Advertisement

"އަވާމެންދުރޭ ދެއްކީ": ކަނީރު ދޮންބެގެ ޅެންވެރިކަމުގެ ސިންދަފާތު

17 ސެޕްޓެންބަރު 2021 - 08:15 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


"އަވާމެންދުރޭ ދެއްކީ": ކަނީރު ދޮންބެގެ ޅެންވެރިކަމުގެ ސިންދަފާތު

17 ސެޕްޓެންބަރު 2021 - 08:15 0

ކަނީރު ޢަބްދުއްރަޙީމޭ ދެންނެވުމުން އެއްބަޔަކަށް ސިފެވެގެންދާނީ ސިއްޙީ ދާއިރާގެ ޚިދުމަތްތެރިއެކެވެ. އަނެއް ބަޔަކަށް، ދިވެހި ބަހުގެ އެކުވެރިއެކެވެ. ހުނަރުވެރި އެކްޓަރެކެވެ. ލިޔުންތެރިއެކެވެ. ސަމާސާ އަދަބުގެ މި ޒަމާނުގެ އުސްތާޛެކެވެ. އަޅުގަނޑު ދަންނަ ގޮތުންނަމަ އަވަށްޓެރިއެކެވެ. ސްކޫލްދައުރުގައި ވިދާލި ހުނަރުވެރި ލަވަކިޔުންތެރިންތަކެއްގެ ބައްޕަ އެވެ. އޭރުވެސް އަޅުގަނޑުގެ ހަނދާނުގައި ހަރުލާފައި ހުންނަނީ އެ ކުދިން ކިޔާ ލަވަތަކުގައި ހުންނަ ތަފާތު ސިފަތަކެވެ. އެފަދަ އެއް ލަވައަކީ 1993 ވަނަ އަހަރުގެ ލަވަ މުބާރާތުގައި ކަނީރު ދޮންބެގެ ދަރިފުޅުގެ އަޑުން، އޭރުގެ މަޝްހޫރު ހިންދީ ލަވަ "މާނާކޭ ކޯލެޖްމޭ" ގެ ރާގަށް އިވިގެންދިޔަ "ރޯދި ހުރިއްޔާ" މި ލަވަ އެވެ.

"ކާލާނީ ޗޯކުލެޓޭ، ކޯލާ ބޯނަމޭ

ސައިވެސް ބޯނަމޭ، އަނބެއްވެސް ކާނަމޭ

އިރާދަ ރޯދީގައި ހުރިއްޔާ ބަތްވެސް ކާނަމޭ

ޕޯލޯ ހޯދާނަމޭ މިއަދު، ގަންނަން ދާނަމޭ މިއަދު"

އެ ޒަމާނަކީ ތުއްތު ކުދިން ލައްވާވެސް "ބޮޑެތި" ސުރުޚީތަކުގެ ދަށުން ހުންނަ ޅެން ކިޔުއްވުން ޢާއްމުވެފައި އޮތް ޒަމާނެކެވެ. އެހެންކަމުން ކުޑަކުއްޖެއްގެ އަޑުން ކުޑަކުއްޖަކާ ގުޅޭ ލަވައެއް އިވުން ވަނީ، އޭރުގެ ކުޑަކުދިންނަށް ލިބޭ ނާދިރު އުފަލަކަށެވެ. ކޮންމެއަކަސް މެޓައާއި ޗޮކުލެޓުން ހުރިހާ އުއްމީދެއް ޙާސިލުވީ އުމުރު މާޒީއާ އެކުވެގެންގޮސް، ކޮންމެވެސް ވަރަކަށް އަދަބިއްޔާތުގެ ދާއިރާގެ ކަންކަން ދަންނަން ފެށި ހިސާބުން، ކަނީރު ދޮންބެގެ ޅެންވެރިކަމަކީ، ހަމައެކަނި ސްކޫލް ލަވަމުބާރާތަށް ހަނިވެފައި އޮތް ހުނަރެއް ނޫންކަން އަޅުގަނޑަށްވެސް މޭރުންވާން ފަށައިފި އެވެ. ކުޑަ އިރު، ރަނގަޅަށް އެ ޅެން ދޭހަ ނުވަނީސްވެސް ރީތިވެގެން އުޅޭ "އަވާމެންދުރު" މި ލަވައިގެ ޝާޢިރަކީވެސް ކަނީރު ދޮންބެކަން އެނގުނީ އެ ހިސާބުންނެވެ.

