Advertisement

އަޅުގަނޑުގެ ދަރިފުޅަށް ދުޅަހެޔޮ ނަފްސާނީ ސިއްޙަތެއް ހޯދާ ދިނުމުގައި އަޅުގަނޑުގެ ރޯލަކީ ކޮބާ؟

23 ނޮވެންބަރު 2021 - 09:11 0


އަޅުގަނޑުގެ ދަރިފުޅަށް ދުޅަހެޔޮ ނަފްސާނީ ސިއްޙަތެއް ހޯދާ ދިނުމުގައި އަޅުގަނޑުގެ ރޯލަކީ ކޮބާ؟

23 ނޮވެންބަރު 2021 - 09:11 0

ލިޔުނީ: ޙާރިޘަތު މުޙައްމަދު

ޙަމްދާ ތައުރީފާ ސަނާ ހުރީ ކީރިތި ވަންތައް މާތް ﷲ އަށެވެ. ސަލަވާތާއި ސަލާމުން ވެދުން ކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ އަށެވެ. މި ސަލަވާތުގައި އެކަލޭގެފާނުގެ ލޮބުވެތި އާލު އަސްޙާބުން ޝާމިލު ކުރަމުންނެވެ.

އޮކްޓޯބަރ މަހުގެ ދިހަވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެކި އޭޖެންސީތަކާއި އޯގަނައިޒޭޝަންތަކުން މިދުވަސް މުހިންމު ދުވަހެއްގެ ގޮތުގައި މި ޤައުމުގައި ވެސް ފާހަގަ ކުރެ އެވެ. އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސެންޓާ ފޯ މެންޓަލް ހެލްތު (ސީއެމްއެޗް) އާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ އޯގަނައިޒޭޝަންތައް ކަމުގައިވާ މެންޓަލް ހެލްތް އެވެއާނަސް ފައުންޑޭޝަން (އެމްއެޗްއޭއެފް) އާއި ސޮސައިޓީ ފޯ ހެލްޓް އެޑިއުކޭޝަން (ޝީ) އާއި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އަދި އެޑްވޯކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) ހިމެނެ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ނަފްސާނީ ބަލިތަކަށް ޚިދުމަތް ކޮށްދޭ ކްލިނިކްތައް ކަމުގައިވާ އިންސްޓިޓިއުޓް އޮފް މެންޓަލް ވެލް ބީން (އައިއެމްޑަބްލިއުބީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސައިކޮލޮޖިކަލް ސާވިސަސް (މިޕްސްޓާ) އަދި ތިބާ ސައިކޮލޮޖީ ހިމެނެ އެވެ.

އަޅުގަނޑު މި ލިޔުން ކިޔުންތެރިންނާއި ހަމައަށް ފޯރު ކޮށްދިނުމުގައި ލަސްވި ލަސްވުން ގުޅިފައިވަނީ އަޅުގަނޑަށް ކުރެވުނު ކުށާއި، އެކުށް އަޅުގަނޑު ގަބޫލުކުރާ މިންވަރުގެ މައްޗަށެވެ.

ތިޔަބޭފުޅުން ފުރުސަތު ދެއްވައިފިނަމަ އަޅުގަނޑު މިލިޔުމުގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ މި ދަތުރުގައި ދަސްވެފައިވާ ނަފްސާނީ ޞިއްހަތުގެ މުހިންމުކަމުގެ ވާހަކަ އެކަންޏެއް ނޫނެވެ. އަދި ހަމަ އެއާއެކު ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމުގެ ވާހަކަ ވެސް މެ އެވެ.

އަޅުގަނޑުގެ އެންމެ ބޮޑު ކުށް

އަޅުގަނޑަށް ކުރެވުނު މި ބޮޑު ކުށާ އިމެދު ލިޔުމުގެ ހިތްވަރު ދެއްވުން އެދި ﷲގެ ކިބަފުޅުން ވާތްގަށް އެދެމެވެ. އަދި ޞިއްހަތު ސަލާމަތުން ތިބި ދެ ދަރިން ދެއްވި ކަމަށްޓަކައި ﷲ سُبْحَانَهُ وَتَعَالَى އަށް ހަމްދުކޮށް ޝުކުރު ދަންނަވަމެވެ. އެކުދީން ބޮޑެތިވެ އަޅުގަނޑުގެ ދިރިއުޅުން އުޖާލާ ކުރި އެވެ. ގިނަ މީހުން ދެކޭ ގޮތުގައި އަޅުގަނޑުގެ ދިރިއުޅުމަކީ ފާގަތި ދިރިއުޅުމެކެވެ.

އަޅުގަނޑު މި ލިޔަނީ ކުޑައިރު ނުހަނު ހަރަކާތްތެރިކޮށް އުޅުނު އަޅުގަނޑުގެ ދަރިފުޅުގެ ވާހަކަ އެވެ. މިއަދު އޭނާގެ މި ހަރަކާތްތަކަށް ވަނީ ހުއްޓުމެއް އައިސްފަ އެވެ. ކުރީގައި އޭނާއަކީ އަބަދުވެސް ކޮންމެސް ކަމެއްގައި މަޝްޢޫލުވެގެން އުޅުނު ކުއްޖެކެވެ. އެކަމަކު މިއަދު އެއްވެސް ކަމެއް ކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ކުރީގައި އޭނާ އަބަދުވެސް ހުންނާނީ ހިނިތުންވެފައެވެ. އެކަމަކު އޭނާގެ މޫނުމަތި ހިނިތުންވުމުން އުޖާލާ ވީ ތަނެއް އަޅުގަނޑަށް ނުފެންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އަޅުގަނޑުގެ ދަރިފުޅު ކުޑައިރު އޭނާ އަކީ ވަރަށް ޖޯޝާއި ފޯރީގައި އުޅޭ ކުއްޖެކެވެ. މިއަދު އޭނާ ވަނީ ފޯރިއެއް ނެތް މީހަކަށް ވެފަ އެވެ.

މިފަދަ ބޮޑު ބަދަލެއް އައީ ކިހިނެއްތޯ އެވެ؟ އުފަލުގައި އުޅުނު އަޅުގަނޑުގެ ދަރިފުޅު ދެރަވެފައި ހުންނަ މީހަކަށް މިއަދު ވެފައި ވަނީ ކީއްވެގެންތޯ އެވެ؟

އަޅުގަނޑުގެ ދަރިފުޅު ކުޑައިރު، 1990 ގެ އަހަރުތަކުގައި، ރާއްޖެ ފަދަ ޤައުމުތަކުގައި ނަފްސާނީ ޞިއްޙަތާއި ބެހޭ މާކަށް ގިނަ މައުލޫމާތެއް ލިބޭކަށް ނުހުރެ އެވެ. އަދި އެފަދަ މައުލޫމާތު ފަސޭހައިން ހޯދޭނެ ގޮތެއްވެސް ނުހުރެ އެވެ. އެއީ އެ ޒަމާނަކީ އިންޓަނެޓްގެ ފަސޭހަތައް ލިބެން ނެތް ދުވަސްވަރަކަށް ވުމުން ކަމުގައި ވެސް އެކަށީގެންވެ އެވެ. އެހެންކަމުން ވޭތުވެ ދިޔަތަނުގައި އަޅުގަނޑުވެސް މަސައްކަތް ކުރީ "ޖެނެރޭޝަން އެކްސް" ގެ އެހެން މީހުން ވެސް މަސައްކަތް ކުރާ އުސޫލުންނެވެ. އިންޓަނެޓް މެދުވެރިކޮށް ހޯދަން ބޭނުންވާ މައުލޫމާތު ހޯދާނެ ގޮތް ދަސްކުރީ އެވެ. އެހެން ނަމަވެސް އިންޓަނެޓުން އަޅުގަނޑަށް އެނގުނު ކަންތައްތައް ދެންނެވުމުގެ ކުރިން ނަފްސާނީ ބަލީގެ ޑޮކްޓަރުންގެ ފަރާތުން އަޅުގަނޑުގެ ދަރިފުޅާއި ބެހޭގޮތުން އެނގިފައިވާ އެއްޗެއް ދަންނަވާލިޔަ ދެއްވާށެވެ.

"ނަފްސާނީ ޞިއްޙަތަކީ ބަލާ ބެލުމަށް ވަކިގޮތަކަށް ފެންނަ އެއްޗެއް ނޫން"

މި އާޓިކަލް ވިދާޅުވާ ބޭފުޅުންނަށް މިކަން އަޅުގަނޑަށް އެނގުނީ ކިހިނެއްކަން ހީފުޅުވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ތެދެއްކަން އަޅުގަނޑަށް އެނގުނީ އަޅުގަނޑުގެ ދަރިފުޅުގެ ހިނިތުންވުމާއި، އޭނާގެ ހަރަކާތްތެރިކަމާއި އޭނާގެ ހަކަތަ ނެތިގޮސް، ހިތާމަވެރި ދިރިއުޅުމެއް އުޅެން ފެށުމުންނެވެ. މިގޮތުން އޭނާ އެއްވެސް ކަމެއް ކުރަން ބޭނުން ނުވެ، އެއްވެސް މަޤްސަދެއް ނެތި ހުންނަ ހުރުމަކީ ވެސް ނަފްސާނީ ބައްޔަކާ ހެދި ދިމާވާ ޙާލަތެއްކަން ވިސްނުނެވެ.

އަޅުގަނޑުގެ ދަރިފުޅުގެ މިބައްޔަކީ، ނިއުރޯ ޑިވެލޮޕްމެންޓަލް ޑިސްއޯޑާ އެކެވެ. އެކަމުގެ ސަބަބުން އެއްވެސް ވިސްނުމަކާއި ނުލައި ކަންތައްތައް ކުރެވޭގޮތްވެ އެވެ. މިސާލަކަށް ކަމެއް ކުރާއިރު އެ ކުއްޖަކަށް ފުރުސަތު ލިބެންދެން ހުންނަން އުނދަގޫ ވުން، އެހެން މީހުން ވާހަކަ ދައްކާއިރު މެދު ތެރެއިން ވާހަކަދެއްކުން، ހަލަނިވުން، މަޑުމައިތިރިކަމާއެކު ހުންނަން އުނދަގޫ ވުން، ހަނދާން ނެތުން، ކަންކަން ފުރިހަމަ ނުކުރުން، އަބަދުވެސް ކޮންމެވެސް ކަމެއްގަ މަޝްޢޫލުވެގެން އުޅުން ހިމެނެ އެވެ.

