Advertisement

މެމްބަރު ހުސެއިންގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް

15 ޑިސެންބަރު 2021 - 20:55 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކެންސަރުގެ އާލާސްކަންފުޅެއްގައި އަވަހަރާވި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުން-- ފޮޓޯ: ރައީސް އޮފީސް


މެމްބަރު ހުސެއިންގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް

15 ޑިސެންބަރު 2021 - 20:55 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މެންބަރު ހުސައިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި އެވެ.

މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވޫ ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް އުމުރުން 53 އަހަރުގެ އިއްޔެ މާލޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

ތައުޒިޔާގެ ދަފުތަރު ހުޅުވުމަށް މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ތައުޒިޔާގެ ދަފުތަރު ހުޅުވައިދެއްވަމުން ރައީސް ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް ހުސައިން ވަހީދަކީ އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަމުގަ އެވެ.

އަދި އެމަނިކުފާނު ހުސައިން ވަޙީދާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް ހުސައިން ވަހީދުގެ ހިތްޕުޅު ހެޔޮކަމާއި، އެކުވެރި މަޖާ މިޒާޖު ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމުގައި އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

އަދި އެމަނިކުފާނު ވަނީ ހުސައިން ވަހީދަކީ ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތްކުރެއްވިއިރުވެސް ހެޔޮލަފާދެއްވާ ވިސްނުންތެރި އަދި ދިމާވި އެކި ހުރަސްތަކާއި އަޑިގުޑަންތަކުން އަރައިގަތުމުގައި ކެރިގެން ކުރިމަތުލެއްވި ބޭފުޅުއްގެގޮތުގައި ސިފަކުރައްވާފަ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.

ކެންސަރުގެ އާލާސްކަންފުޅެއްގައި އަވަހަރާވި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް


ހުސެއިން ވަނީ 17 ވަނަ އަހަރު މަޖިލީހުގައި ވެސް ކޮމަންޑޫ ދާއިރާގެ މެމްބަރުކަންކުރައްވައިފަ އެވެ. މި ދައުރުގައި އޭނާ ވަނީ މާލިއްޔަތު ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އާއި ސުލޫކް ކޮމިޓީ އާއި ބަޖެޓު ދިރާސާކުރާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިން ކޮމިޓީގައި މަސައްކަތްކުރައްވައިފަ އެވެ.

މިދިޔަ އަހަރުން ފެށިގެން ދުބާއީގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވުމަށް ފަހު ހުސައިން މާލެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަލުން ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ މި އަހަރުގެ މާޗު 29 ގަ އެވެ.

އެއަށް ފަހު، މާޗް 30 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ މަސްވެރިކަމުގެ ބިލަށް އޭނާ ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ވިދާޅުވީ ބޭސްފަރުވާ އަށް ރާއްޖޭން ބޭރުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ވަރަށް ގާތް ރައްޓެހިންނާއި ދާއިރާގެ އެކިއެކި ރައްޔިތުންނާއި ހެޔޮ އެދޭ އެތައް އިއްޒަތްތެރި މެމްބަރުންނެއް ގުޅުއްވައި ހާލު ބައްލަވަމުން ދިޔަ ކަމަށްޓަކައި އުފާ ކުރައްވާ ކަމަށެވެ. އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވެވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ށ. ފޯކައިދޫން މަރުހަބާ ވިދާޅުވެ، އަދި ރަށުގައި ބޭއްވި ބައްދަލުވުންތަކުގައި އެ މަނިކުފާނުގެ އަރިހުގައި ވެސް ހުސައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުސެއިން އަކީ މަޝްހޫރު ވިޔަފާރިވެރިއެއް ވެސް މެ އެވެ. އެގޮތުން ޓިމްބާ ހައުސް ޕްރައިވެޓް ލިމިޓެޑާއި ޔުނައިޓެޑް ފުޑް ސަޕްލައި ޕްރައިވެޓް ލިމިޑެޓުގައި އޭނާގެ ހިއްސާ އޮވެ އެވެ.

އަވަހާރަވިއިރު އޭނާގެ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭފުޅުން އަދި އަނބިކަނބަލަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ.