Advertisement

ދިވެހި ލަވަތަކުގައި "އިޝްޤު"

22 އޮކްޓޯބަރު 2021 - 08:26 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ދިވެހި ފިލްމް "އަމާނާތް" ގެ "އޯގާވެރިވޭ ލޯބިވާ" ލަވައިގެ މަންޒަރެއް ދައްކުވައިދޭ ކުރެހުމެއް. --


ދިވެހި ލަވަތަކުގައި "އިޝްޤު"

22 އޮކްޓޯބަރު 2021 - 08:26 1

ލޯބީގެ ލަވަތަކާ އަހަރެމެން އެހާ ދޯޅީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ބައެއް ލަވަ އަޑުއިވުމުން، ތިމާގެ އަމިއްލަ ތަޖުރިބާތައް ހަނދާނަށް އައިސް ތިމާގެ އިހުސާސްތައް ހިލުވާލަނީ ކީއްވެގެން ހެއްޔެވެ؟ ބައެއް ފަހަރު އުފާވެރިކަމެވެ. އަނެއްބައި ފަހަރު ހިތާމައާއި ރުޅިވެރިކަމެވެ. އަނެއްބައި ފަހަރު ވޭނާއި ހިތިކަމެވެ. ބައެއް ފަހަރު އުއްމީދެވެ. އެހެންނަމަވަސް މިއީ އެހާ ފާޅުކުރަން ފަސޭހަ އިހުސާސްތަކެއް ނޫނެވެ. މަޝްހޫރު އިނގިރޭސި ސޯންގްރައިޓަރ ލެނާޑް ކޯއެން ސިފަކުރާ ގޮތުން، އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނާގެ އެންމެ ފުން އިހުސާސްތަކުގެ "އަޑިގުޑަންތައް" ސިފަކުރަން އެންމެ އެކަށޭނަ ބަސްކޮށާރެއް ހޯދުމެވެ.

އަހަރުމެންގެ ދިވެހި ލަވަތަކުގެ އަރުޝީފުގައިވެސް ލޯބީގެ ބާބުގައި މިފަދަ އެތައް ލަވައެއް ފެންނާން އެބަހުއްޓެވެ. އޭރުވެސް، މިހާރުވެސް، ދިވެހި ޅެންވެރިކަމުގެ ބޮޑުބައެއް ހިއްސާކުރާ މައުޟޫޢުއަކީ އިޝްޤީ ލޯތްބެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ޖަމީލާ ސަލީމް (ޖޭމު ދޮންކަމަނަ) ގެ ލަވައެއްގައި "އިޝްޤު" މާނަކުރައްވަނީ މި ގޮތަށެވެ.

"އިޝްޤަކީ މުޅި ޒިންދަގީ ބަރުބާދަކޮށްލާ ވޭނެކޭ

ގިސްލުމާ ލޭކަރުނަ އޮހޮރާލަންޖެހޭ އަފުސޫސެކޭ"

މި ޒަމާނުގައި "އިޝްޤު" އެއީ ދިވެހި ލަވަތަކުގައި އެހާ ބޭނުންކުރާ ލަފުޒެއް ނޫނެވެ. ބަދަލުގައި މި ބޭނުންކުރަނީ "ލޯބި" މި ލަފުޒެވެ. ލޯބީގެ ލަވަތަކުގައި އެ ލަފުޒާ ގުޅުންހުރި ގިނަ ޝިޢާރުތަކެއް ދިރާސާކޮށް ހުށަހަޅައިދީފައި ވެއެވެ. މިފަދަ ބައެއް ޝިޢާރުތަކަށް ބަލާލަމާތޯ އެވެ.

