Advertisement

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ލުކަޢުގެ ދަރި ލުކަޢު

އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އަޑުއަހަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ލުކަޢުގެ ދަރި ލުކަޢު

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާ ލުކަޢުގެ ދަރި ލުކަޢުގެ ވާހަކައަކީ، މިހާރު އަޅުގަނޑުމެންގެ ލޮލަށް ފެންނަމުންދާ ވާހަކައެކެވެ. މިހާރު އެއީ ހަމައެކަނި އަޅުގަނޑުމެން އަޑުއަހާ ވާހަކައެއް ކަމުގައި ނުވެ އެވެ. އިތުރުއެކަލޭގެފާނު ބަޔާންކުރައްވާފައިވާ އެ ވާހަކައަކީ މުސްތަޤުބަލުގައި ހިނގާނެ ކަމެއް ކަމުގައި ވީ ދުވަސް މާޒީވެއްޖެ އެވެ. މިހާރު އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ކައުސާހިބާ ކިޔައިދެއްވާފައިވާ އެ ވާހަކައިގެ ތެރޭގަ އެވެ. އެ ވާހަކަ ގެނެސްދެއްވާފައިވާ ޙަދީޘްފުޅަށް ބަލައިލުމުގެ ކުރިން ދުނިޔެއަށް ނަޒަރެއް ހިންގައިލާނަމެވެ.

މިއަދު އަޅުގަނޑުމެން ދިރިއުޅެމުންދާ ދުނިޔޭގައި ދޮގު ޚަބަރު ފެތުރުމަކީ ޢާންމު ކަމެކެވެ. ޚާއްޞަކޮށް ބައިނަލްއަޤުވާމީ މީޑިއާ އެވެ. އެ މީޑިއާގެ ތެރެއަށް ނަޒަރު ހިންގައިލާއިރު ހާމަވާ އެންމެ ބޮޑު އެއް ޙަޤީޤަތަކީ، ހެޔޮލަފާ ރަނގަޅު މީހުންނަށް މަޤާމެއް ނެތް ކަމެވެ. އެ މީހުން ދިރިއުޅެނީ ނިކަމެތި ޙާލެއްގައި ކަމެވެ. ހެޔޮ ޢަމަލުކުރާ މީހުންނާއި، ހެޔޮ ކަންކަމަށް އެދޭ މީހުންނަކީ، ނާދިރު ބަޔެއް ކަމުގައި ވެއްޖެ އެވެ. އަދި އެ މީހުންގެ ކިބައިގައިވާ ހެޔޮލަފާ ސުލޫކަކީ، އެ މީހުންނަށް ދަތިތަކާއި އުނދަގޫތައް ކުރިމަތިކުރުވާ ސުލޫކެއް ކަމުގައި ވެސް ވެއްޖެ އެވެ.

އެހެނީ، މުޖުތަމަޢުގެ ބޮޑު ބައި ތަމްސީލުކުރާ މީހުންނަކީ ދޮގުވެރިންނެވެ. އެ މީހުން ހަދާ ދޮގުތަކަކީ ދޮގުކަން ނޭނގޭ ދަރަޖައަށް ދޮގުހެދުމަށް އެ މީހުން ވަނީ ފަރިތަވެފަ އެވެ. އަދި މަކަރު ހެދުމަށް ވެސް އެ މީހުން އެހައިމެ މޮޅެވެ. އެ މީހުންނަކީ އަނެކުންނަށް ހެޔޮއެދޭ ބަޔެއް ނޫނެވެ. އެ މީހުންގެ އަމާޒަކީ އެ މީހުންގެ އަމިއްލަ މަޞްލަޙަތު ޙާޞިލުކުރުމެވެ. އެ ކަމަށްޓަކައި އެ މީހުން، އެހެން މީހުންގެ ޙައްޤުތައް ނިގުޅައިގަނެ އެވެ. އެހެން މީހުންނަށް ގެއްލުންދެ އެވެ. އެ މީހުންނަކީ މުޖުތަމަޢާއި ޤައުމާއި އުންމަތުގެ މަޞްލަޙަތަށް އިސްކަންދޭ ބަޔެއް ނޫނެވެ. އެއިން މީހެއްގެ އަމިއްލަ މަޞްލަޙަތަށްޓަކައި އެހެން އެންމެންގެ މަޞްލަޙަތު ފަނާކޮށްލަން ވެސް، އެއިން މީހަކު ފަހެއްނުޖެހެ އެވެ. މިއަދުގެ ދުނިޔޭގައި އެންމެ ތަނަވަސް މީހުންނަކީ އެ މީހުން ކަމުގައި ވެއްޖެ އެވެ.

މި ނަންގަތް މީހުންގެ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެއް ވެ އެވެ. އެއީ ޖާމިޢުއް ތިރުމިޛީ އެވެ، ކިޔާ ޙަދީޘް ފޮތުގައިވާ 2209 ވަނަ ޙަދީޘްފުޅެވެ. އެ ޙަދީޘްފުޅުގައި ވަނީ، މި ނަންގަތް ބާވަތުގެ މީހުންނާ ޤިޔާމަތްވުމާ ގުޅުވައިލައްވާފަ އެވެ. އެ ޙަދީޘްފުޅުގެ މާނައިގައި ވެ އެވެ.

"ދުނިޔޭގައިވާ އެންމެ ބާއްޖަވެރި މީހަކީ (އެބަހީ: ދުންޔަވީ ތަނަވަސްކަމާއި މުއްސަނދިކަން އެންމެ ބޮޑަށް ލިބިފައިވާ މީހަކީ) ލުކަޢުގެ ދަރި ލުކަޢު ކަމުގައި ވެއްޖައުމަށްދާންދެން ޤިޔާމަތެއްނުވާނެ އެވެ."

"ލުކަޢު" އަކީ ޢަރަބި ބަހުގައި އާދަޔާ ޚިލާފު ނަމެކެވެ. އެއީ ކިޔަން ވެސް އުނދަގޫ ނަމެކެވެ. އަޑުއަހަން ވެސް އުނދަގޫ ނަމެކެވެ. ޢަރަބި ބަހުގެ ބަސްފޮތްތަކުގައި "ލުކަޢު" ގެ މާނަ ބަޔާންވެފައި ވެ އެވެ. އޭގެ މާނައަކީ، ގޮތްކުޑަ ނުބައި މީހާ އެވެ. ތަންދޮރު ނުދަންނަ ގަބު މީހާ އެވެ. ލަދުހަޔާތްކުޑަ މީހާ އެވެ. ގޮތެއްފޮތެއް ނެތް މީހާ އެވެ. އަދި ނަސަބާއި ހަސަބުގެ ގޮތުން އޭނާއަކީ ކާކުކަން އެނގެން ނެތް މީހާ އެވެ. ބައެއް ފަހަރު ބައްޕަ ކަށަވަރުނުވާ މީހާ އެވެ. އޭނާ އުޅޭ ގޮތާމެދު އެހެން މީހުން ނުރުހުންވާ މީހާ އެވެ. މި ހުރިހައި ނުބައި މާނަތަކެއް އެކުލެވިފައިވާ ނަމަކީ "ލުކަޢު" އެވެ. ކިއެއްތޯ އެވެ. މި ނުބައިކަން ބޮޑުވެގެންވާ ލުކަޢުގެ ބައްޕަ އަކީ ވެސް އޭނާ ފަދަ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ. ޙަދީޘްފުޅުގައި ބަޔާންކުރައްވާފައި ވަނީ، ޤިޔާމަތްވުމުގެ ކުރިން މި ނުބައި މީހާ ދުނިޔޭގައި އުޅޭނެ ކަމަށެވެ. އަދި އޭނާއަކީ ދުނިޔޭގެ ތަނަވަސްކަމާއި މުއްސަނދިކަން އެންމެ ބޮޑަށް ލިބިފައިވާ މީހެއް ކަމުގައި ވެސް ވާނެ ކަމަށެވެ.