ހާޖަރާގޭ މުޙައްމަދު ތައުފީޤު ވިދާޅުވެފައިވާ "އަވާމެންދުރު" މި ލަވައަކީ ދިވެހި ފަންނުވެރިކަމުގައި އެތައް ގޮތަކަށް ޚާއްޞަވެގެންދާ ލަވައެކެވެ. ގިނަ ބަޔަކު އިއްތިފާޤުވާ ގޮތުގައި އެ ލަވައަކީ، ދިވެހި ލަވަތަކުގެ "ކަވަރ ސޯންގްސް" ކިއުމުގެ ސަގާފަތުގެ ފެށުމެވެ. މި ސަގާފަތް ފެށުނީ އޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު، އެ ލަވައިގެ "ކަވަރ" އެއް ރިލީޒްކުރި ހިސާބުންނޭ ބުނެއުޅެ އެވެ.

އެހެންކަމަށްވާނަމަ، ދިވެހި މިއުޒިކީ ދާއިރާއަށް މިވަރުގެ އިންޤިލާބެއް ގެނުވި ލަވައަކަށް މި ލަވަ ވެގެންދިއުމުގައި ސަބަބުތަކެއް ހުރީސްކަން ޤަބޫލުކުރަންޖެހެއެވެ. ޅެންވެރިޔާ ކަނީރު ޢަބްދުއްރަޙީމް މި ޅެން ހެއްދެވީ 1980 ވަނަ އަހަރުގަ އެވެ. އޭރުގެ ޅެންވެރިއެއްގެ ޝިޢާރެއް، 90ގެ އަހަރުތަކުގެ އޯޑިއަންސަކަށް ކަމުދާގޮތަށް އެކުލަވާލެވުނު ކަމީ އާދައިގެ ކާމިޔާބީއެއް ނޫނެވެ. މި ލަވައިގެ ކަވަރތައް ކިޔާފައިވަނީ 90ގެ އަހަރުތަކުގައި އެކަންޏެއް ނޫނެވެ. އޭގެ މާފަހުން، މިހާރުގެ ޒުވާން ފަންނާނުންވެސް މި ލަވަ ކަވަރ ކުރެއެވެ. ސިންގަލް އެއްގެ ގޮތުގައި ޢާއްމުކޮށްގެންނެވެ. ރިސޯޓު މިއުޒިކުގަ އެވެ. މި ކާމިޔާބީގެ އަސްލުކަމަށް އަޅުގަނޑު ނިންމާނީ، މި ލަވައިގެ އަސަރު ގަދަ ޅެންވެރިކަމެވެ.

"ދެލޯނޭދި އެދުނީމޭ ލޯބިން ފުރީމޭ

ނުވާނޭ ތަފާތެއް ޔަގީންކޮށް ހުރީމޭ

އަވާމެންދުރޭ ދެއްކީ ބަހާނާ ޔަގީނާ

އެދޭ ލޯބި ޖާނާ ދަނީއޭ ފުރާނާ"