ލޯތްބާއި މާމެލާމެލި

އިޝްޤީ ލޯތްބަކީ ވަރަށް ޒާތީ އިހުސާސެކެވެ. އެ އިހުސާސެއް ތިލަކުރުމާމެދު އިޖުތިމާޢީ ތަޢައްޞަބުތަކެއްވެސް ހުންނަ އިހުސާސެކެވެ. އިޝްޤު ސިފަކުރުމުގައި މިސާލުބަސްތައް ބޭނުންކުރާ މައިގަނޑު އެއް ސަބަބަކީ އިޝްޤީ ލޯތްބާ ގުޅުންހުރި ލަދުވެތި އިހުސާސްތަކެއް ތިލަކުރުމުގައި އިޖުތިމާޢީ މިންގަނޑުތަކަށް ފެތޭގޮތަކަށް އެކަންކުރަން މަސައްކަތްކުރަން ޖެހުމެވެ. އެ ގޮތުން ފިރިހެނެއްގެ ނަޒަރުން ކިޔާ ލަވައެއްނަމަ، އޭނާގެ ލޯބި ރައްދުވާ އަންހެނާއަކީ މަލެކެވެ. ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުގެ އެންމެ މަޝްހޫރު އެއް ލަވަ "ފިނިފެންމަލެކޭ" އަދި ޝައްމުގެ ލަވަ "ތިއްތިމާ" ފަދަ ލަވަތަކަކީ މި ޒަމާނުގެ މި ފަދަ މިސާލުތަކެވެ. "ފިނިފެންމަލެކޭ" މި ލަވައިގެ ފެށުމަށް ބަލާލަމާހެއްޔެވެ.

"ފިނިފެންމަލެކޭ ލޯބިން ފޮޅޭ ރަތް ފިނިފެންމަލެކޭ

ފިނިފެންމަލެކޭ، ލޯބި ޚިޔާލުތަކުން ފިޔަތައް ފޮޅޭތޯ ބަލަން"

މުޚުތާރު އާދަމްގެ ލަވަ "ފަރިވި ފިނިފެންމަލާ" މިއީވެސް މިފަދަ އިހުސާސްތަކެއް ހާމަކުރާ ލަވައެކެވެ.

"ފަރިވި ފިނިފެންމަލާ ވަކި ނެތް ތަފާތެއް ކަލާ

ދަރުމަ ފަދަ ތުންފަތުން ފޮނި، ފަރިވެ ހިނިތުންވެލާ

ކަރުގަނޑަށް ކީމެ ނަން

ފިޔަތަކޭ ރޫޅިލާ... ފޮޅިބަލާ!"

ދޮހޮއްކޮބެގެ މަޝްހޫރު ލަވައެއްގައިވެސް ބުނެ އެވެ.

"މަލާ ތިޔަ މަލުގެ ޝަރަފުގައޭ ހިތާ ހަށިގަނޑު ވެދުންކުރަނީ"

އެހެން ބައެއް ޅެންވެރިންގެ ޚިޔާލުގައި "ލޯބި" މި އިހުސާސް މަލެއް ފޮޅުމުގެ އެކި މަރުހަލާތަކާ އެއްގޮތްކޮށްފައި ހުރެ އެވެ. އުފާވުމުން، މަލެއް ފަދައިން ހިތް "ފޮޅެ އެވެ". ހިތަމައާއެކު މީހާ "މޯޅި" ވެ އެވެ. ގުރުޑު މަލެއް ނުވަތަ ހިކިފައިވާ މަލެއް އެއީ ލޯބީގައި އަނިޔާ ލިބިފައިވާ މީހެކެވެ. ދެ ލޯބިވެރިންގެ އުފާވެރި ދިރިއުޅުމަކީ ބަގީޗާއެކެވެ. ހިތާމަވެރި ދިރިއުޅުމަކީ ކަށިކުނބުރު ޖަންގައްޔެކެވެ. ފަރިވެފައިވާ މަލަކީ ލޯބިވާން ތައްޔާރުވެފައިވާ މީހެކެވެ. ފޮޅެނީ ލޯބީގެ ތަޖުރިބާތެރޭގަ އެވެ. މިއީ ދިވެހި ލަވަތަކަށް ޚާއްޞަ ސިފަތަކެއް ނޫނެވެ. ހިންދީ އަދި އުރުދޫ ލަވަތަކުގައިވެސް މި ސިފަ ފެނެ އެވެ. އިނގިރޭސި ލަވަތަކުގައިވެސް މެ އެވެ.

