Advertisement


އޮފީހުން ނުކުމެ ސައިކަލަށް އަރަން ބަލައިލިއިރު މަޑިމަތީގައި އޮތީ ނަނުގައްޗެކެވެ. އަހަރެން ހަމަ ފެނުމާއެކު އެ ސޮރު މަޑިމަތިން ފުންމާލި އެވެ. ސައިކަލް ސްޓާޓްކޮށްލިއިރަށް މާ ކާޅެއް އައިސް ބޮލުގައި ކޮށައިލި އެވެ. އަޖައިބުވީ އެހެންވީމަ އެވެ. މާލޭގައި ކާޅެއް ނޫޅޭ އިރު، އަމުދުން ރޭގަނޑުގެ މިހާ ދަންވެފައި ވަނިކޮށް ބިޔަ ކާޅެއް އަހަންނަށް މައްލަވަ ކުރާން ޖެހުނު ސަބަބެވެ. އެއީ ވެސް ވެދާނެ ކަމެއް ކަމަށް ހިތައި ތަންކޮޅަކަށް ދުއްވާލި އިރަށް މަގު ހުރަސްކުރި ކަޅުބުޅާ އަހަންނާ ދިމާއަށް ބަލައިލި އެވެ. ބަލައިލީއެއް ނޫނެވެ ފާޑަށް މަލާމަތްކޮށްލީ އެވެ. އަހަންނަށް ސިފަވީ އިންސާނެއްގެ ވިހަ ހިނިތުންވުމެވެ. އެއީ ވެސް ހީއެއް ކަމަށް ނިންމާ ކުރިއަށް ދުއްވާލީމެވެ. ދެންވީ އެހެން ގޮތެކެވެ. ސައިކަލާ ދާދި ކައިރިން މުސްކުޅިއަކު ހުރަސްކޮށްލީ އެވެ. އެ ބޭބެގެ ގައިން ސައިކަލް ނައްޓައިލެ ވުނީ ހަމަ ކިރިޔާ އެވެ.

އެހާ ހިސާބުން މެއަށް ހީވީ ފެންގަނޑެއް އެރިހެންނެވެ. ހިތް ބިރުގަނެ ފާޑެއްގެ ތުރުތުރެއް އަޅާން ފެށި އެވެ. އަތްފައި ފިނިވެ ސައިކަލްގައި އިންނަން ވެސް އުނދަގޫވާން ފެށީ އެވެ. ނަސީބަކީ ގެއާ އޮފީސް ދުރު ނޫންކަމެވެ. ފަސްވަރަކަށް މިނެޓުވީއިރު ގެއާ ހަމައަށް އާދެވުނު ކަމެވެ. އަވަސްއަވަސް ކޮށްލައިފަ ސައިކަލް ޕާކުކޮށްލީމެވެ. ސައިކަލުން ފައިބެ މަޑި ހިއްލައިލީ މަޑި ދަށަށް ލެވުނު ކޮތަޅު ނަގަންވެގެންނެވެ. ކޮތަޅުގައި އޮންނާނީ މާދަމާއަށް ޚާއްޞަ ގަމީހެވެ. އޮފީހުގެ އަހަރީ ދުވަސްވީމަ ލާން ޖެހޭ ގަމީހަށް ވާތީ މިރޭ އަދި އެ ދޮވެ އިސްތިރިކުރާން ޖެހޭނެ އެވެ. ކުލީ ތަންތަނުގައި އެކަނި އުޅޭ އިރު މައިންބަފައިންދޭ ޚިދުމަތްދޭނެ މީހުންނެއް ނުތިބޭނެތާ އެވެ. އެއީ މައްސަލައެއް ނޫނެވެ.

