Advertisement

އުފާ ސިޓީ

22 އޮގަސްޓު 2021 - 10:07 1

ނޫރުއްސަލާމް އަބޫބަކުރު

ނޫރުއްސަލާމް އަބޫބަކުރު

ފަރުބަދަތަކެއްގެ ވާދީން ހިނގާފައި ދާ މީހެއް ދައްކުވައިދޭ ހިޔާލީ ކުރެހުމެއް. އާޓްވޯކް: އަހުމަދު އިހްސާން (އަރަކަ) / އަދަދު


އުފާ ސިޓީ

22 އޮގަސްޓު 2021 - 10:07 1

އަސްލު ލިޔުއްވީ: މުޞްޠަފާ އަލްމަންފަލޫޠީ 1924މ

ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

ނިދާފައި އޮންނަ މީހާއަށް ފެންނަ ފަދައިން އަހަންނަށް ފެނުނީ، ހިކިފަސް ހަނަފަސް ސަހަރާއެއްގައި އަހަރެން ހިނގަމުންދާ ތަނެވެ. ވެލިގަނޑުވަނީ އޭގެ ފަށަލައިގައި ފެތުރި ތަނަވަސްވެގެންނެވެ. ބޮޑެތި ފަސްގަނޑުތަކުން ބާނިލައިފައިވާ ސަރާސަރު ބިމެކެވެ. އިރު ހުރީ އަސުރުން ލެނބިފަ އެވެ. އިރުގެ ފިހީން ކުރަހަންއުޅެ ތަސްވީރުކުރުމުގައި ކުށްހެދިފައިވާ އަހަރެންގެ ދިގު ހިޔަނި ފިޔަވައި، އިތުރު ހިޔަންޏެއް ވެސް ފެންނާކަށް ނެތެވެ. އިންސާނުންގެ ބަފާ އާދަމްކަމަށް ހީކޮށްގެން، ދިގުމިނުން މޭލަކަށް ފުޅާކޮށް ކުރަހާފައި ހުރި އަހަރެންނެވެ.

އަހަރެން ހިނގަމުން ދިޔައީ ދާނެ ވަކި މަގެއް މިސްރާބެއް ނެތިއެވެ. މަގުތަކާއި އަރިއަރިމަތި، ވައްތަރުވެ އެއްގޮތްވެފައިވާ، ހުރިހާ ދިމާއަކުން ހުޅުވި ތަނަވަސްވެފައިވާ ސަހަރާއެއްގައި އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އިރު އޭގެ ޖަގަހައިގައި ހަމަޖެހިއްޖެ އެވެ. ރޭގަނޑުގެ ދޫނި އޭގެ ހާލިން އުދުއްސައިގަނެއްޖެ އެވެ. އަނދިރިގަނޑު އޭގެ ކަޅުފިޔަތައް އާފާގުގައި ފަތުރާލިއިރު، އަހަރެންވެފައިވަނީ، އާޝިގެއްގެ ލޮލުން އެޅި ވަޖިދުގެ ކަރުނައަކަށެވެ. ލޯބިން ކޮއްޕަމުންދާ، ލަދުވެތިކަމުން އޮބަހައްޓަމުންދާ ވަޖިދުގެ ކަރުނަ އެވެ. އަހަންނަކީ އަނދިރީގެ ބަނޑުގައި ކުރުގެޅިފައި އޮތް ސިއްރަކީ ބާވައެވެ؟ ނުވަތަ ފުން ކަނޑުގެ އަޑީގައި ކޮޅުކޮޅަށް ދުވެދުވެ އޮތް ދުންލާމަހަކީ ބާވައެވެ؟

ބައެއް ފަހަރަށް ހީވަނީ ދެލިއުހައްދައި ދެލިވަޅެއްގައި އޮވެވޭހެންނެވެ. ވަޅުގެ އެއްކައިރި ފަށުން ތަންކޮޅެއްގައި އަތްޖެހޭތޯ ބަލާލަމެވެ. އެއިން ދެލިބުރިއަކާ ލައިގަނެދާނެކަމުގެ ބިރަށެވެ. ކޮންމެއަކަސް އަނދިރިކަން ފެތުރިގަނެއްޖެ އެވެ. އޭގެ އެތިކޮޅުތައް އެކޮޅުމިކޮޅަށް އުދުހިގަނެއްޖެ އެވެ.

އެހިނދު އަހަރެން ހުއްޓިހުރީ އުސް ފަރުބަދައެއްގެ ކުރިމަތީގަ އެވެ. އުޑު ބޮލަށް ވެއްޓިދާނެތީ ހިފަހައްޓައިގެން ހުރި ފާރެއް ފަދަ ހައިބަ ބޮޑު ފަރުބަދައެކެވެ. ނުވަތަ އިރުގެ އެތިކޮޅަކުންވާ ރަތް ތާޖެއް އަޅައިގެން އޭގެ ދޯދިންވާ ރީނދޫ ހެނދުންކޮޅެއް ތުރުކުރައްވައިން އިންނެވި ނިކަން ބޮޑާވެރި ޖާނުންބިޔަ ރަސްކަލެއް ފަދަ ފަރުބަދައެކެވެ.

މިފަރުބަދައަށް އަރަން އުޅުމަށްވުރެ އުޑަށް އެރިދާނެކަމުގެ އުންމީދުވެސް ބޮޑުވެ، އަހަރެންގެ ހިތުގައި އަޅަމުންދިޔަ ވޭނާއި ބުއްދީގައިވާ މާޔޫސްކަމާމެދު ސުވާލުނުކުރާށެވެ. އެކަމައިގެން އުޅޭނީތޯ ނޫންތޯ ނިންމަން ނޭނގި އާގަމަވި އެވެ. އަމާންދޭންޖެހޭ ސަބަބެއް އޮތްކަމަކަށް އަހަންނަކަށް ނުފެނެ އެވެ. ދެފަރާތަށް ކަޅިއުކާލީމެވެ. ފަރުބަދައިގެ ވަށައިގެން އުކާލެވިފައިވާ ބޮޑުހިލަތަކުގެ ތެރެއިން މާހުދުކޮށް އޮމާންކޮށް އޮތް ހިލަގަނޑެއް ފެނުނެވެ. އޭގެ މަތީގައި އޮށޯވެއްޖައީމެވެ. ޅެންވެރިޔާ އަބުލްޢަލާގެ ޅެންބައިތެއް ހިތަށް އަރުވަމުންނެވެ.

އަންނަ ރާހަތެކޭ ޖިސްމަށްމީ މަރުވެދިއުން - ދަންވަރަކު ނިދި ނައުމެއްފަދަ ތާއޭ ދިރިއުޅުން

އެސްފިޔަޖަހާލާހާ ހިނދުކޮޅެކެވެ. އަހަރެން އޮތް ހިލަގަނޑު މަޑުމަޑުން ހަރަކާތްކުރާން ފަށައިފި އެވެ. ހިއްލާލައިފި އެވެ. އުދުއްސާލައިފި އެވެ. މަރުގެ އެތިފަހަރު ފައިބައިގަތީ ކަމަށް ހީވި އެވެ. ހަށިގަނޑާ ވަކިވެ ފުރާނަ މައްޗަށް އަރައިގެން ދިޔަ ކަހަލަ އެވެ. ލޯހުޅުވާ ބަލާލެވުނު ނަމަ އެވެ. ހިލަގަނޑެކޭ ހީވި އެތި އޭގެ ސޫރައިގައި މާގުރާ މާދޫންޏަކަށްވެ، ފުޅާކަމުގައި މިސްކިތެއްގެ ގުއްބުފަދައިންވީ ތަނެވެ. އުޑުގެ މަތީން އަދިވެސް ދަތުރުކޮށްދަނީ އެވެ. ހިނދުހިނދުކޮޅާ ވައިތެރެޔަށް ފައްސިޔަކުރަމުންނެވެ. ފަރުބަދައިގެ މަތީ ކުންނަށް ތިރިކޮށްލައިފި އެވެ. ހިލަގަނޑުން ފޭބުމަށް އަވަސްވެގަތީމެވެ. އުންމީދުގެ ފިނި ދޯރާއެއްގެ އިހްސާސެއް ވިއެވެ. އޭގެ ފޮދުވަރުތައް ހިތުގެ ތެރެއަށް އެޅެމުން ހިތުގެ އަލިފާން ނިވެމުން ހޫނުކަން ކަނޑެމުންދަނީ، ފަރުބަދައިގެ އަނެއް ފަރާތް ފެންނަމުންދާތީ އެވެ. ދިރިއުޅުމުގެ ފާގަތިކަމާއި ތަރައްގީގެ މާމެލާމެއްޔެވެ.

މާދުރުން ފެންނަނީ ފެންގަނޑުގެ ފަށަލައިން ފެހިކަންގަދަ ރޮނގުތަކެވެ. ކަޅުކުލައިގެ ފެންފޯއް ދޫނި ފަދައިން ނުވަތަ ހުދުކުލައިގެ ކޮތަރު އައިނެއް ފަދައިން ގެތަކާއި ގަނޑުވަރުތަކެވެ. ލިބެމުންދިޔަ އުހައިވެރިކަމުން އަހަރެންގެ ނަފުސަށް ޖެހިފައި ހުރި ތުރާވަރު ހަނދާންނެތިއްޖެ ކަހަލަ އެވެ. އެދިމާއަށް މިސްރާބުޖެހީމެވެ. އެހިސާބަށް ފޯރިއިރު ހުރެވުނީ ދަނޑުބިމެއްގެ މެދުގަ އެވެ. އޭގެ މެދުގައި ބިނާއެކެވެ. ދޮރުމަތީގައި މުސްކުޅިއެކެވެ. އެމީހާ އެންމެ ވައްތަރުވާން އުޅެނީ މާސްގައި ދިރިއުޅޭ މީހުން ތިބެނީ މިވެނިހެންނޭ ބުނެ ފަލަކީ އިލްމުވެރިންކުރެ ބަޔަކު ކައްކަމުންދާ ހިޔާލީ ތަސްވީރާ އެވެ. އިންސާނަކަށް ޖިންނިއަކު ފެނުމުން ސިހިގެންދާ ގޮތަށް އެމީހާ އަހަރެން ފެނުމުން ސިހުނެވެ. އަހަރެންގެ ފުށުން އޭނާއަށް އެލައިގަތް ބިރުވެރިކަމަށްވުރެ އޭނާގެ ފުށުން އަހަރެންނަށް ލައިގަތް ކަންތައް ވަކިކުޑައެއް ނުވާނެ އެވެ. އޭނާގެ ކައިރިއަށް ޖެހެވުނު ހިނދު އޭނާގެ ބީރަށްޓެހި ބަހުރުވަ އަހަންނަށް އިލްހާމުވީ ފަދަ އެވެ. ސަލާމް ގޮވައިފީމެވެ. އޭނާ ބުނަންފަށައިފި އެވެ. ތިމަންނާ ހީކޮށްގެން މިއުޅެނީ މިރަށް ނޫން އެހެން ރަށަކަށް އިރުއަރާ ނުއުޅޭ ކަމަށެވެ. މިއިންސާނާ ނޫން އެހެން އިންސާނަކު ނުވާކަމަށެވެ.

ވާހަކަ ބަދަލުކުރުމުގައި ދެމިތިބެވުނުވަރުން ދެމެދުގެ ބީރަށްޓެހިކަން ފިލައި، އޭނާގެ ގެޔަށް ދައުވަތުދީފި އެވެ. އެބޭބެގެ އަހުލުންގެ ގާތަށް ދެވި އެކުލެވިއްޖެ އެވެ. މީރު ކެއުން ލިބުނެވެ. އަރާމު ތަންމަތި ދައްކައި ދިނެވެ. އަހަރެންގެ މިދަތުރުގައި ދެވަނަ ފަހަރަށް ރޭގަނޑާ ބައްދަލުވި އެވެ. ހަމަހިމޭން ނިންޖަކުން ނިދީމެވެ. މަރުގެ ހިޔާލުތަކާއި ނެތިދިއުމުގެ ވަސްވާސްތަކުން އުނދަގުލެއް ނުވާ ގޮތެއްގަ އެވެ.