އުފާވެރި މާޒީއެއް އެކުގައި ހޭދަކުރުމަށްފަހު ބަނަ މުސްތަޤުބަލެއްގެ ވިލާގަނޑުގައިޖެހި، އެ ހިތާމަ ތަޖުރިބާކުރަމުންދާ މީހެއްގެ ވާހަކަ އެވެ. ބޭވަފާ ވީމާ، ޒަމާންވެސް އޮޅިގެން ދިޔަ ވާހަކަ އެވެ. ޅެމުގެ މަޒުމޫނާއި އަލްމަރްޙޫމް ތައުފީޤުގެ އަޑުމަޚުރަޖު އެކުލެވެމުންދާއިރު، އަޑުއަހާމީހާގެ ޙަޔާތުގެ ޑައިރީ ދެފުށުން ކިޔާ ނިންމާލައޭ ހީވާ ފަދަ އެވެ. އެ ލަވައިގައި ޝާޢިރު އެ ހާމަކުރައްވާ ތަޖުރިބާތަކުގެ އަލީގައި ތިމާއަށް ކުރެވިފައިވާ ބޭވަފާތެރިކަމުގެ ތަޖުރިބާތައް ހަނދާނަށް ގެނުވަ އެވެ. ޅެންވެރިޔާ އެ ވިދާޅުވާ، މަރުގެ އިންތިޒާރުގައި ހުރެ، މާޒީގެ ހިތި ހަނދާންތަކުގެ ހޫނުގައި ގެނބެމުންދާ މީހާގެ އިހުސާސްތައް ތިމާއަށް ތަޖުރިބާކުރުވަން، އެ ލަވަ މަޖުބޫރުކުރުވަ އެވެ. އެފަދަ ބޭވަފާއަށް ކެތްތެރިވެ ހިތާމަތައް ހިންދައިގެން ތިބެން އާދަކޮށްފައި ތިބި އެތައް ބައެއްގެ ވިންދު އަވަސްކޮށްލަ އެވެ.

އަނެއްކާވެސް ބޭވަފާގެ ޅެމެކެވެ. މި ފަހަރު އަންހެނެއްގެ ނަޒަރުންނެވެ. 1986 ވަނަ އަހަރެވެ. ލަވަ ވިދާޅުވެފައިވަނީ، އޭރުގެ ޒުވާން، މަޝްހޫރު ލަވަކިޔުންތެރިޔާ ޞަފާ ތައުފީޤެވެ.

"ގަދަރު ދީފާވިއަސް ހިތުގައި މަގޭ ލޯބީގެ ވެރިއާއޭ

ކަރުނައޮހޮރާ މިހެން ރޮވުމީ މިއަދު އަހަރެންގެ ފަރުވާއޭ"

އިޤްބާލް ޙަސަންގެ ފަށުވި ޅެންވެރިކަމުން، "ބެދަރްދީ ބާލުމާ ތުޖްކޯ" މި ލަވައިގައި އެ ސިފަކޮށްދޭ ބޭވަފާތެރިޔާ އާއި އޭނާގެ ހަނދާންތަކުގައި ހިތާމައިގެ ކަނޑެއްގައި ގެނބެމުންދާ އަންހެނާގެ ވާހަކައިގެ ދެވަނަ ބާބު ލިޔެދެއްވާފައިވަނީ ކަނީރު ޢަބްދުއްރަޙީމުގެ "ގަދަރުދީފައިވިއަސް" މި ޅެމުންނޭ ހީވާކަހަލަ އެވެ. ބޭވަފާގެ ވާހަކަތަކެކެވެ. އުވާލާފައިވާ ހުވާތަކެއްގެ ވާހަކަ އެވެ. މުއްސަނދި ޚިޔާލުތަކަކުން އަތުރާލާފައިވާ ޖަޒުބާތީ އެ ލަފުޒުތަކުގެ ސަބަބުން ކަރުނަ ނުހިލޭ ލޮލެށް، 1980 އަދި 1990ގެ އަހަރުތަކުގެ ދިވެހި އަންހެނުންގެ ތެރޭގައި މަދުވާނެ އެވެ. މީ ހަމައެކަނި އަޅުގަނޑު ދެކޭގޮތެއް ނޫނެވެ. މިލަވަޔާ ގުޅޭ ޚާއްޞަ ހާދިސާއެއް ކަނީރު ދޮންބެ އަޅުގަނޑާ ހިއްސާކުރެއްވި އެވެ.

