Advertisement

ޔޫސުފު މުޙައްމަދު ފުޅުގެ ބައެއް ތަރުޖަމާ ލަވަތަކަށް އަވަސް ކަޅިއެއް

21 ޖަނަވަރީ 2022 - 10:07 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

މަޝްހޫރު ޅެންވެރިޔާ ޔޫސުފް މުޙައްމަދު ފުޅު --އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު


ޔޫސުފު މުޙައްމަދު ފުޅުގެ ބައެއް ތަރުޖަމާ ލަވަތަކަށް އަވަސް ކަޅިއެއް

21 ޖަނަވަރީ 2022 - 10:07 2

ވަރަށް ކުޑައިރު ޓީވީން ފެންނަ ލަވައެކެވެ. ހަނދާން ބަލިކަމުގައި ނުވާނަމަ، މަޝްހޫރު ލަވަކިޔުންތެރިޔާ ފާޠިމަތު ރައޫފުގެ އަޑުން އިވޭ ހިތްގައިމު ލަވައެކެވެ. ފެންނާނީ ޒުވާން އަންހެން ކުއްޖަކު ވަރަށް އުފާވެފައި ހުރެ، އޭނާގެ ޝުޢޫރުތައް ބަންޑުން ކުރަމުން ދާ މަންޒަރެވެ. ކޮންމެސް މީހަކު އަންނާތީ އޭނާއަށް ވަމުންދާ އިހުސާސްތަކުގެ ވާހަކަ އެވެ. ޖައްވާއި ވައި އޭނާ އާއެކު އެ މީހަކަށް ކުރާ އިންތިޒާރުގެ ވާހަކަ އެވެ. އޭރުގެ ސާދާ ދިވެހި ބަހުން ކިޔައިދޭ މި އިހުސާސްތައް، ފެންނަ މަންޒަރާ، ރާގާ ގުޅި ލާމެހިގެންދާ ހިނދު ބަލަން އިންނަ މީހާއަށްވެސް އުފާވެރިކަން ގެނުވައެވެ. މަޝްހޫރު ޅެންވެރިޔާ ޔޫސުފް މުޙައްމަދު ފުޅު އެ އިހުސާސްތައް ޅެންބަހުރުވައިން ފާޅުކުރައްވަނީ މި ގޮތަށެވެ.

"ކާކު އައިމާހެ މި ރޯނާވެ ހިތަކު ބާރު ނެތީ

ގެއްލި ތާޒާ ނިދި ހޯދޭނެ ލޮލަކު ބާރު ނެތީ... ކާކު އައިމާހެ..."

ކުއްލިއަކަށް ހިތަށް އެރީ ލަވައިގެ އަސްލު ހިންދީ ލަވައިގައި ކިޔާ އެއްޗެއް އަޑުއަހާލުމަށެވެ. މާނަ އެއްގޮތްކަމުން ކޮންމެވެސް ވަރެއްގެ ސިހުމެއް އައެވެ. އިސްވެ ދެންނެވި ލަވަޔާ ދިމާވާ ހިންދީ ލަވަ، "ކޯން އާޔާކި ނިގާހޯމެ ޗަމަކް ޖާގް އުތީ" ގައި އެ ކިޔާ އެއްޗެއް އަޅުގަނޑަށް ވީ މިންވަރަކުން ތަރުޖަމާކޮށްލެވޭތޯ މަސައްކަތްކޮށްލާނަމެވެ.

"ދެލޮލަށް ވިދުވަރެއް އެ ގެނުވީ ކާކު އައިމާ ހެއްޔެވެ؟

ނިދާފައި އޮތް މަގޭ ހިތުގެ "ނަރުތަކުން" ރާގެއް އެ އިއްވީ ކާކު އައިމާ ހެއްޔެވެ؟

އެހެން ނަމަވެސް ދެ ލަވައިގެ ޖުމުލަ މާނަކުރުންތައް އެއްގޮތް ކޮށްފައިވާ އިރު އެއްވެސް ކޮށިކަމެއް ނެތްކަމުން އުފާވިއެވެ. ކޮންމެވެސް ވަރަކަށް ލަވަ ހަދާ އުޅޭ މީހެއްކަމުން، ތަރުޖަމާ ލަވައެއް، އެއް ވަޒަނަކަށް، އެއް ރާގަކަށް، އެބަހެއްގައި ޅެން ހަދާން އޮންނަ އުޞޫލަށް ފައްތައިގެން، މާނަ އޮޅުން ބޮޅުން ނުވާހެން ހެދުމަކީ ފަސޭހަ ކަމެއް ނޫންކަން ދަންނަމެވެ. ދެވަނަ ކަޑިއަށްވެސް ބަލާލީމެވެ.