އަޅުގަނޑު މި ބަލީގެ ނަން ނުލިޔުނީ ކީއްވެގެންތޯ މިލިޔުން ވިދާޅުވާ ބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގެންފާނެ އެވެ. އަޅުގަނޑަށް އެބަލީގެ ނަން ލިޔުމަކީ ދަތި ކަމެއް ކަމުގައި ވަނީ ވެފަ އެވެ. އަޅުގަނޑަށް ކުރެވިފައިވާ ކުށުގެ ސަބަބުންނެވެ.

އަޅުގަނޑުކޮށްފައިވާ ކުށާމެދު ލިޔުމުގެ ހިތްވަރު ދެއްވުން އެދި ﷲ سُبْحَانَهُ وَتَعَالَى ކިބަފުޅުން އަޅުގަނޑު ވާގި އެދެމެވެ. އެކަމާއި ބެހޭ ގޮތުން ވާހަކަ ދެއްކުން އަޅުގަނޑަށް އުނދަގޫ ނުވާންވީ ކީއްވެގެންތޯ އެވެ؟ އެކަން ގޯހުން ގޯހަށް ދިޔައީ އަޅުގަނޑު ކުރި ކަންތައްތަކެއްގެ ސަބަބުންނެވެ.

އެކަން ގޯސް ކުރި ގޮތް

ކުރިން އަލި އަޅުވާލެވިފައިވާ ފަދައިން މި ބައްޔަކީ ކުޑަ ކުއްޖަކަށް އޭނާގެ ދިރިއުޅުމުގައި އެތަކެއް އުނދަގޫ ކަންތައްތަކެއް ތަޖުރިބާ ކުރެވެމުންދާ ބައްޔެކެވެ. އެކުއްޖެއްގެ މައިންބަފައިންނަކީ މިފަދަ އުނދަގޫތައް ގިރާ ކުރުމުގައި އެކުއްޖަކަށް އެހީތެރި ވެދޭން ތިބޭ ދެމީހުންނެވެ. އެންމެ ފުރަތަމަ ކުއްޖާ އިތުބާރު ކުރާ ދެމީހުންނަކީ ވެސް އެދެމީހުންނެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ދަރިފުޅަށް ދިމާވި ޙާލަތުގައި އެކަންތައް ގޯސް ކުރުމުގައި ޒިންމާ ދާރަކީ އަޅުގަނޑެވެ.

  • އަޅުގަނޑުގެ ދަރިފުޅު ކުޑައިރު އޭނާއާއި ދިމާލަށް " ހަލަނި"، " ހަލަބޮލި"، "ސިޔާސަ" މިފަދަ ބަސްތައް އަޅުގަނޑު ބުނެފައިވަނީ، އެ ސިފަތައް އަޅުގަނޑުގެ ދަރިފުޅުގެ ކިބައިން ފެންނަނީ އާދައިގެއަށް ވުރެ ތަފާތު މިންވަރަކަށް ކަމަށް އަޅުގަނޑަށް ހަގީގަތުގައި އެނގުނު ނަމަވެސް، އެކަމާއި މެދު ވިސްނަންވާ ވަރަށް ނުވިސްނަ އެވެ. އަދި އަޅުގަނޑުގެ ދަރިފުޅުގެ އުމުރުގެ ކުދީންނާއި އަޅާ ކިޔުމަކާއި ވެސް ނުލަ އެވެ.
  • އަޅުގަނޑުގެ ދަރިފުޅު ކުރަން އެދޭ ކަންތައްތައް ފަސޭހައިން ކުރުމަށް އަޅުގަނޑު އެހީތެރިއެއް ނުވަމެވެ. އެކަންތައްތަކަކީ ގިނަ ފަހަރު އުނދަގޫ ނުވަތަ މާބޮޑު ޚަރަދު ހިނގާ ކަންތައްތަކެއް ވެސް ނޫނެވެ. އެހެން ނަމަވެސް އޭނާ ބޭނުންވާ ކަންތައް ތަކަށް ވުރެ، އަޅުގަނޑު އިސްކަންދިނީ އެވަގުތު އޭނާ ކުރުމަށް މުހިންމު ކަމަށް އަޅުގަނޑަށް ފެންނަ ކަންތައް ތަކަށެވެ.
  • އޭނާ ޝައުޤުވެރިކަމާއިއެކު ކުރަން ބޭނުންވާ ކަންތައްތަކަކީ އާދައިގެ ކަންތަކަކަށް ހަދާ، އެކަންތަކާއި މެދު ދަރިފުޅަށް ހަޖޫ ޖަހާ، "މިކަން ހަފްތާއަކުން ނިމިދާނެ" ބުނެވެސް ހެދީމެވެ.
  • އަޅުގަނޑުގެ ދަރިފުޅު ފުރާވަރަށް އަރައި، އަމިއްލައަށް އޭނާގެ ކޮންމެ ވެސް މައްސަލައެއް އުޅޭތޯ އަޅުގަނޑު ގާތުގައި އަހާ އެދުމުން ވެސް އަޅުގަނޑު ބުނެދިނީ އޭނާގެ އެފަދަ ކަމެއް ނެތްކަމަށެވެ. އޭނާ ހަމަ ރަނގަޅު ކަމަށެވެ. އޭނާ އެ ސުވާލު ކުރަނީ ކީއްވެގެން ކަމާއި މެދު އަޅުގަނޑު މާބޮޑަށް ސަމާލެއް ނުވަމެވެ.
  • އޭނާ ބޮޑު މީހަކަށްވެ، ހުރިހާ ކަމެއް އޭނައަށް އުނދަގޫ ވެގެންދިޔަ ހިނދު (އެއީ ކިތަންމެ ކުޑަކަމެއް ވިޔަސް، އަދި ބޮޑު ކަމެއް ވިޔަސް) އަޅުގަނޑު ބުނަމުން ދިޔައީ އެކަންތައްތައް އުނދަގޫ ވަނީ އެކަމަށް ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރެވޭތީ ކަމަށެވެ. އެކަންތައްތައް އޭނާއަށް ނުވަނީ އެކަންތައްތަކުގެ މައްޗަށް ކޮންޓްރޯލް އޭނާގެ ނެތީމާ ކަމަށް ނުބުނަމެވެ. އޭނާއަށް ދިމާވާ އުނދަގޫ ކަންތައްތައް ފަސޭހަ ކޮށްދެއްވުން އެދި މާތްﷲ ކިބަފުޅުން ދުޢާ ދެންނަވަމުން ދިޔައީ، އެކަންތައްތައް އެހެން ދިމާވަމުން ދާ އަސްލު ސަބަބު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރެ އެވެ.

މިއީ އަޅުގަނޑު ކަންތައް ކޮށްފައިވާ ގޮތުގެ ވަރަށް އާދައިގެ މިސާލުތަކެއް ކަން އަޅުގަނޑަށް އެނގެ އެވެ. އެހެން ނަމަވެސް މިއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދަރިފުޅުގެ ނަފްސާނީ ސިއްޙަތު ހަލާކުކޮށް އޭނާގެ ހިނިތުންވުން ނެތިގެން ދިޔުމަށް އަޅުގަނޑު ކޮށްފައިވާ ކަންތައްތަކެވެ.

މިހިސާބުން، ވިދާޅުވަމުންދާ ބޭފުޅުންނަށް މިއީ ކޮން ބައްޔެއްކަން އެނގި ވަޑައިގަތުން އެކަށީގެންވެ އެވެ. އެހެން ނަމަވެސް އެ ބަލީގެ ނަން ހާމަކުރަން އަޅުގަނޑަށް އަދިވެސް ދައްޗެވެ. އެއީ މިކަމާ މެދު އަޅުގަނޑު ދެރަވާ ދެރަވުމެވެ. މަތީގައި ދެންނެވުނު މިސާލުތަކާއި މެދު މިއަދު އަޅުގަނޑު ނުހަނު ލަދުވެތި ވަމެވެ. މިފަދަ ނަފްސާނީ ބަލިތަކާއިމެދު ވިސްނާ، އެކަމަކަށް އެކަށޭނެ ފަރުވާ އަޅުގަނޑުގެ ދަރިފުޅަށް ހޯދާ ދެވުނީހެވެ. ހަށިގަނޑުގެ އެހެން ގުނަވަނެއްގައި އުފެދުމުގައި އަށަގަނެފައިވާ ބަލިތައް ފަދައިން ސިކުނޑި އުފެދުމުގައި އަށަގަންނަ ޑިސްއޯޑާ ނުވަތަ ބަލިތައް ވެސް މުހިއްމެވެ. އެ ބަލިތަކަށް ވެސް ފަރުވާ ދޭން ޖެހޭކަން ވިސްނުނު ނަމަ އަޅުގަނޑުގެ ދަރިފުޅުގެ އުފާވެރިކަން މިގޮތަށް ގެއްލިގެން ނުދާނެ އެވެ.

މިކަން ދެނެވަޑައިގަންނަވަނީ ކިހާވަރަކަށްތޯ އެވެ؟

މިހިސާބުން އަޅުގަނޑު ބޭނުން ވަނީ ސުވާލެއް ދަންނަވާލާށެވެ. އެއީ ވަރަށް ޒާތީ ކަމަކަށް ވާތީ މި ސުވާލު ވެސް މިވަނީ ވަރަށް ޒާތީ ސުވާލަކަށެވެ.

ނަފްސާނީ ސިއްހަތާ ބެހޭ ގޮތުން އެނގިވަޑައިގަންނަވަނީ ކިހާ މިންވަރަކަށް ތޯ އެވެ؟

އިތުރަށް ވިދާޅުވުމުގެ ކުރިން މިސުވާލާއި ބެހޭ ގޮތުން ތިޔަބޭފުޅުން ވިސްނާ ވަޑައިގަތުމަށް އަޅުގަނޑު އެދެމެވެ.