"އެ އަޅުގަނޑު ހަދާފަ ދޫކޮށްލި ރޭގެ އަނެއްރޭ ދިހައެއް ޖަހާލާ އެހާކަންހާއިރު އަޅުގަނޑު ގޭގައި އުޅެނިކޮށް ގޮލަޔަކު އައިސް ބުނެފި ބޭރުގަ އެބަހުއްޓޭ މީހަކު ބައްދަލުކުރަން އައިސް. އަޅުގަނޑު ނިކުތް އިރު މަރުޙޫމް ސައިކުރާ ނަޢީމް އިނގޭތޯ. ސައިކުރާ ނަޢީމް އަޅުގަނޑު ނިކުތްހާއިރުން ވިދާޅުވީ، ފިސާރި ތެދެކޭ ހަމަ ސާބަހެއް ނުދީ ހަމަ ކެތް ނުވެގެންނޭ މި އައީ. އަޅުގަނޑު ދެން އަހައިފިން ކޮންކަމަކާތޯއޭ. ވިދާޅުވި، ކިހިނެތްހޭ އެގޮތަށް 'ދަންވަރު'، 'މެންދަމު' އެ އެއްޗެހި އެހެން އަތުރާލަން ޚިޔާލަށް އައީ؟ އެއީ ގާތްގަނޑަކަށް ކިހާ އިރެއްގެ މަސައްކަތެއްހޭ؟ ދެން ނަޢީމަކީ އަޅުގަނޑު ޤަބޫލުކުރާ ރާއްޖޭގައި ހެދުނު ލަވަވެރިންގެ ތެރެއިން ހަމަ އެންމެ ކުޅަދާނަ އެއް ބޭފުޅެއް. ދެން އަޅުގަނޑު ދަންނަވައިފިން، ކިހިނެތްތޯއޭ ވީ؟ އިހަށް ވިދާޅުވެދެއްވާށޭ ވެގެންއުޅޭ ގޮތެއް. ނަޢީމް ވިދާޅުވަނީ، މިހާތަނަށް، ތިމަންނައަށް ހަމަ ފާހަގަކޮށްލެވިފައި އޮތް އެންމެ ރަނގަޅު، އެންމެ އަސަރުގަދަ އެއް ލަވައޭމީ. އެހެންވީމާ ހަމަ ސާބަހެއް ނުދީ ކެތް ނުވެގެންނޭ މި އައީ. އެ ދެން ވަރަށް އުފާވި ވަގުތުކޮޅެއް އެ ލަވަޔާއެކީގައި." ޅެންވެރިޔާ ވިދާޅުވިއެވެ.

ނަޢީމް އެ އިޝާރާތްކުރެއްވި ކަޑިއަށް ބަލާލަމާތޯ އެވެ.

"ދުށީމޭ ލޯއެދޭ މަންޒަރު އޮތީމޭ ނުނިދި ފުރަދަންވަރު

އެރޭ އުފަލުން މަވީނަމަ މަރު ރަނގަޅުވީހޭ ނުދެކި މިއަސަރު

ކުރާނެކަމެއް ނެތޭ މިއަދަކު ފުރާނަ ދެތަން ވަނީބާއޭ"

އަޅުގަނޑުގެ ހަނދާނަށް އަންނަނީ، އަޅުގަނޑުގެ ކޮއްކޮއެއް ޚިތާނުކޮށްގެން އުޅުނު ދުވަސްވަރު، ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެންގޭ ހުރިހާ އަންހެނުން ކެސެޓަކުން ރޭޑިއޯގައި އަޑު ހަރުކޮށް މި ލަވަ ޖަހައިގެން ތިބެ، އެ ހިތާމައިގައި ބައިވެރިވާ މަންޒަރެވެ. މި ކަޑި ފެށުމާއެކު ތަޢުރީފުގެ ބަސްތައް އޮއްސަން ފަށާނެ އެވެ. އޭރު އަޅުގަނޑަށް އަދި އިޝްޤީ ބޭވަފާގެ ހިތި ދަސްނުވާތީ، އަންހެންވެރިން އެ ދެއްކި ވާހަކައެއް މާބޮޑަކަށް ސާފެއް ނުވި އެވެ. އެހެންނަމަވެސް މިއަދު، އިޝްޤީ ލޯބީގައި ހުރި ފޮންޏާއި ދިލަވެސް އިހުސާސްކޮށްފައިހުރި ބޮޑު އަންހެނެއްގެ ހައިސިއްޔަތުން، ކަނީރު ދޮންބެ އެ ލަވައިގައި ސިފަކުރައްވާ އިހުސާސްތަކަށް ސައިކުރާ ނަޢީމް ދެއްވީ ޙައްޤު ސާބަސްކަމަށް ދެކެމެވެ.