އަހަންނަށް ލިބުނީ ސިހުމެކެވެ. މަޑި ދަށުގައި ކޮތަޅެއް ނެތެވެ. ގަމީހެއް ނެތެވެ. އެހެންވާނީވީ ކީއްވެ ހެއްޔެވެ؟ މަޑި ހިއްލައިލުމަށްފަހު ކޮތަޅު ލެވުނު ހަނދާން ރަނގަޅަށް އެބަހުއްޓެވެ. އަނެއްކާ ގަމީހުގެ ވެރިޔާ ގެން ދިޔައީ ހެއްޔެވެ؟ ސައިކަލު ތަކުން ފޭރޭ ކުދިން އެ މިލްކުކޮށްލީ ހެއްޔެވެ؟ ރަނގަޅަށް ސައިކަލު މަޑިތެރެއަށް ފޯނު ދިއްކޮށްލީމެވެ. އޭގައި ފައިސާ ވެސް ހުއްޓެވެ. އެއީ ޕެޓުރޯލު ބަޖެޓެވެ. އިއްޔެ ލީ ސަތޭކަ ރުފިޔާ އޮތް ގޮތަށް އޮތެވެ. ވޮލެޓު ބަލައިލީމެވެ. ވޮލެޓުގައި އޮތީ ފަސް ސަތޭކައިގެ އެއް ގަނޑާއި ފަންސާހުގެ ނޫޓެކެވެ. ފަސް ސަތޭކައިގެ ނޫޓު މަޑިދަށަށް ލާހިތްވި އެވެ. ސަތޭކައިގެ ގަނޑު އޮތްލެއް އަރާމުކަން ފެނުނީމަކަމަށް ވެސް ވެދާނެ އެވެ. އެ ޚިޔާލު އަންނަންވީ ސަބަބެއް ނުވިސްނުނެވެ. ބޮޑު ކަމަކަށް ނަހަދާ އެކަން ނިންމާލީމެވެ.

ރަނގަޅަށް މަޑި ތަޅުލީމެވެ. ފުންކޮށް ވިސްނައިލަން ޖެހުނީ ކޮތަޅާ މެދުގަ އެވެ. ކޮންމެ ގޮތެއް ހަދައިފަ ވެސް މާދަމާ އޮފީހަށް ދާން ޖެހޭނީ އެކުލައިގެ ގަމީހެއް ލައިގެންނެވެ. އަހަރެން އަތުގައި އެ ކުލައާ ގާތްކުރާ ގަމީހެއް ނުވެސް އޮންނާނެ އެވެ. އެއީ އަހަންނަށް ވެސް ރީތި ކުލައެއް ނޫނެނެވެ. ވިސްނުން ބަދަލުވީ އެހެން ވީމަ އެވެ. ނަލަވެގެން އުޅެން އެ ކުދިން ބޭނުން ވާނީ ފައިސާ އެވެ. ގަމީހެއް ނޫނެވެ. އަމުދުން އެ ކުލައިގެ އޮފީސް ގަމީހެއް ވެސް ނޫނެވެ.

ސައިކަލުގައި އައި ކޮޅަށް ދާންވީއޭ ހިތަށް އެރި އެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއީ އެއްކޮޅަށް ދުއްވާ މަގެކޭ ހިތަށް އެރި އެވެ. އަނެއްކާ އެ މަގަށް ވަންނަންޏާ ޖެހޭނީ ވަށައިގެން ދުއްވާށެވެ. ކައިރީގައި ހުރި އިމާރާތެއްގައި ޝީޓުއެޅުމުގެ މަސައްކަތަށް، އެންމެ ފަސޭހައިން ދެވެން އޮތް މަގާއެކު ގޯޅި ވެސް އޮތީ ބަންދުކޮށްފަ އެވެ. ހިތާއިހިތާ ކުދި ކިޔައިލެވުނެވެ. މާލޭގެ އަރާމުކަމާއި ޖާގައިގެ ތަނަސްވަސް ކަމާ މެދުގަ އެވެ. މަގުތަކުގެ ތިޔާކަމާ މެދުގަ އެވެ.

