Advertisement

އޮމިކްރޯންއަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން މިހާތަނަށް ނެގި ސާމްޕަލްތައް ނެގެޓިވް

8 ޑިސެންބަރު 2021 - 11:23 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރާއްޖެއައި ފަތުރުވެރިންތަކެއް: އޮމިކްރޯނާ ގުޅިގެން މިހާތަނަށް ނެގުނު ސާމްޕަލް ތަކުގެ ތެރެއިން އިތުރު ސާމްޕަލެއް ޕޮޒިޓިވް ނުވާ ކަމަށް އެޗްޕީއޭން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


އޮމިކްރޯންއަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން މިހާތަނަށް ނެގި ސާމްޕަލްތައް ނެގެޓިވް

8 ޑިސެންބަރު 2021 - 11:23 1

އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވި ފަތުރުވެރިޔާގެ އިތުރުން ރާއްޖޭން މީހަކު ޕޮޒިޓިވް ވެފައި ނުވާ ކަމަށް ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

ރާއްޖެއިން ފެނިފައިވާ އޮމިކްރޯންގެ ކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއެއްގެ ފަރާތުން ފެނިފައިވާ ކޭސްއެކެވެ. އެ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ ނޮވެމްބަރު 21 ވަަނަ ދުވަހު އެވެ.

އޮމިކްރޯންގެ އެ ކޭސްގެ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖެނޯމިކް ސިކުއެންސިން ހެދުމަށް ރާއްޖޭން ބޭރަށް 30 ނޮވެމްބަރުގައި ފޮނުވި ސާމްޕަލްތައް ޓެސްޓު ކުރުމުންނެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. އާމިނަތު ނަޒްލާ ރަފީގް "އަދަދު"އަށް ވިދާޅުވީ ރާއްޖޭން އޮމިކްރޯންއަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ވެފައި ވަނީ ދެ މީހުން ކަމަށެވެ.

ނަމަވެސް, އިތުރު ރެންޑަމް ސާމްޕަލްތައް ނަގާ ޓެސްޓް ކޮށްފައިވާ ކަމަށާއި މިހާތަނަށް އިތުރު މީހަކު އޮމިކްރޯންއަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"ކްލޯޒް ކޮންޓެކްޓްގެ ގޮތުގައި ދެ ކޮންޓެކްޓް ފާހަގަ ވެފައިވޭ. އެހެން ނަމަވެސް އިތުރު ރެންޑަމް ސާމްޕަލްތަކެއްވެސް ވަނީ ނަގާފައި. ނެގުނު ސާމްޕަލްތަކުން އިތުރު ސާމްޕަލެއް ޕޮޒިޓިވެއް ނުވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭން އޮމިކްރޯން ފެނުމާ ގުޅިގެން އެޗްޕީއޭން ވަނީ ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިލްތިމާސްކުރާ ކަންކަން

  • މާސްކު އަޅައި ގައިދުރުކަން ބެހެއްޓުން.
  • ބަލީގެ އަލާމާތް ފެންނަ ނަމަ ފްލޫ ކްލިނިކަށް ދެއްކުން.
  • ސާމްޕަލް ދިނުމުގައި އެއްބާރުލުން ދިނުން.
  • ވެކްސިން ފުރިހަމަކޮށް ބޫސްޓާ ޑޯޒްވެސް ޖެހުން.

ކޮވިޑުގެ އާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދެކުނު އެފްރިކާ އިންނެވެ. އެއާއެކު މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

އޮމިކްރޯން ވޭރިއެންޓާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކަކީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒެމްބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވާޓީނީ ހިމެނޭހެން ހަތް ގައުމަކުންނެވެ.

އެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން މަނާ ފަރާތްތަކުގެ ތެރޭގައި ދަތުރުކުރުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި ދިރިއުޅުނު އަދި 12 ގަޑިއިރަށްވުރެ ގިނައިރު އެ ގައުމުތަކުގައި ޓްރާންސިޓް ކުރި ފަރާތްތައް ހިމެނޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.