ކަނީރު ޢަބްދުއްރަހީމްގެ އެންމެ މަޝްހޫރު ދެ ޅެމަކީ "އަވާމެންދުރު" އަދި "ގަދަރުދީފައި" ކަމަށް ދެބަސްވާނޭ މީހަކު މަދުވާނެ އެވެ. މި ދެ މިސާލަކީ ފަށުވި ޢިބާރާތްތަކާއި ފުން ޚިޔާލުތަކެއްގެ މިސާލުތަކެކެވެ. އެހެންނަމަވެސް ކަނީރު ޢަބްދުއްރަޙީމުގެ "މަރުކާ" އަކީ އެބޭފުޅާގެ މިޒާޖުގައިވެސް ހުންނަ، ސަމާސާ މިޒާޖުގައި ކޮންމެ މަޢުޟޫޢަކަށްވެސް އިންސާފުކުރެއްވުމެވެ. ތިރީގައި މިވަނީ ރޯދަމަހުގެ ޙަޤީޤީ މަޤްޞަދު އޮޅޭ މީހުންގެ ރޯދަމަސް ސިފަކޮށްދެއްވަމުން 1980 ވަނަ އަހަރު އެކުލަވާލެއްވި ޅެން "ރޯދަމަހުގެ ރޭގަނޑެއް" ގެ ދެ ބައިތެކެވެ.

"ފަނަރަ ވިހި ވައްތަރުގެ ކާނާ ހަތަރުފަސް ވައްތަރުގެ ފަންޏާ

ފަނަރައަށްވާއިރަށް އިރުއޮސްފުހެން ކާމޭޒު ފުރިއަރަނީ

ދެތިންމިނެޓަށް ވުމާއެކު ބަންގިޔަށް ތައްޔާރު މޭޒުދޮށަށް

އެތިން ރަކުޢަތް ފަހަށްބާއްވާފަ ހެވިދިލިގެންނެ ގާތްވެލަނީ"

މަޢުޟޫޢަކީ މުހިއްމު މަޢުޞޫއެކެވެ. ޅެންވެރިޔާގެ މެސެޖު ސާފެވެ. އެހެންނަމަވެސް ޅެންވެރިޔާ އެ މަޢުޞޫޢާއި މެސެޖު ހުށަހަޅުއްވާފައިވަނީ ކިޔުންތެރިޔާގެ ޝައުޤުވެރިކަން ދަމައިގަންނަ ފަދަ އުކުޅުތަކެއް ބޭނުންކުރައްވައިގެންނެވެ.

ލޯބީގެ މަޢުޟޫޢުތަކުގައިވެސް ސަމާސާ ގޮތް އިސްކުރައްވައިގެން ޅެން ހެއްދެވުމަކީ ކަނީރު ދޮންބެގެ ހުނަރެކެވެ. ސިފަކޮށްދެއްވާނީ ކޮންމެވެސް ހާދިސާއެކެވެ. ކުރެވުނު އިހުސާސްތަކެކެވެ. އެހެންނަމަވެސް ސަމާސާ ކުލަވަރެއްގަ އެވެ. 1990 ވަނަ އަހަރު އެކުލަވާލައްވާފައިވާ ޅެން "މުރާޝާ ދެކެފައި" މިއީވެސް މި ފަދަ މިސާލެކެވެ.

"ހިތަށް ހަމަ ދެންމެއަކު ހީވީ ހަތަރުފޫޓުގެ އަބެއްޖެހިހެން

ބިތަށް އަރިއަށް ތަޅާޗިސްކޮށް މިރުސްލާފައި ފިހެން ފެށިހެން"

ކަނީރު ޢަބްދުއްރަޙީމްގެ ގަލަން ހިނގަނީ ހަމައެކަނި ލޯތްބާއި ބޭވަފާގެ މަޢުޟޫޢުތަކުގައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންތައްތަކަށް ފަލްސަފާގެ ދުރުމީއެއް އަޅުއްވައިގެން އިންސާފުކުރައްވާފައިވެއެވެ.

2004 ވަނަ އަހަރު ހައްދަވާފައިވާ ޅެން "ނުދެނެމާ!" އަކީ މި ފަދަ މިސާލެކެވެ.

"ވިސްނުމާ ފިކުރު ހިންގަން އެނގެންޏާ ހިލާ

ގިސްނުލާ ރޭދުވާލެއް ނިމޭކަށް ނެތޭ"

މިއީ ނޭނގުމަށްވުރެ މޮޅުކަމެއް ނެތްކަމަށް ވިދާޅުވެ ހައްދަވާފައިވާ ޅެމުގެ ބައިތެކެވެ. ކަނީރު ޢަބްދުއްރަޙީމް ބޭނުންކުރައްވާފައިވަނީ ސާދާ ބަސްކޮށާރެކެވެ. ޝުޢޫރުތައް ފާޅުކުރައްވާފައިވަނީ އޮޅުންބޮޅުން ކުޑަ ޢިބާރާތްތަކަކުންނެވެ.

ފަހަކަށް އައިސް، ޚާއްޞަކޮށް ދެހާހުގެ އަހަރުތަކުގައި ކަނީރު ޢަބްދުއްރަޙީމްގެ ޅެންވެރިކަމުން އިޖުތިމާޢީ އަދި ސިޔާސީ ކަންކަމަށް ހުރި ނުސީދާ ފާޑުކިޔުންތައްވެސް ފެންނާން އެބަހުއްޓެވެ. މިގޮތުން 2007 ވަނަ އަހަރުގެ "ދެންފައިބާ" މި ޅެމުގައި ސިފަކުރައްވަނީ ކެޔޮޅުކަން ކުރާނެ ޤާބިލިއްޔަތުނެތް ކެޔޮޅެއްގެ ވާހަކައެކެވެ. އެހެންނަމަވެސް ފަންކްޝަނަލިސްޓް ނަޒަރިއްޔާއަކުން ވިސްނާލާނަމަ، މިއީ އެ ދުވަސްވަރު ރާއްޖޭގައި ކެކި އުތުރެމުންދިޔަ ސިޔާސީ އަދި އިޖުތިމާޢީ ކަންކަމަށް ފާޑުވިދާޅުވުމެއް ނޫންބާއޭ ހިތަށްއަރަ އެވެ. މި ޅެމުން ދެތިން ބައިތެއް ނަކަލުކޮށްލާނަމެވެ.

"އުޅޭހެއުފަޅުވެރިން ދުރުކޮށް ދެތިން އަތްދަށު ކެއޮޅުލައިގެން

ކުޅޭހެން ރާޒުވާ މަސްކޮޅު ވަތަށް ލާތީއެ ފައިބާށޭ"

"ކެއޮޅު ފުރަތަމަ ވަރަށް ރަނގަޅޭ ވަރަށް އުއްމީދުތައް ލިބުނޭ

ކެއޮޅު އެކަމަކު ބަދަލުވެއްޖޭ ގިނަދުވަސްވީއެ ފައިބާށޭ"

އެހެން ޅެމެކެވެ. މި ފަހަރު ފާޑުކިޔުންތައް، މަޖާޒުގެ ތެރޭ ފަރުދާކުރައްވާފައެއް ނުވެ އެވެ. 2010 ވަނަ އަހަރު ލިޔުއްވާފައިވާ "ރުޅިއާ ހަސަދަ ނައްތާލަމާ" މި ޅެމުގެ ފަހު ހަތަރު ބައިތައް ބަލާލަމާތޯ އެވެ.