މިވަރު ތަނެއް ނެތިގެން ރަށުގައި ނޫޅެން މާލެ ފުންމައިލެވުނީތީ މިހާރު ދެރަ ވެސް ވެ އެވެ. އަސްލު ނުވެ އެވެ. ވާން ޖެހޭ ސަބަބެއް އަދި ދިމައެއް ނުވެ އެވެ. މިއީ އަހަންނަށް އެންމެ ރަނގަޅު ގޮތެވެ. އަހަރެންގެ އުއްމީދުތަކެއް އެބަހުއްޓެވެ. ހުވަފެން ތަކެއް އެބަދެކެމެވެ. ވިޔަފާރީގެ ރޮނގުން ކުރިއަށް ދިޔުމެވެ. އެކަންވާން އޮތީ މާލެއިންނެވެ. ޒަމާނަށް ހޭލެވިގެންނެވެ. ތަހުޒީބަށް ފައްކާ ވެގެންނެވެ. މީހާ މީހަކަށް އަތްމަތި ތިޔާގި ވެގެންނެވެ.

މިހާރު މިކުރެވެން ފެށީ ކޮން ޚިޔާލުތަކެއްހޭ ހިތްބުނެލި އެވެ. ގަމީހެއް ގެއްލިގެން މިހާ ހިސާބަށް ޚިޔާލުތައް ދާންވާނެ ހެއްޔެވެ؟ އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ ސައިކަލުގައި އޮފީސް ކައިރިއަށް ދިޔުމެވެ. އަނެއް ގޮތަކީ ހިނގައިލައިފަ އެހިސާބަށް ދިޔުމެވެ. އަހަންނަށް އިސްކުރެވުނީ ފައިމަގެވެ. މިރޭ ސައިކަލަށް އެރި ފަހުން ކުރިން ދިމާ ނުވާ އެތައް ކަމެއް މިހާރު ވެސް ދިމާވެއްޖެ އެވެ. އެކަމަކު އެއީ ހީތަކެކެވެ. ވަހުމުތަކެކެވެ. އަހަރެން ޤަބޫލުކުރަނީ އެހެންނެވެ.

ލަސް ފިޔަވަޅުތަކެއް އަޅަމުން އަހަރެން ކުރިއަށް ހިނގައި ގަތީމެވެ. ފޯނަށް ލޯ ކޮށްޕައިލައިގެންނެވެ. ކުއްލިއަކަށް ބުޅަލެއް ހޭރިގަތް އަޑާއެކު ވާލެއްގެ އަޑު، ކަންފަތާ ދާދި ކައިރިން އިވުނެވެ. ސިހިފައި ތިރިވެލެވުނެވެ. ވާލުގެ ފިޔަގަނޑުން ކަފައިލި ވައި ކަންފަތުގައި އެޅުމުންނެވެ. އަހަންނަށް ބަލައިލެވުނީ މައްޗަށެވެ. ދިރޭ އެއްޗެއްގެ ނިޝާނެއް ނުފެނުނެވެ. ވާލެއް ކީއްކުރަން ހެއްޔެވެ؟ ބުޅަލެއްގެ އަސަރެއް ވެސް ނުފެނުނެވެ. އަނެއްކާ ވެސް ކުށްހީއެއް ކުރެވުނީ އެވެ.

އަހަރެންގެ ރަސްމީ ހިނގުމުގައި މަގުގެ ދެފަރާތަށް ލޯ އުކަމުން ދިޔައީމެވެ. އެއީ މެންދަމުގެ ހިމޭން ވަގުތުކަމުން މަގުމަތި ވަނީ އަމާންވެފަ އެވެ. ދޭތެރެއަކުން ސައިކަލުގައި ދާ މީހެއް ފިޔަވާ އިތުރު މީހެއްގެ ލިސާނެއް ނުވެ އެވެ. ދިހަވަރަކަށް މިނެޓު ހިނގައިލެވުނު އިރު އޮފީހާ ހަމައަށް އާދެވިއްޖެ އެވެ. ހިނގައިލައިފައި ދިހަ މިނެޓުން އޮފީހަށް އާދެވޭ އިރު ސައިކަލުގައި އަހަރެން އަންނަނީ ކީއްކުރަން ބާއޭ ހިތަށް އެރި އެވެ. އާއެކެވެ. އޮފީހުގެ އެކި ބޭނުންތަކުގައި އެކި ތަންތަނަށް ދުއްވުމަކީ އަހަރެންގެ ވަޒީފާގެ ޒިންމާއެކެވެ. އެހެންވީމާ ސައިކަލުގައި އޮފީހަށް އަންނާން ޖެހޭނެ އެވެ. ވަޒީފާގެ ފުރަތަމަ އަހަރު ލިބުނު މުސާރަ ސައިކަލަކަށް ހަދަން ޖެހުނީ ވެސް އެހެންވީމަ އެވެ.