ޤުދުރަތީ މަންޒަރުތަކާ އެއްގޮތްކުރުން

މިއީވެސް ދިވެހި ލޯބީގެ ލަވަތަކުގައި ތިޔާގި ސިފައެކެވެ. ރީތި އަންހެނުންނަކީ ހަނދެވެ. ނުވަތަ ހަނދަށްވުރެ އުޖާލާ މީހެކެވެ. އެފަދަ އަންހެނެއްގެ ކުރިމަތީގައި ހަނދުވަރުގެ އަލި ފަނޑުވެގެން ދެ އެވެ. ތަރިތަކުގެ ވިދުވަރު ފަނޑުވެގެން ދެ އެވެ. ހަނދުވަރު ދިނުމަކީ އޭނާ ފެނުމެވެ. ކަޅު ބޯ ވިލާތަކުން ސިފަކޮށްދެނީ ހިތާމަ އެވެ.

އަނެއްކާވެސް ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު މަޝްހޫރުވެގެން ދިޔަ ޢަލީ ރަމީޒުގެ ލަވައެކެވެ.

"ހަނދުވަރު ދޭތޯ ދެން މަ ވީ ހުންނަންހޭ؟

ތަރިތައް ގޮވަނީއޭ މިރޭ އަންނާށޭ

ކިހިނެތްބާއޭ ވާނީ ދެން، ހިތް ބުނަނީއޭ ބަލަން ހުންނާށޭ"

މިލަވައިގައި ހަނދުވަރަކީ ލޯބިވެރިޔާ އެވެ. ހަނދުވަރު ދިނުމަކީ، އޭނާ އައުމެވެ. ލަވަކިޔާ މީހާ އެ އިންތިޒާރު ކުރަނީ އޭނާ އަންނާނޭ ވަގުތަކަށެވެ. އެހެން ލަވައެކެވެ.

"ކާއިނާތޭ، އެކީ އަންތަރީސްވީ،

ތޫނު ހަނދުވެސް ލަދުންގޮސް ނިވާވީ"

އިރު ހަނދާއި އޭގެ ދައުރުވުމާ ގުޅުވައި ލޯބި ސިފަކުރުމަކީ ޅެންވެރިންގެ ޢާންމު އުކުޅެކެވެ. އެހެންނަމަވެސް ފަހުން ފަހުން އައިސް، ދިވެހި ލޯބީގެ ލަވަތަކުގައި ލޯބި ސިފަކޮށްދިނުމަށް ކަނޑާއި ކަނޑުގެ ރާޅުތައް ބޭނުންކުރާ މަންޒަރު ދަނީ ފެންނަމުންނެވެ. ނަޒީޚުގެ ލަވަ "ރާޅޭ" އަކީވެސް މިފަދަ ވަރަށް ފުރިހަމަ މިސާލެކެވެ. އެ ލަވައިގައި ލޯބިވެރިޔާ ސިފަކުރަކީ "ކިއްލާ ތެރޭގައި ފޮޅިފައި އިން ރީތި" މަލެއްގެ ގޮތުގަ އެވެ. އޭނާއަށް ކުރެވޭ އިހުސާސްތައް ސިފަކުރަނީ ހިތުގައި ކުޅެވޭ ރާގެއްގެ ގޮތުގަ އެވެ. އެ ރާގުން ހިތުގައި އުފައްދާ ރާޅުތަކެއްގެ ގޮތުގަ އެވެ.

"ރާގޭ މި ހިތުގައި ކުޅެލީ ޔާ މަލާ

ރާޅޭ މި ހިތުގައި އުފެއްދީ އޭ ކަލާ"

ހަމަ މި ފަދަ އެހެން ލަވައެކެވެ. މި ފަހަރު އެއަށްވުރެ ފުން އިހުސާސްތަކެކެވެ.

"ބިންދާލި ރާޅެއްހެން، ހިތުތެރެއަށް ބިންދާލީ

ސިންގާއެއްހެން ތެޅެމުން ފޮޅެމުން، ގައިމައްޗަށް ފުންމާލީ

ރާޅެއްހެން ބިންދާލީ، ގައިމައްޗަށް ފުންމާލީ"

މަޝްހޫރު ލަވަކިޔުންތެރިޔާ އައްފާންގެ ހިތްގައިމު އަޑުން އިއްވައިދޭ ލަވަ "ބިންދާލި ރާޅެއް ހެން" މި ލަވައިގައި ކިޔައިދެނީ ތިލަކޮށް ބުނުމުން މުޖުތަމަޢު ބަލައިނުގެންފާނެ ފަދަ ވާހަކަތަކެއް ކަމަށް ބެލެވިދާނެ އެވެ. އެހެންނަމަވެސް ޤުދުރަތީ މަންޒަރުތަކެއްގެ އެހީގައި ސިފަކޮށްދޭ އިރު، މާނަ ތިލަކުރުން ދޫކޮށްލަނީ އަޑުއަހާ މީހާއަށެވެ.

