Advertisement

ދިވެހި ބަސް ކަޑައޭ ކިޔުން: ކުނިވެފައިވާ ވާހަކައެއް!

7 ޖަނަވަރީ 2022 - 08:04 7

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ދިވެހި ބަހުން ލިޔެފައިވާ ފޮތްތަކެއް.


ދިވެހި ބަސް ކަޑައޭ ކިޔުން: ކުނިވެފައިވާ ވާހަކައެއް!

7 ޖަނަވަރީ 2022 - 08:04 7

މީގެ 77 އަހަރު ކުރިން، ދިވެހި ބަހާ މެދު އޭރުގެ ބައެއް ޒުވާނުން ދައްކަމުންދިޔަ ވާހަކަ ސިފަކުރައްވަމުން ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވެ އެވެ.

"އެކަމަކު މި ޒަމާނަކަށް އައިސް އަޅުގަޑުމެން ދިވެހީންގެ ތެރެއިން ބައެއް މީހުންގެ މެދުގައި ދިވެހިބަހަކީ އެއްވެސް އެއްޗެއް ނޫނޭ ވަރަށް ބޮޑަށް ހީވާކަހަލައެވެ. މިހެނީ ދިވެހި ބަހަކީ އެއްވެސް ޤަވާއިދެއްގެ މައްޗަށް ބިނާވެފައިވާ ބަހެއް ނޫނޭ، ނުވަތަ ތިމާގެ ހިތުގައި އޮންނަ އެއްޗެއް އަނެކަކަށް އެނގޭނޭހެން ދިވެހިބަހަކުން ދޭހައެއް ކޮށެއް ނުދެވޭނެއޭ، މި ފަދަ ޚިޔާލުތައް އަޅުގަނޑުމެންގެ ދުލުން ބޭރުވަނީ މަދެއްކޮށްތޯއެވެ؟ އެކަމަކު ހިތާމަހުއްޓެވެ. ދިވެހިބަހުން ހަމަ ހެޔޮ އެއްޗެއްނަމަ ނުކިޔޭނެކަމުގައި ބުނާ ގިނަ މީހުންނަކީ، ތާނަ ލިޔުމުގައި ސުކުންކުރަނީ ކޮންކޮން އަކުރެއްގައިކަން، ނުވަތަ އައިބައިފިލި ޖެހުމުގެ ޤަވާއިދަކީ ކޮބައިކަންވެސް ނުދަންނަ މީހުންނެވެ."

މިއީ އަޅުގަނޑުގެ ޚިޔާލެއް ނޫނެވެ. މިއީ 1945 ވަނަ އަހަރު، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް އަދި ދިވެހި އަދަބީ ޤުލްޝަނުގެ އޯކިޑުމާ ދެއްވި، އެ ޒަމާނުގެ ކޮމެންޓްރީއެކެވެ. އެހެންނަމަވެސް މިއަދު މިޖުމުލަތައް ކިޔާލުމުންވެސް ސިފަވެގެންދަނީ މިއަދުވެސް ބައެއް މީހުން ދިވެހިބަހާމެދު ދައްކަމުންދާ ވާހަކަތަކެވެ. ހީވަނީ ހަމަ ދެންމެ ކޮފީ މޭޒެއްގެ ދޮށުން އިވުނު ވާހަކައެއްހެންނެވެ.

ދިވެހިންނަކީ އޭރުވެސް ތަޢުލީމުގެ އަގުވަޒަންކުރި ބައެކެވެ. މިހާރުވެސް ތަޢުލީމުގެ އަގުވަޒަންކުރާ ދިވެހިން މަދެއް ނޫނެވެ. ނަތީޖާއަކަށްވީ، އެއިރެއްގައި އެންމެ މައްޗަށް ތަޢުލީމު ޙާޞިލުކުރެވެން ހުރީ ކޮން ޤައުމަކުން، ކޮން ބަހަކުންކަން ދެނެގެން، އެ ޤައުމެއްގެ ބަސް ދަސްކޮށްގެން، އެ މީޑިއަމެއްގެ ޔުނިވަރސިޓީތަކުން ތަޢުލީމު ޙާސިލުކުރުމަށް ދިވެހިން ޖެހިލުންނުވުމެވެ. މިއާ އެކުއެކީ ދިވެހިންގެ ތެރެއަށް ގިނަބައްސަ އާބާދީއެއް ތަޢާރަފުވެ، އާ ބަސްކޮށާރަކަށް ދިވެހިބަސް ހުޅުވާލެވުނެވެ. މިއީ މުވައްސަސާއަކުން ޤަވާއިދުތަކަކާއި ޤާނޫނުތަކެއް ހަދައިގެން ވީކަމެއް ނޫނެވެ. މިއީ ޤުދުރަތީ ގޮތުން އަންނަ ބަދަލުތަކާއެކު ވީކަމެކެވެ. މި ބަދަލުތައް ފެންނާން ފެށުމާއެކު، ޚާއްޞަކޮށް ދުނިޔޭގެ ގިނަ ބަޔަކު ބަސްމޮށެއުޅޭ، ބޮޑެތި، "މޮޅެތި" ބަސްތަކުގެ އަދަބިއްޔާތަށް މީހުން ތަޢާރަފުވާން ފެށީއްސުރެން، ދިވެހި ބަހުގެ ފެންވަރާމެދު ދިވެހިން ސުވާލު އުފައްދަން ފަށައިފި އެވެ. އަދިވެސް ސުވާލުއުފައްދަމުންދެ އެވެ.

މިއަދު އަޅުގަނޑުވެސް ސުވާލެއް އުފައްދާނަމެވެ. 1945 އިން 2022 އާ ހަމައަށް ދުނިޔޭގެ ގާތްގަނޑަކަށް 250 ބަސް އުވިގެންގޮސްފައިވާއިރު، އެ މުއްދަތުގައި، ޙަޤީޤަތުގައި ދިވެހިބަހަށް އައިސްފައިވަނީ ކޮންކަހަލަ ބަދަލުތަކެއްތޯ އެވެ؟ ހައްތަހާވެސް ވެފައިވަނީ ހީނަރުތޯ އެވެ؟

ނޫނެކެވެ. އެއްވެސް އަސާސެއްނެތި، ދައްކާނެ ހެއްކެއް ނެތި، ދިވެހިބަހުގެ ހަމަތަކަށް ބޯލަނބަން ކަންނެތް އާބާދީގެ މި ހޮޅި ވާހަކަ ދެން ދެއްކުން ހުއްޓާލަންވެއްޖެ އެވެ. ދިވެހިރާއްޖޭގެ ކުޑަކުޑަ އާބާދީއާއި އިންޑިޔާގެ އާބާދީގެ އިންސައްތައެއްވެސް ހަމަނުވާ މީސްކޮޅެއް ބަސްމޮށެއުޅޭ، ނިސްބަތުން ޅަ ބަހެއް، ނުއުވި، ޤައުމެއްގެ ރަސްމީ ބަހުގެ މަޤާމުގައި ދެމި އޮންނާނީ ކޮންމެވެސް ފެންވަރަކާއި ނުފޫޒެއް އެ ބަހުގައި ހުރީމާކަން ގައިމެވެ.

ދިވެހިބަހުގެ ބޭކާރުކަން ސާބިތުކުރުމަށް ދައްކާ އެއް ވާހަކައަކީ ޤަވާއިދުގެ ވާހަކަ އެވެ. ބުކްޝޮޕަކަށް ގޮސް ހޯދާލުމުން އަދިވެސް ފެންނަނީ މުސްކުޅި، ކުރީ ޒަމާނުގެ ޤަވާއިދު ފޮތްތައް ކަމަށް ދެކެވޭ ވާހަކައެވެ. ތެދެކެވެ. ދިވެހިބަހުގެ އާ ޤަވާއިދު ފޮތްތަކެއް ޢާއްމުކޮށް ޝާއިޢުކޮށް ވިއްކަން ނުހުރެދާނެ އެވެ. އެހެންނަމަވެސް މިއަދު ދިވެހިބަހަކީ ޢިލްމީ، ދިރާސީ ފެންވަރެއްގައި ތަޙުލީލުކޮށް ދިރާސާކުރެވެމުންދާ ބަހެކެވެ. މަތީ ތަޢުލީމީ މަރުޙަލާގައި ދިވެހި ބަސް ކިޔަވައިދޭން ފެށީއްސުރެ، ޚުދު ދަރިވަރުންވެސް ބަސް ދިރާސާކުރަމުންގެންދެ އެވެ. އަދި އެ މަންސަތަކުގައި ކިޔަވައިދެއްވާ މުދައްރިބުންނަކީ ހަމައެކަނި ދިވެހި ބަސް ދެނެވަޑައިގަންނަވާ ބޭފުޅުންނެއް ނޫނެވެ. ޤަވާއިދު ދިރާސާކުރައްވާ ގްރެމޭރިއަނުންނާއި، ބަހުގެ އަޑުތައް ދިރާސާކުރައްވާ ފޮނޮލޮޖިސްޓުންނާއި، ޖުމުލައިގެ އޮނިގަނޑު ދިރާސާކުރާ ސިންޓެކްޓިކް ލިންގުއިސްޓުންނާއި، ބަހުރުވަ ދިރާސާކުރާ ޑަޔަލެކްޓޮލޮޖިސްޓުންނާއި، ލަފުޒުތަކުގެ އަސްލު ދިރާސާކުރާ އެޓިމޮލޮޖިސްޓުން އަދި މި ނޫންވެސް ބަހާއި އަދަބިއްޔާތުގެ އެތައް މާހިރުންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. މި ތަނުން ބައެއް މާހިރުން، ދިވެހި ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވާއިރު، އެހެން ބޭފުޅުން ހުސްވެވަޑައިގެން ތިއްބެވީ ދިރާސާކުރެއްވުމަށެވެ. މި ފަދަ ޢިލްމީ ދިރާސާތައް ބަހާއި ޤަވާއިދާމެދު ކުރެވޭކަމީ، ބަހުގެ ކުރިއެރުމެއް ނޫންތޯ އެވެ.