"މި ދިމިކުރަތީ މީހުޅަނގުގައި ހޭލުންތެރިވި ފޯރުންތެރިން

ހެދި މޮޅު އުޞޫލެކެ ނިކަމެތިން ގަބުމީހުނަށް ކަމުދާނެހޭ

ހެއްދެވި ފަރާތުން އެންގެވީ ވަކިހަމަތަކެކެ ވެރިކަންކުރަން

ހެއްދެވި ފަރާތަށްވުރެ މޮޅަށް ވަކި މޮޅުގޮތެއް ހެދިދާނެހޭ

މިއޮތީ މި ބޮނޑިވެސް ބޮވިފައޭ ރޭރުވެ ހުޅަނގު ފެނި ހެވިފައޭ

މިއޮތީ އަލުން އެންމެން އެކީ ވިސްނަންޖެހިފައޭ ވާނެހޭ

އެންމެން އަލުން އާބާރުލާ ރުޅިއާ ހަސަދަ ނައްތާލަމާ!

އެންމެންގެ މިދިވެހިރާއްޖެއަށް ހެޔޮއެދި މިކަން ނުވެވޭނެހޭ"

ފަހަކަށް އައިސް ކަނީރު ޢަބްދުއްރަޙީމްގެ ޅެންވެރިކަމުގެ މަޢުޟޫޢުތަކަށް އައި ބަދަލުތަކާމެދު ސުވާލެއް ދެންނެވުމުން ވިދާޅުވީ، އެއީ ޢުމުރާއި ޙާލަތާއެކު އަންނަ ބަދަލުތައްކަމުގަ އެވެ. އެ ވިދާޅުވި ބަދަލުތައް ފަހުގެ ޅެންތަކުން ފެންނަކަން ގައިމެވެ. މިސާލަކަށް، ވަރަށް ފަހުން ޢާއްމުކުރައްވާފައިވާ ޅެމެއް ކަމުގައިވާ "އަލުން ވިސްނަމާ!" މި ޅެމުގައި ޅެންވެރިޔާ އިޝާރާތްކުރައްވަނީ މިއަދުގެ މުޖުތަމަޢުން ފެންނަ ނުރަނގަޅު ސިފައެއްކަމަށްވާ "މަވެތިކަމުގެ" މައްޗަށެވެ. މިއީ ފަހަކަށް އައިސް ޅެންވެރިޔާއަށް ފަރިތަ މަޢުޟޫއެކެވެ. 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ "ޖަމާޢަތުގެ ޚަބަރު" ގައި "މަވެތިކަން ދޫކޮށްލަން ވެއްޖެއެވެ." މި ޅެމުގައިވެސް މި މައްސަލައާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

"މަގޭ ފައިދާ މަގޭ އުފަލާ މަށޭ ހަމަ އެންމެ މޮޅުވާންވީ

އަގޭމީ ހޯދުމަށް މައެދޭ ބަހާ ޢަމަލުން ނުބުނެ މަޑުވޭ"

ކަނީރުގެ ޅެންވެރިކަމުގައި ދީނީ ޝިޢާރުތައްވެސް ފާޅުކުރައްވާފައިވެ އެވެ. އެގޮތުން މަދަހަ އާއި މާތްﷲގެ ކުޅަދުންތަންވަކަމުގެ މިސާލުތައް ދައްކާ ޅެންތަކާއި، ހެޔޮ ނަޞީޙަތުގެ ޅެންތައްވެސް މި "ކުބުތުޚާނާ" އިން ފެނެ އެވެ.