ސައިކަލް ޕާކުކޮށްފައި ހުރި ތަން ރަނގަޅަށް ބަލައިލީމެވެ. އެތަން ހުރީ އަހަރެން ސައިކަލް ނެރުނު އިރު ހުރި ގޮތަށެވެ. ހުސްކޮށެވެ. އެތަނުގައި ވެއްޓިފައި އެއްވެސް އެއްޗެއް ނެތެވެ. ގުދުވެލައިފައި ފޯނުން އަލިކޮށްލެވުނެވެ. އޮފީހުން ނުކުތް އިރު ސައިކަލު މަޑި މަތީ އޮތް ނަނުގަތި އެ ސޮރުގެ ނަލަ ދުވެލީގައި އަހަންނާ ދިމާއަށް އަންނަ މަންޒަރު ފެނުނެވެ. އެއީ ހަމަ އެ ނަނުގަތި ހެއްޔެވެ؟ ހުރިހާ އިރު އެ ތަނުގައި އެ ސޮރު އޮތީ ސީދާ އަހަރެންގެ އިންތިޒާރުގައި ހެއްޔެވެ؟ މިއީ ހަމަ ހުސް ވަހުމު ހެއްޔެވެ؟ އަހަންނަށް ދުރަށް ޖެހިލެވުނެވެ. ފަހަތަށް ދެތިން ފިޔަވަޅު އެޅުނެވެ. އެ ސޮރަށް ސަމާލުކަން ދީގެންނެވެ.

އަހަރެން ހީކުރީ އެ ސޮރު އަންނަނީ އަހަންނާ ދިމާއަށް ކަމަށެވެ. ނަމަވެސް ވީ އެހެންނެއް ނޫނެވެ. އެ ސޮރު ގޮސްވަނީ ޖެހިގެން ހުރި ސައިކަލުގެ ފަހަތު ފޮރުޅުދަށަށެވެ. އަހަންނަށް އަލިކޮށްލެވުނެވެ. ހިނިތުންވެވުނީ އެހައި ހިސާބުންނެވެ. ގަމީސް ލައިފައި އޮތް ކޮތަޅު އޮތީ އެ ސައިކަލު ހަރުކައިރިއަށް ވެއްޓިފަ އެވެ. އޭރު ނަނުގަތި ކޮބައިތޯ ބައިލައިލެވުނެވެ. އެ ސޮރު މަޑުކޮށްލަމުން އަހަންނާ ދިމާއަށް ބަލައިލިހެން ހީވި އެވެ. ބަލައިލީއެއް ނޫނެވެ. ބޭރަށް ދޫ ނެރެލަމުން ވާހަކައެއް ބުނެލީ އެވެ. އެއީ އަހަންނަށް ވިސްނުނު ގޮތެވެ. އަހަރެން ވިސްނި ގޮތެވެ. އެއަށްފަހު ކާނު ތެރެއަށް އެ ސޮރު ދެމިގަތީ އެވެ.

އަހަންނަށް ކޮތަޅު ނަގައި ބަލައިލެވުނެވެ. އެއީ އަހަރެން ގަތް ގަމީހެވެ. ހަނދާންވި އެވެ. ސައިކަލު މަޑި ދަށަށް ގަމީސް ލާންވެގެން މަޑި ހިއްލައިލި ވަގުތު ފޯނެއް އައުމުން ޖެހިގެން ހުރި ސައިކަލުގެ މަޑިމަތީގައި ގަމީސް ބޭއްވުނު ހަނދާނެވެ. ފޯނުގައި ހުރެ މަޑި ލައްޕައިލުމަށްފަހު އޮފީހަށް ވަންނަން، ދެ ސައިކަލު ދޭތެރެއިން ދެމިގަންނަން އުޅެނިކޮށް އެއްޗެއް ވެއްޓުނުހެން ހީވެގެން ބަލައި ވެސް ލެވުނު ހަނދާންވި އެވެ. އެ ހަނދާންތަކާއެކު ވީގޮތް ސާފުވި އެވެ.