އެރި އިރާއެކު އަހަންނަށް ހޭލެވުނީ ބާއްޖަވެރި އާއިލާއަކުން މަޑުމޮޅިކަމުގެ ދުއާތައް މާތްކަލާނގެއަށް ދަންނަވަމުންދަނިކޮށެވެ. އެއްސަފެއްގައި އެއްގޮތެއްގައި ތިބެ އެވެ. އެބަޔަކު ދުއާކުރަނީ އުނދަގޫ ފަސޭހަކޮށްދެއްވުމަށާއި ބުރަ ލުއިކޮށްދެއްވުމަށާއި، ކަންކަން އިސްލާހުކޮށްދެއްވުމަށާއި، އެކަލާނގެ ވާގިވެރިކަމާއި ނަސްރު ދެއްވުމަށެވެ. ބީރަށްޓެހި ގޮތެއްގައި އެމަންޒަރަށް އަހަރެން ބަލަންހުރީމެވެ. އެސަފުގައި ބައިވެރިވެ އެދުއާއިން ދުއާކޮށް އެރުއިމުގައި ރޮއިހެދުމުގައި އަހަރެން ބައިވެރިވާންޖެހޭ ކަމަށް ކޮންމެހެން ނުފެންނާތީއެވެ. އެކަމަކު އަޖައިބު ވީމެވެ. ރަސޫލަކު ފޮނުއްވިފައި ނުވާ ފޮތެއް ބާވާލެއްވިފައިނުވާ، މިރަށުގެ މީހުންގެ ނަފުސުތަކުގައި މިސާފު އީމާންކަން ބިންވަޅު ނެގިފައިވާ ގޮތާމެދުގަ އެވެ.

މި ނަމާދަކުން އަވަދިވުމުން އަހަރެން ބުނެފީމެވެ. ކަލޭމެން އަޅުކަންކުރާތީ އެބަ ފެނެ އެވެ. އަޅުކަން ތިޔަކުރަނީ ކޮން ފަރާތަކަށް ހެއްޔެވެ؟ ދުއާކުރާތީ އެބަ ފެނެ އެވެ. ދުއާކޮށް ތިޔަ ދަންނަވަނީ ކޮން ފަރާތަކަށް ހެއްޔެވެ؟ ބުނެފި އެވެ. އަހަރެމެން އަޅުކަންކުރަނީ ﷲ އަށެވެ. ކާއިނާތު ހައްދަވައި ރާއްވަވަމުން ގެންދަވާ ފަރާތެވެ. އަހަރެން ބުނެފީމެވެ. އެކަލާނގެ ދެނެގަނެގެން ތިޔައުޅެނީ އެކަލާނގެ ފެނުނީ ހެއްޔެވެ؟ ބުނެފި އެވެ. އާއެކެވެ. އެކަލާނގެ އަސަރުތަކުންނެވެ. ހެއްދެވި ތަކެތީންނެވެ. އެހެންވީމާ އުޑުންނާއި ކަނޑުންނެވެ. ފަލަކުންނާއި ވަށައިގެންވާ ތަނުންނެވެ. ދައުރުވާ ތަރިއާއި ހައިވާނުންގެ ފިޔަތަކުންނާއި ގަސްގަހާ ގެހީގެ އޮށުންނެވެ. އަހަރެމެންގެ ނަފުސުތަކުންނާއި ބުއްދިތަކުންނާއި އަދި އޭގެ ކުރިޔަށް އަހަރެމެންގެ ފުރާނަތަކުންނެވެ. އަހައިފީމެވެ. އެކަލާނގެއަށް ކަލޭމެން އަޅުކަން ތިޔަކުރަނީ ކީއްވެ ހެއްޔެވެ؟ ބުނެފިއެވެ. ޝުކުރު ކުރުމަށެވެ. ހެއްދެވުމާއި ރިޒުގު ދެއްވުމުގެ ނިއުމަތަށްޓަކައެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ހެވެއް ފޯރުކޮށްލަދޭ މީހަކަށްވިއްޔާ ޝުކުރުއަދާކުރުމަށް ފޯރި ހުރޭ ނޫންހެއްޔެވެ؟ އެހެންވީމާ ހެޔޮފޯރުވާމީހުންނަށް ހޮޔޮވެގެންވާ، ދެއްވާ މީހުންނަށް ދެއްވާ ރަސްކަލާނގެއަށް ޝުކުރުކުވެރިވުން މާ އައުލާ ނޫންހެއްޔެވެ؟ އަހަރެން ހިތަށް އެރި އެވެ. މިމީހާ މިހިރަ ފެންނަނީ އެންމެ މަތިވެރި ތެދުވެރީންގެ ދަރަޖައިގަ އެވެ. އަޒާބަށް ބިރުގަނެގެން ސަވާބަށް އެދިގަނެގެން އުޅުމުގެ ބަދަލުގައި، ﷲ އަށް ދީން ހުސްކޮށްލައިގެން އަޅުކަންކުރާ ވައްތަރެވެ.

ދެން އަހައިފީމެވެ. ކަލޭމެން މަރުވުމަށްފަހު ދާނީ ކޮންތާކަށް ހެއްޔެވެ؟ ބުންޏެވެ. ދާއިމީ އަރާމަށެވެ. އެހެންޏާ ވޭންދެނިވި އަޒާބަށެވެ. ބުނެފީމެވެ. ތިޔަ ބުނަނީ ނަރަކައާއި ސުވަރުގޭގެ ވާހަކަ ހެއްޔެވެ؟ އޭނާ ބުންޏެވެ. ތިޔަބުނި އެއްޗެއް ނުވިސްނުނެވެ. އަހަރެމެންނަށް އެނގެނީ ހިކުމަތްވަންތަ ކަލާނގެ ރަނގަޅަށް އުޅޭ މީހުންނަށް ރަނގަޅު ގޮތް ނަހައްދަވައި ދޫކޮށްނުލައްވާނެ ކަމެވެ. އަދި ރަނގަޅާއި ނުރަނގަޅު އެއްހަމަކުރުމަށް އެކަލާނގެ އަދުލުފުޅު ދެކޮޅުވެރިވާނެ ކަމެވެ. އަހައިފީމެވެ. ރަނގަޅުމީހާ ރަނގަޅު މީހަކަށްވެފައި ނުރަނގަޅުމީހާ ނުރަނގަޅު މީހަކަށްވަނީ ކިހިނެއް ކޮންގޮތަކަށް ހެއްޔެވެ؟ އޭނާ ބުންޏެވެ. ރަނގަޅަކީ ހެޔޮކަންތައްތައް ކުރުމެވެ. ނުރަނގަޅަކީ ނުބައިކަންތައްތައް ކުރުމެވެ. އަހަރެމެން ތެރޭގައި މީހަކު އޭނާގެ އެކުވެރިޔާއަށް ގެއްލުންދޭ ތަނެއް ކަލެޔަކަށް ނުފެންނާނެ އެވެ. އެއީ އެހެންވީމަ އެވެ. އަދި ހަމައެގޮތަށް އޭނާގެ އެކުވެރިޔާގެ ކިބައިން އުނދަގޫ ދުރުކޮށްދިނުމުގައި އިހުމާލުވާ މީހަކުވެސް ކަލެޔަކަށް ނުފެންނާނެ އެވެ. އެއީ ހަމަ އެހެންވީމަ އެވެ. އަހަރެން ހިތަށްއެރި އެވެ. ހައިޟުވެރިކަމާއި އިސްތިޙާޟާގެ ހުކުމްތަކާއި މަޛުޔާއި ވަދުޔުގެ ފަރަގާއި ކުޑަހިނެއުމާއި ބޮޑުހިނެއުމައިގެން އުމުރު ހުސްކޮށްލާ ފިގުހުވެރިންނާއި، ކަލާނގެ ސިފަފުޅުތަކުގެ ޒާތްތަކާއި ބާވަތްތަކާއި އިސްވެވޮޑިގަތުމާއި ފަސްވެވޮޑިގަތުމުގެ ބަހުސްގައި ރޭތަކުގައި ހޭލައި ތިބޭ ޖަދަލުވެރީންނާއި ސޫފީންކުރެ ހައްދުފަހަނައަޅާ ދިޔަ މީހުންނަށް، ނަރަކައެއް ސުވަރުގެއެއް ވިސްނައިނުގަނެވޭ ދީނެއް ބީނެއް ވަކިނުކުރެވޭ މިބައިމީހުން ފަދައިން ދީނުގެ ސިއްރުތަކާއި ހިކުމަތްތައް އެނގޭނެ ނަމަ ކޮންފަދަހެއްޔެވެ؟

މިވާހަކަވެސް ނިމިއްޖެ އެވެ. ރަށުތެރެ ދައްކާލުމަށް އެ ބޭބެ ކައިރިން އެދެފީމެވެ. އޭނާ އަހަރެން ގޮވައިގެން ނުކުމެއްޖެ އެވެ. ތަރުތީބުން ހުރި ތަނަވަސް ފުޅާ މަގުތަކެކެވެ. ގޯތިގެދޮރުތައް ހުރީ ވަކިވަކިކުރެވިފަ އެވެ. އެއްގޯތި އަނެއް ގޯއްޗާ ތަތްކޮށްފައެއް ނޫނެވެ. ކޮންމެ ގެއެއްގެ ވަށައިގެން ގުލްޒާރުތަކާއި ބަގީޗާތަކެވެ. ގޭގޭގެ އަހުލުވެރިން އެބައިމީހުންގެ މަސައްކަތައިގެން އުޅެ އެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ހީވާގިކަމާއެކު އެވެ. އެހެރަ ތަނުން ސަލާންޖަހާ މީހެއް، މިހިރަ ތަނުން ވަޒީފާއެއް ނެތި ބިއްޖެހިފައި އިން މީހެއް ނުދެކެމެވެ. އެޔަށްވުރެ އަޖައިބު ކަމަކީ، އަހަރެމެންގެ ރަށްރަށުގައި މި ހުންނަ ފަންތިތަކާއި ގިންތިތަކެއް މިބައިމީހުންގެ ތެރެއިން ހަމައެއްގޮތަކަށް ނުފެނެ އެވެ. އެމީހުންގެ ގޯތިގެދޮރާއި އަރާއުޅޭ ސަވާރީއާއި ކައިބޮއިއުޅޭ ރެސްޓޯރެންޓްތަކާއި ލައިއުޅޭ ފޭރާމުގައި ހަމަހުރިހާ އެންމެން އެއްފަދަ އެވެ. ދިރިއުޅުމުގެ ފެންވަރާއި މުދާވެރިކަމުގައި ހަމަހަމަ އެވެ.

މި މަންޒަރު ދެކި އެބޭބެ ކައިރީ އަހައިފީމެވެ. ކަލޭމެން ތެރޭގައި މުއްސަނދީންނާއި ފަގީރުން ނޫޅޭ ހެއްޔެވެ؟ ސާހިބުންނާއި ނޯކަރުން ނޫޅޭ ހެއްޔެވެ؟ ބުނެފި އެވެ. އާއެކެވެ. އަހަރެމެން ތެރޭގައި ބޯހިޔާކޮށްލާނޭ ގެޔެއް ލިބިފައި، ދަނޑުގޮވާންކުރާނޭ ބިމެއް އޮވެފައި އޭނާގެ ބުރަތައް އުފުލާނޭ ސަވާރީއެއް އޮތީމާ މީހަކަށް ފުދެ އެވެ. އޭގެ ފަހުގައި އެޔަށްވުރެ އިތުރަށް ހޯދުމަކައިގެން މީހުން ނޫޅެއެވެ. އެހެންވެ އަހަރެމެންގެ ތެރޭގައި ވެރިންނާއި ރައްޔިތުންނެއް، ސާހިބުންނާއި ނޯކަރުންނެއް ނޫޅެ އެވެ. ބުނެފީމެވެ. އެކަމަކު ކަލޭމެން ތެރޭގައި ވެސް ނުކުޅެދޭ މީހުންނާއި ކަންނެތް މީހުން އުޅޭނެތާ އެވެ. އޭނާ ބުންޏެވެ. ކަންނެތް މީހާއާމެދު އޮންނަ ގޮތަކީ، އޭނާއަށް އަހަރެމެން އެއްވެސް ބާވަތެއްގެ ހަމްދަރުދީއެއް ނުބަހައްޓާނެކަން އެފަދަ މީހާއަށް އެނގޭނެ އެވެ. ސިކުނޑީގެ ނިއުމަތް ބޭނުންކުރުމުގައި އޭނާއަށް މާތް ﷲ ދެއްވި ބާރު އަމިއްލައަށް ކުޑައިމީސްކުރި ކުރުމަކީ އަހަރެމެން ދުވަހަކުވެސް މާފުކުރާނެ ކަމެއް ނޫންކަން އެފަދަ މީހާއަށް އެނގޭނެ އެވެ. އެކަމަކު ނުކުޅެދޭ މީހާއަށް އަހަރެމެން އެހީތެރި ވަމެވެ. ހެޔޮފޯރުކޮށްދެމެވެ. އެފަދަމީހުންނަށް ހެޔޮފޯރުކޮށްދިނުމަކުން އަހަރެމެންގެ ނަފުސުތައް އެމީހުންނަށްވުރެ މަތިވެރިވާ ކަމަކަށް ނުދެކެމެވެ. އެހެނީ އަހަރެމެން އެމީހުންނަށް މިދެނީ ﷲ އަހަރެމެންނަށް ދެއްވި ބާރުން ބަޔެކެވެ. އެއިން ﷲ އަށް އަޅުކަން ކުރުމަށެވެ. ނުކުޅެދުންތެރީންނަށް އަޅާލުމާއި ނިކަމެތީންނަށް އޯގާތެރިވުމަށްވުރެ އަޅުވެރިކަމުގެ މޫނުމަތީން މަތިވެރި އެހެން ކަމެއް ނުފެނެ އެވެ.

