Advertisement

މި ވަގުުތު ޔުނައިޓެޑް ވިސްނަން ޖެހޭނީ ގަދަ ހަތަރަކަށް އެކަނި: ރަންގްނިކް

15 ފެބުރުވަރީ 2022 - 08:42 0

ުޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް: އެ ޓީމުން ލީގުގައި ޓާގެޓްކުރަނީ ގަދަ ހަތަރަކަށް ކަމަށް ވަނީ ބުނެފައި.


މި ވަގުުތު ޔުނައިޓެޑް ވިސްނަން ޖެހޭނީ ގަދަ ހަތަރަކަށް އެކަނި: ރަންގްނިކް

15 ފެބުރުވަރީ 2022 - 08:42 0

މެންޗެސްޓާ (ފެބްރުއަރީ 15) - މި ވަގުތު ހާލަތުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ވިސްނަން ޖެހޭނީ ގަދަ ހަތަރަކާ މެދު އެކަނި ކަމަށް އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

ޔުނައިޓެޑް މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ އެ ޓީމަށް ވުރެ ފަހަތުގައި ދެން އޮތް ހަތަރު ޓީމަށް ވުރެ އިތުރަށް މެޗު ކުޅެގެންނެވެ. މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން މޮޅުވެގެން ޔުނައިޓެޑަށް ގަދަ ހަތަރަކަށް އެރޭނެ އެވެ.

ލީގުގެ ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 25 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި ޔުނައިޓެޑް އޮތީ 24 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް އާސެނަލަށް 22 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ވުލްވްސް އަށް ވަނީ 23 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް އަށް ވަނައިގައި އޮތީ 22 މެޗުން 36 ޕޮއިންޓާ އެކު އެވެ. އަދި ނުވަ ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ 23 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުުނު ތިން މެޗުގައި ވެސް ފުރަތަމަ ހާފުގައި ލީޑުނެގި އެެވެ. އެކަމަކު، އޭގެއިން އެއްވެސް މެޗަކުން މޮޅެއް ނުލިބެ އެވެ. މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި އެކަން ރަނގަޅުކޮށް ގަދަ ހަތަރެއްގެ ރޭހުގައި ހިންދެމިލެވޭވަރުގެ ނަތީޖާއެއް ނެރެން ޔުނައިޓެޑުން ބޭނުންވެ އެވެ.

"މި ވަގުތު މެންޗެސްޓާ ޔުނައިޓެޑުން ވިސްނަން ޖެހޭނެ ކަމަކީ ގަދަ ހަތަރެއްގައި ނިންމޭނެ ގޮތެއް ހޯދުން. އެއީ އަހަރެމެންނަށް ލީގުގައި ހާސިލްކުރެވެން އޮތް ކަމަކީ. ތެދެެއް، ޗެމްޕިއަންސް ލީގުގައި އަހަރެމެން އެބައޮތް. އެކަމަކު އެއީ ވެސް ފަސޭހަ މެޗެއް ނޫން (ދެ ވަަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާ ކުޅެން އޮތް މެޗު). ލީގުގައި ގަދަ ހަތަރެއް ނޫން ޓާގެޓެއް އަހަރެމެންގެ ނެތް،" ރަންގްނިކް ބުންޏެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 80 މިލިއަން ޕައުންޑަށް ގަތް މެންޗެސްޓާ ޔުނައިޓެޑުން މީގެ ތިން ސީޒަން ކުރިން ގަތް އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާގެ ކުޅުން ދަށްވެފައިވާއިރު، ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

މެގުއާ އަތުން ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ގެންގުޅެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރަންގްނިކް ބުނީ މި ވަގުތު އެ ފަދަ ވިސްނުމެއް ނެތް ކަމަށާއި މެގުއާ އަށް އިތުބާރު އެބައޮތް ކަމަށެެވެ.

ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 2009 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ލެވަލްގައި ޖެހިޖެހިގެން ހަ މެޗު ގޯލެއް ނުޖެހި ނިމިފައިވާއިރު، ރަންގްނިކް ބުނީ ރޮނާލްޑޯގެ ކޮންފިޑެންސް އަދިވެސް ހުރީ ރަނގަޅު ލެވަލްގައި ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ރޮނާލްޑޯ ގޯލު ޖަހާނެ ކަމަށެވެ.

ޔުނައިޓެޑާއި ބްރައިޓަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:15 ގަ އެެވެ.