ގްރީސްގެ ފިޒިޝަނެއް ކަމުގައިވާ ހިޕޮކްރެޓީސްގެ ޒަމާނުއްސުރެން، ނަފްސާނީ ޞިއްހަތާމެދު ވަނީ ބޮޑު ސަމާލުކަމެއް ދެވިފަ އެވެ. މީލާދީން 1800 އިން ފެށިގެން މި ރޮނގުން ޚާއްސަ ޑޮކްޓަރުން މިދާއިރާ ފުޅާކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ. ނަފްސާނީ ޢިލްމުގެ ގޮތުގައި މި ބަލީގެ ތަޙުލީލުތައް ކޮށް، ތަޖުރިބާތައް ކޮށް، ބަލި ދެނެގަނެފައިވާ މަޝްހޫރު ޑޮކްޓަރުން ކަމުގައިވާ ސިގްމަންޑް ފްރޮއިޑް، އެމީލް ކްރެޕްލިން އަދި އިއުޖިން ބްލޮއިލާ ވަނީ މި ޢިލްމު ނަފްސާނީ ޢިލްމުގެ ގޮތުގައި އިތުރަށް ފުޅާކޮށް ކުރިއަށް ގެންގޮސްފަ އެވެ. އިތުރު ހޯދުންތައް ހޯދައިފައިވާ މަޝްހޫރު ސައިކޮލޮޖިސްޓުންނަކީ، އެލްބަރޓް ބަންޑޫރާ، އައިވަން ޕަވްލޮވް، އެރިކް އެރިކްސަން، ޖީން ޕިއަރޖޭ، އަދި ކާލް ޔަންގ އެވެ. މިބޭފުޅުން ކްލިނިކްތަކުގައި އަދި ހަސްފަތާލުތަކުގައި ކުރެއްވި މަސައްކަތްތަކުން އަދި ކުރެއްވި ތަޖުރިބާތަކުން އުފެދިގެން ދިޔަ "ސައިކައިޓްރީ" އަދި "ސައިކޮލޮޖީ" އަކީ، މިއަދު އަހަރުމެން ދަންނަ ގޮތުން، އިންސާނުންގެ ނަފްސާނީ ބަލިތައް ދެނެގަނެ، ފަރުވާ ދިނުމަށް ބޭނުންކުރާ ނަންތަކެވެ.

ޢިލްމީ ނަޒަރަކުން ބެލުމުގެ އިތުރުން، ކުރިއަރާފައިވާ ސަޤާފަތްތަކުގައި، ފިލްމުތަކާއި ފޮތްތަކުގެ ޒަރިއްޔާއިން ސިކުނޑީގެ ބަލިތައް ދައްކުވައި ދީފައިވެއެވެ. މި މަސައްކަތް އިތުރަށް ކުރިއަށް ގެންދެވި މުސައްނިފުންނާއި ޑައިރެކްޓަރުންގެ މަސައްކަތް، މިރޮނގުގައި ފާހަގަ ކުރެވެ އެވެ. އެގޮތުން "ރެއިން މޭން"، "އަ ބިޔުޓިފުލް މައިންޑް"، "ޝަޓަރ އައިލެންޑް"، "އައި އެމް ސޭމް"، "މެމެންޓޯ"، "ތާރޭ ޒަމީން ޕަރް"، "މައި ނޭމް އިޒް ޚާން"، "ބަރްފީ"، އަދި ރާއްޖޭގައި ނަމަ އެފަދަ މިސާލެއްގެ ގޮތުގައި އޮފީސްތަކުގެ ޓެލެޑްރާމާއެއްގެ ގޮތުގައި ނެޝަނަލް ސެކިއުރިޓީ ސަރވިސަސް އިން 1997 ގައި ގެނެސް ދެއްވި " ޅަފުރާ" ހިމެނެ އެވެ. މިޑްރާމާގައި ދައްކުވައި ދެނީ ރާއްޖޭގެ ރަށެއްގައި އުޅުނު، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ޙަޔާތެވެ.

އެހެންނަމަވެސް އަޅުގަނޑު ގަސްތުކުރީ އަޅާ ނުލުމަށެވެ.

ދަރިފުޅުގެ ދިރިއުޅުން އޭނާއާއި ވަކިކޮށްލެވުނީ ކަމަށް ގަބޫލުކުރުމަކީ މިވަގުތު އަޅުގަނޑަށް ކުރެވޭ އެންމެ ހިތާމެވެރި އިޙުސާސެވެ. އެއީ އޭނާގެ އަސްލު ޒަމީރާއި އޭނާއާއި ވަކިކޮށްލެވުނު ކަމުގެ ހިތާމަ އެވެ. މިހިތާމަ އިތުރަށް ބޮޑުވެގެން ދިޔައީ، އޭނާއަކީ ސިކުނޑީގެ ބަލި މަޑުކަމެއް ހުންނަ ކުއްޖެއްކަމުގައި ދެކޭ ހިނދުގަ އެވެ. އޭނާ ދުވަހަކު ވެސް އަޅުގަނޑުގެ ބަސް ނާހާފައެއް ނެތެވެ. ތެދަށް ދަންނަވާ ނަމަ އަޅުގަނޑުގެ ދެކުދިންކުރެ ބަސްއަހާ ކުއްޖަކީ އޭނާ އެވެ. މަންމައަކަށް ދޭންޖެހޭ އިޙްތިރާމް ދިން ކުއްޖަކީ މި ދަރިފުޅެވެ.

އަޅުގަނޑު ކުރި ކަމެއް އަޅުގަނޑު ކުރީ ކީއްވެ؟

މިހިސާބުން އަޅުގަނޑު ކުރި ކަމެއް އަޅުގަނޑު ކުރީ ކީއްވެގެންތޯ، ވިދާޅުވާ ބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގެންފާނެ އެވެ.

މިބައްޔާއި ބެހޭ ގޮތުން މަޢުލޫމާތު ލިބުން ދަތިކަމުގެ ވާހަކަ ކުރިން އަޅުގަނޑު ދަންނަވާފައި ވާނެ އެވެ. މިހިސާބުން މަޢާފާއެކު އަޅުގަނޑު ދަންނަވަންޖެހޭ ވާހަކައަކީ، އަޅުގަނޑުގެ އަމިއްލަ ސިކުނޑީގެ ބަލިމަޑުކަމުގެ ވާހަކަ އެވެ.

އަޅުގަނޑުގެ ދަރިފުޅުގެ ޙާލަތާއި އަޅާ ބަލާއިރު އަޅުގަނޑުގެ ސިކުނޑީގެ ބަލިމަޑުކަން މާ ބޮޑު ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެ އެވެ. އަޅުގަނޑަށް އެއްބަސް ވެވެނީ އަޅުގަނޑުގެ އުމުރުގެ ގިނަ މަންމައިންނެކޭ އެއްގޮތަށް، ނޭނގި ނަމަވެސް އަމިއްލަ " ޓްރޯމާ" އެއްގައި އުޅޭ މީހަކަށް އަޅުގަނޑު ވެސް ވެދާނެ ކަމަށެވެ.

މިއާޓިކަލް ވިދާޅުވާ ބޭފުޅުންގެތެރޭގައި ތިއްބެވި ތިރީގައި މިދަންނަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން ދެތިން ޕޮއިންޓެއް އެބައޮތެވެ.

މަންމައިން، ބައްޕައިން، ބޮޑުދައިތައިން، ބޮޑު ބޭބެއިން، ދެބެންގެ ދެދަރި ކުދީން، އަދި އެއްބަނޑު އެއްބަފާ ކުދީންނަށެވެ.

އެ ޕޮއިންޓް ތަކަކީ

  • އެންމެ ފުރަތަމަ، ތިޔަ ބޭފުޅުންނާއި އެކު ކުޑަކުއްޖަކު ދިރިއުޅޭ ނަމަ، އެހެން ކުދިންނާއި ތަފާތު ގޮތަކަށް އުޅޭކަން ފެންނަނަމަ ނުވަތަ އެކަން ފާހަގަ ކުރެވޭ ނަމަ، އެކަމަށް ފަރުވާތެރި ވުން، އެކަމާއި އަޅާނުލައި ދޫކޮށް ނުލުމެވެ. އެފަދަ ގޮތަކަށް މިއަދު އަޅާނުލެވި ދޫކޮށްލެވޭ ކަމުން އެކުއްޖެއްގެ މުޅި ދިރިއުޅުމަށް، އަސަރު ކުރުމަކީ ވެދާނެ ކަމެކެވެ.
  • ދެ ވަނައަށް މަޢުލޫމާތު ލިބިވަޑައިނުގެންނެވުމުގެ ސަބަބުން، ކަމެއް ކުރެއްވުން ދޫކޮށް ނުލައްވާށެވެ. ކުރީގައި އަޅުގަނޑު ދެންނެވި ފަދައިން ނުވަދިހައިގެ އަހަރުތަކުން ފެށިގެން މިކަމުގެ މަޢުލޫމާތު ލިބެން ހުއްޓެވެ. އަދި މިއަދު ބޭނުން ވަރަކަށް މިފަދަ ޑިސްއޯޑާ ނުވަތަ ބައްޔާއި ބެހޭ މަޢުލޫމާތު ލިބޭ ގޮތް މިވަނީ ވެފަ އެވެ. "ގޫގްލް" މެދުވެރިވެގެންނެވެ. ނުވަތަ ކުރީން ދެންނެވުނު ތަފާތު އޯގަނައިޒޭޝަންތަކުންނެވެ. ކުޑަކުއްޖެއްގެ މިފަދަ ނާފުސާނީ ބައްޔަކާއި ބެހޭ ގޮތުން ދަސް ކުރުމަށް މިއަދު ވަގުތު ނުހޯއްދަވައިފިނަމަ، ފަހުން އެކަމާއި ދެރަވާން ޖެހިވަޑައިގަންނަވާނެ އެވެ. އެކަމަށް ވަގުތާ ފައިސާ އަދި އެހެން ކިތަންމެ ކަމެއް ޤުރްބާން ކުރައްވަން ޖެހިވަޑައިގަންނަވާފާނެ އެވެ. އަދި އެންމެ ބޮޑު ހިތާމައަކީ ދަރިފުޅުގެ، ހުރިހާ އުފަލެއް ގެއްލިގެން ހިނގައިދާނެ ކަމެވެ.
  • މި ދެ ޕޮއިންޓްގެ އިތުރުން، ތިންވަނަ ކަމެއްގެ ގޮތުގައި، އަޅުގަނޑު އެދޭ އެންމެ ބޮޑު އެދުމަކީ، އަމިއްލަ ސިކުނޑީގެ ނަފްސާނީ ދުޅަހެޔޮ ކަމާއި މެދު އަޅާލުމެވެ. ވިސްނުމެވެ. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުގެ ހަނދާނަށް އަންނަ މިސާލަކީ، މަތިންދާ ބޯޓުގައި ދެވޭ "ސޭފްޓީ އެނައުންސްމަންޓް"، އާދެ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުގައި ބުނާހެން" އެހެން މީހުންނާއި މެދު ސަމާލުވުމުގެ ކުރިން އަމިއްލަ ނަފްސަށް ސަމާލުވެލައްވާށެވެ."