ދުނިޔޭގައި މިކަން އޮތްގޮތް ދެކިލުމަށްޓަކައި ބަލައިލަންޖެހެނީ މުއްސަނދިންނަށެވެ. މިއަދު ދުނިޔޭގައިވާ އެންމެ މުއްސަނދި މަހުޖަނުންނަކީ ތަޤުވާވެރިކަމުގެ ދަރަޖަތަކުގެ ތެރެއިން ދަރަޖައެއް ލިބިފައިވާ ބަޔަކު ކަމުގައި ނުވެ އެވެ. މިސާލަކަށް ހުޅަނގުގެ މަހުޖަނުންނަށް ބަލައިލަމާތޯ އެވެ. އެ މީހުން ކުރަމުންދަނީ ކޮން ކަންކަމެއްތޯ އެވެ؟ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެ މީހުންގެ މަސައްކަތަކީ ދުނިޔެ ޚަރާބުކުރުމެވެ. އެ މީހުން ޖަމާވެފައިވަނީ ދުނިޔެ ފަސާދަކުރުމަށްޓަކައި މަސައްކަތްކުރާ ޖަމާޢަތެއްގެ ތެރޭގަ އެވެ. މުއްސަނދިކަން ލިބުމުން މީހުންނަށް ވާނެ ގޮތް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެ އެވެ. އައްޝޫރާ ސޫރަތުގެ 27 ވަނަ އާޔަތުން ބައެއްގެ މާނައިގައި ވެ އެވެ.

"اللَّه، އެކަލާނގެ (އެންމެހައި) އަޅުންނަށް ރިޒުޤު ތަނަވަސްކޮށްދެއްވައިފިނަމަ، ބިމުގައި އެއުރެން ބޮޑާވެ، އަނިޔާވެރިވެގެންފީހެވެ."

މިއަދުގެ ދުނިޔެއިން ފެންނަމުން މިދަނީ، މުއްސަނދިކަން ލިބިފައިވާ މީހުން ބޮޑާވެ އަނިޔާވެރިވަމުންދާ މަންޒަރެވެ. ދުނިޔޭގެ އާބާދީގެ އެތައް ބިލިއަން މީހުންނަކީ ފަޤީރުންނެވެ. އެ މީހުންގެ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ބޭނުންވާ ކާއެތިކޮޅަކީ ވެސް އެ މީހުންނަށް ލިބުން ދަތި ތަދު އެއްޗެކެވެ. އެތައް ބިލިޔަން މީހުން ވަނީ ބަލިމަޑުކަމުގެ ވޭނުގަ އެވެ. އެ މީހުންގެ ދިރިއުޅުމުގެ ޙާލަތު ހީނަރެވެ. ކަން މިހެން އޮތްއިރު، ބައިނަލްއަޤުވާމީ އިޤުތިޞާދު ކޮންޓްރޯލްކުރަނީ ދުނިޔޭގައިވާ މަދު މަހުޖަނުންތަކެކެވެ. އެ މީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ބޭނުންކޮށްގެން، އެ މީހުން ކުރާ އެންމެ އިސް ކަމަކީ، މާތް ﷲ ވޮޑިގެންނުވާ ކަމަށް ދަޢުވާކުރުމެވެ. އިލްޙާދު ނުވަތަ އެތެއިޒަމް ފެތުރުމެވެ.

މިދެންނެވި ފަދަ މަހުޖަނުންގެ ޝަޚުޞިއްޔަތު ދިރާސާކުރާއިރު، އެ މީހުންގެ ކިބައިގައި ހަރުދަނާކަމެއް ނެތްކަން ހާމަވެ އެވެ. މާތް ﷲ ގެ ޙަޟުރަތަށް ބިރުވެތިވާ މީހުންގެ ޝަޚުޞިއްޔަތާ އެ މީހުންގެ ޝަޚުޞިއްޔަތު ތަފާތެވެ. އެހެނީ މާތް ﷲ ވޮޑިގެންވާކަން ޤަބޫލުކޮށް، އެކަލާނގެ ޙަޟުރަތަށް އީމާންވާ މީހާ، މީސްތަކުންނަށް ގެއްލުމެއް ނުދޭނެ އެވެ. އަދި މީސްތަކުންނަށް ގެއްލުން ލިބިދާނެ ފަދަ ކަމެއް ވެސް އޭނާ ނުކުރާނެ އެވެ.

މިއަދުގެ ދުނިޔޭގައި ފަސާދައިގެ ޙަރަކާތްތައް ހިންގާ މަހުޖަނުންގެ ޢަމަލުތަކަށް ބަލާއިރު، އަދި އެމީހުންގެ ޝަޚުޞިއްޔަތު ދިރާސާކުރާއިރު ފާހަގަކުރެވޭ ކަމެއް ވެ އެވެ. އެއީ އިސްވެ ބަޔާންކުރެވުނު ޙަދީޘްފުޅުގައިވާ ލުކަޢުގެ ސިފަތައް އެމީހުންގެ ކިބައިގައި ވާކަމެވެ. މާތް ﷲ، ސަލާމާއި ޞަލަވާތް ލެއްވި ރަޙްމަތުގެ ނަބިއްޔާ، އެ ޙަދީޘްފުޅުގައި ލުކަޢުގެ ވާހަކަ ބަޔާންކުރައްވާފައި ވަނީ، އިތުރުއެކަލޭގެފާނު އަޅުގަނޑުމެން ދެކެ ލޯބިފުޅުވާތީ އެވެ. ލުކަޢުގެ ދަރި ލުކަޢު ފާޅުވެއްޖެނަމަ، ޤިޔާމަތްވުން ގާތްވެއްޖެކަން އަޅުގަނޑުމެންނަށް އެންގެވުމަށް ވެސް ބޭނުންފުޅުވާތީ އެވެ. ޤިޔާމަތްވުން ގާތްވަމުންދާއިރު ދުނިޔެއަށް އަންނާނެ ނުރައްކާތެރި ކަންކަމުން އަޅުގަނޑުމެން ސަލާމަތްކުރެއްވުމަށް ވެސް އެދިވަޑައިގަންނަވާތީ އެވެ.

އެހެންވީމާ، އަޅުގަނޑުމެން އަވަސްވެގަންނަންވީ ޤިޔާމަތްދުވަހަށް ތައްޔާރުވުމަށެވެ. ތައުބާވުމަށެވެ. ހެޔޮ ޢަމަލުތައް ކުރުމަށެވެ. މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށެވެ. އެކަލާނގެ މަގުގައި ފައިތިލަ ސާބިތުކުރުމަށެވެ. އެކަލާނގެ ދީދާރުފުޅަށްޓަކައި ހޭދަކުރުމަށެވެ. ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް ޞަދަޤާތްދިނުމަށެވެ. އެހެނީ، ކަދުރުއޮށަކުން ޞަދަޤާތްދިނުމަކީ ވެސް ނުހަނު ގިނަގުނަ ދަރުމަ ދެއްވާނެ ކަމެކެވެ. އޭގެ ދަރުމަ، ބިޔަ ފަރުބަދައަކާ އެއްވަރަށް އެކަލާނގެ އިތުރުކުރައްވަ އެވެ. ބަރަކާތުން ފުރިގެންވާ ފަރުބަދައެއް ސުވަރުގެއިން ޙާޞިލުކުރުމަށް އެދޭ މީހާއަށް، އެ ފަރުބަދަ ގަތުމުގެ ފުރުޞަތު ދުނިޔޭގައި ވަނީ ފަހިވެފަ އެވެ. އެ ކަމަށްޓަކައި އޭނާ ކުރަންވީ ކަމަކީ، މާތް ﷲ ގެ ޙަޟުރަތުން އެ ކަމަށް އެދޭ ޙާލު، އޭނާއަށް ކުޅަދާނަވީ މިންވަރަކުން ޞަދަޤާތްދިނުމެވެ. އަދި ހެޔޮ ޢަމަލުކުރުމުގައި ދެމިހުރުމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ލުކަޢުގެ ދަރި ލުކަޢު ފާޅުވެއްޖެ އެވެ! އޭނާ ފާޅުވުމަކީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. އެހެންވީމާ، އާޚިރަތަށްޓަކައި ދުންޔަވީ ޙަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕަވާށެވެ! މާތް ﷲ، ތިޔަ ބޭފުޅުން ކުރައްވާ ހެޔޮ ޢަމަލުތަކަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން!