Advertisement

ރަތްރޮނގު ދަމަން މަޖުބޫރުކުރީ ކާކު؟

23 ނޮވެންބަރު 2021 - 13:15 11

ސިޓީބިޓީ

ސިޓީބިޓީ


ރަތްރޮނގު ދަމަން މަޖުބޫރުކުރީ ކާކު؟

23 ނޮވެންބަރު 2021 - 13:15 11

އެޑިޓަރަށް،

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

"ކޮއްކޯ ތީގައި އަތްނުލާ. އެހެން ނޫނީ މިއޮށް ފަދަ އީދު ދުވަހު މުގުރިހަ ކާން ޖެހިދާނެ،"

އީދު ނަމާދަށް ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އިސްލާމީ މަރުކަޒަށް ވަޑައިގެންނެވުމުން، އެތަނުގެ ގޯތިތެރޭގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅުގައި ކުޑަކުއްޖަކު އަތްލުމުން، އެތާ ހުރި ހަރު މީހަކު ބުންޏެވެ.

އޭނާ އެ ބުނީ ތެދެކެވެ. އެ ކާރުގައި އަތްލައި، ގޯނާއެއްކޮށްފި ނަމަ، ފަހަރުގައި ހައްޔަރުކޮށްފާނެ އެވެ. ރައީސުލްޖުމްހޫރިއްޔާއަށް، ދައުލަތުގެ މުދަލަކަށް ގެއްލުމެއް ދޭން އުޅެނީ ކަމަށް ބަލައިފަ އެވެ. ބަންދުކޮށްފި ނަމަ ޖެހޭނީ މުގުރިހަ އާއި ބަތްކާށެވެ. އީދު ދުވަހެއް، ހައްޖު ދުވަހެއް، ބާރަ ދުވަހެއް ތަފާތެއް ނުވާނެ އެވެ.

ނޮވެމްބަރު 3، 1988 ގެ ކުރިން ރައީސް މައުމޫން އުޅުއްވީ ތަފާތު ދިރިއުޅުއްވުމެކެވެ. އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަން އޮތީ ވަރަށް ލުއިކޮށެވެ. މާފަންނުގައި ހުންނަ އެމަނިކުފާނުގެ ރަސްމީ ގެކޮޅު، ތީމުގެއިން ނުކުމެވަޑައިގެން ހިންގަވާފައި ހެންވޭރަށް ވަޑައިގަންނަވާފާނެ އެވެ. އަރިހުގައި ހުންނަވާނީ ސިފައިންގޭގެ އެންމެ ބޭކަލެކެވެ. ބައެއް ފަހަރު ކާރުކޮޅު ވެސް ދުއްވަވާނީ އަމިއްލަފުޅަށެވެ. އަށެވެ. ދަތުރުކުރައްވަނީ މޮޓަރުކޭޑެއްގެ ކަފުގައެއް ނޫނެވެ.

އެކަމަކު ދިވެހިންގެ ބަޔަކު ރާވައިގެން ތަމަޅައިންގެ ބަޔަކު ނޮވެމްބަރު 3 ގައި ދިން އުދުވާލީ ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ހާލަތު މަޖުބޫރުކުރީ އެ ދިރިއުޅުއްވުން ބަދަލުކުރައްވާށެވެ. ސަލާމަތީ ގޮތުން ވަރުގަދަ ރިޔާސީ ގަނޑުވަރެއް ބިނާކުރައްވަން ޖެހިވަޑައިގަތެވެ. އަމިއްލަފުޅަށް ކާރުކޮޅު ދުއްވެވުން ހުއްޓަވާލެއްވި އެވެ. ދަތުރުކުރައްވަނީ އެތައް އުޅަނދެއް ހިމެނޭ މޮޓަރުކޭޑެއްގެ ކަފުގަ އެވެ. ހިންގަވާފައި ވަޑައިގަތަސް ވަށައިގެން ސިފައިންގެ ފައުޖެއް އޮވެ އެވެ.

އެހިސާބުން އެކަމަށް އަހަރެމެން ޖެހީ ހަޖުލެވެ. ރައްޔިތުންގެ ތެރޭ އުޅެން ވެރިން ބިރުގަނެގެން ނުވާނެ ކަމަށާއި ރައްޔިތުންނަށް ނުލިބޭ ސެކިއުރިޓީއެއް ވެރިންނަށް ލިބިގެން ނުވާނެ ކަމަށާއި އަދި ސަލާމަތަށްޓަކައި ތިޔަ ހޭދަކުރައްވަނީ ބޭކާރު ހަރަދެއް ކަމަށް ބުނެ އެވެ. އެކަމަކު ސިފައިންނަށް ގާނޫނުން މަތިކޮށްފައި އޮންނަ، ވެރިންނަށް ސަލާމަތީ ކަންކަން ފުރިހަމަކޮށްދިނުމުގެ ގާނޫނީ ޒިންމާ އެބޭފުޅުން އަދާކުރެއްވީ އެވެ.

އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ވެސް އުޅުއްވީ ވަރަށް އާދައިގެ ދިރިއުޅުއްވުމެކެވެ. އުޅުއްވީ އަމިއްލަ ގެކޮޅުގަ އެވެ. އެކަމަކު އެމަނިކުފާނާއި ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް ދަތުރުކުރެއްވި ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހިސާބުން ހުރިހާ ކަމެއް ބަދަލުވި އެވެ. އެމަނިކުފާނުގެ ސެކިއުރިޓީ ވަރަށް ވަރުގަދަކުރި އެވެ. އެމަނިކުފާނު ތަނަކަށް ވަޑައިގަންނަވާ ނަމަ ބަޑި ހިފައިން ސިފައިންގެ ފައުޖެއް އޮވެ އެވެ.

އެހިސާބުން އެކަމަށް ވެސް އަހަރެމެން ޖެހީ ހަޖުލެވެ. ރައްޔިތުންގެ ތެރޭ އުޅެން ވެރިން ބިރުގަނެގެން ނުވާނެ ކަމަށާއި ރައްޔިތުންނަށް ނުލިބޭ ސެކިއުރިޓީއެއް ވެރިންނަށް ލިބިގެން ނުވާނެ ކަމަށާއި އަދި ސަލާމަތަށްޓަކައި ތިޔަ ހޭދަކުރައްވަނީ ބޭކާރު ހަރަދެއް ކަމަށް ބުނެ އެވެ. އެކަމަކު ސިފައިންނަށް ގާނޫނުން މަތިކޮށްފައި އޮންނަ، ވެރިންނަށް ސަލާމަތީ ކަންކަން ފުރިހަމަކޮށްދިނުމުގެ ގާނޫނީ ޒިންމާ އެބޭފުޅުން އަދާކުރެއްވީ އެވެ.

ރައީސް މުހައްމަދު ނަޝީދަކީ އެ ދެ ބޭފުޅުންނަށް ވުރެ ވެސް ސާދާ ދިރިއުޅުމެއް އުޅުއްވި ބޭފުޅެކެވެ. ނަޝީދުގެ މަގުބޫލުކަން ބޮޑުވި އެއް ސަބަބަކީ ވެސް އެމަނިކުފާނުގެ އާދައިގެ ދިރިއުޅުއްވުމެވެ. ރައީސް މައުމޫނުގެ އަބުއި ދިރިއުޅުއްވުމަށް ފާޑުވިދާޅުވެ، އެއާ ހިލާފަށް ރައްޔިތު މީހާ ގާތަށް ގޮސް ވާހަކަތައް އަޑުއައްސަވާ އެއްސެވުމެވެ. ރައްޔިތުން ކުރައްވާ ކަންކަމުގައި ބައިވެރިވެވަޑައިގަތުމެވެ. ސިފައިންގެ ފައުޖެއް ނުލާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކެވެ. އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގެން ވެސް އެންމެ އުނދަގޫފުޅު އެއް ކަމަކަށްވީ ސެކިއުރިޓީގެ ވަރުގަދަކަމެވެ. ރާއްޖޭން ބޭރު ދަތުރުތަކުގައި ޝެޑިއުލުން ބޭރު ތަންތަނަށް ވަޑައިގަންނަވަން ހުރަސްތަކެއް އެޅުނެވެ. އެ މަޖުބޫރުކަމާ އެކު ވެސް އެމަނިކުފާނު އުޅުއްވަމުން ގެންދެވީ ވަރަށް ލުއިކޮށެވެ.

ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގެން ވެސް އުޅުއްވީ ނިސްބަތުން އާދައިގެ ކޮށެވެ. ދިރިއުޅުއްވީ މާލޭގެ އެންމެ ކާރޫބާރޫބޮޑު މަގުގައި ހުންނަ ގޯޅިއެއްގައި ހުންނަ އަމިއްލަގެކޮޅު ގ. ކެނެރީގޭ ގަ އެވެ. އެމަގުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަވަހާރަކޮށްލަން މޭ 6 ގައި ޓެރަރިސްޓް ހަމަލާއެއް ދިނެވެ. އެއާ އެކު ހުރިހާ ކަމެއް ބަދަލުވި އެވެ. މަޖިލީހުން ގާނޫނެއް ފާސްކުރި އެވެ. ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެންގި އެވެ. މަޖިލިސް ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅެއް ހަމަޖައްސައިދޭން ވެސް ފާސްކުރި އެވެ.

ރަސްމީ ގެކޮޅު ނިމެންދެން ވަގުތީ ގެކޮޅެއް ވެސް ހަމަޖެއްސި އެވެ. އަދި އެތަނުގެ މަރާމާތު ނިމެންދެން ހޮޓެލް ޖެންގައި ހުންނަވާ ގޮތަށް ވެސް ހަމަޖެއްސި އެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މަޖިލިސްކުރާ ގޭގެ ސަރަހައްދުން ސެކިއުރިޓީ އެންމެ ރަނގަޅު، އަދި ސެކިއުރިޓީ ރަނގަޅަށް ބެލެހެއްޓޭނެ ތަނަކަށް ހުރީ ހޮޓެލް ޖެން ކަމަށްވާތީ އެ މަނިކުފާނު އެތަނުގައި ބެހެއްޓެވުމަށް ޑިފެންސް މިނިސްޓްރީން އެދުނީ ކަމަށެވެ.

އޮކްޓޯބަރު މާލެ ވަޑައިގެން ކޮޕް-26 އަށް ފުރާވަޑައިގަތުމާ ހަމަޔަށް ހޮޓެލް ޖެންގައި ނަޝީދު ހުންނެވުމަށް 698،168ރ. ހަރަދުވި އެވެ. އެއާ އެކު ރައްޔިތުން ހޫނުވި އެވެ. އެންމެ ބޭފުޅަކަށް އެވަރުގެ ހޭދައެއް ދައުލަތުން ކުރާތީވެ އެވެ. އެ ހަރަދުކުޑަކުރެވެން އޮތީ ސަލާމަތީ ގޮތުން ވަރުގަދަ ގެކޮޅެއް ހަމަޖެއްސިގެންނެވެ. އެކަމަށްޓަކައި ވަގުތީ ގޮތުން މުރައިދޫގެ ހަމަޖެއްސި އެވެ. އަދި އެމަގުގައި ޕާކުނުކުރެވޭ ގޮތަށާއި މަޑުނުކުރެވޭ ގޮތަށް ރަތްރޮނގު ދެމި އެވެ.

އެހިސާބުން އެކަމަށް ވެސް އަހަރެމެން އަނެއްކާ ވެސް މިޖަހަނީ ހަޖުލެވެ. ރައްޔިތުންގެ ތެރޭ އުޅެން ވެރިން ބިރުގަނެގެން ނުވާނެ ކަމަށާއި ރައްޔިތުންނަށް ނުލިބޭ ސެކިއުރިޓީއެއް ވެރިންނަށް ލިބިގެން ނުވާނެ ކަމަށާއި އަދި ސަލާމަތަށްޓަކައި ތިޔަ ހޭދަކުރައްވަނީ ބޭކާރު ހަރަދެއް ކަމަށް ބުނެ އެވެ. އެކަމަކު ސިފައިންނަށް ގާނޫނުން މަތިކޮށްފައި އޮންނަ، ވެރިންނަށް ސަލާމަތީ ކަންކަން ފުރިހަމަކޮށްދިނުމުގެ ގާނޫނީ ޒިންމާ އެބޭފުޅުން އަދާކުރެއްވީ އެވެ.