ދެން މިއޮތީ ބަސްކޮށާރުގެ ވާހަކައެވެ. އެންމެ ގިނައިން އަޑުއިވޭ ޝަކުވާ އަކީ 1945 ވަނަ އަހަރު އަމީން ދީދީވެސް ސިފަކުރައްވާފައިވާ ޝަކުވާއެވެ. ބުނަން ބޭނުންވާ ވާހަކަ ނުވަތަ ފާޅުކުރަން ބޭނުންވާ ޚިޔާލު، ދިވެހި ބަހުން ފާޅުކުރަން އުނދަގޫ ވާހަކައެވެ. އަދި އެ ހުރިހާ އިހުސާސްތަކެއް ތިމާ ކިޔެވި މީޑިއަމެއްގެ ބަހަކުން ފާޅުކުރަން ފަސޭހަ ވާހަކަ އެވެ. އިނގިރޭސި މީޑިއަމް ތަޢުލީމު ލިބިފައިވާ ފަރާތްތަކަށް ފަސޭހައީ އިނގިރޭސިބަހެވެ. ޢަރަބި މީޑިއަމުން ތަޢުލީމު ޙާސިލުކުރި މީހުންނަށް ޢަރަބި ބަހެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. ފަށާ ތަޢުލީމުން ފެށިގެން މަތީ ޘާނަވީ އާ ހަމައަށް، ސްކޫލް މަންހަޖުގެ ގިނަވެގެން ތިން މާއްދާ ނޫން އެހެން ހުރިހާ މާއްދާއެއް އަދި އެސެމްބްލީ އާއި ބައްދަލުވުންތައްވެސް ކުރިއަށްގެންދަނީ އެ ސްކޫލެއްގައި ކިޔަވައިދޭ މީޑިއަމް ބަރޯސާވާ ބަހަކުންނެވެ. އެހެންކަމުން، ފޮތް ކިޔުމަށް ޝައުޤު ހުންނަ ދަރިވަރަކު، ނުވަތަ ދިވެހި ބަހަށް އާދަޔާ ޚިލާފު ޝައުޤުވެރިކަމެއް ހުންނަ ދަރިވަރެއް، ނުވަތަ ސްކޫލުން ބޭރުން ބަހާ ގުޅޭ އިތުރު އެހީކަމެއް ލިބޭ ދަރިވަރެއް ފިޔަވައި ދެން ތިބި ދަރިވަރުންގެ ޢުމުރުން ގާތްގަނޑަކަށް ބާރަ އަހަރު މި ވެއަތުވަނީ މާދަރީ ބަސް ނޫން ބަހަކަށް އިސްކަންދީގެންނެވެ. އެހެންކަމަށް ވާނަމަ، ބަސްކޮށާރަށް ބެލިކަމުގައިވިޔަސް، ގިނަ ދާއިރާތަކުން ގިނަ ލަފުޒު އެނގޭނީ އެ ބަހަކުންތާއެވެ. ކަން މިހެން އޮއްވާ، ވަޒީފާގެ މައިދާނަށް ނިކުތުމާއެކު، ޤައުމުގެ ރަސްމީ ބަހުން ކުރަންޖެހޭ އެންމެ އާދައިގެ މުޢާމަލާތްކުރަންވެސް އެހީތެރިކަން ބޭނުންވާ ހިސާބަށް ދާ މަންޒަރު އެބަފެނެ އެވެ. ފަރިތަކޮށް ދިވެހިން ޓައިޕުކުރަން ނޭނގޭތާ، މެމޯއެއް ނުވަތަ ސިޓީއެއް ކީއްކުރަން، ޔައުމިއްޔާ ލިޔެވޭނޭކަމުގެ އިތުބާރުވެސް އަމިއްލަ ނަފުސަށް ނޯންނަނީ އެވެ.

