Advertisement

ކީރިތި ޤުރުއާނުގެ ހިތުގައިވާ ސިއްރަކަށް ނަޒަރެއް


ކީރިތި ޤުރުއާނުގެ ހިތުގައިވާ ސިއްރަކަށް ނަޒަރެއް

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

ކީރިތި ޤުރުއާނުގެ ހިތުގެ ނަން ދެވިފައިވާ ސޫރަތެއް ވެ އެވެ. އެއީ ޔާސީން ސޫރަތެވެ. އެއީ މައްކިއްޔަ ސޫރަތެކެވެ. އެހެނީ އެ ސޫރަތުގެ 45 ވަނަ އާޔަތް ފިޔަވައި އެހެން އާޔަތްތަކަކީ މައްކިއްޔަ އާޔަތްތަކެކެވެ. 45 ވަނަ އާޔަތަކީ މަދަނިއްޔަ އާޔަތެކެވެ. ޔާސީން ސޫރަތަށް ކީރިތި ޤުރުއާނުގެ ހިތުގެ ނަން ދެވިފައިވަނީ، މުޅި ކީރިތި ޤުރުއާނުގެ ޚުލާޞާއެއް އެ ސޫރަތުން ޙާޞިލުވާތީ އެވެ.

ޔާސީން ސޫރަތުގައި ވަރަށް ގިނަ ސިއްރުތައް އެކުލެވިފައި ވެ އެވެ. އެ ހުރިހައި ސިއްރުތަކެއް މިއަދާ ހަމައަށް ދިރާސާކުރެވިފައެއްނުވެ އެވެ. މިސާލަކަށް އެ ސޫރަތުގެ ފެށުމުގައިވާ މުޤައްޠަޢު އަކުރުތަކެވެ. އެ އަކުރުތައް ވެސް ފުރިހަމައަށް ދިރާސާކުރެވިފައެއްނުވެ އެވެ. މިހާތަނަށް ކުރެވިފައިވާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ކީރިތި ޤުރުއާނުގައިވާ އެ އަކުރުތަކުގައި ގިނަ ސިއްރުތަކެއް ލައްވާފައި ވެ އެވެ. ޢަދަދުގެ ގޮތުންނާއި ޢިލްމީ ގޮތުން ކުރެވިފައިވާ ބައެއް ދިރާސާތަކުން ވަނީ ޔާސީން ސޫރަތުގައި ލައްވާފައިވާ ބައެއް ސިއްރުތައް ހޯދިފަ އެވެ.

މިސާލަކަށް، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބަށް ބަލާއިރު، ޔާސީން ސޫރަތަކީ 36 ވަނަ ސޫރަތެވެ. އެ ސޫރަތުގައިވާ އާޔަތްތަކުގެ ޢަދަދަކީ 83 އެވެ. މި ދެ ޢަދަދުގައި ލައްވާފައިވާ ސިއްރަކީ ކޮބައިތޯ އެވެ؟ ކީރިތި ޤުރުއާނުގައި ޢަދަދުގެ ނިޒާމެއް ލައްވާފައިވާކަން ނޭނގިތިބެ ސަތޭކަ އަހަރު ވަންދެން މި ދެ ޢަދަދާމެދު ވިސްނައި ފިކުރު ހިންގިކަމުގައި ވިޔަސް، މި ދެ ޢަދަދުގައި ލައްވާފައިވާ ސިއްރު ހާމަނުވެދާނެ އެވެ.

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތެރޭގައި ޔާސީން ސޫރަތަކީ 36 ވަނަ ސޫރަތް ކަމުގައި މާތް ﷲ ލެއްވީ ކީއްވެތޯ އެވެ؟ އަދި އެ ސޫރަތުގެ އާޔަތްތަކުގެ ޢަދަދަކީ 83 ކަމުގައި އެކަލާނގެ ލެއްވީ ކީއްވެތޯ އެވެ؟ މި ދެ ޢަދަދު މި ގޮތަށް ލެއްވުމުގެ ޙިކުމަތަކީ ކޮބައިތޯ އެވެ؟ މި ދެ ޢަދަދުގައި އިޢުޖާޒެއް ވޭތޯ އެވެ؟ މިފަދަ އެތައް ސުވާލެއް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުއްޓެވެ.