"އަންނަ އޭނާގެ ޚަބަރު ވައިގެ ތެރޭގާވާތީ

އެންމެ ނާރެއްމި ނުދެކެމޭ އެ ހިމޭނުން ވާތީ

ރޫޙު ފޮޅިދާންފެށީ... ނޭވާގެ ކޮޅަކު ބާރު ނެތީ"

ހިންދީ ލަވައިގެ ހަމަ އެ ކަޑީގައި ބުނަނީ ކީކޭތޯ ބަލާލަމާތޯއެވެ.

"އަންނަ މީހާގެ ޚަބަރާއެކު ވައި ރޯޅި އަތުވެއްޖެއެވެ.

ހަށިގަނޑުން މާތައް ފޮޅޭ އަޑު އިވެން ފަށައިފިއެވެ.

އަދި އަހަރެންގެ ރޫޙު "ފޮޅި" އޭގެ މީރު ވަހުން ނޭވާވެސް ހޭލައްވައިފިއެވެ."

ފަތްތޫރައިގެ 385 ވަނަ ޢަދަދުގައި، (އެޕްރިލް 2012)، މުޙައްމަދު ވަހީދު (މަޑުލު) ތަރުޖަމާކުރުމާ ބެހޭ ގޮތުން ލިޔުއްވާފައިވެ އެވެ. "ތަރުޖަމާކުރުމުގައި އަޅުގަނޑު ގިރާކުރާ ތިން ހަރުފަތެއް އޮވެއެވެ. އެއީ ބޭރު ބަހަކުން ބުނެފައިވާ އެއްޗެއް ކިޔައި އުޅުމެވެ. ދެވަނަ ހަރުފަތަކީ އެ އެއްޗެހީގައި ބުނާ މާނަ ދެނެގަތުމެވެ. ތިން ވަނަ ހަރުފަތަކީ އެ މާނަ ދިވެހި ބަހުން ބުނާ ގޮތަށް ލިޔުމެވެ." ޔޫސުފް މުޙައްމަދު ފުޅުގެ މަތީގައި މި ދެންނެވި ލަވައަށް ބަލާލުމުން، މި ސިފަތައް ސާފުކޮށް ފެންނާނެ އެވެ. މީގެ އިތުރުން ދިވެހި ވެއްޓާ ނުގުޅޭ ވާހަކަތައް "ދިވެހި" ކުރައްވާފައިވާ ގޮތްތައްވެސް ސާފުވާނެ އެވެ.

އެހެން ލަވައަކަށް ބަލާލަމާތޯ އެވެ. ވަރަށް މަޝްހޫރު ހިންދީ ރާގެކެވެ. "ކަބީ ކަބީ މެރެ ދިލްމޭ، ޚަޔާލު އާތާހޭ" މި ލަވައިގެ ރާގަށް، ހައްދަވާފައިވާ ދިވެހި ލަވައެކެވެ. ގާތްގަނޑަކަށް އަކުރުން އަކުރަށް ކުރައްވާފައިވާ މި ތަރުޖަމާގައިވެސް، ތަރުޖަމާއެއްގެ ކޮށިކަމެއް ނުފެނެ އެވެ. ޅެންވެރިޔާ އެ ޚިޔާލު އަމިއްލަ ކުރައްވާފައިވަނީ އެހާވެސް ފުރިހަމައަށެވެ. ހިންދީ ލަވައިގެ އިތުރު ތަޢާރަފެއް، ތަރުޖަމާއެއް ބޭނުންވާނޭކަމަކަށް ނުދެކެމެވެ. އެހެންކަމުން އެ ލަވައިގެ ދިވެހި ތަރުޖަމާގެ މައިގަނޑު އަދި ފުރަތަމަ ކަޑި ނައްސުކޮށްލާނަމެވެ.

