Advertisement

ކޮލަމް: ބާރުގެ ލައްޒަތުން އިޚުލާސްތެރި ހިތްތައް ތަޣައްޔަރުކުރީމާ އުއްމީދަށް އޮތީ ކޮން މުސްތަޤުބަލެއް؟

12 ޖަނަވަރީ 2022 - 11:08 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ކޮލަމް: ބާރުގެ ލައްޒަތުން އިޚުލާސްތެރި ހިތްތައް ތަޣައްޔަރުކުރީމާ އުއްމީދަށް އޮތީ ކޮން މުސްތަޤުބަލެއް؟

12 ޖަނަވަރީ 2022 - 11:08 2

އަހަރަމެން ފަށާ ތަޢުލީމު ހޯދަމުންދިޔަ ދުވަސްވަރު "އެނިމަލް ފާމް" އޭ ކިޔާ ކާޓޫނެއް ޓީވީން ހަވީރު ފެންނާނެ އެވެ. އެއީ ރަޝިޔަން ރިވަލޫޝަނަށް ފާޑުކިޔައި ޖޯޖް އޯވެލް ލިޔުއްވާފައިވާ "އެނިމަލް ފާމް" ވާހަކައިގެ ކާޓޫނެވެ. އޭރު އެ ހުރިހާ ތަފުޞީލެއް އަހަރުމެންނެއް ނުދަންނަމު އެވެ. އެހެންނަމަވެސް ސްނޯބޯލް އާއި ނަޕޯލިއަން، އެ މީހުންގެ ފާމްގެ ޖަނަވާރުތަކަށް، ނުލަފާ އިންސާނެއްގެ ކިބައިން މިނިވަންކަން ހޯދައިދިނުމަށްފަހު، ވެރިކަން ލިބުމުން، ދެން ކަންތައް ވެގެންދާގޮތް އޭރުވެސް، އަހަރެމެންގެ ޅަ ސިކުނޑިތަކަށް ފަހުމުވި އެވެ. ހުރިހާ ޖަނަވާރެއްވެސް އެއީ ހަމަހަމަ ތަކެތިކަމުގައި ބުނަމުން ފެށި އިންޤިލާބުގެ ވަކި ހިސާބަކަށް ދިޔައިރު އެ ޝިޢާރު ބަދަލުވެގެންދަނީ، ހުރިހާ ޖަނަވާރަކީވެސް ހަމަހަމަ ޖަނަވާރެވެ. އެހެންނަމަވެސް ބައެއް ޖަނަވާރު އެހެން ޖަނަވާރަށް ވުރެ ބޮޑަށް ހަމަހަމަ އެވެ." އޭ ބުނާ ތާކުންތާކު ނުޖެހޭ، ކޮރަޕްޓު ޝިޢާރަށެވެ.

ޢުމުރުން ދުވަސްތައް ފާއިތުވަމުންދިޔަ މިންވަރަކަށް އެކި ދިމަދިމާލުން މި މިސާލު މި ދަނީ ފެންނަމުންނެވެ. ސްކޫލްތަކުގެ ދަރިވަރުންގެ ލީޑަރޝިޕްތަކުން ފެށިގެންގޮސް، އިދާރާތަކުގެ މެނޭޖްމަންޓްތަކާއި، ޖަމިއްޔާތަކުގެ ހިންގާ ކޮމިޓީތަކާއި ޤައުމުގެ ސިޔާސީ މައިދާނުންވެސް މެ އެވެ. ގިނަ ބަޔަކު އެ ފަދަ މަޤާމުތަކަށް ކުރިމަތިލަނީ، އެމީހުންގެ އެކުވެރިންގެ ޝިކާޔަތުތަކަށް ޙައްލު ހޯދައިދިނުމަށް އިޚުލާސްތެރި ހިތަކާއެކުގަ އެވެ. އެހެންނަމަވެސް، ފައިސާ އާއި ނުފޫޒު ދައްކާ ބިލާހާ ދިމާއަށް ދީލާ ނުލާ މީހުން ވަރަށް މަދެވެ. ޕަބްލިކް ސްކޫލްގައި ގެންގުޅުނު ދަރިފުޅު ޕްރައިވެޓް ސްކޫލަށް ލުމާއެކު، އާދައިގެ ޢާއްމު މީހުންގެ ދަރިންނަށް ދިމާވާ ކަންކަމަށް އެހީހޯދައިދިނުމަށް ކުރި ވަޢުދު ހަނދާންނެތެއެވެ. ހަ ޢަދަދުގެ މުސާރައެއް ލޮލުން ނުދެކި ހުއްޓައި، ބިލިޔަނުން މިލިޔަނުން ހުންނަ ފައިސާގެ ވަސް ޖެހުމުން، އެއިން ބައެއް ތިމާއަށްވެސް ލިބެން އެދެވޭކަހަލަ އެވެ. އާސަންދައިގެ ސިއްޙީ ފަރުވާ ތިމާއަށް ދެރަވެ، ދުބާއީ އާއި ލަންޑަނުން މެނުވީ ރޯގާ ބޭސްވެސް ނުކެވޭ ހިސާބަށް ދާއިރު އޮންނަނީ ކުއްޅަވައް ފަލު ރަނިން ފަދައިން އިޖުތިމާޢީ ގިންތިތަކުން މެދުފަންތީގެ އޮޅި ގިރާކޮށް، މަތީ ފަންތީގެ ވައްޓަފާޅިއަށް އާދަވެ ދެވިހިފާފަ އެވެ. އެހާހިސާބުން ތިމާގެ ޝިކާޔަތުތައްކަމުގައިވަނީ، ތިމާގެ "އާ ގިންތީގެ" ޝިކާޔަތުތަކެވެ. ތިމާގެ ހަމައެކަނި އަމާޒެއްކަމުގައިވަނީ ދިރިއުޅުމުގެ ފެންވަރު، އެގޮތުގައި ހިފެހެއްޓުމެވެ.

ދިވެހި ތާރީޚަށް ބަލާލިޔަސް މި ޙަޤީޤަތް ފެންނާން އެބައޮތެވެ. ކޮންމެ ސިޔާސީ ލީޑަރެއްވެސް މަޤުބޫލުކަން ހޯދަނީ އަޤުލަބިއްޔަތުގެ ޝިކާޔަތުގެ ކޮނޑުމަތީގަ އެވެ. އެހެންނަމަވެސް ބާރާއި ނުފޫޒުގެ ވަސްޖެހުމާއެކު، ރިވޮލޫޝަނަރީ ލީޑަރު، އޮތޯރިޓޭރިއަނަކަށް ބަދަލުވެގެންދާން، ފަސް އަހަރުވެސް ނުނަގަ އެވެ. މިއީ ދުނިޔެ ހިނގާ ގޮތޭ، ފާޑުކިޔާމީހުން ތިހެން ފާޑުކިޔަންވީއޭ ބުނެ ފުއްދާލެވިދާނެ އެވެ. އެހެންނަމަވެސް ފާޑުކިޔެނީ، އިހު އެމީހުންނަށް ކުރެވުނު އިތުބާރާ ހެދި އެވެ. އެމީހުންނާ އަހަރެމެންގެ އުއްމީދުތައް ހަވާލުކުރެވުނީތީ އެވެ. އިންޤިލާބީ އިސްލާޙުތަކާއެކު ތަރައްޤީ އާއި ތަމައްދުންގެ އައްސޭރިތަކަށް މިސްރާބުޖަހާފައި އޮތް ޤައުމު، އަމިއްލަ އެދުމުގެ ތެރޭ ބެހިގެންދާ ހިނދު ހަމަ އަޅާ ނުލާ ތިބެންވީ ހެއްޔެވެ؟ ބާރުގެ ލައްޒަތުން އިޚުލާސްތެރި ހިތްތައް ތަޣައްޔަރުކުރީމާ އުއްމީދަށް އޮތީ ކޮން މުސްތަޤުބަލެއް؟ ޙައްލަކީ، އަނެއްކާވެސް މި ޝިކާޔަތު ކޮނޑުއަޅައިގެން ނިކުންނަ އާ ލީޑަރެއް ހެއްޔެވެ؟

މައްސަލައަކީ ކޮބައި ހެއްޔެވެ؟ ޒަމާނީ ޑިމޮކްރަސީ ކަށަވަރުކޮށްދޭ މިނިވަންކަން ހެއްޔެވެ؟ އެ މިނިވަންކަމަށް ބީރައްޓެހި ރައްޔިތުން އޭގެން ނަގާ ނާޖާއިޒު ފައިދާ ހެއްޔެވެ؟ އަޅުވެތިކަމުގެ ބަނދެވުންތަކަށް ކެތް ނުކުރެވިގެން އަޑުއުފުލި ލީޑަރުންނަށް ޚުދު އެމީހުން އަޅުވެތިކުރި ވެރިކަންތަކުން ގެންގުޅުނު "ހަންމުށި" އަމިއްލަ އަތަށް ހެޔޮވަރުކޮށްލަން ލިބުމުން އިހުސާސްކުރެވުނު ބާރުވެރިކަން ހެއްޔެވެ؟ ނޫނީ އިންސާނީ ޠަބިއްޔަތު ހެއްޔެވެ؟

އަހަރެންގެ އަތުގައި ޖަވާބުތަކެއް ނެތެވެ. ވަނީ ފޫއްސެކެވެ. ގެއްލެނީ އުއްމީދުތަކެވެ. "ވަރިހަމަ" އާބާދީއަށް އިތުރުކޮށްލެވެނީ ބޮލެކެވެ. މީހުންގެ އިޚުލާސްތެރިކަމަށް އިތުބާރުކުރަން ދަތިވެއްޖެ އެވެ. އިންޤިލާބީ ބަދަލުތަކުގެ ހުވަފެނަށް ހަޖޫ ޖަހަން ފެށިއްޖެ އެވެ. ސިޔާސަތާއި ސިޔާސީ ނިޒާމާ މެދު ނާއުއްމީދުވެއްޖެ އެވެ. ހަމަހަމަ ކަމާއި މިނިވަންކަން އޭގެ ހެޔޮގޮތުގައި ލިބުމަށް އެދެވުމަކީ ސޭކު ކަމެއްކަން ދަސްވެއްޖެ އެވެ.