ސައިކަލް މަޑިމަތީގައި ނަނުގަތި އެ އޮތީ އަހަރެންގެ ގަމީހުގެ ފާރަވެރިއަކަށް ހެއްޔެވެ؟ ނޫނީ ގަމީސް ގެއްލިގެން ހޯދަން އަންނާނެ ކަން އެނގޭތީ ހެއްޔެވެ؟ ނޫނެކެވެ. މިއީ އަހަރެން ގަބޫލުކުރާ ކަންކަމެއް ނޫނެވެ. އެއީ ކުރީގައި ކާފަމެން ކިޔައިދޭ ފުލޯކު ވާހަކަ އެވެ. ޙަޤީޤަތެއް ނެތް ވާހަކަތަކެވެ. އަސްލެއް ނެތް ޚިޔާލުތަކެވެ. ބޯދާ ގަބޫލުކުރުންތަކެކެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކޮތަޅު އަތު އެލުވާލައިގެން އަހަރެން ހިނގައިގަތީމެވެ. ފޯނަށް ލޯ މަހައިލެވުނެވެ. ހައެއްކަ ފޫޓަށް ނުދެވެނީސް އިރަށް އަހަންނަށް ސިހުން ލިބުނެވެ. އަތުގައި އޮތް ފޯނު ޖަހައިގަނެގެން މީހަކު ދުއްވާގަތުމުންނެވެ. އަހަންނަށް ލިބުނު ޝޮކާއެކު ބަލަން ހުރެވުނީ އެވެ. ގަޔަށް ދޫ ކަޅު ކުލައިގެ ހޫޑީއެއް ލައިގެން ހުރި އެ ޒުވާނާގެ ފަހަތުން ދުއްވާގަންނަށް ހިތަށް އައީ ސިކުންތު ކޮޅެއް ފަހުންނެވެ.

އަތުގައި އޮތް ކޮތަޅު އަތުތެރެއަށް ބޮނޑިކޮށްލެވުނެވެ. ފަޔަށާއި އަތަށް ބާރު ލައިފައި ކުރިއަށް ދުއްވާގަތީމެވެ. އަހަންނަކީ ވެސް ދުވަން ޖެހިއްޖެ ނަމަ ދުވެވޭނެ މީހެކެވެ. ކޮންމެ ދުވަހަކު ފަތިހު މުނާޖާ ކޮނޑުއަޅައިގެން ކުރަނީ އެ ކަމެވެ. އެމީހާ ވެސް ފަހަތަށް ބަލަމުން ދުވަމުން ދިޔަ އެވެ. އަހަރެން ވެސް ފަޔަށް ބާރުލައި އައު ހިތްވަރަކާއެކު ދުވެލި ބާރުކޮށްލީމެވެ. ހަނި ގޯޅިތައް އަޅަމުން އޭނާގެ ފަހަތުން ދުވަމުން ދިޔައީ މެވެ. ދެތިން ގޯޅި ފަސްދީ ދެވުނެވެ. އޭރު އޭނާއާ އަރާ ހަމަކުރެވެނީ އެވެ. ފޫޓެއްހާ ކައިރިވެވުމުން ކަނާއަތް ދިއްކޮށްލީމެވެ. އޭނާގެ ފަހަތުން ހޫޑިގެ ބޮލަށް އަތް މަހައިލެވުނެވެ. އެއާއެކު ހޫޑީއައީ އަހަރެންގެ އަތަށެވެ. ސިހިފައި ބަލައިލެވުނެވެ. އޭނާ ހުސިޔާރީ އެވެ. އަހަރެންގެ އަތަށް ހޫޑީ ދޫކޮށްލީ އެވެ. ހުސްގަޔަށް ހަދައިލައިގެން ވެސް އޭނާ ބެލީ ސަލާމަތް ވެވޭތޯ އެވެ. އަހަންނަށް ބަލައިލެވުނެވެ އޭރު މަގު ހުރަސްކުރި ސައިކަލެއްގެ ފަހަތަށް އޭނާ އަރަނީ އެވެ. ކިތައްމެ ވަރަށް ދުވިޔަސް ދެން ކުރެވޭނެ ކަމެއް ނޯންނާނޭ ހިތަށް އެރި އެވެ. އަހަރެން މި ހުރީ ގުނބު ހިލިފަ އެވެ. ވަރުބަލިވެ މާނޭވާ ލެވޭ ވަރު ވެފަ އެވެ. އެންމެ ފަހުގެ އަގުބޮޑު ފޯނެއް ގަނެފަ އަދި މިވީ ދެ ހަފުތާ އެވެ. ފޯނުގެ ވެރިމީހާ އައިސް އެ ވެސް ގެންދިޔައީ އެވެ.

މި ވާހަކަ ވެސް މީހަކު ގާތުގައި ބުނެފި ނަމަ ކުށްވެރި ވާނީ އަހަރެންނެވެ. މަގުމަތީގައި އެ ކަހަލަ މީހުން އުޅޭކަން އެނގި ފޯނަށް ލޯ ކޮށްޕާލައިގެން ހިނގީމަ އެވެ. އެއް ނަޒަރުން އެއީ ވެސް ތެދު ވާހަކައެކެވެ. ނަމަވެސް އެކަން އަހަންނަށް ޤަބޫލެއް ނުކުރެވުނެވެ. ބުރަ މަސައްކަތުން، ގިނަ ދުވަހުން، އެތައް ކަމެއް ޤުރުބާންކޮށްފައި އެއްކުރާ ފައިސާއިން ގަންނަ އަގު ބޮޑެތި ތަކެތި އެގޮތަށް އަތުލަން ހެޔޮ ވާނެ ހެއްޔެވެ؟ ނުވިޔަސް އެކަން ކުރުން މިހާރު މިއޮތީ ފެޝަނަކަށް ވެފަ އެވެ. މިއީ އަދުގެ ހާލަތެވެ. ފުލުސް ކޯޓަށް މައްސަލަ ވެއްދި ނަމަވެސް ވާނެ ކަމެއް ނޯންނާނެ އެވެ. ކުރެވޭނެ ކަމެއް ވެސް ނޯންނާނެ އެވެ. ވަގުންގެ ފޮށި ބަންނަލެއް ބާރުވެފައި ވަރުގަދަވާނެ އެވެ.

އަތުގައި އޮތް ހޫޑީއެއް ބަލައިލެވުނެވެ. އެ ފެނިފައި ފާޑަކަށް ފަކުރުގަތެވެ. ވަގެއްގެ އެއްޗެއްގައި އަތްލެވުނީމަ އެވެ. ރުޅި އައިސް ހުރި ވަރުން ހޫޑީ މަގު މެދަށް ގުޅަކޮށް ޖެހުނެވެ. ފަސްއެނބުރި ގެއާ ދިމާއަށް ދާން ހިނގައި ގަންނަން މަޖުބޫރުވި އެވެ. ކަރު އެލުވާލައިގެންނެވެ.

ޖެހިގެން އޮތް ހަނިގޯޅިއަށް ވަނީމެވެ. އެންމެ އަވަހަށް ގެއަށް ދެވޭނެ މަގަކީ އެއީ ކަމަށް ވިސްނައިގެންނެވެ. އެއީ ފާޑަކަށް އޮތް ގޯޅިއެކެވެ. މަގަށް ބޯދީގެން އޮތް ގަސްތަކުގެ އޮފިތަކުން މަގު ބައްތިތައް ނިވާވެފައި ވުމުން މަގުގައި ރަސްކަން ކުރަމުން ދިޔައީ ފަޅުކަމެވެ. އަނދިރިކަމެވެ. ނާމާންކަމެވެ. އެއްވެސް އަޑެއް ބަޑެއް ނީވޭތާ މީހެއް ހިލަމެއް ވެސް ނުވެ އެވެ. ދެ ތިން ފިޔަވަޅު ކުރިއަށް އެޅި އިރަށް އަހަރެންގެ ފަހަތުން މީހަކު ދިޔަހެން ހީވެގެން ހުއްޓިލެވުނެވެ. ކަންފަތް ކައިރިން ވައިރޯޅިއެއްގެ އަސަރު ވިހެން ވެސް ހީވި އެވެ. ފަހަތަށް ނުބަލާން އަޒުމު ކަނޑައަޅައިގެން ކުރިއަށް ހިނގައިގަތީމެވެ. ކުރިއަށްވުރެ ދުރުގައި ފިޔަވަޅު އަޅަމުންނެވެ.