"ހިނދުން ހިނދަށް މުޅި ހިތުގާ، ޚިޔާލު އާލާވޭ

ތިބާ އުފެދިފާ، އެވާނީ މަގޭ ނަސީބުގައޭ

ފަލަކުގެ ދުނިޔޭން ވިޔަސްހެދޭ ޢުމްރު މީގެ ކުރިން

ތިބާ ބިމަށް ދެން، ފޮނުއްވީ މަގޭ ނަސީބުގައޭ

ހިނދުން ހިނދަށް މުޅި ހިތުގާ، ޚިޔާލު އާލާވޭ

ވިދާލޮލާ ތިޔަ ޖިސްމީ މަގޭ އަމާނަތެކޭ

ހިމޭން ލަޠީފީ ގުނަންތައް މި ޙައްޤުގާ ވާއިރު

ދެ ތުންފަތާ ފަރިމޫނާ، މި ވެސް އަމާނަތެކޭ"

ރާގަށް ކިޔާލާއިރު، ހިންދީ ލަވައިގައި ދެމޭ ކޮންމެ ފިއްޔަކަށް ދިވެހި ލަވައިގައިވެސް ދެމޭ ފިއްޔެއް ހިމަނުއްވާފައިވެ އެވެ. ތަރުޖަމާއަށް ބުރޫނާރާނޭ މިންވަރުން ނިންމުންތައް އެއްގޮތްކުރައްވާފައިވެ އެވެ. އެންމެ ހިތްގައިމީ ހިންދީ ލަވައިގައި އެވާ ކޮންމެ ފޮޅުވަތަކަށް ހަމަ، އެ މާނަ ނިކުންނަ، އެހާ ފަށުވި ފޮޅުވަތެއް އަމުނުއްވާފައިވާއިރު، ހިންދީ ލަފުޒުތަކުގެ ތެރެއިން "ދިވެހިނުވާ" ލަފުޒު ބޭނުންކުރައްވާފައިނުވާކަމެވެ.

އަނެއްކާވެސް އެހެންލަވައެކެވެ. ހަމަ ޔޫސުފު މުޙައްމަދު ފުޅުގެ ރަން ގަލަމެވެ. އެހެން ނަމަވެސް ކުރިން މި ދެންނެވި ލަވަތަކާ ޚިލާފަށް، މި ފަހަރުގެ ތަރުޖަމާ އަމިއްލަ ކުރައްވާފައިވަނީ، ހިންދީ ލަވައިގެ ކޮންޓެކްސްޓާ ދިވެހި އާދަކާދައާ ފުށުއަރާކަން ދެނެވަޑައިގެން، ކޮންޓެކްސްޓު ބަދަލުކޮށްލެއްވުމަށްފަހުގަ އެވެ. ނަވާރަ ސަތޭކަ ހަތްދިހަ އެއް ވަނަ އަހަރު ބޮލީވުޑްގައި ރިލީޒް ކުރި މަޝްހޫރު ފިލްމު "ހާތީ މެރަ ސާތީ"ގެ ލަވަ "ނަފްރަތުކީ ދުނިޔާ ކޯ ޗޯޑް" އެވެ. ދިވެހި ލަވައިގެ މައިގަނޑުގައި ވެއެވެ.

"ނަފުރަތުވީ ދުނިޔޭގާ ނޫޅެ ތިޔަ ޚިޔާލުގެ ދުނިޔޭގާ

ހެވިދާށެނާ! މަގެ ޔާރު!

ފަސްދޭށެ މި ސަހަރާގާ ނޫޅެ ތިޔަ މުއްސަނދި ލޯބީގާ

ޞަބްރު ކުރޭ މަގެ ޔާރު!"