މިވާހަކައެއްގައި ހިނގަމުންދަނިކޮށް މާތަނަވަސް ހައިބަކަންބޮޑު މާސިންގާ ގަނޑުވަރެއް ކުރިމަތިން ލައިގަނެއްޖެ އެވެ. ރީތިކަމާއި ފުރިހަމަކަމުން ޖަރީކޮށްފައިވާ ކިއްލާ އެކެވެ. އަހަރެންނަށް މިފެންނަނީ ރަސްގެފާނުގެ ގަނޑުވަރު ހެއްޔެވެ؟ އޭނާ ބުނެފި އެވެ. ނޫނެކެވެ. އެއީ ނުލަފާ މުށްބާރު މީހެއްގެ ގަނޑުވަރެވެ. އޭނާ ﷲ އެދިވޮޑިގަތް ގޮތާ ހިލާފުވި އެވެ. އެކަލާނގެ ހިކުމަތާ އެވެ. އެކަލާނގެ އަޅުތަކުންގެ ކިބައިން އެބައިމީހުންގެ ބިމާއި މުދާ ބައްކޮށްގަތީ އެވެ. އެމީހުންގެ މައްޗަށް ގަދަވެގަނެ އެމީހުން ފިޔަވައި މީނާ ހުރިހާ އަރާމަކައިގެން އުޅެގަތުމަށެވެ. އެހެންވެ ﷲ އޭނާއަށް ކޯފާލެއްވި އެވެ. އޭނާގެ ނަސީބު ބަދުނަސީބަށް ބަދަލުކުރެއްވި އެވެ. ތަނަވަސްކަން ތާށިކަމަށެވެ. އެހެންވެ އޭނާއަށް ދިރިއުޅުމުގެ ލައްޒަތާއި އަރާމު ލިބޭކަމަށްވަނީ ހުރިހާ އެދުންތަކެއްގެ ކުރިމަތީގައި ނަފުސުއަމާންދީ، އޭގެ ތަބީއަތުން ނަފުސަށް ކެތްނުވާވަރު ތަހައްމަލުކުރަން ޖެއްސީމަ އެވެ. މިހާރު ބަލާށެވެ. ހުރިހާ ބައްޔެއްގެ ވޭންވަރުން އެކިވައްތަރުގެ ބަލާތަކުން އޭނާއާ އެދަނީ ފޮށެމުންނެވެ. ދިރިއުޅުމާމެދު ނަފުރަތު އުފައްދަމުންނެވެ. މަރުވުންވެސް އޭނާއަށް މާރަނގަޅުކަމުގައި ހީކުރުވަމުންނެވެ.

އޭނާގެ ގަނޑުވަރަކުން ލިބުނު ހިމާޔަތެއް ނެތެވެ. މުދަލުން ލިބުނު ފުދުންތެރިކަމެއް ނެތެވެ. އިބުރަތް ލިބިގަންނަ މީހުންނަށް ހުރި އިބުރަތެކެވެ. ބަލާމީހުންނަށްހުރެ ހޭލައްވާލުމެކެވެ. މިވާހަކަތައް އަހާފައި މިބޭބެއަށް އިހުތިރާމުން އަހަރެންގެ ހިތް ފުރިއްޖެ އެވެ. ބުނެފީމެވެ. އަހަރެމެންގެ ސުކޫލު މަދަރުސާތަކުގައި އެޔޮއްގެން ކިޔަވައިދޭ ހިކުމަތުގެ ގަވާއިދުތަކާއި ތަރުބިއްޔަތުކުރުމުގެ އުސޫލުތަކާއި ފަންނުވެރިކަމާއެކުވެސް، މިބައިމީހުންގެ މިތަނުން މިފެންނަ އަހުލާގާއި މަތިވެރި ސިފަތަކާ ވާދަކޮށްލެވޭވަރުގެ ބަޔަކު މީސްތަކުންނަށް ނެރެދެއްކުމަށް އެސުކޫލުތައް ވަނީ ނުކުޅެދިގެންނެވެ.

