Advertisement

ހުރަވީ ދުވަސް...ތާރީޚީ ހާދިސާއެއް

6 ޖަނަވަރީ 2022 - 09:53 1

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


ހުރަވީ ދުވަސް...ތާރީޚީ ހާދިސާއެއް

6 ޖަނަވަރީ 2022 - 09:53 1

ޚާރިޖީ ގުޅުންތައް ބަދަހިވެފައި އޮތް ދުވަސްވަރެކެވެ. ސިލޯނުކަރައިގެ ލަންދޭސީ (ޑަޗު) ސަރުކާރާ އެކުވެސް ގާތް ގުޅުމެއް އުފެދިފައި އޮތެވެ. އެކަމުގެ ސިއްރަކީ އަވަހާރަވި އިބްރާހިމް ރަސްގެފާނުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުތަކެވެ. މުޅި ދައުލަތުގެ މައްޗަށްވެސް ވެރިވެފައި އޮތީ ސުލްޙަވެރިކަމާއި އަމާންކަމެވެ. ވިޔަފާރި މޫސުމުގައި ފުރަމާލޭގެ ބަނދަރަށް އަންނަ ނައުފަހަރުތައްވެސް ގިނަ ދުވަސްވަރެކެވެ. މާލޭގެ ފަޅުތެރެވެސް އޮޑިފަހަރުތަކުން ފުރިބާރުވެފައި އޮވެ އެވެ. ވިޔަފާރި ހެޔޮވެފައި އިގުތިސޯދު ރަނގަޅު ދުވަސްވަރެކެވެ.

އިބްރާހިމް ރަސްގެފާނު ފަސްދާނަށް ވަޑައިގެންނެވީ 29 އަހަރާއި ދެމަހާއި ފޮއި ދުވަހު ވެރިކަން ކުރައްވާފަ އެވެ. ޢުމުރުފުޅުން 43 އަހަރުފުޅުގަ އެވެ. ދިވެހީންގެ ސިންގާ ތަޚުތައް ދެން އިސްކުރެވުނީ އެ ރަދުންގެ ކޮއްކޯފުޅު މުޙައްމަދު ފާށަނާ ކިލެގެފާނެވެ. އާދެ! އައްސުލްޠާން މުކައްރަމު މުޙައްމަދު ޢިމާދުއްދީން، ސިރީ ނަވަރަންނަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުންގެ ނަންފުޅުގަ އެވެ. މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ކޮރު ބަންޑާރައިންނެވެ. ރަސްކަމުގެ ވިރާޘަތު މިލްކުވެ އޮތީ ދިޔަމިގިލީ ބޮޑު ބަންޑާރައިންގެ ދަރިކޮޅު މައްޗަށެވެ. މުކައްރަމު ޢިމާދުއްދީނަކީ ބޮޑު ބަންޑާރައިންގެ ބޭފުޅެކެވެ.

ކޮރު ބަންޑާރައިންގެ ދުވަސްވަރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވީ އޭގެ ކުރިން އެ މަގާމު ފުރުއްވި، ހައްދުންމަތީ ގަމު އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދަރިކަލުންނެވެ. އެއީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނެވެ. މާލޭގެ ޚަޠީބުކަމުގައި ހުންނެވީވެސް ހަމަ އޭނާގެ ދަރިކަލެކެވެ. އެއީ މުޙައްމަދު ޝަމްސުއްދީނުގެ ކޮއްކޮ އަޙުމަދު މުޙްޔިއްދީނެވެ. މި ދެބެއިންވެސް ކައިވެނިވެގެން ތިއްބެވީ އަވަހާރަވި އިބްރާހިމް ރަސްގެފާނުގެ ދެ ދަރިކަނބަލުންނާ އެވެ. ރަސްކަމުގައި ހުންނެވީ އެދެކަނބަލުންގެ ބޮޑުބޭބޭފުޅެވެ. މިހެންކަމުން ކައިވެނީގެ ގޮތުން މި ދެބެއިންވަނީ އެދުވަސްވަރުގެ ޝާހީ އާއިލާ އާއި ގުޅިފަ އެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ނުވަތަ ތާރީޚުގައި މަޝްހޫރު ކޮރު ބަންޑާރައިންގެ ރަސްކަމުން ދެ އަހަރާއި ދުވަސްކޮޅެއް ފާއިތުވީއިރު އުއްތަމަ ފަނޑިޔާރު ހުންނެވީ ރަނގަޅަށްވެސް އެ ވެރިކަމާ ނުރުއްސަވާފަ އެވެ. މި ނުރުހުމުގެ މައްޗަށް އޭނާގެ ސިކުނޑީގައި ހިނގަމުންދަނީ ޣަދަރުވެރިކަމުގެ ޚިޔާލުތަކެވެ. ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަމުގެ މައްޗަށް އެދުންވެރިވީ އެވެ. ޝާހީ ގަހަނާތަކުގެ މައްޗަށް ދަހިވެތިވީ އެވެ. އޭނާ ގަސްތުކުރީ ކޮންމެ ގޮތަކުން ވިޔަސް ވެރިކަން ފިރުކައިގަންނާނެ މަގެއް ހޯދުމަށެވެ. މިކަމުގައި ވާގިވެރިވަމުން ގެންދާ އަނެއް މީހަކީ އޭނާގެ ކޮއްކޮ އަޙުމަދު މުޙުޔިއްދީނެވެ. މި ދެބެއިންގެ ޚިޔާނާތްތެރި މަޝްވަރާތަކަށްފަހު، ކަންނަންނޫރު ޢަލީރާޖާގެ އަރިހަށް އެހީޔަކަށް އެދި ފަތްކޮޅެއް ފޮނުވާން ނިންމިއެވެ.

އާދޭހެވެ! ކަންނަންނޫރު އަލީރާޖާއަކީ މަލާބާރުކަރައިގެ ކަންނަންނޫރޭ ކިޔުނު ކޯއްޓޭގައި ވެރިކަމުގައި ހުންނަ ކޮންމެ މީހަކަށް ކިޔާ ނަމެކެވެ. އަލީރާޖާއިންނަކީ މަލާބާރުކަރައިގައި އޮތް ހަމައެކަނި އިސްލާމީ ވެރިކަމެވެ. ބޮޑު ވެރިކަމެއް ނޫނެވެ. "ޕްރިންސްލީ ސްޓޭޓޭ" ކިޔާ ޒާތުގެ ކުޑަކުޑަ ވެރިކަމެކެވެ. މުޅި ވެރިކަން ބިނާވެފައި އޮންނަނީ ކަންނަންނޫރުގެ ވިޔަފާރި ބަނދަރުގެ މައްޗަށެވެ. ދިވެހީންގެ މައްޗަށް ޢަދާވާތްތެރިކަން ބޮޑުވެގެންވާ ފަރާތެއްވެސްމެއެވެ.

ދުނިޔޭގައި އެއިރުވެސް އެކުލެވިފައި ހުރި ދައުލަތްތަކުގެ ނިސްބަތުން ރާއްޖެއަކީ ކުޑަ ދައުލަތެކެވެ. އެހެންނަމަވެސް މިއީ ދުނިޔޭގެ މަޝްހޫރު ވިޔަފާރި މަގެއްގެ މެދުގައި އޮތް ދައުލަތެއްކަމުން ދުނިޔޭގެ ވިޔަފާރީގައި ދިވެހީން އަދާކޮށްފައިވާ ދައުރު ކުޑައެއް ނޫނެވެ. ބޮޑެތި ބާރުގަދަ ދައުލަތްތަކުން ރާއްޖޭގެ މައްޗަށް ޝައުގުވެރިވަނީ މިހެންވީމަ އެވެ. އަލީރާޖާއިންގެ މަގުސަދަކަށް ވެފައި އޮތީވެސް މި ސަރަޙައްދުގެ ކަނޑުގެ ވިޔަފާރި ކޮންޓުރޯލު ކުރުމެވެ. ދިވެހީންގެ މައްޗަށް އޭނާގެ ހިތުގައި އޮންނަ އަދާވާތްތެރިކަން އެހާ ބޮޑުވެފައި އޮތީވެސް މި ސަބަބަށްޓަކަ އެވެ.

ދިވެހިރާއްޖޭގެ މައްޗަށް ކަންނަންނޫރު އަލީރާޖާއިންގެ ހިތުގައި އޮތް ދަހިވެތިކަން ބޮޑުވެފައި އޮތީ އެއް ސަބަބަށްވުރެ ގިނަ ސަބަބުތަކަށްޓަކަ އެވެ. އެހެނީ ދުނިޔޭގެ ކުރިމަތީގައި އޭނާވެސް ބޮޑު ރަސްކަލަކަށްވާން އެދޭތީ އެވެ. އަމީރީ ވެރިކަމެއްގެ ދަރަޖައިން ނެއްޓި ރަސްކަލެއްގެ ދަރަޖަޔަށް އުފުލޭން ބޭނުންވާތީ އެވެ. އަދި މި ސަރަޙައްދުގައި އޮތް އެންމެ ބޮޑު އިސްލާމީ ވެރިކަމަކީވެސް އޭނާކަމަށް ދުނިޔެއަށް ދައްކަން ބޭނުންވާތީ އެވެ. މި އެންމެހާ އެދުންތަކުގެ ކުރިމަތީގައި އޮތް މައިގަނޑު ހުރަހަކީ ދިވެހީންގެ ރަސްކަމެވެ. ދިވެހި ރަސްކަން އަލީރާޖާގެ ވެރިކަމަށްވުރެ އެތައް ހާސް އަހަރެއް ދޮއްޓެވެ. އެ އަމީރީ ދައުލަތަށްވުރެ ދިވެހީންގެ ދައުލަތް ބޮޑުވެފައި ފުޅަލެވެ. އަދި މި ސަރަޙައްދުގެ ވިޔަފާރީގެ ސަބަބުން ބަސްކިޔޭ ދަރަޖައިގެ ރަސްކަލަކަށް ދިވެހީންގެ ރަސްގެފާނު ވެފައިވެ އެވެ. މިއީ ހައްތަހާވެސް އަލީރާޖާގެ ކުރިމަތީގައިވާ ހުރަސްތަކެވެ.

މަލިކުގައި ހުރި ކޮރު ބަންޑާރައިންގެ މަހާނަގާ.


ކަންނަންނޫރުގެ ވެރިކަމުގެ ތެރެއިން އަލީރާޖާއިން ފެންނަންފެށީ މީލާދުން 1500 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެންނެވެ. އެއީ މި ސަރަޙައްދުގައި ޕޯޗުގީޒުން އުޅުނު ދުވަސްވަރެވެ. އަލީރާޖާއިންނަށް ވެރިކަމެއް ހޯދުނީވެސް ހިސާބަކަށް އެމީހުންގެ މަދަދާއި އެހީ ލިބިގެންނެވެ. އެދުވަހުއްސުރެ ދިވެހިރާއްޖެ މިލްކުކުރުމުގެ މަސައްކަތް އަލީރާޖާއިން ފައްޓައިފި އެވެ. މިކަމުގެ މަގުސަދާއި ބޭނުން އިސްވެ ދެންނެވިފައި އެވަނީ އެވެ. އެ ބޭނުން ހާސިލުކުރުމަށްޓަކައި އަބަދުވެސް ރާއްޖެޔާ ތޮޅޭން ލަޝްކަރު ފޮނުވަ އެވެ. ތިލަދުންމަތީގެ އެތައް ރަށެއް އިރުއިރުކޮޅާ ފޭރި ހަދަ އެވެ. އެތައް ދިވެހީންނެއް މަރާ ސުންނާފަތި ކުރެ އެވެ. ދިވެހީންގެ އެތައް މުދަލެއް ފޭރިކައި އުޅެތެވެ. މިފަދަ އެތައް ތުރާލަކާއި ޖެއްސުމެއް ކުރިއިރުވެސް އެއިން އެއްވެސް ފަހަރަކު ދިވެހި ދައުލަތް އޭނާއަށް ކާލެވޭ ގޮތެއް ނުވި އެވެ.