"ހުއްޓޭ!" އިންޒާރުގެ އަޑު އިވުނީ ފަހަތުން ކަމެއް ކުރިމަތިން ކަމެއް ނޭނގުނެވެ.

އަހަރެން ހުއްޓުނީމެވެ. އެއީ ފިރިހެނެއްގެ އަޑެވެ. އަނގައިގައި ވަރު ނެތްކަން އަކުރުތައް ކިޔައިލި ގޮތުން އެނގުނެވެ. މަޑުމަޑުން ފަހަތަށް ބަލައިލީމެވެ. ފަހަތުގައި މީހަކު ނެތެވެ. ހީއެއް ކަމަށް ހިތައި ކުރިއަށް ބަލައިލި އިރަށް ސިހުނެވެ. ކުރިމަތީގައި ތިބީ ޒަމާނީ ތިން ޒުވާނުންނެވެ. އެ މީހުންގެ އަތުގައި އޮތް ވަޅީގެ މިޔަ އަހަންނަށް ސާފުކޮށް ފެންނަމުން ދިޔަ އެވެ. ފަނޑު އަލިކަމުގެ ތެރެއިން މިޔައަށް އަލި އެޅިލާ ކޮންމެ ވަގުތަކު ވަޅީގެ ތޫނުކަން ފާހަގަވަމުން ދިޔަ އެވެ.

"ނަގާ. ފޯނު! ވޮލެޓު ނަގާ!"

އެ މީހުން ރީތިކޮށް ބުނީއެއް ނޫނެވެ. ކުރީ އަމުރެވެ. ދިނީ އިންޒާރެވެ. ސަލާމަތްވާން ބޭނުން ނަމަ ބުނިއްޔާ ބުނިހާ ކަމެއް ކުރުން ނޫން ގޮތެއް ނޯންނާނެކަން އަހަންނަށް އެނގެ އެވެ. ޚަބަރުތަކުން އެކަން ކިޔަމެވެ. ރައްޓެހިން އެހެން ކިޔައިދެ އެވެ. ލަފާދެ އެވެ. އަނގައިން ބުނެފިނަމަ ގޯސް ވާހަކައެއް ބުނެވިދާނެތީ އެ މީހުންގެ އޯޑަރަށް އަހަރެން ކިޔަމަންވީމެވެ.

"މީ ކޯންޗެއް؟ ހުސްވޮލެޓު ގަނޑެއް. ކާޑެއް ވެސް ނެތް. ކޮބާހޭ ފޯނު؟"

އެކަކު އަހަރެންގެ ކަރުގައި ވަޅީގެ ތުނޑު ޖައްސައިލި އެވެ. ވޮލެޓުގައި ފައިސާ ނެތުމުންނެވެ. ކޭޝް ކަޑު ނެތުމުންނެވެ. އަހަރެން ބިރެއް ނުގަނެ އެވެ. ނަމަވެސް އަތްފައި ފިނިވަމުން ދިޔަ އެވެ.

"ދެންމެ މީހަކު ޖަހައިގެންފި. ކާޑު ގެއްލިފަ." ގަދަކަމުން ހިންދިރުވާލަމުން އަހަރެން ބުނެލީމެވެ.

އަތުގައި އޮތް ކޮތަޅު އެ މީހުން އަތުލި އެވެ. ކޮތަޅު އިރައިލުމަށްފަހު ގަމީސް ނަގައި ބަލައިލި އެވެ.

"އޮރެންޖު ކުލަ." އެ ތަނުން އެކަކު ހިނި ފަޅައިގެން ދިޔަ އެވެ.

