Advertisement

ފިޔަވަތި މައްސަލައިގައި ދައުލަތުން ޖަވާބުދާރީވެ ފުރިހަމަ ތަހުގީގަކަށް އާކުން ގޮވާލައިފި

18 ސެޕްޓެންބަރު 2021 - 22:10 0

އަމަން ހަލީމް

އަމަން ހަލީމް

ފިޔަވަތި ފުރާޅުމަތީގައި ކުދިން އުޅޭ މަންޒަރު: މިފަދަ ހާދިސާތައް އާންމުކޮށް ފިޔަވަތީގައި ހިނގާތާ ދުވަސްތަކެއް ވެއްޖެ. -- ފޮޓޯ: ޓްވިޓާ


ފިޔަވަތި މައްސަލައިގައި ދައުލަތުން ޖަވާބުދާރީވެ ފުރިހަމަ ތަހުގީގަކަށް އާކުން ގޮވާލައިފި

18 ސެޕްޓެންބަރު 2021 - 22:10 0

ފިޔަވަތީގައި އިއްޔެ ހިނގި ހާދިސާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މިފަދަ މައްސަލަތައް ރަނގަޅަށް ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އާކް ޖަމިއްޔާއިން ސަރުކާރަށް ގޮވާލައިފި އެވެ.

ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު، ރޯކޮށްލީ އެތަނުގައި ތިބި ކުދިންނަށް ބޭރަށް ނުނުކުމެވިގެން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުވި ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަހައްޓާ މަރުކަޒުތަކުގައި މިފަދަ ހާދިސާތައް ފަހަކަށް އައިސް ހިނގާފައިވެ އެވެ.

މި މައްސަލައިގައި އާކުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިއްޔެ ކަންތައްތަކުގެ ތެރޭގައި، ފިޔަވަތީގައި ކުދިން ބަލަހައްޓާ މީހުން ކުދިންނަށް އިހާނެތިކޮށް ހިތާ ކަމަށް އެ ކުދިން ބުނުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މިފަދަ ހާދިސާތައް ތަކުރާރުވަނީ އެ ކުދިންނަށް ބޭނުންވާ އަޅާލުން ނުލިބޭތީ ކަމަށް ފާހަގަކޮށް، ކުދިންގެ ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭން ސަރުކާރަށް އާކުން ގޮވާލި އެވެ.

"މިފަދަ ހާދިސާތައް ހިނގުމުން ދޭހަކޮށް ދެނީ އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބެމުން ނުދާކަމެވެ. އެހެން ކަމުން، އެ ކުދިންނަށް އެންމެހައި އަޅާލުމާއި އެހީތެރިކަން އެ ކުދިންގެ ހައްގުތަކާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް ދައުލަތުން ކަށަވަރުކޮށްދިނުމަށް އާކް އިން ގޮވާލަމެވެ." ބަޔާނުގައި ބުންޏެވެ.

ވިލިމާލޭގައި ހުންނަ ހިޔާގައި ހިނގި އަލިފާނުގެ ހަތަރު ހާދިސާ އާއި އިއްޔެގެ ހާދިސާ އަށް އިޝާރާތްކޮށް، އާކުން ބުނީ މިފަދަ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ. މިއީ އެ މަރުކަޒުތައް ހިންގުމުގައި ފެއިލްވުމުގެ ނަތީޖާކަމަށް ބުނެ، މިކަންކަން ތަކުރާރުވުން ހުއްޓުވަން ވެސް ގޮވާލި އެވެ.

އެގޮތުން މިފަދަ މަރުކަޒުތަކުގެ އަލިފާނާއި ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހެދުމަށް އާކުން ގޮވާލި ގޮވާލުން ތަކުރާރުކޮށް، މިކަންކަން ފުރިހަމައަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލި އެވެ.

މި މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީންނާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ. އަދި މަޖިލިހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވެސް މި މައްސަލައިގެ ވަށައިގެންވާ ކަންކަމާއި އެޅި ފިޔަވަޅުތަކުގެ ތަހުގީގެއް ފަށާފަ އެވެ.

މީގެ ކުރިންވެސް ފިޔަވަތީގައި ތިބި ކުދިންނަށް އަނިޔާކުރި ކަމުގެ މައްސަލަތަކެއް ފެންމަތިވި އެވެ. ނަމަވެސް އެފަދަ ކަމެއް ނުހިނގާކަމަށް ޖެންޑާ މިނިސްޓްރީން އެފަހަރު ބުންޏެވެ.