Advertisement

ދޮޅު އަހަރަށް ފަހު ބެއިޖިންގައި ކޮވިޑްގެ އާ ރެކޯޑެއް

1 ފެބުރުވަރީ 2022 - 05:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބެއިޖިންގައި ވިންޓާ އޮލިމްޕިކްސް ފަށަން އޮތީ އެންމެ ފަސް ދުވަސް. -- ފޮޓޯ: ރޮއިޓާޒް


ދޮޅު އަހަރަށް ފަހު ބެއިޖިންގައި ކޮވިޑްގެ އާ ރެކޯޑެއް

1 ފެބުރުވަރީ 2022 - 05:42 0

ވިންޓާ އޮލިމްޕިކްސް ފަށަން އެންމެ ފަސް ދުވަހަށް ވެފައި ވަނިކޮށް، ބެއިޖިންގައި ދޮޅު އަހަރަށް ފަހު ރެކޯޑް އަދަދަށް ކޮވިޑް ކޭސްތައް މަތިވެއްޖެ އެވެ.

ވިންޓާ އޮލިމްޕިކްސް ބާއްވާނީ ބެއިޖިންގައި އެކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ "ބަބްލް"އެއްގެ ތެރޭގަ އެވެ. ޗައިނާއިން ގެންގުޅޭ "ޒީރޯ ކޮވިޑް" ސިޔާސަތާ ހެދި، އެ ގައުމުގެ ކޭސްތަކުގެ އަދަދު އެހެން ގައުމުތަކަށް ވުރެ މަދެވެ.

އެހެން ނަމަވެސް، ބެއިޖިން އާއި އިތުރު އެހެން ސިޓީތަކުން ވެސް ކްލަސްޓާތައް ފާހަގަވަމުންދާ އިރު، އޮލިމްޕިކް ބަބްލް ތެރެއިން ވެސް ކޭސްތަކެއް ވަނީ ފެނިފަ އެވެ.

ކުރިއަށް އޮތް ޗައިނާގެ އާ އަހަރާ ދިމާކޮށް، އެތައް މިލިއަން ބަޔަކު އާއިލާއާ އެކު ވަގުތު ހޭދަކުރަން އެކި ސަރަހައްދުތަކަށް ދަތުރު ކުރާނެ ކަމަށް ބެލެވޭތީ، ބަލި ކޮންޓްރޯލް ކުރަން އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ.

އާދީއްތަ ދުވަހު ބެއިޖިން އިން ކޮވިޑްގެ 20 ކޭސް ފެނުނެވެ. ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) ގެ ތަފާސްހިސާބު ދައްކާ ގޮތުން އެއީ ޖޫން 2020 ވަނަ އަހަރަށް ފަހު ރެކޯޑެކެވެ.

ސިޓީގެ ކަމާ ބެހޭ އިދާރާތަކުން ބައެއް ހިސާބުތައް ލޮކްޑައުންކޮށްފައިވާ އިރު، އެންމެ ގިނަ ކޭސް ފެނުނު ފެންގްޓައި ޑިސްޓްރިކްޓިގެ ދެ މިލިއަން މީހުން ޓެސްޓު ކުރުން ދަނީ ކުރިއަށެވެ.

ވިންޓާ އޮލިމްޕިކްސްއާ ދިމާކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގާއިމްކުރި ބަބްލްގައި ދިރިއުޅޭ މީހުންނާއި އެ ސިޓީގެ އެހެން މީހުންނާ އެއްވެސް ކޮންޓެކްޓެއް ނޯވެ އެވެ. ނަމަވެސް އެ ބަބްލްގެ ތެރޭގައި ދިރިއުޅޭ 60،000 މީހުން ކޮންމެ ދުވަހަކު ވެސް ބައްޔަށް ޓެސްޓު ކުރެ އެވެ.

އާދީއްތަ ދުވަހު، މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ ބަބްލްގެ ތެރެއިން އިތުރު 34 ކޭސް ފެނިފައިވާ ކަމަށެވެ. ޖެނުއަރީ ހަތަރު ވަނަ ދުވަހު ގާއިމްކުރި ބަބްލްގެ ތެރެއިން 200 އަށް ވުރެ ގިނަ ކޭސް މިހާތަނަށް ފެނިފައިވެ އެވެ.

ބަބްލްގެ ތެރެއިން އަލަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނޭ 16 މީހުންނަކީ މުބާރާތުގައި ބައިވެރިވުމަށް އެހެން ގައުމުތަކުން ބެއިޖިންއަށް އެތެރެވެ، ޓެސްޓުކޮށް ޕޮޒިޓިވް ނަތީޖާ ލިބުނު އެތްލީޓުން ނުވަތަ ޓީމް އޮފިޝަލުންނެވެ.

އެންއެޗްސީން ބުނީ އާދީއްތަ ދުވަހު މުޅި ޗައިނާއިން ރިޕޯޓު ކުރީ 54 ކޭސް ކަމަށެވެ. މިހާރު އެންމެ ބޮޑަށް ފާހަގަވާ ދެ ސަރަހައްދަކީ އިރުމަތީގައި އޮންނަ މުއްސަނދި ހަންގްޒައު ސިޓީ އާއި އިރު އުތުރުގައި އޮންނަ ސުއިފެންހޭ ސިޓީ އެވެ.