Advertisement

ރަޖިސްޓްރީ ވާއިރު ވިޔަފާރިތައް ގިންތިކުރަން ޖެހޭ ގޮތަށް ހަދައިފި

9 ޖަނަވަރީ 2022 - 12:51 0

އަމަން ހަލީމް

އަމަން ހަލީމް

މަޖީދީ މަގުގައި ހުންނަ ވިޔަފާރިތަކެއް. -- ފޮޓޯ: އަދަދު


ރަޖިސްޓްރީ ވާއިރު ވިޔަފާރިތައް ގިންތިކުރަން ޖެހޭ ގޮތަށް ހަދައިފި

9 ޖަނަވަރީ 2022 - 12:51 0

ލަފާކުރާ އާމްދަނީގެ މައްޗަށް ބިނާކޮށް އަލަށް ރަޖިސްޓްރީ ކުރާ ވިޔަފާރިތައް ގިންތިކުރަން ޖެހޭ ގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ)ތައް ގިންތިކުރުމުގެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

އެސްއެމްއީތައް ގިންތިކުރުމުގެ ގަވާއިދު ބުނާ ގޮތުން، އަލަށް ރަޖިސްޓްރީ ކުރާ ހުރިހާ ވިޔަފާރިއަކުން އަހަރު ދުވަހަށް ލަފާކުރާ އާމްދަނީ އާއި މުވައްޒަފުންގެ އަދަދަށް ނިސްބަތްކޮށް އެންމެ ކުދި، ކުދި ނޫނީ މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތިކުރަން ރަޖިސްޓްރީ ކުރާއިރު ހުށަހަޅަން ޖެހޭނެ އެވެ.

މިގޮތުން ފޯރުކޮށްދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ވިޔަފާރިއެއް ގިންތިކުރަނީ އެސްއެމްއީ ގިންތިކުރާ ހާއްސަ ފޯމިއުލާއަކުންނެވެ. މިއީ އެސްއެމްއީ ގަވާއިދުގައި ވިޔަފާރިތައް ގިންތިކުރަން ބަލައި ތިން މިންގަނޑުން ކުރެ މިންގަނޑަކަށް ނުފެތޭ ހާލަތުގައި ބޭނުންކުރާ ފޯމިއުލާއެކެވެ.

މި ފޯމިއުލާ ބޭނުންކުރާނެ ގޮތުގެ ތަފްސީލު ގަވާއިދުން ފެންނާނެ އެވެ.

އެސްއެމްއީތައް ގިންތިކުރަން ބަލައި މިންގަނޑު

  • މުވައްޒަފުންގެ އަދަދު
  • އަހަރަކަށް ލިބޭ އާމްދަނީގެ ޖުމްލަ (ޓޯޓަލް ރެވެނިޔު)
  • އަހަރަކަށް ލިބޭ ސާފު ފައިދާގެ ޖުމްލަ (ނެޓް ޕްރޮފިޓް)

އަލަށް ރަޖިސްޓްރީ ކުރާއިރު މިހާރު ބޭނުންކުރާ މިންގަނޑަށް ގިންތިކުރަން ޖެހުނު ނަމަވެސް، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް މަޖުބޫރެއް ނޫނެވެ.

ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ގިންތީގެ ގޮތުގައި ބަލާނީ ކުރިން އަމަލުކުރީ އެސްއެމްއީ ގަވާއިދުގެ ދަށުން އެ ވިޔަފާރިއަކަށް މިހާރު ދޫކޮށްފައިވާ ޕްރޮފައިލް ޝީޓުގައި ކަނޑައެޅިފައިވާ ގިންތި އެވެ. އެކަމަކު ބޭނުން ނަމަ، މިހާރުގެ މިންގަނޑުން ގިންތިކުރަން ބިޒްނަސް ޕޯޓަލްއިން ހުށަހެޅޭނެ އެވެ.


ގިންތި ބަދަލުކުރަން ވިޔަފާރިއަކުން އަމިއްލައަށް ހުށަނޭޅި ނަމަވެސް، ޓެކްސް އިދާރާ މީރާ އާއީ، ޕެންޝަން އޮފީހާއި، އިކޮނޮމިކް މިނިސްޓްރީގައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ވިޔަފާރީގެ ގިންތި މުރާޖާކުރަން ގަވާއިދު ތަންދެ އެވެ. އަދި، މި މައުލޫމާތުތަކުގެ އަލީގައި ކޮންމެ އަހަރެއްގެ އޮގަސްޓުގެ ނިޔަލަށް ވިޔަފާރިތަކުގެ ގިންތި އިކޮނޮމިކް މިނިސްޓްރީން މުރާޖާކުރަން ޖެހެ އެވެ.

މާނައަކީ މި އަހަރުގެ އޮގަސްޓުގެ ނިޔަލަށް މިހާރު ގެންގުޅޭ ގިންތިކުރުމުގެ މިންގަނޑާ އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތަކެއް ގިންތި ކުރެވޭނެ އެވެ.

އެންމެ ކުދި ވިޔަފާރި ގިންތިކުރާ މިންގަނޑު

  • މުވައްޒަފުންގެ އަދަދު - 5-0
  • ޓޯޓަލް ރެވެނިޔު - 500،000ރ.
  • ނެޓް ޕްރޮފިޓް - 75،000ރ.

ކުދި ވިޔަފާރި ގިންތިކުރާ މިންގަނޑު

  • މުވައްޒަފުންގެ އަދަދު - 30-6
  • ޓޯޓަލް ރެވެނިޔު - 500،000ރ. - 5،000،000ރ.
  • ނެޓް ޕްރޮފިޓް - 75،000ރ. - 750،000ރ.

މެދު ވިޔަފާރި ގިންތިކުރާ މިންގަނޑު

  • މުވައްޒަފުންގެ އަދަދު - 100-31
  • ޓޯޓަލް ރެވެނިޔު - 5،000،000ރ. - 20،000،000ރ.
  • ނެޓް ޕްރޮފިޓް - 750،000ރ. - 3،000،000ރ.

ވިޔަފާރިތައް ގިންތިކުރަން ބޭނުންކުރާ ތިން މިންގަނޑުން ކުރެ މިންގަނޑަކަށް ނުފެތޭ އެސްއެމްއީތައް ގިންތިކުރަން ބޭނުންކުރަނީ އެސްއެމްއީ ފޯމިއުލާ އެވެ.

މިސާލަކަށް ފަހަކަށް ވުރެ މަދު މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުންޏަކަށް 75،000ރ. އަށް ވުރެ ބޮޑު ސާފު ފައިދާއެއް ލިބޭ ނަމަ، އެންމެ ކުދި ވިޔަފާރީގެ މިންގަނޑުން ބޭރުވީ އެވެ. އެ ހިސާބުން އެ ވިޔަފާރީގެ ގިންތި ކަނޑައަޅާނީ ފޯމިއުލާ ބޭނުންކޮށްގެންނެވެ.

ކުރިން އަމަލުކުރި ގަވާއިދުގެ ދަށުން ވިޔަފާރިތައް ގިންތިކުރަން ބޭނުންކުރީ ދެ މިންގަނޑެވެ. އެއީ މުވައްޒަފުންގެ އަދަދާއި ޖުމްލަ އާމްދަނީ އެވެ. ވިޔަފާރިތައް ގިންތި ކުރީ އެ ގިންތިއެއްގައި ބުނާ މިންގަނޑުގެ ތެރެއިން މި ދެ ޝަރުތު އެއްފަހަރާ ފުރިހަމަވީމަ އެވެ. ދެ ޝަރުތު އެެއް ފަހަރާ ފުރިހަމަ ނުވާ ވިޔަފާރިތައް ގިންތި ކުރުމުގައި ބެލީ މުވައްޒަފުންގެ އަދަދަށެވެެ.

އެސްއެމްއީ ގަވާއިދަށް އަމަލުކުރަން ފެށުމުން ވިޔަފާރިތައް ގިންތި ކުރެވިފައިވާ ދަފްތަރެއް އެކުލަވާލެވޭނެ އެވެ. އަދި، މި ދަފްތަރު އާންމުކޮށް ފެންނާނެހެން ބިޒްނަސް ޕޯޓަލްގައި ޝާއިއުކުރެވޭނެ އެވެ.

އެސްއެމްއީތައް ގިންތިކުރުން މުހިންމުވާ ސަބަބުތަކުގެ ތެރޭގައި މި އަހަރު ތަންފީޒުކުރަން ފެށި އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ (މިނިމަމް ވޭޖު) ހިމެނެ އެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅި އަމުރުގައި އެކި ގިންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ އަދަދުތައް ތަފާތެވެ. އަދި އެންމެ ކުދި ގިންތީގެ ވިޔަފާރިތަކުން މިނިމަމް ވޭޖް ދިިނުމުން އިސްތިސްނާ ވެ އެވެ.