Advertisement

މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ

14 ޑިސެންބަރު 2021 - 03:35 0

މެމްބަރު ހުސައިން ވަހީދު


މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ

14 ޑިސެންބަރު 2021 - 03:35 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު، 53، މިރޭ މާލޭގައި އަވަހާރަވެއްޖެ އެވެ.

ކެންސަރުގެ އާލާސްކަންފުޅެއްގައި އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މިދިޔަ އަހަރުން ފެށިގެން ދުބާއީގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވުމަށް ފަހު ހުސައިން ވަހީދު މާލެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަލުން ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ މި އަހަރުގެ މާޗު 29 ގަ އެވެ.

މާޗު 30، 2021 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 24 ވަނަ ޖަލްސާގައި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


އެއަށް ފަހު، މާޗް 30 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ މަސްވެރިކަމުގެ ބިލަށް އޭނާ ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ވިދާޅުވީ ބޭސްފަރުވާ އަށް ރާއްޖޭން ބޭރުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ވަރަށް ގާތް ރައްޓެހިންނާއި ދާއިރާގެ އެކިއެކި ރައްޔިތުންނާއި ހެޔޮ އެދޭ އެތައް އިއްޒަތްތެރި މެމްބަރުންނެއް ގުޅުއްވައި ހާލު ބައްލަވަމުން ދިޔަ ކަމަށްޓަކައި އުފާ ކުރައްވާ ކަމަށެވެ. އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވެވި އެވެ.

ސެޕްޓެމްބަރު 7، 2021 ގައި ށ. ފޯކައިދު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، ރައީސްގެ އަރިހުގައި މެމްބަރު ހުސައިން ވަހީދު. -- ފޮޓޯ: ރައީސް އޮފީސް


މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ށ. ފޯކައިދޫން މަރުހަބާ ވިދާޅުވެ، އަދި ރަށުގައި ބޭއްވި ބައްދަލުވުންތަކުގައި އެ މަނިކުފާނުގެ އަރިހުގައި ވެސް ހުސައިން ވަހީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފޯކައިދޫ އަށް ނިސްބަވްތްވާ ހުސައިން ވަހީދު، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ފަސް އަހަރު ކުރެއްވި އެވެ.

މަޝްހޫރު ޓިމްބަ ހައުސް ޕްރައިވެޓް ލިމިޓެޑާއި ޔުނައިޓެޑް ފުޑް ސަޕްލައި ޕްރައިވެޓް ލިމިޑެޓްގެ އިތުރުން ހުސައިން ވަހީދު ގެންދެވީ ތަފާތު ވިޔަފާރިތައް ހިންގަވަމުންނެވެ.

އޭނާގެ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭފުޅުން އަދި އަނބިކަނބަލަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ.