Advertisement

ޔުނައިޓެޑަށް ފޯވާޑެއް ގަންނަންޖެހޭ: ރަންގްނިކް

12 ފެބުރުވަރީ 2022 - 06:59 1


ޔުނައިޓެޑަށް ފޯވާޑެއް ގަންނަންޖެހޭ: ރަންގްނިކް

12 ފެބުރުވަރީ 2022 - 06:59 1

މެންޗެސްޓާ (ފެބްރުއަރީ 12) - އަންނަ ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުރަން ޖެހޭނެ އެންމެ މުހިންމު އެއް ކަމަކީ ފެންވަރު ރަނގަޅު ފޯވާޑެއް ގަތުން ކަމަށް އެ ޓީމުގެ ވަގުތީ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި މޮޅެއް ނުލިބުނު އެންމެ ބޮޑު ސަބަބަކީ ލިބުނު ފުރުސަތުތަކުގައި ގޯލެއް ނުޖެހުމެވެ. އެފްއޭ ކަޕްގައި ޕެނަލްޓީ ޖަހައިގެން ދެ ވަނަ ޑިވިޝަނުގެ މިޑްލްސްބަރާ އަތުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިިވިއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަނުގައި އޮތް ބާންލީ ދަނޑުގައި އެ ޓީމާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ލީގުގައި މިއަދު ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރަންގްނިކް ބުނީ ޔަގީނުން ވެސް އަންނަ ސީޒަަނަށް ޔުނައިޓެޑުން ފެންވަރު ރަނގަޅު ފޯވާޑެއް ހޯދަންޖެހޭ ކަމަށެވެ.

"ކަވާނީގެ ކޮންޓްރެކްޓް ހަމަވާނެ މި ސީޒަން ނިމުމުން. ދެން ހުރި އެހެން ކަންތައްތަކަށް ބަލާއިރު ޔަގީނުން ވެސް އާ ފޯވާޑެއް ހޯދަން ޖެހޭނެ. ހަމައެކަނި ފޯވާޑެއް ނޫން، ލިބެން ހުރި އެންމެ ރަނގަޅު ފޯވާޑް ގެންނަން މަސައްކަތް ކުރަން ޖެހޭނީ،" ރަންގްނިކް ބުންޏެވެ.

ރަންގްނިކް އަކީ އޭނާ ހުރި ކްލަބްތަކަށް ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމުގައި ތަފާތު ދައްކާފައިވާ ސްޕޯޓިން ޑިރެކްޓަރެކެވެ. ރަންގްނިކްގެ އެހީ ހޯދައިގެން ޔުނައިޓެޑުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގެންނަން މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތެެވެ. މީގެ ކުރިން 2019 ވަނަ އަހަރު ރެޑްބުލް ސަލްޒްބާގަށް ހާލަންޑް ގަންނަން މެދުވެރިއެއްގެ ރޯލު ކުޅުނީ ރަންގްނިކް އެވެ.

ޔުނައިޓެޑުން ފޯވާޑެއް ގަންނަން ޖެހޭ ކަމަށް ރަންގްނިކް ބުނި އަނެއް ސަބަބަކީ ލޯން އެއްބަސްވުމެއްގެ ދަށުން ސެވިއްޔާ އަށް ދޫކޮށްލި އެންތަނީ މާޝިއަލް، ދާއިމީ ކޮންޓްރެކްޓެއްގައި މި ސީޒަން ނިމުމުން ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު އޮތުމާއި ގެވެށި އަނިޔާއެއްގެ މައްސަލައިގައި ތާށިވެފައިވާ މޭސަން ގްރީންވުޑްގެ ފުޓްބޯޅަ ކެރިއަރު ދެން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިދާނެތޯ ސުވާލު އުފެދިފައި އޮތުމުންނެވެ.

މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރި ރަންގްނިކް ދެން ހަވާލުވާން ނިންމާފައި އޮތީ ޔުނައިޓެޑްގެ އެޑްވައިޒަރީ ރޯލަކާ އެވެ. އެކަމަކު، ކޯޗަކަށް އޭނާ ހުންނަ މުއްދަތު އިތުރު ކުރުމުގެ އިހުތިޔާރު ވެސް ޔުނައިޓެޑްގެ ބޯޑަށް އެބައޮތެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ރަންގްނިކް ކޯޗަކަށް ހުންނަ މުއްދަތު އިތުރު ނުކުރާނެ އެވެ. ޔުނައިޓެޑުން ފާރަލަމުން އަންނަ ކޯޗުންގެ ލިސްޓުގައި ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ސްޕެއިން ގައުމީ ޓީމާ ހަވާލުވެ ހުރި ލުއިސް އެންރީކޭ ހިމެނެ އެވެ.

ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެންރީކޭ ގެންނަން ބޭނުންވެއްޖެނަމަ އެކަން ކުރެވެން އޮތީ އަންނަ އަހަރު ފެށެންދެން ރަންގްނިކް މަގާމުގައި ބަހައްޓައިގެންނެވެ. ކުރިން ރޯމާ އާއި ބާސެލޯނާ އަށް ކޯޗުކޮށްދިން އެންރީކޭ ސްޕެއިން ގައުމީ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވެނީ މި އަހަރު ނޮވެމްބަރު/ޑިސެމްބަރުގައި ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަަޕަށް ފަހު އެވެ.

ޔުނައިޓެޑާއި ސައުތެމްޓަން ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 17:30 ގަ އެވެ.