ކޮރު ބަންޑާރައިންގެ ރަސްކަމުގައި، އުއްތަމަ ފަނޑިޔާރު ޝަމްސުއްދީނުގެ ހިތުގައި ހިނގަންފެށި ޣަދަރުވެރި ޚިޔާލުތަކުގެ ތެރެއިން އަލީރާޖާގެ ނަން އޭނާގެ ސިކުނޑީގައި ހިނގައިގަތީ އެކަމުގައި ލަހެއްފަހެއްނެތި އެމީހުން އެހީވާނެކަން ގައިމުވާތީ އެވެ. މިހެންކަމުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ރަސްމީ ސިއްކަޖެއްސެވި ފަތްކޮޅެއް ކަންނަނޫރު އަލީރާޖާގެ ކޯއްޓޭއަށް ފޮނުއްވި އެވެ. އޭގައި ބުނެފައިވަނީ މިރާއްޖޭގެ ކަންކަން ހަމަމަގުން ނެއްޓިއްޖެ ކަމަށާއި އާއްމު ރައްޔިތުންވެސް ތިބީ ކޮރު ބަންޑާރައިންގެ ރަސްކަމަށް ނުރުހިކަމަށާއި އަދި އިސްލާމީ އުސޫލުތަކުން މުޅިން އެނބުރި ހިނގާއްޖެކަމަށެވެ. އެދިފައިވަނީ ލަސްތަކެއް ނުކޮށް ހަނގުރާމަމަތީ ލަޝްކަރެއް މާލެ ފޮނުއްވައިދެއްވުމަށެވެ. ކަންނަންނޫރުގެ ކޯއްޓޭގައި އަލީރާޖާއެއްގެ ގޮތުގައި އެއިރު ހުރީ ކުންހީ އަމްސާ ދެވަނަ އޭ ކިޔުނު ބޭކަލެކެވެ.

އެހެންނަމަވެސް ތާރީޚު ދީބާ މަޙަލްގައި އެރަސްގެފާނުގެ ދުވަސްވަރު ލޮލުން ދެކެވަޑައިގެން ހުންނެވި ބޭފުޅަކު ލިޔުއްވާފައިވާ ބަސް އައްސަވާށެވެ. އޭގައި ލިޔުއްވާފައިވަނީ

".....މިރަސްގެފާނަކީ ހައިބަވަންކަން ހުރި މާތް ރަސްކަލެކެވެ. ރައްޔިތުންގެ ހާލުބެއްލެވުން މަދު އެހެންނަމަވެސް އޯގާވެރި މީހުންގެ ކުށް ޢަފޫކުރައްވާ ރަސްކަލެކެވެ......"

(ތާރީޚުދީބާ މަޙަލް/ ސަފްޙާ 143)

ބައްލަވާށެވެ! ލިޔުއްވާފައި އެވަނީ މުޅިން ސަނާއެއް ނޫނެވެ. ގޯހެއް އޮތްނަމަ އެވާހަކަވެސް ލިޔުއްވާފައި އެބަވެ އެވެ. ވިދާޅުވެފައި އެވަނީ ރައްޔިތުންގެ ހާލު ބެއްލެވުން މަދު ނަމަވެސް އޯގާވެރި މީހުންގެ ކުށް ޢަފޫކުރައްވާ ރަސްކަލެއްކަމުގަ އެވެ. އަދި ކިއެއްތަ ހައިބަވަންތަކަން ހުރި ބޭފުޅެއްކަމުގަ އެވެ. އޯގާވެރި ކުށް ޢަފޫ ކުރައްވާ ވެރިޔަކާ މެދު އާއްމުންގެ މެދުގައި ބޮޑު ނަފުރަތެއް އޮންނާނެތޯ އެވެ؟ އެފަދަ ރަސްކަލެއްގެ މައްޗަށް ފާޅުކުރާނެ އާއްމުވެގެންވާ ނަފުރަތެއް އޮންނާނެތޯ އެވެ؟ ޝައްކެއްވެސް ނެތެވެ! އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު އެފަދަ ފަތްކޮޅެއް ފޮނުވާފައި އެވަނީ ވެރިކަމުގެ މައްޗަށް އޭނާގެ ހިތުގައި ހިނގަމުން ގޮސްފައިވާ ދަހިވެތިކަމުގެ ބޮޑުކަމުންނެވެ. މީހާގެ ޠަބީޢަތުގައި ހުރި ޣަދަރުވެރިކަމާ ޚިޔާނާތްތެރިކަމުގެ ސަބަބުންނެވެ.

ފޮނުއްވި ފަތްކޮޅަށް އަލީރާޖާގެ ފަރާތުން އެއްވެސް ޚަބަރެއް ނުވި އެވެ. އެއީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ ރަސްމީ ސިއްކަޖެހި ފަތްކޮޅެއް އެފަދަ އިބާރާތްތަކަކުން ފޮނުއްވާފާނެކަމަށް ޚުދު އޭނާއަށްވެސް ގަބޫލު ނުކުރެއްވުނީ އެވެ. އޭގައިވާ ބަސްތައް އަހައިފައި އެއީ މަކަރުވެރި ދަލެއްގައި ޖައްސަން ދިވެހި ސަރުކާރުން ރާވައިގެން ފޮނުއްވި ފަތްކޮޅެއްތޯ ވިސްނާލަން ޖެހުނީ އެވެ. ރާއްޖޭގެ ވިޔަފާރި ބަނދަރުތައް ކިތަންމެ ބޭނުންވިޔަސް، "އެއްލައްކަ ޖަޒީރާގެ" ރަސްގެފާނުގެ ލަގަބުފުޅަށް ކިތަންމެ އެދިއެދި ހުއްޓަސް ވިސްނާލަން މަޖުބޫރުވީއެވެ. ފަތްކޮޅަށް ޖަވާބެއް ނުދީ މަޑުކޮށްލެއްވީ އެވެ.

އެ ފަތްކޮޅަށް އަލީރާޖާގެ ފަރާތުން އިޖާބައެއް ނުލިބުމުން އަނެއްކާވެސް ދެވަނަ ފަތްކޮޅެއް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު ފޮނުއްވި އެވެ. ކުރީން ބުނެވިދިޔަ ވާހަކަތަކުގެ އިތުރަށް ލަޝްކަރު މާލެ ފޮނުއްވަހަރޭ، ތިމަންމެން އެހީވާހުށީމޭ، މާލެ އެރޭނޭ ގޮތަށް ކަނޑިންމަ ހުޅުވާދޭހުށީމޭ ލިޔުއްވާފަ އެވެ. މި ފަތްކޮޅު ލިބުމުން އަލީރާޖާވެސް ދިވެހިރާއްޖެ އާއި ހަނގުރާމައަށް ދާން ތައްޔާރުވި އެވެ. އަދި މިއީ އޭނާގެ ކާބަފައިން އެތައް ފަހަރަކު މަސައްކަތްކޮށް ނުވެފައި އޮތް ކަންތައް އޭނާ ފުރިހަމަ ކުރާނެ ފަހަރުކަމުގައި ޔަގީންކުރި އެވެ. މަލާބާރީންގެ ތާރީޚުގައި މަޝްހޫރު "މުސްކުޅި އެއްލައްކަ ޖަޒީރާ" ހިފޭނެ ފަހަރުކަން އޭނާ ގައިމުކުރި އެވެ.

ކަންނަންނޫރު އަލީރާޖާ އާއި އުއްތަމަ ފަނޑިޔާރު ޝަމްސުއްދީނާ ދެމެދު މިފަދަ ޣަދަރުވެރި ފަތްކޮޅުތަކެއް ބަދަލުކުރެވެމުންދާކަމެއް ރަސްގެފާނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. ލަޝްކަރުގެ ވެރީންނަކަށްވެސް އެނގިފައެއް ނެތެވެ. ރަސްގެފާނުގެ ދެ ކޮއްކޯފުޅުންނާ ކައިވެނިވެގެން ތިބެމެ ގަނޑުވަރުގެ މޭޒުކޮޅުމަތީން ކައިގެން، ރަސްގެފާނާ އެކު ސަކަ މިޒާޖުގެ ވާހަކަ ދައްކަމުން އެދެބެން އުޅެ އެވެ. މި ދެމީހުންގެ ފަރާތުން ގައުމަށް ޖެހޭން އުޅޭ މުސީބާތުގެ އެއްވެސް ހިލަމެއް މީހަކަށް ނުވެ އެވެ. އޯގާވެރި ރަސްކަލެއްގެ ދަށުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމައިގެން އުފާފާގަތިކަމުގައި އުޅެމުން ގެންދެ އެވެ.

މީލާދުން 1752 ވަނަ އަހަރުގެ ޑިސެމްބަރު މަހު 18 ވަނަ ދުވަހަށް އިރު އޮއްސިގެންދިޔަ އެވެ. ބޮޑުގަނޑުވަރު ނާބުސްޚާނުން ޖެހި ނާބަ ބެރާއެކު އެންމެންވެސް ތައްޔާރުވަމުން ދިޔައީ ރޭގަނޑުގެ ކެއުމަށެވެ. އެހެން ރޭރެއާ ތަފާތު ރެއެއް ނޫނެވެ. މައިން އުނދޯއްޔަށް އަރާ ތިބެ ދަރީން ނިންދަވަން ކިޔަމުން ދިޔަ ނާނާގެ އަޑު އިވެމުންދެ އެވެ. ދަންވި ދަންވިހެން އެފަދަ އަޑުތައް ކެނޑެމުން ގޮސް މުޅި ރަށްއެކީ ނިދީއެވެ. އެކަކުވެސް ނުދަންނަކަމަކީ މިއީ އޭގެ ތެރެއިން ބައެއް މީހުންގެ އެންމެ ފަހުރޭކަމެވެ. އެތައް އާއިލާއެއް އަނދައިގެން މަރުވާނެ ރޭކަމެވެ. ބަންޑާރައިންނާ ގައުމުގެ އެތައް ބޮޑުންނެއް އަބަދަށްޓަކައި އެމީހުންނާ ވަކިވެދާނެ ރޭކަމެވެ.

ކަންނަންނޫރުން ހަނގުރާމައަށް އައި ނައުފަހަރުތައް ސިއްރިޔާތުގައި މާލެ އާއި ގާތްކުރަމުން ދިޔައީ އެރޭގެ ދަންވަރެވެ. އަލީރާޖާގެ ލަޝްކަރަށްޓަކައި އުއްތަމަ ފަނޑިޔާރުގެ ބަތާކައިގެން ތިބި ޣަދަރުވެރި ބަޔަކު މާލޭގެ ކަނޑިންމަ ހުޅުވާދީފައި ވެއެވެ. ބޮޑުފާރުން މާލޭގެ ތެރެއަށް އެމީހުންނަށް ވަދެވުނު ތަނާހެން ބަޑިތައް ތަޅައިގެންފި އެވެ. މުޅިރަށަށް ހޭވެރިކަންވީ ދެނެވެ. އާއްމުންގެ މީހުންނަށް ނިދިން ހޭލެވުނީ ރަށު ތެރެއިން ބަޑިތައް ތަޅާ އަޑަށެވެ. އެތަށް ގެޔެއް އަނދައިގެން ދަނީ އެވެ. މީހުންތައް ބިރުން ކޮޅުކޮޅަށް ދުވެ ނަގައެވެ. ތާރީޚު ދީބާ މަޙަލްގައި އެރޭގެ ވާހަކަތައް ލިޔެފައިވަނީ މިފަދައިންނެވެ.

