Advertisement

ސެމްސަންގްގެ ވެރިޔާގެ މައްޗަށް މަސްތުވާތަކެތީގެ ކުށް ސާބިތުވެއްޖެ

26 އޮކްޓޯބަރު 2021 - 10:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސެމްސަންގް ގްރޫޕުގެ ވެރިޔާ ލީ ޖޭ-ޔޮންގް. -- ފޮޓޯ: އޭއެފްޕީ


ސެމްސަންގްގެ ވެރިޔާގެ މައްޗަށް މަސްތުވާތަކެތީގެ ކުށް ސާބިތުވެއްޖެ

26 އޮކްޓޯބަރު 2021 - 10:15 0

ސޯލް، ދެކުނު ކޮރެއާ (އޮކްޓޯބަރު 26) - ސެމްސަންގް ގްރޫޕުގެ ވެރިޔާ ލީ ޖޭ-ޔޮންގްގެ މައްޗަށް މަސްތުވާތަކެތީގެ ކުށް ސާބިތުވެ، 60،000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ލީ އަކީ ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯން އުފައްދާ ކުންފުނި، ސެމްސަންގް އިލެކްޓްރޯނިކްސްގެ ވައިސް ޗެއާމަން އެވެ. ފޯބްސް އިން ލިސްޓު ކުރާ ގޮތުގައި އޭނާ އަކީ ދުނިޔޭގެ 238 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން އޭނާ 60،000 ޑޮލަރުން ޖޫރިމަނާކޮށްފައި ވާއިރު، އެއީ އޭނާގެ މުދަލުގެ ގޮތުގައި ހުރި 10.2 ބިލިއަން ޑޮލަރުގެ އެންމެ 0.0006 ޕަސެންޓެވެ.

ލީގެ މައްޗަށް ސާބިތުވެފައި ވަނީ ސޯލްގައި ހުންނަ ޕްލާސްޓިކް ސާޖަރީ ކްލިނިކަކަށް ތަކުރާރުކޮށް ގޮސް، އެނެސްތެޓިކް ބޭނުން ކުރި ކަމަށެވެ.

ޕްރޮޕޮފޯލް އަކީ ސިއްހީ ކަންކަމުގައި ބޭނުންކުރާ އެނެސްތެޓިކް އެއް ނަމަވެސް، ބައެއް ފަހަރު މަސްތުވާ އެއްޗެއްގެ ގޮތުގައި ވެސް އެ ބޭނުން ކުރެ އެވެ. ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން 2009 ވަނަ އަހަރު މަރުވީ އޭގެން އޯވާޑޯޒްވެގެން ކަމަށް ވަނީ ނިންމާފަ އެވެ.

ޕްރޮޕޮފޯލް ބޭނުން ކުރުމަކީ ދެކުނު ކޮރެއާގައި ކުޑަ ކުށެކެވެ. އެހެންވެ، ޕްރޮސެކިއުޓަރުން އެންމެ ފުރަތަމަ އެދުނީ ޝަރީއަތަކަށް ނުގެންގޮސް، 42،000 ޑޮލަރުން އޭނާ ޖޫރިމަނާ ކުރުމަށެވެ.

ނަމަވެސް ކޯޓުން ނިންމީ ޝަރީއަތަކަށް ދާން ޖެހޭނެ ކަމަށެވެ.

"[ޕްރޮޕޮފޯލް] އިންޖެކްޓުކޮށްފައި ވަނީ މަތީ ޑޯޒޭޖަކުން އަދި ތުހުމަތުވާ މީހާގެ މައްޗަށް އޮތް އިޖުތިމާއީ ޒިންމާ އަށް ބަލާއިރު، މިއީ ކުޑަ ކުށެއްގެ ގޮތުގައި ބެލެވޭކަށް ނެތް،" ފަނޑިޔާރު ޖަންގް ޔަނަގް-ޗޭ ވިދާޅުވި އެވެ.

"ނަމަވެސް އޭނާ ވަނީ އިންޖެކްޓު ކުރި ކަމަށް އެއްބެސްވެފައި އަދި މީގެ ކުރިން މިފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ވެސް ނުވޭ."

ޖޫރިމަނާ ކުރުމަށް ފަހު ލީ އަށް އަންގާފައި ވަނީ "އޭނާގެ ދަރިން ލަދު ނުގަންނާނެ ފަދަ ނަމޫނާއަކަށް ވުމަށެވެ." މި މައްސަލައިގެ އަޑުއެހުން މި މަހު ކުރީކޮޅު ފެށުމާއެކު ލީ ބުނެފައި ވަނީ ޕްރޮޕޮފޯލް އިންޖެކްޓު ކުރީ "ސިއްހީ ބޭނުމަކަށް" ކަމަށެވެ.

މިފަދަ މައްސަލައެއް ސާބިތުވުމަކީ ލީ އާއި ސެމްސަންގް އަށް ދިމާވެފައިވާ ބޮޑު ލަދެކެވެ. މީގެ ކުރިން ވެސް ކޮރަޕްޝަނާއި، ރިޝްވަތު ފަދަ ކަންކަމަށް ލީ ވަނީ ޖަލުގައި ވަގުތު ހޭދަކޮށްފަ އެވެ.

އުމުރުން 53 އަހަރުގެ ލީ ޖަލުގައި ދެ އަހަރާ ބައި ހޭދަކުރުމަށް ފަހު މިނިވަން ކުރީ މީގެ ދެ މަސް ކުރިންނެވެ. އެއީ ދެކުނު ކޮރެއާގެ ކުރީގެ ރައީސްއާ ގުޅުން ހުރި ކޮރަޕްޝަން މައްސަލައެއްގަ އެވެ.