Advertisement

އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް، އޮތީ ފައިދާ: އަސްލަމް

22 ނޮވެންބަރު 2021 - 07:17 0

އިންޑިއާ އާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއްވޭތޯ ބެލުމަށް ހުށަހެޅި މައްސަލަ 241 ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓް ފާސްކުރަން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް، އޮތީ ފައިދާ: އަސްލަމް

22 ނޮވެންބަރު 2021 - 07:17 0

އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށާއި "އެއްބަސްވުންތަކުން ކުރާނީ ފައިދާ" ކަމަށް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

"ހަގީގަތުގައި ވެސް އެއްވެސް އެއްބަސްވުމަކުން [ގައުމީ ސަލާމަތަށް] ނުރައްކަލެއް ނެތް. މައްސަލައެއް ނެތް. އެގޮތަށް މެމްބަރުންނަށް ފާހަގަކޮށް ނިންމީ،" ކޮމިޓީން އިއްޔެ ނިންމި ނިންމުމާ ގުޅޭ ގޮތުން އަސްލަމް "އަދަދު" އަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކޮންމެ އެއްބަސްވުމެއްގައި ވެސް ރާއްޖެ އަށް ހުރި ފައިދާތައް."

އިންޑިއާއެކު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުން އަދި ރާއްޖޭގެ ޗާޓް ކުރެހަށް ހަދާފައިވާ ހައިޑުރޯގްރަފީ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ކަމުގެ ތުހުމަތުކުރެވޭ ކަމަށް ބުނެ، އެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން ހުށަހެޅުއްވީ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

ޖުމުލަ 15 މެމްބަރުން ހިމެނޭ 241 ކޮމިޓީގައި އެއްބަސްވުންތައް ދިރާސާކުރުމަށް ފަހު ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކޮށްފައި ވަނީ ހާޒިރުވި މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން އަގުލަބިއްޔަތުންނެވެ.

މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެމްބަރުން ތަމްސީލުކުރާ 241 ކޮމިޓީ ގައި، އެއްބަސްވުންތައް ދިރާސާކުރުމަށް ކިރިއަށް ގެންދިޔަ ބައްދަލުވުންތަކަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ސިފައިންގެ ވެރިން ހާޒިރުކޮށް ސުވާލު ކުރި އެވެ.

ދިރާސާކުރުމުގައި ބެލީ އަސްލަމް ވިދާޅުވި ގޮތުގައި، ހަތަރު ޑޮކިއުމެންޓާކާއި ކޮމިޓީގައި ސިފައިން ދިން ޕްރެޒެންޓޭޝަނާއި އެއްބަސްވުންތަކުން ފާހަގަކުރެވުނު ކަންކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން 2016 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުންތައް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރަނީ. -- ފޮޓޯ ރައީސް އޮފީސް


މިހާރު ހަދާފައިވާ އެއްބަސްވުންތަކަށް ވާސިލުވުމުގެ އަސްލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި އެކުލަވާލާފައިވާ އެކްޝަން ޕްލޭން ކަމާއި، އެ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ރާއްޖެއަށް މުހިންމު ކަމާއި ތަންފީޒުކުރުން ކުރިއަށް ގެންދިއުމަށް، ދެ ގައުމުގެ ބައްދުވުންތަކުގައި ކުރިން ފެށިގެން ވެސް އެދިފައިވާ ކަމަށް އަސްލަމް އަދި އެމްޑީޕީގެ މެމްބަރުން ފާހަގަ ކުރެއްވި އެވެ.

އެއްބަސްވުންތަކުން ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް އިދިކޮޅުން ބުނާއިރު، އަސްލަމް ކޮމިޓީގައި ވިދާޅުވީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރެއް ތަރައްގީ ކުރަނީ ފަޅުގެ ކުޑަ ޖާގައެއްގައި ކަމަށާއި، އަދި އެއްބަސްވުމަށް ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށެވެ.

ދެ ސަރުކާރުން 2016 ގައި ހެދި އެކްޝަން ޕްލޭންގައި އުތުރު ތިލަފަޅުގެ ބަނދަރުގައި އެއާ ވިންގައަކަށް ބޭނުން ކުރެވޭ ގޮތަށް ރަންވޭއެއް ހެދަން ހިމަނާފައި އޮތް ކަމަށާއި ނަމަވެސް، މިހާރު ސޮއިކޮށްފައި އޮތް އެއްބަސްވުމުގައި ރަންވޭ ބަދަލުގައި އޮތީ ހެލިޕޭޑެއް ހެދުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރާއި ރާއްޖޭގެ ޑިފެންސް މިނިސްޓްރު މާރިޔާ އަހުމަދު ދީދީ ސޮއި ކުރެއްވުމަށް ފަހު އެއްބަސްވުން ދައްކާލަނީ. -- ފޮޓޯ: އެމްއެންޑީއެފް


އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި މި އަހަރުގެ ފެބްރުއަރީގައި ސޮއިކުރުމަށް ފަހު، އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ އެކްޝަން ޕްލޭންގެ ކުރިން އުތުރު ތިލަފަޅުގައި ކޯސްޓްގާޑަށް ބަނދަރެއް ތަރައްގީކުރުމުގެ މަޝްވަރާތައް 2013 ގައި އޭރުގެ ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ކުރެއްވި ދަތުރެއްގައި ކުރެއްވި ކަމަށެވެ. އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވީ، މިހާރު ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ޑޯނިޔާ މަތިންދާ ބޯޓާ ގުޅޭ ގޮތުން ކޮމިޓީގައި އަސްލަމް ވިދާޅުވީ އެ ބޯޓު ބޭނުންކުރެވޭނީ ޗީފް އޮފް ޑިފެންސް ފޯހުގެ ހުއްދަ އަކާއި، ހަވާލުވެ ހުންނަ ކޮމާންޑަރުގެ އޯޑަރެއް ލިބިގެން ކަމަށެވެ.

ބޯޓު ބޭނުން ކުރެވޭނެ ދާއިރާތަކަކީ، އަސްލަމް ވިދާޅުވި ގޮތުގައި ކަނޑުމަތީގެ ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުންނާއި ގެއްލޭ މީހުންނާއި ގެއްލޭ އުޅަނދުފަހަރު ހޯދުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، ބަލި މީހުން އުފުލުމަށާއި، އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް އަދި ޕައިލެޓުންގެ އުދުހެންޖެހޭ ވަގުތު ހަމަކުރުމަށެވެ.

މި ނޫން ކަމަކަށް ބޯޓު ބޭނުން ކުރެވޭނީ ދެ ގައުމުގެ ހުއްދަ ލިބިގެން ކަމަށް ސިފައިން ވެސް ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.

އުޝާމް އާއި އަލީ ހުސައިންގެ ކަންބޮޑުވުން

އިއްޔެގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ ހައިޑްރޯގްރަފީ އެއްބަސްވުމާ ގުޅޭ ގޮތުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައިޑްރޯގްރަފީ ޗާޓްކުރުމަށްޓަކައި ބަޔާންކޮށްފައި ހުރި ސަބަބުތަކަކީ އެކަން ކުރަން އެންމެ އެކަށީގެންވާ ސަބަބުތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ސަބަބަކީ ހާއްސަކޮށް ރާއްޖޭގެ މަސްލަހަތާއި އެބައެއްގެ މަސްލަހަތާ ފުށުއަރާ ބައެއް މެދުވެރިކޮށް ޗާޓުކުރަހާތީ އެވެ.

"މިފަދަ ކަމެއް ކުރަންވާނީ އަޅުގަނޑުމެންނަށް އެ ގާބިލުކަން ލިބުނު ދުވަހަކުން. މީގެ ކުރިން ކަޅުބިލަ މަހުގައި ފާހަގަ ޖަހާށޭ ކިޔައިގެން މިތަނުގައި ބޮޑު ދިރާސާއެއްކޮށްފައި ވާއިރު، މިހާރު އެބަ އެނގޭ އެ ދިރާސާއިން ކޮން މައުލޫމާތެއް ކަން ހޯދީ، އޭގެ މަންފާ ނެގީ ކޮން ބައެއް ކަން،" ރައީސް މައުމޫނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ އެ ދިރާސާއާ ގުޅޭ ގޮތުން އަލީ ހުސައިން ވިދާޅުވި އެވެ.

އެ ދިރާސާއިން ދެނެގަތީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ކަޅުބިލަ މަސް ދަތުރުކުރާ ތަންތަނާއި މަގުތައް ކަމަށާއި، ރާއްޖޭގައި ހުރި ތާރީހީ، އަސާރީ ތަންތަން ކޮނެ ކުރި ދިރާސާތަކުން ވެސް މާބޮޑު ފައިދާއެއް ރާއްޖެއަށް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން އަށް ރައްދު ދެއްވުމުގެ ގޮތުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ރާއްޖޭގެ ޗާޓްތައް ކުރަހައިގެން މިހާރު ވެސް ވިއްކަމުންދާ ކަމަށާއި، އެކަމުން ދައުލަތަށް ލިބޭ ފައިސާއެއް ނެތް ކަމަށެވެ. ނަމަވެސް، އިންޑިއާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުރަހާ ޗާޓްތައް ވިއްކައިގެން ރާއްޖެއަށް ފައިސާ ލިބޭނެ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދިރާސާއިން ރާއްޖޭގެ ކަނޑުގެ ހަޒާނާތަކުގެ މައުލޫމާތު އެނގިގެންދާނެ ކަމަށް އަލީ ހުސައިން ވިދާޅުވި ވާހަކައާ ގުޅޭ ގޮތުން، އަބްދުލްގަފޫރު ވިދާޅުވީ ދިރާސާތައް ކުރާއިރު، ރާއްޖޭގެ ކަމާގުޅޭ ފަރާތްތައް ތިބޭނެ ކަމަށާއި ހަޒާނާއެއް ހުއްޓަސް ދިވެހިންނަށް ވެސް އެނގިގެން ދާނެ ކަމަށެވެ.

އިންޑިއާ އާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއްވޭތޯ ބެލުމަށް ހުށަހެޅި މައްސަލަ ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓް ފާސްކުރަން އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


އެމްއެންޕީ އަށް ނިސްބަތްވާ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ މައިގަނޑު ކަންބޮޑުވުމަކީ ދިރާސާކުރުމަށްޓަކައި އެއްބަސްވުންތަކުގެ ކޮޕީ ކޮމިޓީގެ މެމްބަރުންގެ އަތަށް ލިބިފައި ނެތުމުންނެވެ. އެއްބަސްވުން ޕްރޮޖެކްޓަރެއްގައި އަޅުވައިގެން ކިޔަން ފުރުސަތު ދިނުމަކީ، ރަނގަޅަށް ދިރާސާކުރަން ފުރުސަތު ލިބުން ކަމަށް ގަބޫލު ނުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކޮންމެ އެއްބަސްވުމަކަށް ޕްރެޒެންޓޭޝަނެއް، އަދި ކޮންމެ އެއްބަސްވުމެއްގެ އަސްލު ޕްރޮޖެކްޓަރުގައި އަޅުވައިގެން ބޭނުން ވަރަކަށް ބެލުމަށް ފުރުސަތު ދިން ކަމަށެވެ. އެއްބަސްވުންތަކުގެ ކޮޕީތައް މެމްބަރުންގެ އަތަށް ނުލިބުނަސް، އެއްބަސްވުންތަކުގައި ހުރި ހުރިހާ މައުލޫމާތެއް، ލިޔެފައިވާ ހުރިހާ ވާހަކަތަކެއް މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްބަސްވުންތަކާ ގުޅޭ މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އޭނާ ހުންނެވީ، ޕީޕީއެން-ޕީއެންސީގެ ހަރަކާތެއްގައި ފުވައްމުލަކުގަ އެވެ.