Advertisement

ކޮމަންޑޫ ދާއިރާގެ އެމްއެންޕީ ޓިކެޓް ހަންނާންއަށް

23 ޑިސެންބަރު 2021 - 18:52 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްއެންޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން: އެހެން ކަމުން ޓިކެޓު ކަށަވަރުވެފައިވާ ކަމަށައި ޕްރައިމަރީ ނުބާއްވާނެ ކަމަށް އެ ޕާޓީން ބުނޭ-- ފޮޓޯ: އެމްއެންޕީ


ކޮމަންޑޫ ދާއިރާގެ އެމްއެންޕީ ޓިކެޓް ހަންނާންއަށް

23 ޑިސެންބަރު 2021 - 18:52 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި އިތުރު މީހަކު ކުރިމަތިލާފައިނުވާތީ މޯލްޑިވަސް ނޭޝަނަލް ޕާޓީގެ(އެމްއެންޕީ) ޓިކެޓް ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސް ޔަގީންކުރައްވައިފި އެވެ.

އެމްއެންޕީން ބުނީ ކުރީގެ މެމްބަރު ހުސެއިން ވަހީދު މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމާ ގުޅުގެން ބާއްވާ ބައި-އިލެކްޝަނަށް ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލެއްވީ ހަންނާން އެކަނި ކަމަށެވެ.

އެހެން ކަމުން ޓިކެޓު ކަށަވަރުވެފައިވާ ކަމަށާއި ޕްރައިމަރީ ނުބާއްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދްރީއަކީ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން (1987- 2019އަށް) ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އެ ބޭފުޅާއަކީ ވިޔަފާރިވެރިއެކެވެ.

ތައުލީމީ ދާއިރާއަށް ބަލައިލާއިރު 2013 ވަނަ އަހަރުން 2019ވަނަ އަހަރާއި ހަމަޔަށް އޭނާވަނީ ވިލާ ކޮލެޖުގެ ޝަރިއްޔާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރުގެ މަގާމްވެސް ފުރުއްވާފަ އެވެ. އަދި މީގެ އިތުރުން ހދ.ހަނިމާދޫ ސްކޫލް، ރ.އިނގުރައިދޫ ސްކޫލް، ށ އަތޮޅު ތައުލީމީ ސެންޓަރު، ނ.މާފަރު ސްކޫލް އަދި ރ.ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލްކަންވެސް އޭނާވަނީ ކުރައްވާފަ އެވެ.

އަދި ހަމަ އެހެންމެ އޭނާވަނީ ޕްރައިމަރީ ސްކޫލް ޓީޗަރު، ސުޕަވައިޒަރު އަދި ހެޑްމާސްޓަރގެ މަގާމްވެސް އަދާކުރައްވާފަ އެވެ.

ހަންނާނަކީ މޯލްޑިވްސް ނެޝެނަލް ޕާޓީ އުފެއްދުމުގައިވެސް އެންމެ ފުރުތަމަ ސޮއިކުރި މެންބަރުންގެ ތެރޭ ހިމެނޭ މީހެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެމްއެންޕީގެ އިތުރުން އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވެސް އެ ދާއިރާއަށް ކުރިމަތިލާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އެގޮތުން އެމްޑީޕީން ނެރުމަށް ނިންމާފައި ވަނީ އެމްޑީޕީގެ ޓިކެޓް ށ. ފޯކައިދޫގެ ކުރީގެ ކައުންސިލަރު މުހައްމަދު ރަޝާދެވެ.

ހުސެއިން ވަހީދު، 53، އަވަހާރަވީ ވަރަށް ގިނަ ދުވަހު ކެންސަރަށް ފަރުވާ ކުރެއްވުމަށްފަހު އެވެ. އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.