އެކުވެރިއެއްގެ ވާހަކައެވެ. އަނިޔާވެރި މި ދުނިޔެ ދޫކޮށް އުފާވެރިކަމާއި ލޯބީގެ ދުނިޔޭގައި ހިނިތުންވެލަން ކުރާ އިލްތިމާހެކެވެ. ހިންދީ ލަވައިގެ މައިގަނޑުގައިވެސް ދައްކަނީ އެއް ވާހަކައެކެވެ. އެހެންނަމަވެސް އެ ލަވައިގައި ނިސްބަތްކުރަނީ ފިލްމުގެ ބަޠަލުގެ އެކުވެރި އެތަކަށެވެ. އިންސާނަކަށް ނޫނެވެ. އެހެންނަމަވެސް ތަރުޖަމާ ކޮށްފައިވާއިރު، ހިންދީ ލަވައިގެ ޖުމުލަ މާނަ ބޭނުންކުރައްވާފައިވާ ނަމަވެސް، ދިވެހި ބަހުން އެއީ އިންސާނަކަށް ނިސްބަތްކޮށް ދައްކާ ވާހަކަތަކެކޭ ސިފަކުރެވޭ ގޮތަށް ޅެންވެރިޔާ ލަވަ ހައްދަވާފައިވެއެވެ.

މި ފަދަ އެތައް ތަރުޖަމާ ޅެމެއް، ޔޫސުފް މުޙައްމަދު ފުޅުގެ ޅެންފޮތްތަކުން ފެންނާން އެބަހުއްޓެވެ. "ފުލޯކު ދި އިންޓަރނޭޝަނަލް" ސީރީޒްއިން މަޝްހޫރުވި "ނުނިދޭނެހާ ސަޒާދީ" އަދި "ހީނލަނީ އަޑުއަހާ" ފަދަ ލަވަތަކަކީވެސް އޭގެ ހިންދީ ލަވަތަކާ އެއްގޮތް މާނަތަކެއްގެ މައްޗަށް ގައްތަވާފައިވާ ޅެންވެރިކަން ފެންނަ ލަވަތަކެވެ.

ކުރިންވެސް ދެންނެވި ފަދައިން މިއީ އަވަސް ކަޅިއެކެވެ. ތަރުޖަމާ ޅެންވެރިކަމުގެ މައްޗަށެވެ. އެންމެ ޅެންވެރިއެއްގެ ދެތިން ލަވައަކުން މިސާލު ނަގައިގެންނެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި އަލްމަރުޙޫމް ޔޫސުފު މުހައްމަދު ފުޅަށް ޚާއްޞަ ފަންނެއް ނޫނެވެ. އޭރާއި މިހާރުގެ އެތައް ޅެންވެރިންނެއް މި އުކުޅު، ކުޅަދާނަކަމާއެކު ބޭނުންކުރެ އެވެ. އޭރަކީ ކޮޕީ ރައިޓުގެ ޒަމާން ނޫންކަމުން، މި ފަދަ ޅެންވެރިކަމުގައި ހަވާލާ ދޭކަށް އޭރަކު ނުޖެހެއެވެ. އެހެންނަމަވެސް މިހާރު، މި ފެންވަރުގެ ތަރުޖަމާ ތަކަށް ހަވާލާވެސް ދޭން ޖެހެ އެވެ.

އަޅުގަނޑުގެ މި ލިޔުމުގައި އެމަނިކުފާނުގެ މި ފަދަ ޅެންތަކަކަށް އެކަނި ނަޒަރު ހިންގާލި ކަމުގައިވިޔަސް، އެ މަނިކުފާނަކީ، ޅެންވެރިކަމުގެ ދާއިރާގައި "މުވައްސަސާ"އެކޭވެސް ދެންނެވިދާނެ އެވެ. މަދަހަ، ޤައުމީ، ފަލްސަފީ، އަދަބީ، ދީނީ، އަދި ލޯބީގެ މަޝްހޫރު އެތައް ޅެމެއް އެ ބޭފުޅެއްގެ ސިކުނޑިން އުފަންކުރައްވާފައިވާ، ކުޅަދާނަ ޝާޢިރެކެވެ. މިއަދުގެ އެތައް ޅެންވެރީންނެއް ތަމްރީނު ކުރައްވައި، ދިވެހި އަދަބީ ގުލްޝަން، އެ ބޭފުޅަކަށް ދަރަނިވެރިވެފައިވާ މުދައްރިސެކެވެ.