މި ދެންނެވި ދެ ޢަދަދެކޭ އެއްފަދައިން، ކީރިތި ޤުރުއާނުގައިވާ ކޮންމެ ޢަދަދެއްގައި ޙިކުމަތާއި އިޢުޖާޒު ލައްވާފައި ވެ އެވެ. ހަމައެފަދައިން ކޮންމެ އަކުރެއްގައި ވެސް އެކަން ލައްވާފައި ވެ އެވެ. މި ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. މިސާލަކަށް ޔާސީން ސޫރަތުގެ ފުރަތަމަ އާޔަތުގެ ތަރުތީބު ނަންބަރެވެ. ނުވަތަ ދެވަނަ އާޔަތުގެ ފުރަތަމަ އަކުރެވެ. މިއިން ކޮންމެ ޢަދަދަކާއި ކޮންމެ އަކުރެއްގައި އެތައް އިޢުޖާޒެއް ލައްވާފައި ވެ އެވެ. ކީރިތި ޤުރުއާނުގައިވާ ކޮންމެ ޢަދަދަކާއި ކޮންމެ އަކުރެއްގައި އެތައް އިޢުޖާޒެއް ލައްވާފައިވަނީ އެ ފޮތަކީ މާތް ﷲ ގެ ކަލާމްފުޅު ކަމުގައިވާތީ އެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ! އަޅުގަނޑުމެންގެ ތެރެއިން ފޮތްލިޔާ މީހަކު ފޮތެއް ލިޔާއިރު، އޭނާގެ ކިބައިވާ ހުރިހައި ޤާބިލުކަމެއް އެ ފޮތުގެ ތެރޭގައި ހިމެނެ އެވެ. އޭނާގެ ކިބައިގައިވާ މަޢުރިފާތަކާއި ހުނަރުތައް އޭގައި ޝާމިލުވެ އެވެ. އިންސާނީ ފެންވަރުގައި މިކަން މިހެން އޮތްއިރު، ކަށަ ކުޅަދުންވަންތަ މާތް ﷲ ފޮތެއް ބާވައިލައްވާއިރު، މިކަން އޮންނާނެ ގޮތް ތަޞައްވުރުކޮށްލައްވަ ބައްލަވާށެވެ! އެކަލާނގެ ޖަލާލުވަންތަކަމާއި ކުޅަދުންވަންތަކަމާއި ޢަޡަމަތްތެރިކަމުގެ ބޮޑުކަން ޚިޔާލުފުޅަށް ގެންނަވައިގެންނެވެ. އެކަލާނގެ ޢިލްމުފުޅުގެ ތަނަވަސްކަމަށް އިމެއް ނެތެވެ. ވީއިރު، އެކަލާނގެ ބާވައިލައްވާ ފޮތުގައި ހިމަނުއްވާނެ ކަމަށް ތިޔަބޭފުޅުން ތަޞައްވުރުކުރައްވަނީ ކިހައި މިންވަރެއްތޯ އެވެ؟ ހަމައެކަނި ބަހަވީ މޮޅުކަމާއި ބަލާޣާތްތެރިކަން އެކަނިތޯ އެވެ؟

ބައެއް މީހުން ކީރިތި ޤުރުއާން ކިޔެވި ކަމުގައިވިޔަސް، ކީރިތި ޤުރުއާނުގައިވާ އިޢުޖާޒުތަކުގެ މަތިވެރިކަމާއި ފުރިހަމަކަމާއި މޮޅުކަމާއި އޭގެ ގިނަގުނަކަން ތަޞައްވުރެއްނުކުރެވެ އެވެ. އެފަދަ މީހުން ކީރިތި ޤުރުއާނުގެ މިންތަކާއި އިންތައް ހަނިކުރެ އެވެ. އެމީހުންގެ ނަޒަރުގައި ކީރިތި ޤުރުއާނަކީ ހަމައެކަނި ދީނުގެ ކަންކަމަށް ތެދުމަގު ދައްކައިދޭ ފޮތެކެވެ. އެމީހުން ކީރިތި ޤުރުއާނުގެ ޢިލްމާއި އިޢުޖާޒު މިހައިވަރަށް ހަނިކުރަނީ ކޮން އެއްޗެއް އެނގިގެންތޯ އެވެ؟ ކީރިތި ޤުރުއާނުގައިވާ ޢިލްމުތަކުގެ މިންވަރު، މާތް ﷲ، އެމީހުންނަށް އަންގަވާފައިވަނީތޯ އެވެ؟ ކަން އޮތީ އެމީހުން ހީކުރާ ގޮތަކަށެއް ނޫނެވެ. ކީރިތި ޤުރުއާނުގައި ހިމަނުއްވާފައިވާ ޢުލޫމުތަކާއި އިޢުޖާޒުތައް އެމީހުންނަށް ހަމަ ނޭނގެނީ އެވެ.