އެއާއެކު ގަމީސް އަހަރެންގެ މޫނަށް ޖެހި އެވެ. ނަސީބަކުން އެ މީހުންގެ ކިބައިން ސަލާމަތްވި އެވެ. ފަހަތް ބަލައި ނުލައި އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ފާޑަކަށް ރުޅި އާދެވުނެވެ. ނަމަވެސް އެއީ ހަތައެއްކަން އެނގޭތީ ބުއްދި އިސްކުރީމެވެ. ގަލެއް އެއްލަން ހެޔޮނުވާނެތީ އެވެ.

ގެއާ ހަމައަށް އާދެވުނު އިރު އެތައް ވިސްނުމެއް ހިތަށް އަރައި ފައިބަމުން ދިޔަ އެވެ. ރުޅި އިސްކުރެވުނެވެ. އަތަށް ބާރުކޮށްލެވުނެވެ. ތުންފަތް ވާންކޮށްލާ ނިތަށް ރޫ އަރުވާލެވުނު ވަރެއް ވެސް ނޭނގުނެވެ. ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރެވުނެވެ. އަހަރެންގެ މުޅި ޚިޔާލު އެ ފުށް މިފުށަށް ޖެހުނެވެ. ގޮތެއް ނިންމީ އެވެ. ސުވަރުއަކީ މާލެ ނޫންކަމެވެ. މާލެއަކީ ހުރަގެއެއް ކަމަށެވެ. ކުށުގެ ހާއްޔެއް ކަމެވެ. މިއީ ދިރިއުޅެން އެންމެ ރަނގަޅު މަންޒިލް ނޫން ކަމަށެވެ. އެކަން މިރޭ ތަޖުރިބާ ކުރެވިއެއްޖެ އެވެ. ކުށެއް ނެތި ބިރާހަށް ހުށަހެޅިއްޖެ އެވެ. ބުރަ މަސައްކަތުން ހޯދާ އަގުބޮޑު މުދާތަކުގެ ވެރިންނަކީ ކޮން ބައެއް ކަން އެނގިއްޖެ އެވެ.

ޖެހިގެން އައި ދުވަހެވެ. އަހަރެންގެ ބަދަލުގައި އޮފީހަށް ދިޔައީ ސިޓީ އެވެ. އެއީ އެންމެ ރަނގަޅު ގޮތްކަމަށްވާތީ އެވެ. ތަޖުރިބާ އިތުރުކުރަން ވަގުތު ބޭކާރު ނުކުރާށެވެ. ވާނެ ފައިދާއެއް ނޯންނާނެތީ އެވެ. ފަހަރެއްގައި އަހަންނަކީ ފިނޑިއެކޭ މީހުން ބުނެފާނެ އެވެ. ނަމަވެސް، އެކަމާ ފަރުވާލެއް ނެތެވެ. އެ މީހަކު ރޮނޑެއްގައި ހަން ދަމާނެ ގޮތް އެނގޭނީ އެ މީހަކަށްތާ އެވެ.

އަހަރެން މި އިނީ މަތިންދާ ބޯޓަށް އަރަ އެވެ. ރަށުގައި ދިރިއުޅުން ބިނާކުރުމުގެ އަޒުމާ އެކުގަ އެވެ. ނަމަވެސް، އަދި ވެސް ސާފު ނުވި ކަމެއް އެބައޮތެވެ. ރޭގައި އޮފީހުން ގެއަށް އައި މަގުމަތީ އެ ދިމާވި ކަންކަމެވެ. ނަނުގައްޗެވެ. މާ ކާޅެވެ. ކަޅު ބުޅަލެވެ. މުސްކުޅި މީހާ އެވެ. އެއީ ކުށް ހީތަކެއް ހެއްޔެވެ؟ ނިޝާނެއް ހެއްޔެވެ؟ ނޫނީ އިންޒާރުތަކެއް ހެއްޔެވެ؟ ބޮޑު ނިންމުން މި ނިންމީ އަހަންނަށް ދޭހަވި ކަންކަމަށް ބަލައިގެންނެވެ. ދޭހައިގެ އަލީގަ އެވެ. (ނިމުނީ)