މީގައި ހަމައެކަނި ތަޢުލީމީ ނިޒާމަށް ފާޑުކިޔޭކަށް ނެތެވެ. އަޅުގަނޑުމެން ދިވެހި ބަހާމެދު ދެކޭ ގޮތަށްވެސް އެބަ ބަދަލެއް ގެންނާން ޖެހެ އެވެ. ދިވެހި ބަހުން އެއްޗެއް ބުނަން ބޭނުންނަމަ، އަޅުގަނޑުމެން ބޭނުންވަނީ "ލޯން" ލަފުޒެއް ނެތް، މައްދިވެހި ބަސްކޮށާރެއް ބޭނުންކުރާށެވެ. ދިވެހިބަހަށް ލަފުޒެއް ލޯނުކޮށްފިއްޔާ އެއީ ނިކަމެތިކަމެއްކަމަށް އެބަ ބުނެވެ އެވެ. އަދި ދިވެހި އާ ބަހެއް އުފައްދައިފިއްޔާ އެ ބޮލާލާ ޖެހުމަށްފަހު އެއަށް އެބަ ހަޖޫޖެހެ އެވެ. އަޅުގަނޑާއެކު އިނގިރޭސި ބަހަށް ކަޅިއެއް ހިންގާލަމާ ހިންގަވާށެވެ. ތިރީގައި މި ނަކަލުކުރަނީ މި ހިނގާ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ވޮޝިންޓަން ޕޯސްޓުގައި ލިޔެފައިވާ ލިޔުމެއްގެ ފުރަތަމަ ޖުމުލަ އެވެ.

"Attorney General Merrick Garland vowed to hold all those responsible for the Jan. 6 riot accountable "

ވަކިވަކި ލަފުޒުތަކަށް ބަލާލަމާތޯ އެވެ. ފުރަތަމަ ލަފުޒު attorney އަކީ ފަރަންސޭސި atorné އިން އައިސްފައިވާ ލަފުޒެކެވެ. ދެވަނަ ލަފުޒަކީވެސް އޭގެ ފަރަންސޭސި ލަފުޒު general އިން ލޯނުކުރެވިފައިވާ ލަފުޒެކެވެ. އެ ދެ ލަފުޒު އެކުގައި މަޤާމެއް ސިފަކުރަން ބޭނުންކުރާއިރު، އިނގިރޭސިބަހުގައި އިސްކުރާ އޮނިގަނޑަކީވެސް ފަރަންސޭސި އޮނިގަނޑުކަމަށްވާ (ސަބްޖެކްޓު ކުރިއަށް، ނަން އިތުރު ފަހަތަށް އަންނަ އޮނިގަނޑުކަމަށްވާ) attorneys-generalއެވެ. ނަން ދޫކޮށްލުމަށްފަހު، ދެން އޮތް ލަފުޒަށް ބަލާލަމާތޯއެވެ. vow އަކީ ލެޓިނުން ލޯންކޮށްފައިވާ ލަފުޒެކެވެ. އިތުރު ލަފުޒަކަށް ބަލާނަމަ responsible މި ލަފުޒަކީ ބޯދާ ފަރަންސޭސިން އެ އޮތްގޮތަށް ލޯންކޮށްލައިވާ ލަފުޒެކެވެ. މިހާރުގެ ފަރަންސޭސިން ނަމަ responsible އެވެ. accountable އަދި riot ގެ އަސްލަކީވެސް ފަރަންސޭސި އެވެ. މިހާ ހިސާބުން މި ޖުމުލަ ދިވެހިބަހަށް ތަރުޖަމާކޮށްލަމާ ހެއްޔެވެ.

"ޖަނަވަރީ 6 ވަނަ ދުވަހުގެ ހަމަނުޖެހުންތަކަށް ޒިންމާވާ ހުރިހާ އެންމެން ޖަވާބުރާދީކުރައްވާނެކަމަށް އެޓަރނީޖެނެރަލް މެރިކް ގާލަންޑް ވަޢުދުވެވަޑައިގެންފިއެވެ."