ބަހާއި ޢަމަލާއި އެއްގޮތް ކުރުން

10 އޮކްޓޯބަރަކީ އަޅުގަނޑަށް ވަރަށް ޙާއްސަ ދުވަހެކެވެ. އެދުވަސް ނަފްސާނީ ސިއްޙަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަކީ ހިސާބަކަށް ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މިއީ އަޅުގަނޑު ފަދަ މަންމައަކަށް، ލިބިގެން ދިޔަ ރަނގަޅު ފުރުސަތެކެވެ. އިތުރަށް ހަރުދަނާވުމުގެ ފުރުސަތެވެ. އިތުރަށް ދަސްކުރުމުގެ ފުރުސަތެވެ.

ދީނީގޮތުން ބަލާއިރު ކޮންމެ ކަމެއްގައި ވެސް ﷲގެ ޙަޡްރަތުން މަދަދަށް އެދި ދުޢާ ދެންނެވުމަކީ އެންމެ މުހިންމު ފަރުވާ ކަމުގައި އަޅުގަނޑު ވެސް ޤަބޫލު ކުރަމެވެ. އަދި ހަމަ އެއާއެކު، ބަލިތައް އުނގެނިގެން ތިބި މީހުންގެ ކިބައިން، އެބަލިތަކަށް ފަރުވާ ހޯދުމަކީ، އެމީހަކު، މާތްﷲ އަށް ދުޢާ ދެންނެވުމާއި އެކު ކުރަންޖެހޭ ކަމެއް ކަމަށް ވެސް އަޅުގަނޑު ދެކެމެވެ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ސީދާ ދަންނަވާލަން ބޭނުންވަނީ، ނަފްސާނީ އެއްވެސް ބަލިމަޑުކަމެއްގެ އަސަރު އެއްވެސް ކުޑަކުއްޖެއް، ނުވަތަ ބޮޑުމީހެއްގެ ފުށުން ފެނިވަޑައިގަންނަވާ ނަމަ، ނުވަތަ އެފަދަ ފަރާތެއް އެނގިވަޑައިގަންނަވާ ނަމަވެސް، އެހީތެރިކަން ފޯރުކޮށް ދެއްވާށެވެ. އަދި އަވަހަށް ފޯރުކޮއްދެއްވާށެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަމިއްލަ ނަފްސަށް އެހީތެރިކަން ހޯއްދަވާށެވެ.

އެހީތެރިކަން ހޯދާނެ ގޮތް

ސައިކައިޓްރީ އަދި ސައިކޮލޮޖިކަލް ޙިދުމަތްތައް މާލޭން ލިބެން ހުންނަ ބައެއް ތަންތަންކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ޕްރައިވެޓް ކްލިނިކްތައް އަދި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއި ބެހޭ ބައެއް މަޢުލޫމާތު ޙިއްސާކުރުން މިދަނޑިވަޅުގައި މުޙިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ. އެކަމާ ގުޅޭ ލިންކެއް ވެސް ހިއްސާކޮށްލާނަމެވެ.

މިހާހިސާބަށް ވިދާޅުވާ ބޭފުޅުން، މިފަދަ އެހީތެރިކަން ހޯއްދެވުމުގައި ދިމާވެދާނެ ހުރަސްތަކާއި މެދު ވިސްނާ ވަޑައިގަންނަވާނެކަން އަޅުގަނޑަށް އެނގެ އެވެ. އެތައް ސަބަބަކާއި ހުރެ، މިފަދަ އެހީތެރިކަން ހޯދުމަށް ދަތިވެ އެވެ. އެހެން ނަމަވެސް، އަޅުގަނޑުގެ އިރުޝާދަކީ އެއްގޮތުން ނުވިއްޔާ، އަނެއްގޮތުން ވެސް އެކަށީގެންވާ އެހީތެރިކަން ހޯދާށެވެ. ތަންކޮޅެއް ގިނަދުވަހު މަޑުކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އެވެ. އަދި ތަންކޮޅެއް ބޮޑު ޚަރަދެއް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް މެ އެވެ.

