Advertisement

މަޢުލޫމާތުގެ ރަންޒަމާނުގެ ތާރީޚު ލިޔެވިގެންދާނީ ކޮންގޮތަކަށް؟

9 ސެޕްޓެންބަރު 2021 - 11:07 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ރާއްޖޭގައި ލިޔެފައިވާ ބައެއް ތާރީޚު ފޮތްތައް.


މަޢުލޫމާތުގެ ރަންޒަމާނުގެ ތާރީޚު ލިޔެވިގެންދާނީ ކޮންގޮތަކަށް؟

9 ސެޕްޓެންބަރު 2021 - 11:07 0

ނަޕޯލިއަން ބޮނަޕާޓް ވިދާޅުވެފައިވެ އެވެ.

"ތާރީޚަކީ، މާޒީގެ ރިވާޔަތްތަކުގެ ތެރެއިން އެންމެން ބަލައިގަންނަން އެއްބަސްވާ ރިވާޔަތެވެ."

ރަނގަޅު ވާހަކައެކެވެ. ތާރީޚުގެ ދަރިވަރުން ބަލައިގަންނަން މި ޖެހެނީ ހާދިސާއެއްގެ ދެ ރިވާޔަތެއް ވާނަމަ، ގިނަ ބަޔަކު ބަލައިގަންނަ މަސްދަރެއްގެ ރިވާޔަތެވެ. ނުވަތަ އެއަށް ބާރުދޭ ހެކިތައް ފެންނާން ހުންނަ ރިވާޔަތެކެވެ.

ޑިޖިޓަލް ދުނިޔޭގެ ކުރިން، ތާރީޚު ދެނެގަތުމަށް ބޭނުންކުރެވެނީ މަދު މަސްދަރުތަކެކެވެ. ސައްޔާހުންގެ ލިޔުންތަކާއި، ތާރީޚު ޢިލްމުވެރިންގެ ފޮތްތަކާއި، ޝާއިޢުކުރެވިފައިހުރި ނޫސްތަކާއި، ވީޑިއޯ އަދި އޯޑިއޯ މަންޒަރުތަކާއި، އާކިއޮލޮޖިކަލް ހޯދުންތަކާއި އެފަދަ ހޯދުންތައް ތަޙުލީލުކޮށް ނެރޭ ރިޕޯޓުތަކެވެ. މަދު ޙާލަތެއްގައި މެނުވީ، ހާދިސާ ހިނގި ވަގުތު، އެ ހާދިސާއާ މެދު ބާރާއި ނުފޫޒުގެ މަޤާމެއްގައި ހުރި މީހަކު ނޫން މީހެއް ފާޅުކޮށްފައިވާ ޚިޔާލެއް ފެންނާކަށް ނޯވެ އެވެ. މަދު ޙާލަތެއްގައި ޢާއްމުންގެ ބަޔަކު ބަދަލުކޮށްފައިވާ ސިޓީތަކެއް ނުވަތަ ޑައިރީތަކުގައި ލިޔެފައި ހުންނަ މަޢުލޫމާތުތަކެއް ފެންނާން ހުރެދާނެ އެވެ. ދަންނަވަން މި އުޅޭ ވާހަކައަކީ، މާޒީ ދިރާސާ ކުރާ މީހަކަށް ލިބެން ހުންނަ މަސްދަރުތަކަކީ، ޒަމާން ގެންނަ ވީރާނާކަމުގެ ވަކިތަކުން މިންޖުވާ ރެކޯޑުތައްކަމެވެ.

ސުވާލު މި އުފެދެނީ މިހާ ހިސާބުންނެވެ. އަހަރެމެން މިއަދު ތަޖުރިބާކުރަމުން މިދާ ޑިޖިޓަލް ޒަމާނުގެ މީޑިއާ، މުސްތަޤުބަލުގެ މުވައްރިޚުން ތަހުލީލުކުރުމަށް ދެމި ހުރެއްޖެނަމަ، އޭގެ މައްޗަށް ބަރޯސާވެގެން މުސްތަޤުބަލުގެ ޖީލުތައް އަހަރެމެންގެ ތާރީޚު ބައްޓަންކުރާނީ ކޮން ގޮތަކަށް ބާވަ އެވެ؟ އެސް.އެމް.އެސް ތަކާއި، އީމެއިލް ތަކާއި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ނިއުޅެމުންދަނީ، ހިނގަމުންދާ ކޮންމެވެސް ހާދިސާއަކާ ގުޅިގެން ވަކިވަކި ފަރުދުން ފާޅުކުރާ ޒާތީ ޚިޔާލުތަކެވެ. ވީޑިއޯ އަދި އޯޑިއޯ ރެކޯޑުތަކުގެ އެހީގައި އަހަރެމެންގެ ހެދުން އެޅުމާއި، ބަހުރުވައިގެ އަޑުތަކާއި އޭގެ މިއުޒިކާއި، ޢިމާރާތް ކުރުމުގެ ވައްޓަފާޅީގެ އިތުރުން މުހިއްމު ހާދިސާތައްވެސް ފެންނާން ހުންނާނެ އެވެ.

