ ޗޭންޖިން ރޫމްގައި ރޮނާލްޑޯގެ ލީޑަޝިޕާ މެދު ޒުވާން ކުޅުންތެރިން ހިމެނޭ ގޮތަށް ގިނަ ސީނިއާ ކުޅުންތެރިން ހިތްހަމަޖެހޭތީ މެގުއާ ހުރީ އެކަމާ ހިތްހަމަނުޖެހިފަ އެވެ.

މީޑިއާގެ އެ ރިޕޯޓްތަކާ ބެހޭގޮތުން ރަންގްނިކް ބުނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ޔުނައިޓެޑްގެ ކޯޗުކަމާ އޭނާ ހަވާލުވެ، މިވީ މުއްދަތުގައި އެއްވެސް ވަރަކަށް ޓީމުގެ ކުޅުންތެރިންނާ އެކު ކެޕްޓަން ބަދަލުކުރުމުގެ ވާހަކައެއް ދައްކާފައިނުވާނެ ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ.

"ކެޕްޓަންގެ މައްސަލައެއް ނެތް. މެގުއާ އަކީ އަހަރެމެންގެ ކެޕްޓަން އޭނާ ހުންނާނީ ކެޕްޓަނެއްގެ ގޮތުގައި،" ރަންގްނިކް ބުންޏެވެ.

ރަންގްނިކް ބުނީ އޭނާ ބޭނުންވާ ސްޓައިލަށް ކުޅެގެން ޔުނައިޓެޑް މަޑުމަޑުން ރަނގަޅު މިސްރާބަށް ދާ މަންޒަރު އެބަފެންނަ ކަމަށާއި މި ވަގުތަށް އެންމެ މުހިންމީ ގާތްގާތުގައި ގިނަ މެޗުތަކަކުން މޮޅުވުން ކަމަށެވެ.

މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު ޔުނައިޓެޑުން މެގުއާ ގެނައީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގަ އެެވެ. އެއީ ލެސްޓާ ސިޓީ އަށް 80 މިލިއަން ޕައުންޑް (108 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. މެގުއާގެ ކިބައިން އެ އަގުގެ ޑިފެންޑަރުންގެ ފަރާތުން ފެންނަން ޖެހޭ ވަރުގެ ކުޅުމެއް ނުފެންނަ ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޯއީ ކީން ދެކޭ ގޮތުގައި މެގުއާ އަށް ޔުނައިޓެޑްގެ ކެޕްޓަންކަން ހަވާލުކުރާ އެކަށީގެންވާ ވަރަށް ބެލުމެއް ނެތި އެވެ.