މިއަދު، ތިޔަބޭފުޅުންގެ ކުދީންނަށް އެހީތެރިކަން ފޯރުކޮއްދެއްވައިފިނަމަ، މާދަމާ އެ އެހީތެރިކަން އޮންނާނީ ހޯދިފަ އެވެ. ކެތްތެރިކަމާއިއެކު މަސައްކަތް ކުރައްވައިފި ނަމަ، މިކަމުގައި މާތްﷲ ތިޔަބޭފުޅުންނަށް މަދަދާއި، އިރުޝާދު ދެއްވާނެތެވެ.

މިއަދު، އަޅުގަނޑުގެ އަމިއްލަ ނަފްސާނީ ދުޅަހެޔޮ ކަމަށް އެކަށީގެންވާ އެހީތެރިކަން ހޯދަން ފަށައިފީމެވެ. އަޅުގަނޑަކީ މިހާރު މެދު އުމުރުފުރައިގެ މީހެކެވެ. އެހެން ނަމަވެސް މިހާރު އަޅުގަނޑަށް ނަފްސާނީ ސިއްޙަތުގެ މުހިއްމުކަން ވިސްނިއްޖެ އެވެ. އާޅުގަނޑުގެ އިތުރުން އަޅުގަނޑުގެ ދަރިފުޅުގެ ވެސް މެ އެވެ.

ދެންނެވުމުގެ ބޭނުމެއް އޮތްނަމަ އަދިވެސް އެއްފަހަރު ދެންނެވިޔަ ދެއްވާށެވެ. ވިދާޅުވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ، މަންމައިން، ބައްޕައިން، ބޮޑުދައިތައިން، ބޮޑު ބޭބެއިން، ދެބެންގެ ދެދަރި ކުދީން، އަދި އެއްބަނޑު އެއްބަފާ ކުދީން، ގާތްތިމާގެ މީހުން، އަދި ޓީޗަރުން، އެހީތެރިކަން ބޭނުންވެފައިވާ އެއްވެސް ކުއްޖަކު ބާކީކޮށް ނުލައްވާށެވެ.

މިއަދު ވެސް އަޅުގަނޑު މިދަނީ އަޅުގަނޑު ފަރުވާކުޑަ ކުރި ކަމުގެ ސަބަބުން، ދަރިފުޅުގެ ދިރިއުޅުމަށް ވެރި ކުރުވި ކަންތަކުގެ ދަރަނި އަދާކުރަމުންނެވެ. ތެދުތެދައް ދަންނަވަނީ ނަމަ، މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމަށް މިވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ. އަޅުގަނޑުގެ ދަރިފުޅުގެ ކުއްލި ހަރަކާތްތަކާއި، މަޑުން ނުހުރެވުން ފަދަ ކަންތައްތަކަކީ، އޭނާގެ ފަރާތުން ފެންނަ، އަޅުގަނަޑަށް އިޚްތިރާމް ކުޑަކުރުން ފަދަ ކަންކަން ކަމުގައި އަޅުގަނޑު ދުއްކަމީ މިއަދު އޭނާ ތަހައްމަލް ކުރަމުންދާ ވޭނެކެވެ. މަންމައަކަށް ދަރިފުޅު ދޭންޖެހޭ އިޚްތިރާމް ނުދެނީ ކަމުގައި ނުދެކޭށެވެ. ބަލައިފިނަމަ، ފަހަރެއްގައި ދަރިފުޅު ހިތްމަރުވެގެން ދިޔުން ނަތީޖާއަކައް ވެގެން ދެ އެވެ.

މިއީ ނުކުރެއްވުމަށް އަޅުގަނޑު ތިޔަބޭފުޅުން ކިބައިން އެދޭ އެދުމެކެވެ. އެއްވެސް ކުއްޖަކު އެކުއްޖެއްގެ މަންމައާއި ވަކިވެގެން ނުވާނެ އެވެ. ޙާއްސަކޮށް ތިޔަބޭފުޅުންގެ ކޮންޓްރޯލްގައި އޮތް، ނަފްސާނީ ސިއްޙަތު ފަދަ، ހޭލުންތެރިކަން ހޯއްދެވެން އޮތް ކަމެއްގަ އެވެ.

ދަރިފުޅާ އެވެ. މި އާޓިކަލް ކިޔާނަމަ، މަންމައަށް މަޢާފް ކޮށްދިނުން އެދެމެވެ.

سُبْحَنَ رَبِّنَآ إنَّا كُنَّا ظَلِمِينَ

އާމީން.

އެޑިޓަރުގެ ނޯޓު


މިއީ ބެލެނެވެރިއަކު އޭނާގެ ދަރިއަކާ މެދު ހުރި އިހުސާސްތައް ބަޔާންކޮށް "އަދަދު" އަށް ފޮނުވާފައިވާ ސިޓީއެކެވެ. މި ލިޔުމުގައި ހުރި ނަފްސާނީ ސިއްހަތުގެ ވާހަކަތައް ސިއްހީ ތަޖުރިބާކާރަކު ވަނީ އެޕްރޫވްކުރައްވައިފަ އެވެ.