އެގޮތުން 1900 ގެ އަހަރުތަކަށް ބަލާލަން 2000 ގެ މީހުންނަށް ލިބުނު މަސްދަރުތަކާ އަޅައި ކިޔައިލިޔަސް އެތައް މިލިޔަނެއްގެ ކުރިއެރުމެކެވެ. ފިލްމުތަކާއި، ޓީވީ ޝޯތަކާއި، މީހުންގެ ޒާތީ ފޮޓޯތަކާއި ވީޑިއޯތަކެވެ. ޓިކްޓޮކާއި އިންސްޓަގްރާމްގެ އާދަކާދަތަކެވެ. ކޮންމެ މީހެއްގެ ދުވަހީ ދިރިއުޅުމުގެ ތަފްޞީލުތަކެވެ. ބޯލާ ޖޫސްތައްޓާއި ކާ ކާނާގެ ފޮޓޯތަކެވެ. ނަލަހެދުމަށް ގެންގުޅޭ އާދަކާދަތަކުގެ އަދި އަންނައުނު އެޅުމުގެ އާދަކާދަތައް މުސްތަޤުބަލުގެ ޖީލުތަކަށް ދަސްކޮށްދޭނޭ "ޓިއުޓޯރިއަލް" ތަކެވެ.

އެހެން ނަމަވެސް މުސްތަޤުބަލުގައިވެސް މި ފަދަ ކަންކަމަށްވުރެ ބޮޑު ނުފޫޒެއް ފޯރުވާނީ ލިޔެކިޔުންތަކުން ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ އަހަރެމެންގެ މާޒީއަށް ވިސްނާލާއިރު، ވަރަށް ގިނަ ހާދިސާތަކުގެ މަޢުލޫމާތު، ޚާއްޞަކޮށް ނުރަސްމީ މަޢުލޫމާތުތައް ލިބިފައިވަނީ މީސްމީހުން ބަދަލުކޮށްފައި ހުންނަ ސިޓީ މެދުވެރިކޮށެވެ. އެހެންނަމަވެސް ތަފާތަކީ މިހާރު، އޭރުގެ ސިޓީތަކުގައި ހުންނަ މިންވަރަށް ނޫސްތަކުގައިވެސް، ބްލޮގުތަކުގައިވެސް، އަދި ސޯޝަލް މީޑިއާގައިވެސް ލިޔުމުގެ މިނިވަންކަން ގިނަ ބަޔަކަށް ލިބިފައިވާކަމެވެ.

ލީބްނިޒް އިންސްޓިޓިއުޓް ފޯ ސޯޝަލް ސައިންސަސްގެ އިސް އެނެލިސްޓް ކެޓްރިން ވެލަރ ވިދާޅުވެފައިވެ އެވެ.

"މިއަދުގެ އެންމެ ނުފޫޒުގަދަ އިންސްޓަގްރާމަރުންނާއި އެމީހުން ކޮށްފައިވާ ޕޯސްޓުތައް ފެންނަ ގެލެރީތަކާއި މިއުޒިއަމްތައް ޚިޔާލަށް ގެނެސްބަލާށެވެ."

ވެލަރ ވިދާޅުވާ ގޮތުން، އިޖުތިމާޢީ ރައުސުލްމާލަކީ އަބަދުވެސް އިންސާނީ މުޖުތަމަޢުގައި އަހައްމިއްޔަތުކަން ދެމުންދިޔަ ކަމެކެވެ. އަދި ބޮޑާކަމަކީ ދުނިޔެއަށް އާ ކަމެއް ނޫނެވެ. އެހެންނަމަވެސް މި ޒަމާނުގެ ސެލްފީ ޘަޤާފަތާއި، އަމިއްލަ ނަފުސު ޕްރޮމޯޓުކުރުމުގެ ޘަޤާފަތް ދެކެ، މި ޒަމާނަކީ، އަމިއްލަ އެދުން ބޮޑު، ބޮޑާ މުޖުތަމަޢަކަށް ތަންދިން ޒަމާނެއް ކަމަށް ނިންމާނޭ ފުރުޞަތު މުސްތަޤުބަލުގެ މުވައްރިޚުންނަށް އެބައޮތްކަމަށް ވެލަރ ޤަބޫލުކުރައްވަ އެވެ.

މި ފަދަ ކަންކަމުގެ އިތުރުން، މީމްތަކާއި، ފެޑްތައް މެދުވެރިކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ ސިޔާސަތުތައް ދެނެގަތުން ފަސޭހަވެގެންދާނެ އެވެ. މީގެ އިތުރުން ސިޔާސީ އަދި އިންޤިލާބީ ބޮޑެތި ހާދިސާތައް ހިނގި ގޮތާއި، އެކަންކަމަށް ޢާއްމު އަދި ރަސްމީ މަންސަތަކުގައި ފާޅުކޮށްފައިވާ ޚިޔާލުތައްވެސް ފެންނާން ހުންނާނެ އެވެ.

އެހެން ނަމަވެސް މަތީގައި މި ފާޅުކުރެވުނި ހުރިހާ ޚިޔާލަކާއި ކުރެވުނު ހުރިހާ އަންދާޒާއެއް ބިނާކޮށްފައި މިވަނީ މުސްތަޤުބަލާމެދު އަހަރެމެން ގެންގުޅޭ ތަޢައްޞަބުތަކެއްގެ މައްޗަށެވެ. އެއްކަމަކީ، މިއަދުގެ ޑިޖިޓަލް ޑޭޓާ، ބަދަލު އައުމެއް ނެތި، ލުއި ފަސޭހަކަމާއެކު މުސްތަޤުބަލުގެ ޖީލުތަކައް ލިބޭނޭ ކަމަށް އޮންނަ ތަޢައްޞަބެވެ. އަނެއް ކަމަކީ، މުސްތަޤުބަލުގެ ޖީލުތަކުގެ އިޖުތިމާޢީ އަދި ސިޔާސީ އަގުކުރުންތަކަށް ބަދަލެއް އަންނަ ނަމަ، އަންނާނީ މިއަދުގެ މިންގަނޑުތަކުން މިނާއިރު، ހެޔޮ ބަދަލުތަކެއް ކަމަށް ބެލެވޭ ތަޢައްޞަބެވެ.

ފުރަތަމަ މި ދެންނެވި ކަންތަކަށް ބަލާލަމާތޯ އެވެ. ޑިޖިޓަލް ޑޭޓާއަށް އަތުވެދާނޭ ބަދަލުގެ ވާހަކައެވެ. 90ގެ އަހަރުތަކުގައިވެސް 2000ގެ އަހަރުތަކުގައި އެލްގޮރިދަމްތަކުން ޢާއްމު ދިރިއުޅުމަށް ކުރާނޭ އަސަރު ޢާއްމު ރައްޔިތަކަށް އަންދާޒާކޮށްލަންވެސް ދަތިވީހެވެ. ޑިޖިޓަލް މަޢުލޫމާތު ރައްކާ ކުރެވޭނޭ ގޮތްތަކާއި މިންވަރުތައް ދެނެގަންނަންވެސް ދަތިވީހެވެ. އެހެންނަމަވެސް މިއަދު އަހަރެމެން މި ދިރިއުޅެނީ، އުމަރު އައްޔާރުގެ ސުންބުލި ފަދަ ނިމުމެއްނެތް "ތިޖޫރީ" އެއްގައި މަޢުލޫމާތު ރައްކާކުރެވޭ، އަދި ތިމާގެ އެންމެ ލަދުވެތި އިހުސާސްތައްވެސް އެލްގޮރިދަމްތަކުން ދެނެގަންނަ ޒަމާނެއްގަ އެވެ. އެހެންކަމަށްވާނަމެ، މީގެ ވިއްސަކަށް އަހަރު ފަހުން މަޢުލޫމާތުގެ އަރުޝީފުތައް ބަލަހައްޓައި އަދި ދަމަހައްޓާ ގޮތަށް އަންނާނޭ ބަދަލެއް އަހަރެމެން އަންދާޒާކުރާނީ ކޮން ގޮތަކަށްތޯ އެވެ.

މީގެ އިތުރުން، މި ޒަމާނުގެ ކުޑަ ކުދިންނަށް ވީ.ސީ.އާރާއި ކެސެޓު ޕްލޭޔަރު ބޭނުންކުރަން ނޭނގޭ ފަދައިން، މުސްތަޤުބަލުގެ މީހުންނަށް، ރައްކާކުރެވިފައިވާ ބައެއް މަޢުލޫމާތު ހޯދާނޭ އުކުޅުތައް "އައުޓްޑޭޓް"ވެ، ނޭނގުންވެސް އެކަށީގެންވެ އެވެ.

ދެވަނަ ކަންތަކަކީ، މުސްތަޤުބަލުގެ ޖީލުތަކުގެ އިޖުތިމާޢީ އަދި އަޚުލާޤީ އަގުކުރުންތައް އަހަރެމެންނަށް އަންދާޒާ ކުރެވޭނޭ ގޮތެއް ނެތްކަމެވެ. މީގެ ދިހަ ވަރަކަށް އަހަރު ކުރިން، ތިމާ ކުރާހާ ކަމެއް ޢާއްމު މަންސަތަކުގައި ހާމަކުރުން ވީހީ ލަދުވެތި ކަމަކަށެވެ. ޒާތީ މަޢުލޫމާތުތައް އަދި ޒާތީ ފޮޓޯތަކަކީ، އެމީހެއްގެ ގޭގެ ހަތަރު ފާރުން ބޭރުވާ ތަކެއްޗެއް ނޫނެވެ. އެހެން ނަމަވެސް މި ޒަމާނުގެ އަގުކުރުންތަކަށް ވިސްނާއިރު، ދުވާލަކު އެތައް ފަހަރަކަށް އިންސްޓަގްރާމް ސްޓޯރީއަށް ސެލްފީ ލުމާއި، ކުރެވޭ ކޮންމެ އިހުސާސެއް ޓްވީޓުކުރުމަކީ ބަލައިގަނެވޭ ކަންކަމަށް މިވަނީ ވެފަ އެވެ. އެހެންކަމުން، މީގެ ވިހި އަހަރު ފަހުން މި ފަދަ ކަންކަން އަގުކުރާނޭ ގޮތެއް އަހަރެމެންނަށް މިއަދު އެނގޭނެ ހެއްޔެވެ؟

ދެން އޮތީ މަޢުލޫމާތުގެ ރަން ޒަމާނުގެ އެންމެ ބޮޑު ބަލިފަ އެވެ. "ޑިސް އިންފޯމޭޝަން" ނުވަތަ ނުރަނގަޅު މަޢުލޫމާތެކެވެ. މިއަދު، އަހަރެމެންވެސް މި ޖެހެނީ މަޢުލޫމާތުގެ "ޚަޒާނާ" އިން ތެދާއި ދޮގު ވަކިކުރަން ދަސްކުރާށެވެ. އެކަމަށް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކުގައި މިއަދުވެސް މި ދަނީ ފޭލިވަމުންނެވެ. އެހެންކަމަށް ވާނަމަ، މުސްތަޤުބަލުގެ ޖީލުތަކަށް، މިއަދާ ގުޅޭ ސައްޙަ މަޢުލޫމާތު ފުރާނާނޭ ގޮތެއް ހޯދުން ވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

އެހެން ނަމަވެސް މި މަޒުމޫނު ނިންމާލަން ގަސްދުކުރަނީ އުއްމީދީ ރާގަކުންނެވެ. ބޮޑެތި ގިނަ ކާމިޔާބީ ތަކަކީ، ކޮންމެވެސް ޒަމާނެއްގައި ނުވާނޭ ކަންތައްތައް ކަމަށް ބުނެފައިވާ ކަންތައްތަކެވެ. އަހަރެމެންނަކަށް މުސްތަޤުބަލެއް ނުފެންނާނެ އެވެ. އެހެން ނަމަވެސް ޤަބޫލުކުރާ ހިތް އޮތީ، ތާރީޚު ލިޔެ، ރައްކާތެރިކޮށް، ތަޙުލީލުކުރުމުގެ ދާއިރާގައިވެސް މިއަދު އަހަރެމެން ނުވާނޭ ކަމަށް ދެކޭ ގިނަ ކަންތައްތަކެއް، މާދަމާގެ ޖީލުތަކުން ކާމިޔާބުކަމާއެކު ހާސިލުކުރާނޭ ކަމަށެވެ.