"....މި ރަސްގެފާނުގެ ރަސްކަމުން ދެ އަހަރާއި 10 މަސްވީތަނާ ކަންނަންނޫރު ޢަލީ ރާޖާގެ ފަރާތުން މަލާބާރީންގެ ބަޔަކު އައިސް މިރާއްޖޭގެ ވެރިކަންކުރާ ރަށަށް އަރައި ގަނޑުވަރަށް ވަދެއްޖެ އެވެ. އެއިރު ރަށުގެ އެންމެން ތިބީ ނިދާފައެވެ. އަދި ބަޑިތައް ތަޅާ ގަނޑުވަރުގައި ރޯކޮށްފި އެވެ. އެ ހިނދު ރަސްގެފާނު ގަނޑުވަރު ދޫކުރައްވާ ގަނޑުވަރުގެ ފުރަގަހުން ނިކުމެވަޑައިގެންފި އެވެ. އޭރު އޮތީ ރަށުގެ ދެބައިކުޅަ އެއްބައިގައި ހުޅުހިފާފަ އެވެ. މިކަން ހިނގީ ކީރިތި ރަސޫލާގެ ހިޖުރައިން 1166 ވަނަ އަހަރުގެ ޞަފަރު މަހުން 13 ވީ ބުދަވިލޭރޭ މެންދަމުން އަލިވި ފަހުންނެވެ......."

(ތާރީޚުދީބާ މަޙަލް/ ޞަފްޙާ 143)

ލިބުނު ކުއްލި ހަމަލާގެ ރައްދުގައި ދިވެހި ލަޝްކަރުވެސް ހަމަލާ ބަދަލުކުރެ އެވެ. އެހެންނަމަވެސް އެއިރު މަލާބާރީ ސިފައިން އޮތީ މުޅި ރަށުތެރެއަށް އަރާފަ އެވެ. އެމީހުން ގެންދަނީ އާއްމުންގެ ގޭގޭގައިވެސް ހުޅުޖަހަމުންނެވެ. ދިވެހި ރަސްކަމުގެ އެތެރެކޯލުގައިވެސް ހުޅުޖަހާފައިވެ އެވެ. މި ކުޑަކުޑަ މާލެ އެކީ އަނދަމުންދާއިރު މިތަނުގައި އެއިރު ތިބި މީހުންގެ ހިތްތަކުގައި އޮންނާނެ ބިރުވެރިކަން ވިސްނަވާށެވެ. މުޅި ރަށުގެ އެކި ދިމަދިމާއިން މަލާބާރީ ސިފައިން ބަޑިތަޅަމުން ދާއިރު ވާނެ ގޮތް ވިސްނަވާށެވެ. އެތައް ބަޔަކު މަރުވަމުން ދިޔުމާއެކު ރައްދުގައި ހަމަލާ ދޭނެ ރަނގަޅު ހާލަތެއްވެސް ނެތެވެ. އަލީރާޖާ ކުންހީ އަމްސާގެ ސިފައިންނަށް އިސާހިތަކު ދިވެހިރާއްޖޭގެ ވެރިރަށް ހިފިއްޖެ އެވެ. އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު ސިރީ ނަވަރަންނަ މަހާރަދުން ކިތަންމެ ރަނގަޅަކަށްވެސް ބަލިވެވަޑައިގެންފި އެވެ. އުއްތަމަ ފަނޑިޔާރު ބޭނުންވި ގޮތަށް އެރަދުން މިހާރު އެހުންނީ މަލާބާރީންގެ އަތްދަށުވެފަ އެވެ.

ތާރީޚު ދީބާ މަޙަލްގައި ލިޔެފައިވެ އެވެ.

"...ދެން މިބައިމީހުން ރަސްކަން ހިފައިފޫއެވެ. އަދި މީގެ ތެރެއިން ބަޔަކު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނާއި އެރަދުންގެ އަޚުގެ ދަރިކަލުން މުޙައްމަދު ގޮވައިގެން ފުރައިފޫ އެވެ. އަދި މިބޭފުޅުންނާ އެކީގައި ފަސްމަންދޫ އަލްވަޒީރު މުޙައްމަދު ޝާހު ބަންދަރާއި ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި އާއި އޭނާގެ ދަރިކަލުން ޙުސައިން މަނިކުފާނާއި އަދި މުރުއްބާ މުހައްމަދު ކަލޭގެފާނު ނަމަކަށް ކިޔާ ޚާދިމަކުވެސް ގެންދިޔަ އެވެ. މިބައިމީހުން ގެންދިޔައީ ކަންނަންނޫރަށެވެ....."

ދޮން ބަންޑާރައިންގެ ޒަމާނުގައި ހަމަ މި ހާދިސާ ކިޔައިދީ ބެހެއްޓި ފިލައެއްގައި ލިޔެފައިވަނީ

"....ހާހާއި އެއްސަތޭކަ ފަސްދޮޅަސް ހަވަނަ އަހަރު ޞަފަރު މަހު ބުދަ ތޭރަ ފޮއި ވިލޭރޭ ދަނަރާހިން އެގާރަޔަށް އައި ކަންނަންނޫރު ޢަލީ ރާޖާ ފޮނުވީމައި، ކަންނަންނޫރުން ބަޔަކު ހޮޅީން އައިސް މާލެޔަށް އަރައި، އެތެރެކޯލާއި ރަށުން ފަސްދޮޅަސް ގޯއްޗާއި ތިން މިސްކިތާއި، ތިން ގަނޑުވަރާއި، ހުޅުލާ ދަވައިފައި، މާލެ ހިފައިގެން މިވޭލާ ފުރަމާލޭ ތަޚުތުގައި އިންނެވި އައްސުލްޠާން މުކައްރަމު މުޙައްމަދު ޢިމާދުއްދީން ސިރީ ނަވަރަންނަ ކީރިތި މަހާރަދުނާއި މިރަދުނާއި އެއްކިހުނުފަން އައްސުލްޠާން އިބްރާހިމް ރަދުނަށަ އުފަން މުޙައްމަދު ކަލަމިންޖާއި މި ދެބޭކަލުން އޮޑިޔަކަށް ލައިގެން ކަންނަންނޫރަށް ގެންގޮސްފައި މި ދިވެހިރާއްޖޭގައި ޢަލީ ރާޖާއަށް ތާނިޔާ ކިޔައި ސިއްކަ ހިންގައިފޫ....ދެން ހޮޅީން ލަސްކަރީން ކޯއްޓެތަކާ މިގަނޑުވަރުގައި ލައިގެން ރަސްކަންމަތީ މަލިކު މުޙައްމަދު ބަންޑޯރު މަނިކު އިދެއްޖައޫ....."

އެރޭގެ ބިރުވެރި ހަމަލާގައި މާލެއިން 60 ގޮވައްޗާއި 3 ގަނޑުވަރާއި 3 މިސްކިތާއި އެކު މައި ޝާހީ ގަނޑުވަރުވެސް އަންދާލި އެވެ. ރާއްޖޭގެ ރަދުންނާއި އެރަދުންގެ ކޮއްކޯފުޅު ހިފާ ހައްޔަރުކޮށްގެން ކަންނަންނޫރަށް ގެންދިޔައީ އެވެ. އަދި އަލީރާޖާގެ ވެރިކަމުގެ ދަށުގައިވާތަނެއްކަމަށް އިއުލާނުވެސް ކުރީ އެވެ. އޭނާއަށް ދިވެހި ވެރިކަން ހިންގައިދޭން ހޮޅީންގެ ލަޝްކަރު ގޮވައިގެން މިތާ ހުރީ މަލިކު މުޙައްމަދު ބަންޑޯރު މަނިކެވެ.

އެއްލައްކަ ޖަޒީރާގެ ވެރި ރަސްގެފާނު އަތުވުމުން އަލީރާޖާގެ ހިތް ދިޔައީ އާސްމާނަށް އަރައިގެނެވެ. އެރަދުންނަށް އޭނާ ލައްކަ އަނިޔާކުރެއްވި އެވެ. ދެލޯފުޅު ކޮނެލައްވާ ކަނު މީހެއްގެ ގޮތުގައި ހެއްދެވި އެވެ. ނިކަމެތި ކުރައްވާ މަލާމަތް ކުރި އެވެ. ދިވެހި ވެރިކަން މިލްކުވެއްޖެޔަތީ ބޮޑާވެގަތެވެ. އެއިރު އަލީރާޖާ ހުންނަވަނީ މައިސޫރުގެ ރަސްގެފާނު ހައިދަރު ޢަލީގެ ދަށުގަ އެވެ. މިހެންކަމުން ދިވެހި ރަސްގެފާނަށް ދެލޯފުޅު ކޮނެލައްވާ ކަނުމީހެއްގެ ހާލު ޖެއްސެވީ ހައިދަރު ޢަލީ ވެސް އުފާފުޅު ކުރައްވާނެކަމަށް ހީކޮށްގެނެވެ. އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ހިލިހިލާ އަޅައިގެން ގެންގޮސް ކަންނަންނޫރަށް ބާލާ ބަންދުކުރެއްވި އެވެ. އެހެންނަމަވެސް ޢަލީރާޖާ ހީކުރި ގޮތަށް އެ އަމަލަކީ ހައިދަރު ޢަލީ އުފާކުރިކަމަކަށް ނުވިއެވެ. އެކަމުގެ ސަބަބުން އެރަސްގެފާނުންގެ ކުރިމަތީގައި އަލީރާޖާ ގަދަރު ވެއްޓިގެން ދިޔަ އެވެ.

މީލާދުން 1752 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހަށް އިރު އޮއްސުނު އިރު ޙާލަތު އޮތީ މުޅީން ބަދަލުވެފަ އެވެ. އޯގާވެރި ޢަފޫ ކުރެއްވުން ގިނަ ރަސްގެފާނު ލޯ ކުރިމައްޗަކު ނުވެ އެވެ. އިއްޔެ ކުޅެ އުޅުނު ކުދީންނެއް ނެތެވެ. އިއްޔެ ހުރި ގޭގޭ ބަދަލުގައި ހުރީ އަޅި ފުނިތަކެވެ. ދިވެހި ވެރިކަމުގެ ހައިބަތު ދައްކުވައިދޭ އެތެރެކޯލެއް ނެތެވެ. އަނދާ އަޅިޔަށް ވެއްޖެއެވެ. އައު ކޯއްޓޭ ބޮޑު ބުރުޒުމަތީގައި މިނިވަންކަމާއެކު ވިހުރެމުން ދިޔަ ދިވެހީންގެ ދިދައެއްވެސް ނެތެވެ.

އާއެކެވެ. ޣަދަރުވެރި ދެ ދިވެއްސެއްގެ ޙީލަތްތެރި ރޭވުމާއެކު ޢަލީރާޖާއަށް ދިވެހިރާއްޖެ ހިފުނީ އެވެ. އައު ކޯއްޓޭ ބޮޑު ބުރުޒުމަތީގައި ވިހުރެމުންދަނީ އޭނާގެ ދިދަ އެވެ. ޒަމާންވީ މުސްތަގިއްލު ދައުލަތެއްގެ ވެރި ބަޔެއްގެ ގޮތުގައި ދިވެހީން ތިބި ތިބުމަށް ނިމުމެއް އައީ އެވެ. އެ ފަޚުރު ނިގުޅައިގަތީ އެވެ. އަޅުވެތިކަމުގައި އުޅޭން މަޖުބޫރުވީއެވެ. ކޮންމެ ދިވެއްސެއް ދެކެމުން ދިޔަ ހުވަފެނަކީ މަލާބާރީންނާ ހަނގުރާމަ ކުރުމަށް ތެދުވާނެ ކޮމާންޑަރެކެވެ. ވިއްސިވިހާލިވެފައި އޮތް ދިވެހި ލަޝްކަރު އެމީހެއްގެ ކޮމާންޑުގެ ދަށުގައި އަލުން ރުކުރުވާލާނެ ފަރާތެއްގެ ހުވަފެނެކެވެ.

ގަދީމީ މިނިވަން ދައުލަތެއްގެ މައްޗަށް ވެރިވެ އެ ދައުލަތުގެ ރަސްކަމުގެ ތާނިޔާ އޭނާގެ އަމިއްލަ ނަމުގެ މައްޗަށް އަނބުރައިގެން އަލީރާޖާ އުޅެމުންދެ އެވެ. ދެލޯ ކަނުކުރައްވާފައި ހުރި ހާލުގައި އެ ދައުލަތުގެ ރަސްގެފާނު އޭނާ ގެންގުޅެ އެވެ. މަލާމާތާ ފުރައްސާރައިގަ އެވެ. އެންމެ ދަތި ހާލުގަ އެވެ. މިގޮތުގައި ތިން މަހެއްހާ ދުވަސް ފާއިތުވެ ދިޔަތަނުން ދުޝްމިނުން ސިހިގެން ދިޔައީ އަލުން ދިވެހި ލަޝްކަރު ރުކުރުވާލި ކޮމާންޑަރަކަށެވެ. ހޮޅީންގެ މަލާމާތާ އަޅުވެތިކަމާ ދެކޮޅަށް ތެދުވެންނެވީ މުލީގޭ ދޮން ޙަސަން މަނިކެވެ.

ވިއްސިވިހާލިވެފައި އޮތް ދިވެހި ލަޝްކަރީންނަށް ހިތްވަރު ދެއްވާ އަލުން ރުކުރުވާލި ޤާއިދަކީ އެއީ އެވެ. އެ މަނިކު ރުކުރުވާލި 200 ބޭކަލުންގެ ދިވެހި ލަޝްކަރާ އެ ލަޝްކަރުގެ މައްޗަށް ކޮމާންޑު ކުރެއްވި 4 ކޮމާންޑަރުންގެ ޙިކުމަތު ޢަމަލީގެ ދަށުން ހޮޅީން ސިއްސުވާލި އެވެ. މުލީގޭ ދޮން ޙަސަން މަނިކު އެކުލަވާލި ލަޝްކަރަށް ކޮމާންޑު ކުރެއްވި ހަތަރު ކޮމާންޑަރުންނަކީ ޙަސަން ހިރިހަމާދި ކަލޭގެފާނާ، ޙުސައިން ގަދަހަމާދި ކަލޭގެފާނާ، މޭނާ ފަޑިއްތަކުރުފާނާ އަދި ޢުމަރު މަނިކެވެ. މި ހަތަރު ބޭފުޅުންގެ މައްޗަށް އިސް ކޮމާންޑަރެއްގެ ގޮތުގައި މުލީގޭ ދޮން ޙަސަންމަނިކު ހުންނަވާ މާލޭގެ ކޯއްޓޭތަކުގައި ތިއްބެވި ހޮޅީންނާ ހަނގުރާމަ ކުރެއްވިއެވެ. އަދި އެމީހުން ބަލިކުރެއްވި އެވެ.

އާ ކޯއްޓޭ ބުރުޒު.


1753 ވަނަ އަހަރުގެ އޭޕުރިލް މަހުގެ 7 ވަނަ ދުވަހުގައި އައު ކޯއްޓޭ ބޮޑު ބުރުޒު މަތީގައި އަލުން ދިވެހީންގެ ރަތް ދިދަ ވިހުރުވާލި އެވެ. އަދި ހޮޅީން ބަލިވެއްޖެކަމާއި މިރާއްޖެއަކީ މިނިވަން ދައުލަތެއްކަން އަލުން އިޢުލާންވެސް ކުރެއްވި އެވެ. ގެއްލުނު މިނިވަންކަން އަލުން ހޯއްދަވާ ދެއްވި ޤާއިދަށް ދިވެހީން އަދާކުރީ ކޮޅުނެތްކޮޅަށް ހުރި ޝުކުރެވެ. އެ ކަމުގެ ޝުކުރެއްގެ ގޮތުން އާއްމު ދިވެހީންނަށް ވެދުން ކުރެވޭނެ އެންމެ މަތިވެރި ޝަރަފު ދޮން ހަސަން މަނިކަށް ދިވެހީން ވެދުން ކުރި އެވެ. އެއީ ދިވެހި ރަސްކަމެވެ. ހޮޅީން އަރާ ރަސްގެފާނުން ގެންދެވުމަށްފަހު ހުސްވެފައި ހުރި ތަޚުތަށް އިސްވުމަށް ދޮން ޙަސަން މަނިކަށް ހުށައެޅުއްވި އެވެ.

އާދޭހެވެ! ބަޠަލެއްގެ ކިބައިން ފެންނާނެ އެންމެ މަތިވެރި އަޚުލާޤު އެދުވަހު ދޮން ޙަސަން މަނިކުގެ ކިބައިން ފެނިގެން ދިޔަ އެވެ. ހޮޅީންގެ އަތްދަށުން މިރާއްޖެ ސަލާމަތް ކުރައްވާ މިނިވަން ކުރެއްވި ބަޠަލަކީ އެއީ އެވެ. އޭނާގެ އަރިހުގައި ދިވެހީން އެދެމުން ދިޔައީ އެއްލައްކަ ޖަޒީރާގެ ރަސްގެފާނު ކަމުގައި ވެވަޑައިގެންނެވުމަށެވެ. ދިވެހީންގެ ސިންގާ ތަޚުތު ވެދުންކުރީ އެވެ. އެހެންނަމަވެސް އެދުވަހު އެ މަތިވެރި ޝަރަފާއި ޢިއްޒަތް ޤަބޫލުފުޅު ކުރެއްވުމުގައި ބަދަލުގައި ދޮން ޙަސަން މަނިކު ކުރެއްވީ އިންކާރެވެ. އޭނާ ވިދާޅުވީ ހޮޅީން ގެންދިޔަ ރަސްގެފާނު އަދި އަވަހާރަ ނުވާކަމުގަ އެވެ. އެރަދުންގެ ތަޚުތަށާއި ވެރިކަމަށް ވަފާތެރިކަން އަދާކުރެއްވުމުގައި އޭނާ ސާބިތުވެވަޑައިގެންނެވި އެވެ. ދޮން ޙަސަންމަނިކަށް އަދި ހަނގުރާމަ ނުނިމެ އެވެ. ދިވެހީންގެ ރަސްގެފާނު ހޮޅީންގެ އަތްދަށުގައި ބަންދުވެފައި ހުރިހާ ހިނދަކު ނުނިމެވެ. މިހެންކަމުން ދިވެހި ރަސްކަމުގެ ތާނިޔާ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު ސިރީ ނަވަރަންނަ މަހާރަދުންގެ ނަންފުޅު މައްޗަށް އަލުން އެނބުރީ އެވެ.

އަދިވެސް އައްސަވާށެވެ! ހޮޅީން އަރާ ރަދުން ގެންދެވިއިރު އެރަދުންގެ އިންނެވީ އަންހެން ދަރިކަނބަލެކެވެ. ދެން ދޮންބަންޑާރައިން ވަޑައިގެންނެވީ އެދަރިކަނބަލުންގެ އަރިހަށެވެ. އަދި ބައްޕާފުޅުގެ ރަސްކަމާ ޙަވާލުވެވަޑައިގެންނެވުމަށް ދެންނެވި އެވެ. އަދި އެރަސްކަން ހިންގައިދިނުމަށް އެހީތެރިވެދިނުމުގައި ހުންނަވާނެކަމުގެ ޔަގީންކަންވެސް ދެއްވި އެވެ. މިޔަށްފަހު ދެން ދިވެހި ރަސްކަން ހިނގަމުން އައީ ކޮރު ބަންޑާރައިންގެ އާމިނާ ރަނިކިލަގެފާނުގެ ނަންފުޅު މަތީގަ އެވެ. އެރަސްކަން ހިންގަވާދެއްވަން ހުންނެވީ ދިވެހީންގެ ބަޠަލް މުލީގޭ ދޮން ޙަސަން މަނިކެވެ. އަދި ހޮޅީންގެ ބަންދުގައި ހުރި އެކަމަނާގެ ބައްޕާފުޅު، އެންމެހައި ދިވެހީންގެ ރަސްގެފާނު ސަލާމަތް ކުރެއްވުމުގެ މަސައްކަތްޕުޅު ހުއްޓާނުލައްވާ ދޮން ޙަސަން މަނިކު ކުރައްވަމުން ގެންދެވި އެވެ.

ގެއްލިދިޔަ ފަޚުރާ އޮބާދިޔަ ޝަރަފު އަލުން ހޯއްދަވާ ދެއްވި މުލީގޭ ދޮން ޙަސަން މަނިކަށް އައްސަރިބަހާ ސާބަހެވެ. ދެއްކެވި ރީތި އަޚުލާޤީ ނަމޫނާއަށް އާޝޯޚުވަމެވެ. ޤައުމުގެ ނަމުގައި ތެދުވެވަޑައިގެންނެވީ ލިބިދާނެ ވެރިކަމުގެ މޮޅަކަށް ނޫނެވެ. ހޯދިދާނެ ޝަރަފަކަށްވެސް ނޫނެވެ. އެހެންނޫންނަމަ ދިވެހި ތަޚުތު އެމަނިކުފާނަށް ވެދުން ކުރެއްވި އިރު އަވަސްވެވަޑައިގެންނެވީހީ އެޔަށް އިސްވެވަޑައިގެންނެވުމަށް ނޫންތޯ އެވެ. އެހެންނަމަވެސް އަމާނަތްތެރިކަން އިސްކުރެއްވި އެވެ. އެއިރު ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރެއްވި އެވެ. ތިމާއަށް މިލްކު ކުރެވޭން އޮތް ވެރިކަމަށް އެހެން ބޭފުޅަކު ލައްވައިގެން އެރަސްކަން ހިންގައިދެއްވީއެވެ. އާދޭހެވެ! މިއަދަކީ މި މަތިވެރި ބަޠަލާ ގުޅުން ހުރި ދުވަހެވެ. ހޮޅީންގެ އަތްދަށުން ދިވެހީން މިނިވަންވި ދުވަހެވެ. ހުރަވީ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރަމުން މިދަނީ އެހަނދާނުގަ އެވެ.

ދެލޯފުޅު ކަނުކުރައްވާ ދަތި ހާލުގައި ހުންނަވާ ޢިމާދުއްދީން ރަދުން އަވަހާރަވީ މަލިކުގަ އެވެ. އެތައް ފަހަރެއްގެ މަތީން ދޮން ޙަސަން މަނިކު ވަނީ އެރަދުން ސަލާމަތް ކުރެއްވުމަށް މަލިކަށް ދިވެހި ސިފައިން ފޮނުއްވާފަ އެވެ. އެހެން ނަމަވެސް އެއިރު މަލިކު މީހުން ވަފާތެރިވެގެން ތިބީ އަލީރާޖާއަށްކަމުން އެ "މިލިޓަރީ މިޝަންތައް" ކާމިޔާބުވާ ގޮތް ނުވީ އެވެ. މިފަދަ ދުވަހެއްގައި އެރަދުންގެ ނަންފުޅުވެސް ހަނދާން އައު ކުރަމެވެ. އެއީވެސް ޝަހީދެކެވެ. ޣަދަރުވެރި ދެ ދިވެއްސެއްގެ ސަބަބުން ދިވެހި ފަސްގަނޑާ ދުރުގައި، ލޯބިވާ ދަރިކަނބަލުންނާ ދުރުގާ ކަނު ބޭފުޅެއްގެ ގޮތުގައި ހުންނަވާ އަވަހާރަވާން ޖެހުނީ އެވެ. ދޮން ބަންޑާރައިންގެ ނަންފުޅާއެކު އެރަދުންގެ ޛިކުރާވެސް މިއަދު އައު މިކުރަނީ އެންމެ މަތީ ޤަދަރާއި އިހުތިރާމުގަ އެވެ.