މާތް ﷲ، ކީރިތި ޤުރުއާން ބާވައިލެއްވި ގޮތް، އައްނިސާއު ސޫރަތުގެ 166 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ. އެ އާޔަތުން ބައެއްގެ މާނައިގައި ވެ އެވެ. "އެފޮތް ބާވައިލެއްވީ، އެކަލާނގެ ދެނެވޮޑިގަތުމާއެކުގަ އެވެ. އަދި މަލާއިކަތުންވެސް (އެކަމަށް) ހެކިވެވަޑައިގަންނަވަތެވެ." މި އާޔަތުން ނުހަނު ސާފުކޮށް އެނގޭ ގޮތުގައި، ކީރިތި ޤުރުއާން ބާވައިލައްވާފައިވަނީ އެކަލާނގެ ދެނެވޮޑިގަތުމާއެކުގަ އެވެ. އެކަލާނގެ ޢިލްމުފުޅާއެކުގަ އެވެ. އެކަލާނގެ ދެނެވޮޑިގަތުމާއި އެކަލާނގެ ޢިލްމުފުޅުގައި ޝާމިލުވަނީ ހަމައެކަނި ދީނުގެ ކަންކަމަށް ތެދުމަގު ދެއްކެވުން އެކަންޏެއްނޫނެވެ.

ކީރިތި ޤުރުއާނުގައިވާ ދީނުގެ ކަންކަމަށް ތެދުމަގު ދެއްކެވުމަށް އެކަނި ބަލައިލި ކަމުގައިވިޔަސް، އެ ފޮތުގައި ލައްވާފައިވާ ޢަދަދުގެ ނިޒާމު އެއިން ބޭރެއްނުވެ އެވެ. އެހެނީ އެ ނިޒާމަކީ ވެސް ތެދުމަގު ދެއްކެވުމުގެ ތެރޭގައި ޝާމިލުވާ އެއްޗެކެވެ. ދުނިޔޭގައިވާ ކޮންމެ މީހަކީ ޢަރަބި ބަސް ދަންނަ މީހެއް ނޫނެވެ. މިސާލަކަށް ހުޅަނގުގެ ޣައިރު މުސްލިމުންނެވެ. އެމީހުންނަށް ކީރިތި ޤުރުއާން ހުށަހަޅަން ބަލާއިރު، އެމީހުންނަކަށް ޢަރަބި ބަހެއް ނޭނގެ އެވެ. އެކަމަކު ޢަދަދުގެ ނިޒާމުތައް އެމީހުންނަށް ވަރަށް ރަނގަޅަށް މޭރުންވެ އެވެ. އެމީހުންނަކީ މާއްދީ ކަންކަމާއި ޢަދަދުން ބަޔާންކުރެވޭ ކަންކަން ވަރަށް ރަނގަޅަށް ދަންނަ ބަޔެކެވެ. އެހެންވީމާ، އެމީހުންގެ ކުރިމައްޗަށް ގެންދަންވާނީ އެމީހުންނަށް އެނގޭ އެއްޗެކެވެ. މި ޙާލަތުގައި، އެމީހުން ދަންނަ އެއްޗެއް ކީރިތި ޤުރުއާނުގައި އޮއްވައި، އެއީ ނެތް އެއްޗެއް ކަމުގައި ހެދުމަކީ އެއްވެސް މީހަކަށް ލިބިގެންވާނެ ޙައްޤެއް ނޫނެވެ. އަދި އެއީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ.