ހެއްވާ މަޖާ ބަހުރުވައިން ހުށަހަޅާ ކަންބޮޑުކުރުވަނިވި އިހުސާސްތަކުގެ ވާހަކަ

ކުރީގެ ބައެއް ލަވަތައް އަޑުއަހާލުމުން މިހާރު ހިތައް ހައިރާންކަން ގެނުވާ ލަވަތައްވެސް ހުރެ އެވެ. ދިވެހި ލަވަތަކުގައި އަންހެންކުއްޖެއްގެ ނުރުހުމުގައި، ގަދަކަމުން އެކުދިންގެ ލޯބި "އަތުލުމަށް" ކުރާ މަސައްކަތްތައް މިހާރުވެސް މަދު މަދުން ނަމަވެސް ސިފަކޮށްފައި ހުރެ އެވެ. އޭރު އެއީ މީހުންގެ ނުރުހުން އަމާޒުވާ އިހުސާސެއް ނޫނެވެ. އެހެންނަމަވެސް މިހާރު، ހޭލުންތެރި ވިސްނުމަކުން ވިސްނާނަމަ، ކަންބޮޑުވާފަދަ "ސްޓޯކަރ ލޮޖިކް" މި ފަދަ ލަވަތަކުން ފެނެ އެވެ.

މަޝްހޫރު ލަވަ "ދަނީހެ އައިސްބަލާ" މި ލަވައިގައި ކިޔަ އެވެ.

"(ފިރިހެން) ދަނީހެ އައިސްބަލާ ބުނެލަދީބަލާ އަނގައިން

(އަންހެން) ވީމެ ނުރުހިފައި ވެވުނު ނަފުރަތުން އިނގޭ"

މިހާރުގެ ލަވަތަކުގައިވެސް ފޮށުން އެއީ ލޯބި ފާޅުކުރުން ކަމަށް ދައްކަން ކިޔާ ލަވަތައް ހިމެނެ އެވެ. މަޝްހޫރު ލަވަ "ހައެ ހައެ ހައެ" މި ލަވައިގައި އެފަދަ "އޮބްޖެކްޓިފައިން" ވާހަކަތައް ސީދާ ހާމަކުރަމުންވެސް، މިއީ "ފޮށެނީކީ ނޫނޭ، ގެޓުވެބެޔަ!" އޭ ބުނެ އެވެ.

އެހެން ޝުޢޫރެކެވެ. ލޯބިން ގޮސް މޮޔަވާވާހަކަ އެވެ. ފުރަތަމަ އަޑުއަހާއިރު އެއީ ފުން ލޯތްބެއްގެ ނިޝާނޭ ހިތަށް އެރުން އެކަށީގެންވެ އެވެ. އެހެން ނަމަވެސް އެ ކިޔާ އެއްޗަކާމެދު ރަނގަޅަށް ވިސްނާލުމުން މި ދައްކަނީ "އޮބްސެޝަން" ފަދަ ނަފުސާނީ މައްސަލައެއްގެ ވާހަކަކަން އެބަ ސާބިތުވެ އެވެ. ލޯބި ސާބިތުކޮށްދިނުމަށް ނުވަތަ ލޯބި ނުލިބިއްޖެނަމަ އަމިއްލައަށް މަރުވާ ވާހަކަ ދައްކާ ލޯބީގެ ލަވަތަކަކީ އަހަރެމެންނަށް އެންމެ ފުން އަސަރުތައް ކުރުވާ ލޯބީގެ ލަވަތަކެވެ. މިސާލަކަށް ދޮހޮއްކޮބޭގެ "މަރުވިއްޔާ ޝަރަފުގައި" މި ލަވަ ފުދެ އެވެ. މި ލަވައިގައި "މަރުވިއްޔާ ޝަރަފުގައި މަރުވާނަން" ކަމަށާއި، "މޮޔަވިއްޔާ އަސަރުގައި މޮޔަވާނަން" ކަމަށާއި "ކަނޑުވިއްޔާ ކަނޑަށްވެސް އެރިފާނަން" ކަމަށް ބުނެ އެވެ. ލޯބީގެ ބާރުގަދަ ޝުޢޫރުތަކެކެވެ. ބިރުވެރިވެސް ޝުޢޫރުތަކެކެވެ.

އެހެން ލަވައެކެވެ. މި ފަހަރު ޖަމީލާ ޙަސަންގެ އަޑެވެ.

"ފަރުދާ ތި ލޯބި ވީމާ، ބަރުދާސްތުނުވެ ހިތާމައިން

ފަރުހާދުހެން މި ދުނިޔެއިން މަރުގެންވެދާން މަވީހޭ"

އިތުބާރު ނެތް ލޯބި

މިފަދަ ލަވަތަކުގައި ކުރިން ލޯބިވީ ދެ މީހެއްގެ ތެރެއިން އެކަކު ބޭވަފާތެރިވުމުން ދެން އިތުބާރު ނުކުރެވޭނޭތީ، ލޯބިވިޔަސް އެކުގައި ނޫޅެވޭނޭކަން އަންގަ އެވެ. މިސާލަކަށް "ހަނދަކީ ކަލާ ކަމުގައިވިޔަސް" މި ލަވައަށް ބަލާލަމާތޯ އެވެ. މި ސިފަކުރި އިހުސާސްތައް އެ ލަވައިގެ މައިގަނޑުން އެކަނިވެސް ފެނެ އެވެ.

"ހަނދަކީ ކަލާ ކަމުގައިވިޔަސް،

ތިއަލިން ދެނެއް ނުހިނގާނަމޭ

އަދުދެން ކަލާ ރުހުނަސް މަށާ

އަމުދުން ދެނެއް މަ ނުދާނަމޭ"

އެހެންލަވައެކެވެ. 90ގެ އަހަރުތަކުގައި ވަރަށް މަޝްހޫރުވި ލަވައެކެވެ. "ހިތް ތެޅުނުވަރުން" މި ލަވަ އެވެ. މި ލަވައިގެ ފަހު ކަޑީގައި ބުނެ އެވެ.

"ހީވާގޮތޭ، ގައިމޭ އަލުން ހޯދާކަށެއް ނުދެވޭނޭ ދެން

ބޭޒާރުވީ، ގައިމޭ ރުޅިން، ގަންދީ ބުނަމެ ނުބެލޭނޭ ދެން

ދާށޭ ދުރަށް، ބޭކާރޭވީ"

ނާކާމިޔާބު ލޯބި

މިބައިގައި މި ހިމެނެނީ ލޯބީގެ ލަވަތަކުގެ ތެރެއިން މީހެއްދެކެ ވާ ލޯބި އަންގައިދީ، އެއަށް އެދެވޭ ޖަވާބެއް ނުލިބުނަސް، އޭނާއަށް ހެޔޮ އެދޭކަމަށް ބުނާ ލަވަތަކެވެ. ފަހުގެ ލަވަތަކުގެ ތެރެއިން މި ފަދަ އެއް ލަވައަކީ ފަޒާލްގެ "ވަކިވުމުން" މި ލަވަ އެވެ.

"ހުއްޓޭވަރޭ މަގޭ ހިތް، ރޯލާވަރޭ ދެލޯ

ރުއްސާލުމަށް ތިބާ އަދު، ފުހެލާނަމޭ ދެލޯ"

ބޭވަފާވެފައި ދިޔަޔަސް ވެސް ލޯބިވެރިޔާއަށް އެދެނީ ހެޔޮ ދުޢާ އާއި ބާއްޖަވެރިކަން ކަމަށް ޅެންވެރިޔާ ބުނެ އެވެ. ދެރަވިޔަސް، އެ ހިތާމަ ފޮރުވާ "ލޯފުހެލަނީ" ވަކިވެދިޔަ ލޯބިވެރިޔާ ރުއްސާލުމަށް ކަމަށް ބުނެ އެވެ.

ތަންކޮޅެއް ކުރީގެ ލޯބީގެ ލަވައެކެވެ. ވަކިވެ ދިޔަކަމުގައިވިޔަސް، ބޭވަފާތެރިވިޔަސް، އޭނާއަކީ އަދިވެސް ތިމާގެ ޤަދަރު ލިބޭ، ތިމާގެ ލޯބީގެ ވެރިޔާކަމަށް ބުނާ ލަވައެކެވެ. މި ފަހަރު ޞަފާ ތައުފީޤުގެ އަޑުން އިވުނު މަޝްހޫރު ލަވަ "ޤަދަރު ދީފައިވިޔަސް" އެވެ.

ނަޞޭހަތާއި ވަޢުދާއި އަހުދު

80ގެ އަދި 90ގެ އަހަރުތަކުގައި އަދި އޭގެ ކުރީގައިވެސް ލޯބި ސިފަކޮށްދޭ، އަދި ލޯބިވެރިން އުޅޭންވީ ހެޔޮ ގޮތް ކިޔައިދޭ ލަވަތައް ހުރެ އެވެ. އެންމެ މަޝްހޫރު އެއް މިސާލަކީ އާދަމް ސަލީމްގެ ޅެންވެރިކަން ފެންނަ "ލޯބިން ގުޅޭ ދެހިތެއް ސަފުން ވަކިކުރެވިދާނޭތޯ" މި ލަވައެވެ. މި ނޫނަސް "ކައިވެނީގެ އަމާޒުކަމުގައި" މި ލަވަ، "ގުލާބީ މާފުޅު" މިއީ ހައްތަހާވެސް ލޯބި ކާމިޔާބުކުރާނޭ ގޮތުގެ ނަޞީޙަތްތަކެވެ. ދެން އޮންނަނީ އެކަކު އަނެކަކު ދެކެ ލޯބިން ވާ ވަޢުދުތަކާއި އަހުދު ތަކާއި ކުރާ އިލްތިމާސްތަކެވެ. ހިތް ރޯ އަޑު އަހަން އަންގަ އެވެ. ހިތަށް އަމާނާތްތެރިވާން އަންގަ އެވެ. ބޭވަފާތެރިނުވުމަށް އަހުދުކުރެ އެވެ. އިތުބާރުކުރުމަށް ނިންމަ އެވެ. ދިވެހި ފިލްމު އަމާނާތުން މަޝްހޫރުވި ލަވަ "އޯގާވެރިވޭ ލޯބިވާ" މިއީ މި ހުރިހާ އިހުސާސްތަކެއް އޭގައި ހިމެނޭ ލަވައެކެވެ.

ބޭނުމަސް ބޭނުން ނޫނަސް، ހިތް ދިނުން

މަޝްހޫރު ލަވައެއްގައި ކިޔަ އެވެ.

"ދެމޭ، އަމޭ، މި ހިތޭ، މަ އެ ބޭނުމެއް ނެތޭ

ލޯބިވާ، ބިލޯ، އެ ގެންދާށޭ، އަން! ދެންހެ މޭ؟"

އެހެންލަވައެކެވެ. މިފަހަރު ޖޭމު ދޮންކަމަނަގެ އަޑެވެ.

"ދިން މި ހިތެއް އަނބުރާ ނުގެންދާނަން އިނގޭ

ހަދިޔާކޮށްފާ ތިޔަވަނީ

ގެންދާށޭ، ގެންދާށޭ، ގެންދޭ!

ހަދިޔާއެއް ކަމަށް ދީފާ ތިޔަވަނީ"

މިހާރުގެ ލަވަތަކުންވެސް މި އިހުސާސް ފެނެ އެވެ. ލޯބީގެ ބަދަލުގައި އެކައްޗެއް ނުލިބުނު ކަމުގައިވިޔަސް ތިމާގެ ހިތް ދޭ ވާހަކަ އެވެ. އެހިތަށް އަމާނާތްތެރިވުމަށް ކުރާ އިލްތިމާސްތަކުގެ ވާހަކަ އެވެ. ލޯބި ނުލިބުނަސް، އެ ހިތް އަނބުރާ ނުދޭން ކުރުވާ އަހުދުތަކުގެ ވާހަކަ އެވެ.

ލޯބިވާ މީހާއަށް ތަޢުރީފުކުރުން

މިއީ ލޯބީގެ ލަވަތަކުގައި އެންމެ ޢާއްމު ސިފަ އެވެ. ލޯބިވާ މީހާއަށް ތާރީފު ކުރުމެވެ. އިރުހަނދާއި ތަރިތަކާއި މާމެލާމެއްޔާ އެއްފަދަ ކުރުމެވެ. މި ކަންތައްތަކުގައި ޢާންމުކޮށް ފެންނަނީ އަންހެނެއްނަމަ، އޭނާގެ ސިފައަށް ތާރީފުކުރުމެވެ. އަދި ފިރިހެނެއް ނަމަ އޭނާގެ ހުނަރުތަކާއި ޝަޚުޞިއްޔަތުގެ ވާހަކަ ދެއްކުމެވެ. މިފަދަ އެއް މިސާލަކީ "ލޯބިވާޔާ ނުލާ" މި ލަވަ އެވެ. މީގައި އަންހެންމީހާ ފިރިހެން މީހާއަށް ކުރާ ތާރީފުގައި ކިޔަ އެވެ.

"ފެންނަހާ މީހުނާ، މާ ތަފާތޭ ކަލާ،

ހާދަ ކުޅަދާނައޭ ލޯބި އަތުލަން ކަލާ"

އަންހެނުންނަށް ކުރާ ތާރީފުގެ މިސާލުތައް ދައްކަންވެއްޖެ ނަމަ ކޮޅުންނުލާނެ އެވެ. އެހެންނަމަވެސް އެންމެ މިސާލަކުން ފުއްދާލެވޭނެތޯ ބަލާނަމެވެ.

"ނަޔާ ފަރިވެ ޒީނަތްވީ ފިޔާތޮށި ފޮޅޭ މަލާ

ކިޔާ ފޮނި ތަރާނާމީ ޙަޔާތުން އެދޭ މަލާ"

މި ފަދަ ސިފަކުރުންތައް ބައެއް ފަހަރު ސުވާލު އުފެދޭ މިންވަރަށްވެސް ދެ އެވެ. "ޖެހިލުންވެ މޭތެޅޭގޮތްވޭ" މި ލަވައިގައިވާ އެ ފަދަ ސިފަކުރުމަކަށް ބަލާލާނަމެވެ.

"ތުނި ތުނި ފަތިހަށި ހެދިހުރި އިސްކޮޅު ލިބިހުރި ހޫރު ޕަރީއޭ

ފިނިފެން ޖަންބެކެ ނިޔަނެތި މޫނެކެ، ރިވެތި ޗާލު މަލާއޭ

ފެނިފާ އާގަމަ ވެވެނީއޭ ހަމަ، ކުޅަދުންވަންތަކަމާއޭ

ފެނެޔޭ ކުޅުތިކި ދާއިރު ވަކި ވަކި، އަލިގަދަ ހުޅެވި ހަނދާއޭ"

މި ލަވައިގެ މި ކަޑި ޝަރަހަ ކުރަން އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.

ކޮންމެއަކަސް، ދިވެހި ލޯބީގެ ލަވަތަކުގެ ވާހަކަ ދައްކާ ދައްކާ ފޫއްސެއް ނުވާނެއެވެ. މިއިން ކޮންމެ އަރިމަތީ ސުރުޚީއަކާ ގުޅޭގޮތުންވެސް ކިޔުންތެރިންނަށްވެސް ހަނދާންވާ އެތައް ލަވައެއް ހުންނާނެ އެވެ. އަދި މި ނޫން އަރިމަތީ ސުރުޚީތަކެއްވެސް މި މައުޟޫޢުގެ ދަށުން ލިޔެވިދާނެ އެވެ.

ފަޚުރުވެރިކަމާއެކު ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ލޯބީގެ ލަވައިގެ ބާބުގައި ދިވެހިންގެ އަދަބިއްޔާތުގައިވެސް، ޝިޢާރުގެ ސިންދަފާތު ބޮޑު، އެކި ފެންވަރުގެ ޅެންވެރިކަން ފެންނަ ޚަޒާނާއެއް އެބައޮތްކަމެވެ. ދެން އޮތީ، ކުރިއަށްއޮތް ޖީލުތަކުގައި އަންނަ އިޖުތިމާޢީ ބަދަލުތަކާއެކު ފާޅުކުރާ ޝިޢާރުތައް އަޑުއަހާލަން އޮތް ޝަޢުޤުވެރިކަމެކެވެ.