2011 ވަނަ އަހަރުގެ އެޕްރީލް މަހު ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސްގެ ފަރާތުން، ކަނީރު ޢަބްދުއްރަޙީމްގެ ޅެންތަކެއް ހިމަނުއްވައިގެން ޝާއިޢުކޮށްފައިވާ "ޅެން ފުށް" މި ފޮތުގައި ޅެންވެރިޔާ ލިޔުއްވާފައިވެ އެވެ.

"ކޮންމެއަކަސް އަޅުގަނޑު އަމިއްލައަށްވެސް ޤަބޫލުކުރާގޮތުގައި އަޅުގަނޑަކީ މޮޅު ޝާޢިރެއް ނޫނެވެ. ވަރަށް އާދައިގެ ޅެންވެރިއަކީމެވެ. ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވެނީ ޅެންވެރިން ދެ ބަޔަކަށް ބެހިފައިވާއިރު އޭގެތެރެއިން އަޅުގަނޑު ހިމެނިފައިވަނީ ގަދަ މަސައްކަތުން (ގާނައިގެން) ޅެންހަދާ މީހުންގެ ތެރޭގައިކަމެވެ."

ކަނީރު ދޮންބެ


ޅެންވެރިޔާގެ އިޒުނައާއެކު އަޅުގަނޑު މި ސިފަކުރެއްވުމަށް ދެކޮޅުހަދަމެވެ. ގިނަ ޅެންވެރިންނަކީ އެ ބޭފުޅަކު ޚާއްޞަވާ ވަކި ދާއިރާއަކާ ގުޅުންހުރި މަޢުޟޫޢުތަކަށް މެނުވީ ޅެމެއް އެކުލަވާލަން ނުފަރިތަ މީހުންނެވެ. ސަމާސާ ވާހަކައެއް ޅެންބަހުން އިއްވަން ދަންނަ ޅެންވެރިޔާއަށް ގިނަ ފަހަރަށް ފުން ހިތާމަ ސިފަކުރަން ދަތިވެ އެވެ. މަދު މީހަކަށް މެނުވީ އިންސާނާގެ ހުރިހާ އިހުސާސްތަކާ ކުޅެލާނޭ ވާހަކަތައް ޅެންބަހުން ހުށަހެޅުމަކީ ފަސޭހައެއް ނޫނެވެ. ސާދާ ބަސްކޮށާރަކަށް ފަރިތަ ޅެންވެރިއެއްނަމަ، ފަށުވި ޢިބާރާތްތަކެއް އިޚުތިޔާރުކުރަން ކުރާ މަސައްކަތް ގިނަފަހަރަށް ލަނީ ފަނުފުލުންނެވެ. އެހެންނަމަވެސް ކަނީރު ޢަބްދުއްރަޙީމްގެ ޅެންވެރި ގަލަން، ހުރިހާ މަޢުޟޫއެއްގައިވެސް ހިނގަނީ ތަޢައްޞަބެއް ނެތި އެވެ. ބަނޑުވައްއަކުރާއި، ފިލިކޯޅި އާއި ކާފިޔާ ޤުރުބާން ނުކޮށް، މިފަދަ ޚިޔާލުތައް ޅެންބަހުރުވައަށް ތަރުޖަމާކުރެވޭނީ ހާދަ މަދު މީހަކަށެވެ. މޮޅެތި ޅެންވެރިންނަކީ މިއީ ނޫންތޯ އެވެ؟ ކަނީރު ދޮންބެގެ "ޅެމުގެ ޝަކުވާ" ގައި ވިދާޅުވާ ފަދަ "ދިރޭ ނިޝާންތަކަކަށް" މި މަސައްކަތްތައް ނުވޭތޯ އެވެ؟

"ބަހެއްގެ އަރާމު ފޮނިކަމަކީ ބަހެއްގެ ދިރޭ ނިޝާންތަކަކީ

ބަހެއްގައި މޮޅެތި އަދަބީ ޅެން ފެނުންކަން ނޭނގެނީހެއްޔޭ"