Advertisement

އިގުތިސޯދު ކުރިއަރާ ނަމަ ދަރަނި ނެގިޔަސް މައްސަލައެއް ނެތް: އެމްއެމްއޭ

22 އޮގަސްޓު 2021 - 17:59 0

އަމަން ހަލީމް

އަމަން ހަލީމް

ގަވަރުނަރު އަލީ ހާޝިމް: ސެންޓްރަލް ބޭންކުގެ ހައިސިއްޔަތުން ދައުލަތުގެ ހިސާބުތަކަށް ފާރަވެރިވުމުގެ ޒިންމާ އޮންނަނީ އެމްއެމްއޭގައި. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


އިގުތިސޯދު ކުރިއަރާ ނަމަ ދަރަނި ނެގިޔަސް މައްސަލައެއް ނެތް: އެމްއެމްއޭ

22 އޮގަސްޓު 2021 - 17:59 0

ދަރަނި އިތުރުވާތީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އިގުތިސޯދީ ދުވެލި ކުރިއަރާ ނަމަ، އިތުރު ދަރަނި ނެގުމުގައި މައްސަލައެއް ނެތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ދަރަނީގެ މައްސަލައަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ރޭޓިން އެޖެންސީތަކުގެ ކަންބޮޑުވުން ހުރި ކަމެކެވެ. އަދި މިހާރު ހުރި ދަރަނި މެނޭޖް ނުކުރެވިއްޖެ ނަމަ، ގައުމުގެ އިގުތިސޯދީ މުސްތަގުބަލަށް އޭގެ ނުރަނގަޅު އަސަރުކުރާނެ ކަމަށް ތަކުރާރުކޮށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަރަނީގެ ހާލަތާ ގުޅިގެން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކަކީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ނަގާ ލޯނުތަކެއް ކަމަށާއި މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން އިތުރުވާ ކަމަށެވެ. އަދި އުމްރާނީ ތަރައްގީއަށް މިހެން ކުރާ އިންވެސްޓްމަންޓުތަކުން އުފެއްދުންތެރިކަން އިތުރުވާ ނަމަ، ދަރަނި ނަގައިގެން މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމާދުގެ ވާހަކަތަކަށް ތާއީދުކުރައްވާ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ވިދާޅުވީ، މުސްތަގުބަލުގައި ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން އޮތިއްޔާ ދަރަނި ނެގޭނެ ކަމަށެވެ. އެކަމަކު ދަރަނި ނަގާއިރު ޖީޑީޕީ ކުރިއަރާ ރޭޓަށާއި އިގުތިސޯދަށް އަންނަ ޝޮކުތަކަށް ކަމަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މާލީ އަންދާޒާތައް ހަދާއިރު ވެސް، މި ކަންކަމާ ގުޅޭ ހިސާބުތައް ހިމަނައިގެން އެކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަނި އިތުރުވާ މިންވަރުގެ އިތުރުން، މިހާރު ނަގާފައިވާ ދަރަނި އަދާ ނުކުރެވިދާނެ ކަމުގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އަދި މިކަމުގެ ފުރުސަތު ބޮޑުކަމަށް ބަލާ ފިޗާއި މޫޑީސް ފަދަ ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.

މިކަމާއި ގުޅިގެން އެމްއެމްއޭގެ ޑެޕިއުޓީ އިމާދު ވިދާޅުވީ، މިކަމަށްޓަކައި ސަރުކާރުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑެއް ގާއިމުކޮށްފައިވާ ކަމަށެވެ. މި ފަންޑަކީ ސަރުކާރަށް ލިބޭ އާމްދަނީން ބަޔެއް ރައްކާކޮށްގެން ދަރަނި އަދާކުރަން ހާއްސަ ފަންޑަކަށް ވެފައި، މި ފަންޑުގައި ހުރި ފައިސާއިން ދަރަނި އަދާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ވެސް މި ފަންޑަށް ފައިސާ އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ދަރަންޏާ ގުޅިގެން އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި، ދައުލަތުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 103 ޕަސެންޓުގަ އެވެ. އަދި މިހާރު ގައުމީ އުފެއްދުންތެރިކަން އިތުރުވާ ދުވެލީގައި މި އަހަރު ނިމުމުގެ ކުރިން މި އިންސައްތަ އިތުރަށް ދަށް ވާނެ ކަމަށް އެ އިދާރާއިން އަންދާޒާ ކުރެ އެވެ.

އެންމެ ފަހުގެ ލަފާކުރުންތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތެރޭގައި ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ބެލެވެނީ 22.7 ޕަސެންޓެވެ. އެކަމަކު އިގުތިސޯދަށް އައިސްދާނެ ލޮޅުމަކަށް ނުވަތަ ކުރިއެރުމަށް ބަލައި، އެމްއެމްއޭއިން ޖީޑީޕީ އިތުރުވާ ރޭޓު ގެންގުޅެނީ 17.7 ޕަސެންޓާއި 30.4 ޕަސެންޓާ ދޭތެރޭގަ މިންގަނޑެއްގެ ތެރޭގަ އެވެ.