Advertisement

ޒާތީ ތައައްސުބެއް ނެތް، ތަހުގީގުކުރީ ކުޑަކުދިންނާ ގުޅޭ ޖިސްމާނީ، ނަފްސާނީ އަނިޔާގެ މައްސަލައެއް: އެޗްއާރްސީއެމް

29 އޮކްޓޯބަރު 2021 - 18:20 2

ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އިމާރާތް.


ޒާތީ ތައައްސުބެއް ނެތް، ތަހުގީގުކުރީ ކުޑަކުދިންނާ ގުޅޭ ޖިސްމާނީ، ނަފްސާނީ އަނިޔާގެ މައްސަލައެއް: އެޗްއާރްސީއެމް

29 އޮކްޓޯބަރު 2021 - 18:20 2

ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކާމެދު ޒާތީ ތައައްސުބެއް ނޯންނާނެ ކަމަށް ބުނެ، ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލައިގައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަސް ބުނެފި އެވެ.

އެ މައްސަަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާ ގުޅިގެން ޒެނީޝާ މީޑިއާ އަށް ވިދާޅުވީ އޭނާއާ މެދު ތުހުމަތުކުރެވޭ ކަމަށް އެޗްއާރްސީއެމް އިން ބުނާ މައްސަލައަކީ ޒާތީ ތައައްސަބުން އުފަންވެފައިވާ، ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ހިފައިގެން ހިންގުވާފައިވާ، އަދި ގާނޫނީ ހަމަތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ހަރަކާތެއްކަން މާތްﷲގެ ވާގިފުޅާއެކު ސާބިތުވާނެކަމާ މެދު ޝައްކުނުކުރާ ކަމަށެވެ.

"ޖިނާއީ ކުށުގެ އެއްވެސް އަމަލެއް އަޅުގަނޑު ހިންގާފައެއް ނުވާނެ އެވެ. އަދި އެފަދަ އަމަލެއްގައި ބައިވެރިވެފައި ވެސް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަޅުގަނޑު އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމް އިން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނީ އެންޓި ޓޯޗާ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އެތަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އަދި ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި، އެއްވެސް ފަރާތަކާމެދު ޒާތީ ތައައްސުބެއް ނޯންނާނޭކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. އަދި މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، އަދުލުވެރިކަމާ އަދި ނަޒާހާތްތެރިކަމާއެކު ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ބުނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެވޭ ބާރުގެ ދަށުން އުފައްދަވާފައިވާ "ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން ބެލުމަށް ފަހު އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައި ތިބި ކުޑަކުދިންތަކަކާ ގުޅުންހުރި އަނިޔާގެ މައްސަލަތަކެއް އެންޓި ޓޯޗާ ގާނޫނުގެ ގެ ދަށުން ތަހުގީގުކުރުމަށް ފަހު އެވެ.

"ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އިން މިކޮމިޝަނަށް ފޮނުވާފައިވާ މައްސަލަތަކަކީ 2017 ވަނަ އަހަރު "ކުޑަކުދިންގެ ހިޔާ" ގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑާގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެކެވެ،" ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނީ އެންޓި ޓޯޗާ ގާނޫނުގެ 44 ވަނަ މާއްދާ އިން އަނިޔާކުރުމާއި ރަހުމްކުޑަ އަމަލު ހިންގުމާއި، ލާއިންސާނީ އަމަލު ހިންގުމާއި، އިހާނެތި އަމަލު ހިންގުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމުގެ ގާނޫނީ ޒިންމާވަނީ އެ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ މައްޗަށް މަތިކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި އެ ގާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތައް ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ވެސް ހިމެނެ އެވެ.

"އަދި ހަމަ އެހެންމެ، މިކަންކަން ތަންފީޒު ކުރުމަށް ފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ އިހްތިސާސްވެސް އެންޓި ޓޯޗާ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މި ކޮމިޝަނަށް ލިބިދީފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ ފަރާތުން ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މީޑިއާތަކުން އެދިގެން މިހާތަނަށް ފޯރުކޮށްދީފައިވާ އެއްވެސް މައުލޫމާތެއްގައި އެއްވެސް ފަރާތެއްގެ ނަމެއް ނުވަތަ ޒާތީ މައުލޫމާތެއް ވެސް ހާމަކޮށްފައި ނުވާނެ ކަމަށެވެ.

"އަދި ވަކި މައްސަލައެއްގެ ތަހުގީގު ނިންމައި މައްސަލައިގެ ލިޔުންތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، މީޑިއާތަކުން ގަބަރުތައް ގެނެސްދެއްވުމުގައި، އެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހައްގަކަށް އެއްވެސް އަސަރެއް ނުކުރާނޭ މޭރުމަކުން ޚަބަރުތައް ގެނެސްދެއްވުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.