Advertisement

ގަލްފުގެ ހަތަރު ގައުމަކުން ލުބްނާނާ ދެކޮޅަށް ފިޔަވަޅު އަޅައިފި

31 އޮކްޓޯބަރު 2021 - 11:23 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީ. -- ފޮޓޯ: އޭއެފްޕީ


ގަލްފުގެ ހަތަރު ގައުމަކުން ލުބްނާނާ ދެކޮޅަށް ފިޔަވަޅު އަޅައިފި

31 އޮކްޓޯބަރު 2021 - 11:23 0

ޔަމަނު ހަނގުރާމައާ ގުޅޭ ގޮތުން ލުބްނާންގެ މިނިސްޓަރަކު ސައުދީ އަރަބިއްޔާ އަށް އިހްތިރާމު ކުޑަކޮށް ވާހަކަ ދެއްކެވި މައްސަލާގައި ސައުދީ އަރަބިއްޔާގެ އިތުރުން ގަލްފުގެ ތިން ގައުމަކުން ލުބްނާނާ މެދު ފިޔަވަޅު އަޅައިފި އެވެ.

ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާ އިން ވަނީ ލުބްނާނުގައި ހުންނަ އެ ގައުމުގެ ސަފީރު އަނބުރާ ގައުމަށް ގެންދަން ނިންމައި، ލުބްނާނުގެ މުދާ އިމްޕޯޓު ކުރުން މެދުކަނޑާލުމަށް ނިންމާފަ އެވެ. އަދި ސައުދީ އަރަބިއްޔާގައި ހުންނަ ލުބްނާން ސަފީރު އަނބުރާ ގައުމަށް ދިޔުމަށް 48 ގަޑިއިރުގެ މުހުލަތެއް ދިނެވެ.

އޭގެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ނިންމީ ލުބްނާނުގައި ތިބި އެ ގައުމުގެ ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެންދާށެވެ. ކުވެއިތާއި ބަހްރެއިނުން ވެސް ނިންމާފައި ވަނީ އެގޮތަށް އަމަލު ކުރުމަށެވެ.

ގަލްފު ގައުމުތަކާ ގުޅުން ގޯސްވުމަކީ ލުބްނާނަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. ސިޔާސީ ހަމަނުޖެހުމާއި ކޮރަޕްޝަނާ ހެދި އިގްތިސާދީ އަދި މާލީ ކާރިސާއެއް އުފެދިފައިވާ ލުބްނާނުން އުއްމީދުކޮށްގެން ހުރީ އިގްތިސާދު އަލުން ބިނާ ކުރަން ގަލްފު ގައުމުތަކުގެ އެހީ ލިބޭނެ ކަމަށެވެ.

ޔޫއޭއީ އިން ބުނީ ޑިޕްލޮމެޓުން ގައުމަށް ގެންދިޔުމުގެ އިތުރުން ޔޫއޭއީގެ ރައްޔިތުން ލުބްނާނަށް ދަތުރު ކުރުން މަނާ ކުރާނެ ކަމަށެވެ.

ޔަމަނު ހަނގުރާމައިގައި ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން އަދާކުރާ ދައުރަށް ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީ ފާޑުވިދާޅުވި މައްސަލަ ހޫނުވެ، ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އިން އެ ގައުމުގެ ސަފީރު ހާޒިރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.

ހޯމަ ދުވަހު ޓީވީން ދެއްކި އިންޓަވިއުއެއްގައި ކޯޑާހީ ވިދާޅުވީ އިރާނުގެ އެހީއާ އެކު އުޅޭ ހޫތީ ހަނގުރާމަވެރިން ދިފާއުވާން މަސައްކަތް ކުރަނީ ބޭރުގެ ހަމަލާތަކާ ދެކޮޅަށް ކަމަށާއި ސައުދީގެ އަސްކަރީ ކޯލިޝަނުން ދަނީ ގެތަކާއި، އަވަށްތަކަށް ބޮން އަޅަމުން ކަމަށެވެ.

ޔަމަނުގެ ހަތް އަހަރުވީ ހަނގުރާމަ އިން ކުރާ ފައިދާއެއް ނެތް ކަމަށާއި ހަނގުރާމަ ނިންމަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔެ އަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައި އދ. އިން ސިފަކުރާ ޔަމަނުގައި އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު، އެތައް މިލިއަން ބަޔެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ލުބްނާންގެ ސަރުކާރުން ބުނީ ކޯޑާހީގެ ވާހަކަތައް ބަލައިނުގަންނަ ކަމަށާއި އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަށެވެ. އަދި އެ އިންޓަވިއުއަކީ މިދިޔަ ސެޕްޓެމްބަރު މަހު ކޯޑާހީ އަށް ކެބިނެޓުގެ މަގާމެއް ލިބިވަޑައިގެންނެވުމުގެ ކުރިން ދެއްވި އިންޓަވިއުއެއް ކަމަށް ބުންޏެވެ.

ލުބްނާންގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި އުޅުމަށް ފަހު އިންފޮމޭޝަން މިނިސްޓަރުކަމަށް ވަޑައިގެންނެވި ކޯޑާހީ ނޫސްވެރިންނަށް ވިދާޅުވީ އިންޓަވިއު ދިނީ އޯގަސްޓު ފަސް ވަނަ ދުވަހު ކަމަށާއި އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށެވެ.

"އަޅުގަނޑު އެއްވެސް މީހަކަށް ގެއްލުމެއް ނުދެން. ހަމަލާއެއް ނުދެން. އަޅުގަނޑު މައާފަށް އެދެން ޖެހޭނީ ކީއްވެތޯ؟ އަޅުގަނޑުގެ ހިޔާލު ފާޅުކުރީ އަރަބިން އުފުލަމުންދާ ތަކުލީފާ މެދު ވިސްނާ އިންސާނެއްގެ ގޮތުގައި،"

ޔަމަނު ހަނގުރާމައިގައި ސައުދީ އަސްކަރީ ކޯލިޝަނުން ބޮން އަޅަމުން ދާއިރު ގިނަ އަދަދެއްގެ އާއްމުން މަރުވާ މައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ 2014 ވަނަ އަހަރު ފެށުނީ ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަނާ ހިފުމުންނެވެ. އެއާއެކު ޔަމަނު ސަރުކާރުގެ ފައުޖަށް އެހީވުމުގެ ގޮތުން ސައުދީ އަސްކަރީ ކޯލިޝަނުން ހޫތީންނަށް ހަމަލާދޭން ފެށީ 2015 ވަނަ އަހަރު އެވެ.