Advertisement

ޞައްޔާދުގެ ދަރި ޞާފީއަކީ ދައްޖާލު ހެއްޔެވެ؟


ޞައްޔާދުގެ ދަރި ޞާފީއަކީ ދައްޖާލު ހެއްޔެވެ؟

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އިސްލާމީ ފިކުރުގައި ދައްޖާލަކީ އިންސާނީ ތާރީޚުގެ ނިމުމާ ގުޅިފައިވާ ފަރާތެކެވެ. އޭނާ ފާޅުވުމަކީ ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. އޭނާގެ ފިތުނައަކީ ނުބައިކަން ބޮޑުވެގެންވާ ނުރައްކާތެރި ފިތުނައެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އެތައް ޙަދީޘްފުޅެއްގައި އޭނާގެ ވާހަކަ ބަޔާންކުރައްވާފައި ވެ އެވެ. އެއިން އެނގޭ ގޮތުގައި، އޭނާގެ ޙަޤީޤަތް އޮޅުވައިލާނެފަދަ އެތައް ކަންތަކެއް އޭނާ މީސްތަކުންނަށް ދައްކާނެ އެވެ. އޭގެ ސަބަބުން އޭނާގެ ޙަޤީޤަތް އޮޅި، އޭނާއަކީ ކަލާނގެ ކަމުގައި އެތައް ބަޔަކު ހީކުރާނެ އެވެ. އޭނާއާ ތަބާވެ އެތައް ބަޔަކު މަގުފުރެދޭނެ އެވެ. އިތުރުއެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައި ވެ އެވެ.

"ދައްޖާލުގެ ވާތްފަރާތު ލޯ ވާނީ ހަލާކުވެފަ އެވެ. އޭނާގެ ހަށިގަނޑުގައި ވާނީ ވަރަށް ގިނައިން އިސްތަށި ފަޅާފަ އެވެ. އޭނާއާ އެކުގައި ސުވަރުގެއަކާއި ނަރަކައެއް ވާނެ އެވެ. ފަހެ، އޭނާގެ ނަރަކައަކީ ސުވަރުގެއެކެވެ. އަދި އޭނާގެ ސުވަރުގެއަކީ ނަރަކައެކެވެ."

ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، އިންސާނަކަށް ލިބިފައިނުވާނެ ބާރުތަކެއް ދައްޖާލަށް ލިބިފައިވާނެ އެވެ. އޭނާ އަމުރުކުރުމުން އުޑުން ވާރޭވެހޭނެ އެވެ. ބިމުން ގަސްގަހާގެހި ފަޅާނެ އެވެ. ޚަރާބާތުގެ ތެރެއިން ޚަޒާނާތައް ފާޅުވާނެ އެވެ. އޭނާގެ ފިތުނައަކީ ބޮޑުވެގެންވާނެ ފިތުނައެކެވެ. އެ ފިތުނައިގައި ޖެހި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު މަގުފުރެދޭނެ އެވެ. އޭނާގެ އަމާޒަކީ، މީސްތަކުން މަގުފުރައްދައި ކާފިރުކުރުވުމެވެ.

ދައްޖާލާބެހޭ ވާހަކަތަކުގެ ތެރެއިން އެންމެ ޙައިރާންކުރުވަނިވި އެއް ވާހަކައަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދައްޖާލު ކަމަށް ޝައްކުކުރެވުނު މީހަކު އުޅުނު ވާހަކަ އެވެ. އޭނާއަކީ މަދީނާގެ ޔަހޫދީންގެ އަވަށްގަނޑެއްގައި އުޅުނު ޒުވާނެކެވެ. އޭނާއަކީ ދައްޖާލުތޯ ބެއްލެވުމަށްޓަކައި އިތުރުއެކަލޭގެފާނު އޭނާއާ އިމްތިޙާންތަކެއް ކުރިމަތިކުރެއްވި އެވެ. އޭނާއަކީ ދައްޖާލު ކަމަށް އިތުރުއެކަލޭގެފާނުގެ އަރިއަހުގައި ޢުމަރުގެފާނު ހުވާކުރެއްވި އެވެ. އެކަމާމެދު އިތުރުއެކަލޭގެފާނު އިޢުތިރާޟެއްނުކުރައްވަ އެވެ. އެ ޒުވާނާގެ ނަމަކީ، ޢަބްދުﷲ ބްނު ޞައްޔާދެވެ. އޭނާގެ މަންމަ އޭނާއަށް ކިޔާ ނަމަކީ ޞާފީ އެވެ. އޭނާއަށް އިބްނު ޞާއިދު ވެސް ކިޔަ އެވެ. އޭނާ ވަނީ ފަހުން އިސްލާމްވެފަ އެވެ. ނަމަވެސް އޭނާއާމެދު އަޞްޙާބުބޭކަލުން ޝައްކުކުރެއްވި އެވެ.

މި ނަންގަނެވުނު މީހާގެ ބައްޕައަކީ މަދީނާގައި އުޅުނު ޔަހޫދީއެކެވެ. އޭނާގެ ތާރީޚެއް ނަސަބެއް އެނގޭކަށެއް ނެތެވެ. އިބްނު ޞައްޔާދާއި އޭނާގެ ބައްޕަ ދަޢުވާކުރި ގޮތުގައި އެ މީހުންނަކީ ޚަޒުރަޖުގެ ޤަބީލާތަކުގެ ތެރެއިން ނައްޖާރު ވަންހައިގެ ދަރިކޮޅަކުން އައި ބަޔެކެވެ. ނަމަވެސް ނައްޖާރު ވަންހައިގެ މީހުންވަނީ އެ ދަޢުވާ ދޮގުކޮށްފަ އެވެ.

އިބްނު ޞައްޔާދު ބޮޑުވެ ބާލިޣުވާ ޢުމުރަށް ވާޞިލުވިއިރު، އޭނާގެ ކިބައިން އާދަޔާ ޚިލާފު ކަންކަން ފެންނަންފެށި އެވެ. އެއިން އެއް ކަމަކީ، މަދީނާގެ މީހުންގެ ސިއްރުތަކާއި އެ މީހުންގެ މުސްތަޤުބަލުގައި ހިނގާނެ ކަންކަން އޭނާ ކިޔައިދޭންފެށުމެވެ. މިފަދަ ސަބަބުތަކަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާގެ ޙަޤީޤަތް ބެއްލެވި އެވެ.

އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވި އެވެ. "ތިމަންކަލޭގެފާނަކީ ރަސޫލުﷲގެފާނު ކަމަށް ތިބާ ހެކިވަން ހެއްޔެވެ؟" އިބްނު ޞައްޔާދު ދެންނެވި އެވެ. "ކަލޭގެފާނަކީ ރަސޫލުލް އުއްމިއްޔީން (އެބަހީ: އުއްމިއްޔަ މީސްތަކުންގެ ގާތަށް ފޮނުއްވެވުނު ރަސޫލު) ކަމަށް ތިމަން ހެކިވަމެވެ."

އިބްނު ޞައްޔާދު ދެންނެވި އެވެ. "ތިމަންނާއަކީ ރަސޫލުﷲ ކަމަށް ކަލޭގެފާނު ހެކިވެވަޑައިގަންނަވަންތޯ އެވެ؟" އިތުރުއެކަލޭގެފާނު އެކަމާމެދު އިންކާރުކުރެއްވި އެވެ.

އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވި އެވެ. "ތިބާ ހޭލާ ހުންނައިރުގައްޔާއި ނިދާފައި އޮންނަ އިރުގައި ފެންނަނީ ކޮންކޮން ކަންކަމެއް ހެއްޔެވެ؟" އިބްނު ޞައްޔާދު ދެންނެވި އެވެ. "ނިދާފައި އޮންނައިރު ތިމަންނާއަށް ފެންނަ ހުވަފެނާ އެއްގޮތަށް ހޭލާ ހުންނައިރު ބައެއް ފަހަރު ކަންކަން ހިނގަ އެވެ. ބައެއް ފަހަރު އެއާ ޚިލާފަށް ކަންކަން ހިނގަ އެވެ."

އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވި އެވެ. "ތިމަންކަލޭގެފާނު ތިބާއަށް އެއްޗެއް ސިއްރުކުރައްވައިފީމެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟" އިބްނު ޞައްޔާދު ދެންނެވި އެވެ. "އެއީ އައްދުޚު އެވެ."

ދަންނައެ، އިތުރުއެކަލޭގެފާނު އޭނާއަށް ސިއްރުކުރެއްވި އެއްޗަކީ، އައްދުޚާން ސޫރަތުގެ ދިހަވަނަ އާޔަތުގައިވާ "ދުޚާން" އެވެ. އެއީ "އައްދުޚާން" ކަމުގައި ބުނެ އެ ކަލިމަ ފުރިހަމަކުރާކަށެއް އޭނާއަކަށް ނޭނގުނެވެ.

އިތުރުއެކަލޭގެފާނާ އިބްނު ޞައްޔާދާ ދެމެދުގައި ދެކެވުނު މި ވާހަކަތަކަށްފަހު އޭނާ ޤަތުކުރައްވަން ޢުމަރުގެފާނު އުޅުއްވި އެވެ. އެހިނދު އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. "އޭނާއަކީ ދައްޖާލު ކަމުގައިވާނަމަ، ކަލޭގެފާނަކަށް އޭނާ ޤަތުލެއްނުކުރެއްވޭނެ އެވެ. އޭނާއަކީ ދައްޖާލު ކަމުގައި ނުވާނަމަ، އޭނާ ޤަތުލުކުރުމުގައި ހެވެއްނެތެވެ." އިތުރުއެކަލޭގެފާނުގެ ބައެއް އެހެން ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، ދައްޖާލު ޤަތުލުކުރައްވާނީ ސަލާމްލެއްވި ޢީސާގެފާނެވެ.

މި ބަޔާންކުރެވުނު ހާދިސާއަށް ފަހުގައި ވެސް، އިތުރުއެކަލޭގެފާނު، އިބްނު ޞައްޔާދުގެ ޚަބަރުތައް ބައްލަވައި އޭނާ އިމްތިޙާންކުރައްވަމުން ގެންދެވި އެވެ. އެއްފަހަރަކު ސުވަރުގޭގެ ވެއްޔާބެހޭ ގޮތުން އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވި އެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާ ދެންނެވީ އެއީ ހުދުކުލައިގެ ޚާލިޞް ގޮމަކަސްތޫރި ފަދަ އެއްޗެއް ކަމަށެވެ. އެއީ ތެދެއް ކަމަށް އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. އަދި އެހެން ފަހަރަކު އިތުރުއެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވި އެވެ. "ތިބާއަށް ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟" އޭނާ ދެންނެވި އެވެ. "ތިމަންނާއަށް ފެންނަނީ، ފެނުގެ މަތީގައިވާ ތަޚުތެކެވެ." އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. "ތިބާއަށް ތިޔަ ފެންނަނީ ކަނޑުގައިވާ އިބްލީހުގެ ތަޚުތެވެ."

އިބްނު ޞައްޔާދާއި އޭނާގެ ޚަބަރުތައް ބެއްލެވި އެއް ބޭކަލަކީ އަބޫ ޛައްރުގެފާނެވެ. އޭނާގެ ކިބައިން އާދަޔާ ޚިލާފު ކަންތައްތަކެއް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެހެންކަމުން، އޭނާއަކީ ދައްޖާލު ނޫން ކަމަށް އެއް ފަހަރު ހުވާކުރެއްވުމަށްވުރެ، އޭނާއަކީ ދައްޖާލު ކަމަށް ދިހަ ފަހަރު ހުވާކުރެއްވުން އެކަލޭގެފާނުގެ އަރިއަހުގައި މާ މަޤުބޫލުކަމަށް ވިދާޅުވެފައި ވެ އެވެ. އަބޫ ޛައްރުގެފާނަށްވުރެ ކުރިން ޢުމަރުގެފާނާއި ޢަބްދުﷲ ބްނު ޖާބިރު ވެސް ވަނީ އޭނާއަކީ ދައްޖާލު ކަމަށް ހުވާކުރައްވާފަ އެވެ.

އިބްނު ޞައްޔާދަކީ ދައްޖާލު ކަމުގައި އަޞްޙާބުބޭކަލުން ބައްލަވާފައިވަނީ، އޭރު އޭނާގެ ޢުމުރުގައިވާ ކުއްޖަކަށް ނޭނގޭނެ ކިތަންމެ ކަންކަމެއްގެ ޚަބަރު އޭނާ ދީފައިވާތީ އެވެ. އޭނާގެ ކިބައިން ފެނިފައިވާ އާދަޔާ ޚިލާފު ކަންކަމުގެ ތެރެއިން އެއް ކަމަކީ، އެއްދުވަހަކު މަގު ފުރެންދެން އޭނާގެ ހަށިގަނޑު ފުފިގެންދިއުމެވެ. އެ ދުވަހު އޭނާ މަގުމަތީގައި އުޅެނިކޮށް އިބްނު ޢުމަރަށް ފެނިވަޑައިގަތެވެ. އެކަލޭގެފާނު އޭނާގެ ގާތުގައި ބަސްފުޅެއް ވިދާޅުވި އެވެ. އެ ބަސްފުޅު އަޑުއިވުމުން އޭނާގެ ގާތަށް ވަރަށް ބޮޑަށް ރުޅިއައެވެ. ދެން އޭނާގެ ހަށިގަނޑު ފުއްޕާހަމެއް ފުފޭހެން ފުފެމުންގޮސް މަގުގެ ފުޅާމިނަށް ފެތުރުނެވެ. އެކަމުގެ ސަބަބުން އެ މަގު ބަންދުވި އެވެ.

ދެން އިބްނު ޢުމަރު އެކަލޭގެފާނުގެ އުޚުތު އުއްމުލްމުއުމިނީން ޙަފުޞަތުގެފާނުގެ އަރިއަހަށް ވަޑައިގެންނެވި އެވެ. އޭރު ވަނީ، އިބްނު ޞައްޔާދު ރުޅިއައުމުން އޭނާގެ ހަށިގަނޑު ފުފިގެންދިޔަ ޚަބަރު އެ ކަމަނާގެ އަރިއަހަށް ވާޞިލުވެފަ އެވެ. އެކަމާ ގުޅުވައިގެން އެ ކަމަނާ ވިދާޅުވި އެވެ. "ދައްޖާލު ނިކުންނާނީ އޭނާގެ ގާތަށް އަންނަ ރުޅިގަނޑެއްގެ ތެރެއިން ކަމުގައި، ރަސޫލު ﷲ ޞައްލަ ﷲ ޢަލައި ވަސައްލަމަ ޙަދީޘްކުރެއްވިކަން ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯ އެވެ؟"

އިބްނު ޞައްޔާދު ރުޅިއައުމާއި އެ ކަމުގެ ސަބަބުން އޭނާގެ ހަށިގަނޑު ފުފިގެންދިޔަ ވާހަކަ، އެ ދުވަސްވަރު މަޝްހޫރު ވާހަކައަކަށް ވެފައިވި އެވެ. އަދި އެ ކަމުގެ ސަބަބުން އޭނާއަކީ ދައްޖާލު ކަމުގައި ކުރެވުނު ޝައްކުކުރުންތައް ވަރުގަދަވެގެންދިޔަ އެވެ. އެއަށްފަހު އިބްނު ޞައްޔާދު އިސްލާމްވި އެވެ. އަދި ކާވެނިކޮށްގެން އޭނާއަށް ދަރިއަކު ލިބުނެވެ. ނަމަވެސް މަދީނާގެ އަހުލުވެރިން އޭނާއާމެދު ދެކެމުންދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. އެ ކަމާމެދު އޭނާ ކޮށްފައިވާ ޝަކުވާތައް ފޮތްފޮތުގައި ބަޔާންކުރެވިފައި ވެ އެވެ. އެއިން އެއް ޝަކުވާއަކީ އޭނާ އަބޫ ސަޢީދުލް ޚުދްރީގެ އަރިއަހުގައި ދެންނެވި ޝަކުވާ އެވެ.

އަބޫ ސަޢީދުލްޚުދްރީ ވިދާޅުވި އެވެ. ޙައްޖަށް ނުވަތަ ޢުމްރާއަށް ވަޑައިގެންނެވުމަށްޓަކައި ތިމަން ބޭކަލުން މަދީނާއިން މައްކާއަށް ދަތުރުފުޅެއް ކުރެއްވީމު އެވެ. އެ ދަތުރުފުޅުގައި އިބްނު ޞައްޔާދު ވެސް ތިމަން ބޭކަލުންނާއެކުގައި ދިޔަ އެވެ. އެ ދަތުރުފުޅުގައި ތިމަންބޭކަލުން މަންޒިލަކަށް މަޑުކުރެއްވީމު އެވެ. ދެން މީސްތަކުން އެތާނގައިވާ އެކި ތަންތަނަށް ދިޔަ އެވެ. ތިމަންކަލޭގެފާނާއެކުގައި ވީ އިބްނު ޞައްޔާދެވެ. އޭނާއާ ބެހޭ ގޮތުން މީސްތަކުން ދައްކާ ވާހަކަތަކާހެދި ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ނުތަނަވަސްކަން ވެރިވި އެވެ. ތިމަންކަލޭގެފާނުގެ ސާމާނާ އެކުގައި އޭނާގެ ސާމާނު ބަހައްޓަން އުޅުމުން ތިމަންކަލޭގެފާނު ވިދާޅުވީމެވެ. މިއީ ވަރަށް ހޫނުގަދަ ދުވަހެކެވެ. އެހެރަފެންނަ ގަސްދަށުގައި ތިބާގެ ސާމާނު ބަހައްޓާނެނަމަ އެވެ. ދެން އޭނާ އެ ގަސްދަށުގައި އޭނާގެ ސާމާނު ބެހެއްޓި އެވެ. ދެން އެ ތަނަށް ބަކަރިތަކެއް އަޔެވެ. އޭނާ އެއިން ބަކަރިއަކުން ކިރުފެލައިގެން ކިރު ކަންވާރެއް ތިމަންކަލޭގެފާނުގެ އަރިއަހަށް ގެނައުމަށްފަހު ބުންޏެވެ. އަބޫ ސަޢީދެވެ. މި ކިރު ކަންވާރުން ހިއްޕަވާށެވެ! ތިމަންކަލޭގެފާނު ވިދާޅުވީމެވެ. މިއީ ހޫނުގަދަ ދުވަހެކެވެ. ކިރު ވެސް ހޫނެވެ. (ތިމަންކަލޭގެފާނު މިހެން ވިދާޅުވީ އޭނާގެ އަތުން އެ ކަންވާރު ނެންގެވުމަށް ބޭނުންފުޅުނުވާތީ އެވެ.) ...

އިބްނު ޞައްޔާދު ބުންޏެވެ. "އަބޫ ސަޢީދުގެފާނެވެ! އޭނާއަކީ (އެބަހީ: ދައްޖާލަކީ) ކާފިރެއް ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްނުކުރައްވާތޯ އެވެ؟ ތިމަންނާއަކީ މުސްލިމެކެވެ. އޭނާއަށް (އެބަހީ: ދައްޖާލަށް) ދަރިން ނުލިބޭނެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްނުކުރައްވާތޯ އެވެ؟ މަދީނާގައި އެވަނީ ތިމަންނާގެ ދަރި އެވެ. އޭނާ (އެބަހީ: ދައްޖާލު) މަދީނާއަށާއި މައްކާއަށް ނުވަންނާނެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްނުކުރައްވާތޯ އެވެ؟ ތިމަންނާ މިދަނީ މަދީނާއިން ނިކުމެގެން މައްކާއަށެވެ.

އަބޫ ސަޢީދުލްޚުދްރީ ވިދާޅުވި އެވެ. މި މޭރުމުން އިބްނު ޞައްޔާދު ކުރި ޝަކުވާތަކުގެ ސަބަބުން ތިމަންކަލޭގެފާނަށް އޭނާގެ ބަހަނާ ޤަބޫލުފުޅުކުރެއްވޭވަރު ނުވީ ހަމަ ކިރިޔާ އެވެ. ވާހަކަ އެ ހިސާބަށް ގެންދިއުމަށްފަހު އޭނާ ބުންޏެވެ. "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ތިމަންނާ ދައްޖާލު ދަންނަމެވެ. އޭނާ އުފަންވި ތަނާއި އޭނާ މިހާރު އުޅޭ ތަން ވެސް ދަންނަމެވެ." (އޭނާ މިހެން ބުނުމުން) އަބޫ ސަޢީދުލްޚުދްރީ ވިދާޅުވި އެވެ. "ތިބާއަށް ހަލާކުހުއްޓެވެ." އެހެން ރިވާޔަތެއްގައި ވެ އެވެ. އިބްނު ޞައްޔާދު މިހެން ބުނުމުން އޭނާއާ ސުވާލުކުރެވުނެވެ. "ތިބާއަކީ އޭނާ ކަމުގައި (އެބަހީ: ދައްޖާލު ކަމުގައި) ވުމަށް ތިބާ ހިތްހަމަޖެހޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި އޭނާ ބުންޏެވެ. "ދައްޖާލު ކަމުގައި ވުމަށް ތިމަންނާއަށް ހުށަހެޅިއްޖެނަމަ، އެ ކަމާމެދު ދެކޮޅެއް ނަހަދާނަމެވެ."

އިބްނު ޞައްޔާދު ދެއްކި ބަހަނާ ޤަބޫލުފުޅުކުރައްވަން އަބޫ ސަޢީދުލްޚުދުރީ އުޅުއްވަނިކޮށް، އޭނާ ވަނީ ދައްޖާލު ދަންނަ ކަމަށާއި ދައްޖާލު އުފަންވީ ތަނާއި ދައްޖާލު އުޅޭ ތަން ދަންނަ ކަމުގައި ބުނެފަ އެވެ. އެ ކަންކަމަކީ އެއްވެސް މީހަކަށް އެނގިފައިވާ ކަންކަމެއް ނޫނެވެ. އެ ކަންކަން އެނގޭނީ ދައްޖާލަށެވެ. ނުވަތަ އެ ކަންކަން އެނގިފައިވާ ޝައިޠާނަކަށެވެ. މި ސަބަބަށްޓަކައި، އަބޫ ސަޢީދުލްޚުދްރީ އޭނާއާ ދުރުހެލިވެވަޑައިގެންނެވި އެވެ.

އިބްނު ޞައްޔާދަށް ފިރިހެން ދަރިއަކު ލިބުނެވެ. ނަމަކީ ޢުމާރާ އެވެ. ޢުމާރާ ހިމެނިވަޑައިގެންނެވީ މަދީނާގައި އުޅުއްވި ތާބިޢީ ބޭކަލުންގެ ތެރޭގަ އެވެ. އެކަލޭގެފާނަކީ ޙަދީޘް ރިވާކުރައްވާފައިވާ ފުންނާބު އުސް ޢިލްމުވެރިއެއްކަން ވެސް ފާހަގަކުރެވެ އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންނެވި ފަހުން ވެސް ޞައްޔާދާ މެދުގައި ޢިލްމުވެރިން ވަނީ އިޚުތިލާފުވެވަޑައިގެންފަ އެވެ. އޭނާއަކީ ޤިޔާމަތްވުމުގެ ޢަލާމާތެއްގެ ގޮތުން ފާޅުވާނެ ބޮޑު ދައްޖާލު ހެއްޔެވެ؟ ނުވަތަ އޭނާއަކީ އެހެން ދައްޖާލެއް ހެއްޔެވެ؟ އޭނާގެ ޢަމަލުތަކަށް ބަލާއިރު، އޭނާއަކީ ދައްޖާލެއް ކަމާމެދު ޝައްކެއް ނެތް ކަމަށް އިމާމު ނަވަވީ ވިދާޅުވެފައި ވެ އެވެ.

އިމާމު ނަވަވީ ވިދާޅުވަނީ، އިބްނު ޞައްޔާދަކީ ބޮޑު ދައްޖާލު ކަމުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މާތް ﷲ އަންގަވާފައިނުވާ ކަމަށެވެ. އެކަމަކު އިތުރުއެކަލޭގެފާނަށް އަންގަވާފައިވަނީ ދައްޖާލުގެ ސިފަތައް ކަމަށެވެ. އަދި އިބްނު ޞައްޔާދުގެ ކިބައިގައި އެއިން ބައެއް ސިފަތައް ވިޔަސް، އޭނާއަކީ ބޮޑު ދައްޖާލު ކަމުގައި އިތުރުއެކަލޭގެފާނު ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ.

އިބްނު ޞައްޔާދުގެ އަޚުލާޤަށާއި އޭނާގެ ސިފަތަކަށާއި އޭނާގެ ޢަމަލުތަކަށް ބަލާއިރު އޭނާއަކީ ދައްޖާލު ކަމަށް ބައެއް ފަހަރު ހީކުރެވިދެ އެވެ. އަދި އޭނާއަކީ ތަޤުވާވެރި މުއުމިނެއް ކަމަށް ވެސް ބައެއް ފަހަރު ހީކުރެވިދެ އެވެ. އޭނާއަކީ އޭނާގެ ޙަޔާތުގެ ކުރީކޮޅުގައި ދައްޖާލުގެ ސިފަތަކެއް ލިބިފައިވުމަށްފަހު، ފަހުން ތައުބާވެ އިސްލާމްވި މީހެއް ކަމުގައި ވެސް ބެލެވެ އެވެ. އެހެންކަމާއެކުގައި ވެސް އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުން ވަނީ އޭނާއާމެދު ޝައްކުކުރައްވާފަ އެވެ. އޭނާގެ ނިމިދިއުމާމެދުގައި ވެސް ވަނީ ޝައްކު އުފެދިފަ އެވެ. ބައެއް ރިވާގައި ވަނީ ޠަބީޢީ މަރަކުން އޭނާ މަރުވީ ކަމަށެވެ. ބައެއް ރިވާގައި ވަނީ މަޝްހޫރު ޙައްރާ ހަނގުރާމައިގައި އޭނާ ގެއްލުނީ ކަމަށެވެ. ދައްޖާލުގެ ސިފަތައް ލިބިފައިވާ ކަމަށް ބެލެވުނު އިބްނު ޞައްޔާދަކީ، އޭނާ ދުނިޔޭގައި އުޅުނުއިރު އާދަޔާ ޚިލާފު މީހެކެވެ. އޭނާގެ ވަކިވެދިއުން ވެސް ވަނީ ހަމައެފަދައިންނެވެ. އެއަށް ފަހު އޭނާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވެސް ވަނީ ހަމަ އެފަދައިންނެވެ.