ލޯނު ލަފުޒުތައް އެބަ ފެނެއެވެ. ހަމަ އިނގިރޭސި ޖުމުލައިގައިވެސް އެ ފެންނަ ފަދައިންނެވެ. ދަންނަވަން މި އުޅޭ ވާހަކައަކީ، އިނގިރޭސި ޖުމުލައިން އެ މައްސަލަ ނުފެންނަކަމަށްވާނަމަ، ދިވެހި ޖުމުލަ އެ ނާޅިން ނުމިނޭންވީ ސަބަބެއް ނެތެވެ. ފެންމަތިވަނީ، ލޯން ލަފުޒުތައް ބޭނުންކޮށްގެން އިނގިރޭސި، އުރުދޫ އަދި ޢަރަބި ބަސް މުއްސަނދިވާކަމަށް ވާނަމަ، ލޯން ލަފުޒުތަކަކުން ދިވެހިބަސް ހީނަރުވާންވީ ސަބަބައް ވޭތޯ ކުރެވޭ ސުވާލެވެ.

ދެން އޮތީ އަދަބިއްޔާތުގެ ވާހަކައެވެ. ބަހެއްގެ ހުރިހާ އަހުލުވެރިން އެ ބަހެއްގެ އަދަބިއްޔާތަށް ލޯބިކުރާ، އަދަބިއްޔާތު ދިރާސާކުރާ މީހުންނަކަށް ނުވާނެ އެވެ. ވާނެކަމަށް އުއްމީދުކޮށްގެންވެސް ނުވާނެ އެވެ. އާޓްސް އަކީ ނުވަތަ ފަންނުވެރިކަމަކީ އެންމެން އެއަށް ޝައުޤުވެރިވާ ކަމެއް ނޫނެވެ. އަދި އަދަބިއްޔާތުގެ ތެރެއިންވެސް އެވޭލާ އަދަބިއްޔާތާއި އިހުގެ އަދަބިއްޔާތާއި ޒަމާނީ އަދަބިއްޔާތު އޮންނައިރު، އެކާވީސް ވަނަ ޤަރުނުގެ ހުރިހާ އެންމެން އެމީހަކު ބަސްމޮށެއުޅޭ ހުރިހާ ބަހެއްގެ އެވޭލާ އަދަބިއްޔާތު ދަންނާނެއެކޭވެސް ހީކޮށްގެން ނުވާނެ އެވެ. އެހެންނަމަވެސް ދިވެހި ޅެންވެރިން ޅެން ހަދާހާ ހިނދަކު، އެ ޅެންތަކުން ލަވަ ކިޔާހާ ހިނދަކު، ލިޔުންތެރިން ވާހަކައާއި އެ ނޫންވެސް ބާވަތްތަކުގެ ލިޔުންތައް ލިޔާހާ ހިނދަކު، އަދަބިއްޔާތުވެސް ހީނަރުވީއެކޭ ނުދެންނެވޭނެ އެވެ.

ދިވެހިބަހުގެ އަހުލުވެރިން ދިވެހިބަސް ދެރަކޮށް ވާހަކަދެއްކުމަކީ އާ ވާހަކައެއް ނޫނެވެ. ދައްކާތާ ޤަރުނުވެފައިވާ ބާ ވާހަކައެކެވެ. އެހެންނަމަވެސް ދިވެހިބަސް މި ދަނީ އެވާހަކަތަކަށް ގޮންޖަހަމުންނެވެ. އެއީ ތާކުންތާކުނުޖެހޭ ވާހަކަތަކެއްކަން ސާބިތުކޮށްދެމުންނެވެ. ބަހަކުން ބަސްމޮށެއުޅޭ ކޮންމެ މީހަކީ ބަސްވާރަކަށް ވާކަށް ނުޖެހެ އެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ކޮންމެ ދާއިރާއަކަށްވެސް ތަރައްޤީ އާއި ކުރިއެރުން ހޯދުމަށް މަސައްކަތްކުރާ މީހުން ތިބޭ ބީދައިން، ދިވެހި ބަސްވެސް ކުރިއަރުވައި ތަރައްޤީކުރުމަށް މަސައްކަތްކުރާ އާބާދީއެއް އެބައޮތްކަމެވެ. އަދި ތަޢައްޞަބުތައް އެކަހެރިކޮށް ބަލާލި ކޮންމެ ލޮލަކަށްވެސް، އެ އާބާދީގެ އިސްނެގުމާއެކު ބަސް މުއްސަނދިކޮށް، ޒީނަތްތެރިކުރަމުންދާކަން ސާބިތުވާނެކަމެވެ.