ވެރިންނަށް ސަލާމަތީ ހިދުމަތް ވަރުގަދަކޮށްގެން އަހަރެމެން ހަޖޫ ޖަހާ ނަމަ އެ ދިމާކުރެވެނީ ސަލާމަތީ ބާރުތަކާ އެވެ. ސަބަބަކީ ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ ބާރުތަކާ ކަމަށްވާތީ އެވެ. ނަޝީދަށް ދިން ބޮމުގެ ހަމަލާއާ އެކު ގިނަ ބަޔަކު ހިތްހަމަނުޖެހުނީ ވެސް އެމްއެންޑީއެފްއާ މެދު އެވެ. އެކަށީގެންވާ ގޮތެއްގައި ސެކިއުރިޓީ ނުބެލެހެއްޓޭ ކަމަށް ބުނެ އެވެ. އޭރު ވެސް އެ އެމްއެންޑީއެފުން ބުނަމުން އައީ ހަނި ގޯޅިއެއްގެ ތެރޭގައި ހުންނަ ގެޔެއްގައި ހުންނަވާ ނަމަ ދަތިތައް ހުންނާނެ ކަމަށެވެ. ވަކިން ގެކޮޅެއް ހަމަޖެއްސީ ވެސް ސަލާމަތީ ގޮތުން ވަރުގަދަ، ރައްކާތެރިކޮށްދެވޭނެ ތަނެއްގައި ބެހެއްޓުމަށެވެ.

އަނެއް ކަމަކީ ވެރިންނަކީ (އެ ޒިންމާ އަދާކުރެއްވިޔަސް ނުކުރެއްވިޔަސް) އަހަރެމެންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އަހަރެމެންގެ ގައުމުގެ ކަންކަން އިސްލާހުކުރުމަށްޓަކައި، ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަން އަހަރެމެން އިންތިހާބުކޮށްފައި ތިބި ބަޔެކެވެ. އަހަރެމެންގެ ޓެކްސް ފައިސާ އިން ހަރަރުކޮށްގެން، އެފަދަ ވެރިންނަށް ސަލާމަތީ ކަންކަން ބަލަހައްޓައިދިނުމަކީ އެމްއެންޑީއެފް އިން އަހަރެމެންނަށް ކޮށްދޭ ކަމެކެވެ. އެއީ އަހަރެމެން އެއަށް އަމަލުކުރާ ގާނޫނު އަސާސީން އެމްއެންޑީއެފް އަށް ލާޒިމުކޮށްފައިވާ ކަމެކެވެ.

އެކަން ވަރަށް ލުއިކޮށް ހަރަދުކުޑަކޮށް ކުރެވެން އެބައޮތެވެ. އެކަމަކު އާދައިގެ ސެކިއުރިޓީއެއްގެ ބަދަލުގައި ހައި ސެކިއުރިޓީއެއްދޭން ޖެހި އިތުރަށް ހަރަދުބޮޑުވާ ގޮތް މެދުވެރިވެފައި ވަނީ އަހަރެމެންގެ ތެރެއިން ބަޔަކު ކުރި ކަމެއްގެ ސަބަބުންނެވެ. އެންމެ ފުރަތަމަ "ރަތްރޮނގު" ދަމަން މަޖުބޫރުކުރީ ނޮވެމްބަރު ތިނެކެވެ. ދެން "ރަތްރޮނގު" ދަމަން މަޖުބޫރުކުރީ ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާ އެވެ. އެންމެ ފަހުން ރަތްރޮނގު ދަމަން މި މަޖުބޫރުކުރީ މަޖީދީމަގުގައި ބޮމެއް ގޮއްވާލި ގޮއްވާލުމެވެ.

ހާދިމްކުމް,

ރައްޔިތެއް.

އެޑިޓަރުގެ ނޯޓު


މި ސެކްޝަނުގައި ސިޓީއެއް ޝާއިއުކުރައްވަން ބޭނުން ނަމަ "އަދަދު" ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ. އޭގެ ތެރެއިން އެޑިޓޯރިއަލް ސިޔާސަތާ ފުށު ނާރާ ސިޓީތައް ވީ އެންމެ އަވަހަށް އަދަދުގައި ޝާއިއުކުރެވޭނެ އެވެ.