ކީރިތި ޤުރުއާނުގައި ލައްވާފައިވާ ޢިލްމުތަކަކީ އިންސާނެއްގެ ޢުމުރުގައި އޭނާ ކިޔަވާ އެއްޗަކުން ޙާޞިލުވާ ވަރަށްވުރެ މާ ގިނަގުނަ ޢިލްމުތަކެކެވެ. އެ ޢިލްމުތަކަކަށް ނިމުމެއް ނެތެވެ. ކީރިތި ޤުރުއާނުގައިވާ އިޢުޖާޒުތަކާއި އޭގެ ދާއިރާތައް ކޮޑިމިނެއްނުކުރެވޭނެ އެވެ. އެއީ ފިޒިކްސް ޢިލްމު ނެތް ފޮތެއް ކަމުގައި ބުނާ މީހާ އެހެން ބުނަނީ އޭނާއަށް އެކަން އެނގިގެނެއް ނޫނެވެ. އެހެނީ، މާތް ﷲ، އޭނާއަށް އެކަން އަންގަވާފައެއް ނުވެ އެވެ. ކީރިތި ޤުރުއާނުގައި ފިޒިކްސް ޢިލްމު ނެތްކަން އޭނާއަށް ސާބިތުކޮށެއް ނުދެވޭނެ އެވެ. ކީރިތި ޤުރުއާނުގައި ހިސާބު ޢިލްމު ނެތްކަން ވެސް އޭނާއަށް ސާބިތުކޮށެއް ނުދެވޭނެ އެވެ. އަދި ކީރިތި ޤުރުއާނުގައި މެޑިސިން ޢިލްމު ނެތްކަން ވެސް އޭނާއަށް ސާބިތުކޮށެއް ނުދެވޭނެ އެވެ.

މާތް ﷲ އީ، މި ކައުނުގައިވާ ހުރިހައި އެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. މި ކައުނުގައިވާ ހުރިހައި މަޑިކިލަނބުތަކެއް އެކަލާނގެ ދެނެވޮޑިގެންވެ އެވެ. މި ކައުނުގައިވާ ހުރިހައި ޒައްރާތަކެއް އެކަލާނގެ ދެނެވޮޑިގެންވެ އެވެ. އަދި އެ ދޭތީގެ ދެމެދުގައިވާ ހުރިހައި އެއްޗެއް ވެސް އެކަލާނގެ ދެނެވޮޑިގެންވެ އެވެ. ވީއިރު، އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެކަލާނގެ ބާވައިލެއްވި ފޮތުގައި އެކަލާނގެ ލައްވާފައިވާ ޢިލްމުގެ ބޮޑުކަމާއި އޭގެ ގިނަގުނަކަމާމެދު އިންކާރުކުރުމެއް ނޫނެވެ. އެކަމަކު އަޅުގަނޑުމެން ކުރަންވީ ކަމަކީ އެ ޢިލްމުގެ ތަނަވަސްކަމާއި އޭގެ ބޮޑުކަމާއި އޭގެ ގިނަގުނަކަން އޮޅުންފިލާތޯ ބެލުމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ވާހަކަކޮޅު ދައްކައިލަންޖެހުނީ އިސްވެ ދެންނެވުނު ދެ ޢަދަދުގައިވާ ލައްވާފައިވާ އިޢުޖާޒަށް ބަލައިލުމަށްޓަކަ އެވެ. އެ ދެ ޢަދަދަކީ އެ ސޫރަތުގެ ތަރުތީބު ކަމުގައިވާ 36 އާއި އެ ސޫރަތުގެ އާޔަތްތަކުގެ ޢަދަދު ކަމުގައިވާ 83 އެވެ. ތަރުތީބު ނަންބަރާއި އާޔަތްތަކުގެ ޢަދަދަކީ ކީރިތި ޤުރުއާނުގައިވާ ކޮންމެ ސޫރަތަކަށް ވެސް ލިބިގެންވާ ޚާއްޞަ ދެ ޢަދަދެވެ. ބައެއް ސޫރަތްތަކުގައިވާ އާޔަތްތަކުގެ ޢަދަދު އެއްވަރުކަން ފާހަގަކުރެވެ އެވެ.

ޔާސީން ސޫރަތުގެ ތަރުތީބު ނަންބަރާއި އެ ސޫރަތުގެ އާޔަތްތަކުގެ ޢަދަދު ދިރާސާކުރާއިރު، އެ ދެ ޢަދަދުގެ ގުނައިން އިޢުޖާޒެއް ފާޅުވެ އެވެ. އެއީ 2988 އެވެ (36 × 83 = 2988). 2988 އަކީ އެ ސޫރަތުގައިވާ އަކުރުތަކުގެ ޢަދަދެވެ. މިތާނގައި ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއެއް ވެ އެވެ. އެއީ ޔާސީން ސޫރަތުގެ އަކުރުތަކުގެ ޢަދަދު ބެލި ގޮތެވެ. އެކަން ކުރެވިފައިވަނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުގައި ކީރިތި ޤުރުއާން ލިޔެވުނު ގޮތަށް ބަލައިގެންނެވެ. އޭރު އެ ލިޔުމުގައި ނެތް ބައެއް އަކުރުތައް މިހާރު ކީރިތި ޤުރުއާން ލިޔެވިފައިވާ ރަސްމު ޢުޘްމާނީގައި ވެ އެވެ. މިސާލަކަށް (قرءان) މި ކަލިމައިގެ އަލިފުގެ ކުރީގައިވާ ހަމްޒާ އެވެ. އިތުރުއެކަލޭގެފާނުގެ ޒަމާނުގައި ލިޔެވުނު ކީރިތި ޤުރުއާނުގައި އެ ހަމްޒާއެއް ނެތެވެ. އަދި މިހާރު ކީރިތި ޤުރުއާނުގައިވާ ނުކުތާތަކާއި ފިލިތަކެއް ވެސް އޭރަކު ނެތެވެ. ޢަދަދުގެ ގޮތުން ކީރިތި ޤުރުއާން ދިރާސާކުރާއިރު މިފަދަ ކަންކަމަށް ރިޢާޔަތްކުރަންޖެހެ އެވެ.

ޔާސީން ސޫރަތުގެ ތަރުތީބު ނަންބަރާއި އެ ސޫރަތުގެ އާޔަތްތަކުގެ ޢަދަދު ގުނަކުރުމުން ލިބޭ ނަތީޖާއަކީ އެ ސޫރަތުގެ ޙަޤީޤީ އަކުރުތަކުގެ ޢަދަދެވެ. މިއީ އިންކާރުކުރެވެން ނެތް ކަމެކެވެ. މިއީ އިޢުޖާޒެއް ކަމުގައި ޤަބޫލުކުރަން ބޭނުންނުވާ މީހަކު ހުރެދާނެ އެވެ. ނަމަވެސް އޭނާގެ ގާތުގައި ވެސް މިއީ ލަޠާއިފެއް ކަމުގައި ނުވެއެއްނުދާނެ އެވެ. އެހެނީ މިއީ ފެންނާން އޮތް ޙަޤީޤަތެކެވެ. މިއީ ކީރިތި ޤުރުއާނުގައިވާ މިފަދަ ހަމައެކަނި ޙަޤީޤަތް ކަމުގައިވީނަމަ، މި ޙަޤީޤަތް އެއްފަރާތްކޮށްލެވިދާނެ އެވެ. ނަމަވެސް ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ އިޢުޖާޒުތަކަކަށް ނިމުމެއް ނެތެވެ. މި ބަޔާންކުރެވުނީ، ކީރިތި ޤުރުއާނުގެ ހިތުގައިވާ އެންމެ އިޢުޖާޒެކެވެ. އާދޭހެވެ. ޔާސީން ސޫރަތުގައިވާ ޢަދަދުގެ އިޢުޖާޒުތަކުގެ ތެރެއިން އެންމެ އިޢުޖާޒެކެވެ.

ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ އިޢުޖާޒުތަކަކީ މުއުމިނުންގެ އީމާންކަން ވަރުގަދަކޮށްދޭ ބަހާއެއް ކަމުގައި މާތް ﷲ ލައްވާށި އެވެ! އާމީން.