Advertisement

ސްވިޑަންގެ ނިޔުކްލިއާ ޕްލާންޓްތައް މަތިން ޑްރޯން ދުއްވި މައްސަލަ ބަލަނީ

18 ޖަނަވަރީ 2022 - 09:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްވިޑަންގެ ތިން ނިޔުކްލިއާ ޕްލާންޓެއް މަތިން ޑްރޯން ދުއްވި ކަމަށް ޖާސޫސީ އިދާރާއިން ބުނޭ. -- ފޮޓޯ: އޭއެފްޕީ


ސްވިޑަންގެ ނިޔުކްލިއާ ޕްލާންޓްތައް މަތިން ޑްރޯން ދުއްވި މައްސަލަ ބަލަނީ

18 ޖަނަވަރީ 2022 - 09:26 0

ސްޓޮކްހޯމް، ސްވިޑަން (ޖެނުއަރީ 17) - ފާއިތުވި ހަފްތާ ބަންދުގައި ސްވިޑަންގެ ނިޔުކްލިއާ ހަކަތަ އުފައްދާ ޕްލާންޓުތައް މަތިން ޑްރޯން ދުއްވި މައްސަލަތަކެއް ފާހަގަވެ، ޖާސޫސީ އިދާރާއިން ތަހުގީގެއް ފަށައިފި އެވެ.

ސްވިޑިޝް ސެކިއުރިޓީ ސާވިސް (ސާޕޯ) އިން ނެރުނު ބަޔާނެއްގައި ބުނީ މައްސަލަިގެ ތަހުގީގު ފެށީ ފުލުހުން ނަމަވެސް، ތަހުގީގާ މިހާރު ހަވާލުވެފައި ވަނީ އެ އިދާރާއިން ކަމަށެވެ.

އެގޮތުން ތިން ޕްލާންޓެއްގެ މަތިން ޑްރޯން ދަތުރު ކުރި ކަމަށް ބަޔާނުގައި ވެ އެވެ. އެއީ ފޯސްމާކް، ރިންގަލްސް އަދި އޮސްކާސްމަންސް ނިޔުކްލިއާ ހަކަތަ އުފައްދާ ޕްލާންޓުތަކެވެ.

ފޯސްމާކް އަކީ ސްޓޮކްހޯމްއާ 140 ކިލޯމީޓަރު އުތުރުން ހުންނަ ޕްލާންޓެކެވެ. އަނެއް ދެ ޕްލާންޓް ހުންނަނީ ސްވިޑަންގެ އެންމެ ދެކުނުގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ބުނީ ނިޔުކްލިއާ ޕްލާންޓުތައް މަތިން ޑްރޯން ދަތުރު ކުރި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ.

ނިޔުކްލިއާ ފެސިލިޓީތަކެއް ކައިރިއަށް ޝައްކު ކުރެވޭ އުޅަނދުތަކެއް ގޮސްފައި ވާތީ، މައްސަލައިގެ ތަހުގީގު ސާޕޯގެ ދަށަށް ގެންދަން ނިންމީ ކަމަށް ބަޔާނުގައި ވެ އެވެ،

އެފްޓޮންބްލެޑެޓް ނޫހުން ރިޕޯޓު ކުރި ގޮތުގައި ސްވިޑަންގެ ޕާލިމެންޓް އަދި ސަރުކާރުގެ އިމާރާތްތަކާއި ސްޓޮހްހޯމްގެ މެދުގައި ހުންނަ ޝާހީ ގަނޑުވަރު ކައިރިން ވެސް ޑްރޯން ފެނުނެވެ.

ނަން ހާމަ ނުކުރާ މަސްދަރަކާ ހަވާލަދީ އެ ނޫހުން ބުނީ ސްޓޮކްހޯމުން ފެނުނު ޑްރޯންއަކީ އާދައިގެ ކުޑަ ޑްރޯންއެއް ނޫން ކަމަށާއި އެއީ ބޮޑު ފިޔަލާފައި ހުރި އަސްކަރީ ޑްރޯނެއް ކަމަށެވެ.

މީގެ ކުރިން ފްރާންސްގެ ނިޔުކްލިއާ ޕްލާންޓަކަށް ގްރީންޕީސް އިން ވެސް ޑްރޯނެއް ފޮނުވި އެވެ. ސުޕަމޭން ގޮތަށް ތައްޔާރުކޮށްފައިވާ އެ ޑްރޯން 2018 ވަނަ އަހަރު ފޮނުވީ ނިޔުކްލިއާ ޕްލާންޓްތަކަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަކީ ކިހާ ފަސޭހަކަމެއްކަން ހާމަކޮށްދިނުމަށެވެ.

އޭގެ ފަހުން 2014 އަދި 2015 ވަނަ އަހަރު ވެސް ފްރާންސްގެ ނިޔުކްލިއާ ޕްލާންޓްތައް ކައިރިން ޑްރޯން ފެނުނެވެ. ނަމަވެސް އެ ޑްރޯންތަކާ ގްރީންޕީސްއާ ގުޅުމެއް ނެތް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.