ސުކޫލު މަދަރުސާގެ ވާހަކަ އަހަރެން މިބުނެލީ، މިބައިމީހުންގެ ތައުލީމީ މަންހަޖުތައް އޮންނަ ގޮތެއް އެނގިގަތުމުގެ ޝައުގުވެރިކަމުގަ އެވެ. އެބޭބެ އަޖައިބުވެގެން ސުވާލުކޮށްފި އެވެ. ސްކޫލުމަދަރުސާއަކީ ކިހިނެއްވާ ތަނެއް ހެއްޔެވެ؟ އަހަރެން ބުނެފީމެވެ. އެއީ ވަށާފާރު ރާނައިގެން ހަދާފައި ހުންނަ ތަނެކެވެ. އެތަނަށް ކުޑަކުދިން ދަނީ އުނގެނޭށެވެ. ބޮޑެތި މީހުން ތިބެނީ އުގަންނައިދޭށެވެ. އެބޭބެ ބުނެފި އެވެ. ކުޑަކުދިން ބޮޑެތި މީހުންގެ ކިބައިން އުގެނެނީ ކޮންއެއްޗެއްހެޔެވެ؟ ބުނީމެވެ. އެބައިމީހުންގެ އުޅުންތަކާއި ގުޅުންތައް އިސްލާހުކޮށް ފައިދާއާއި ލާބަހުރި ކަންކަމެވެ. އެބޭބެ ބުންޏެވެ. ތިޔަ ކަހަލަ ވަށާފާރު ރޭނިގެންވާ ތަނަކަށް އަހަރެމެންގެ މިމުޖުތަމައު ބޭނުމެއް ނުވެ އެވެ. އަހަރެމެންގެ ދަރީންގެ ކަންކަން އެހެން މީހުންނާ ހަވާލުކުރާ ވަރަށްވުރެ އަހަރެމެން އެކުދިންނަށް މާ އޯގާތެރި އެވެ. އެކުދިންނަށް ތިޔަބުނާ އުގަންނައިދިނުމުގެ ކަންތައް ކޮށްދެނީ އަހަރެމެން އަމިއްލައަށެވެ. އެހެންވީމާ އަހަރެމެން ތެރޭގައި ހުންނަ ސްކޫލް މަދަރުސާތަކަކީ، ކާރުހާނާތަކާއި ދަނޑުފަނގުތަކެވެ. އިންދާނެގޮތާއި ރުވާނެގޮތާއި އުފައްދާނެ ގޮތާއި ބޭނުންކުރާނެ ގޮތާއި ތައްޔާރުކުރާނެ ގޮތް އަހަރެމެން އެކުދިންނަށް ދަސްކޮށްދެމެވެ. ގެދޮރު އިމާރާތްކުރާނެ ގޮތާއި ހެދުން ފަހާނެ ގޮތާއި އެމީހުންގެ ސާމާނުތައް އުފައްދާނެ ގޮތެވެ.

މަސައްކަތް ފިޔަވައި އިތުރު އިލްމެއް ވާކަމުގައި އަހަރެމެންނަކު ނުދަންނަމެވެ. މަސައްކަތުގެ ތެރެއިން އަހަރެމެންގެ ދިރިއުޅުން ކޮޅަށްޖަހައި، ﷲ އަށް އަޅުކަންކުރުމުގައި އެކަމުން އެހީތެރިކަން ލިބޭ ކަންކަން މެނުވީ އަހަރެމެންނަކު ނުދަންނަމެވެ. އަހައިފީމެވެ. ކަލޭމެންގެ ތެރޭގައި ވެރިޔަކު ނުހުރޭހެއްޔެވެ؟ ބުނެފިއެވެ. ވެރިޔަކު ނުހުރެއެވެ. ހުންނަނީ ރެފްރީއެކެވެ. އެއީ އަހަރެމެން އޭނާގެ ވިސްނުމާއި ތެދުވެރިކަމަށް އިތުބާރުކުރާ މީހެކެވެ. އަހަރެމެން އޭނާ އިހުތިޔާރުކުރަނީ އަހަރެމެންގެ މެދުގައި އުފެދޭ އަރާރުންތަކަށް ގޮތްކަނޑައަޅާށެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެވެ. ބުނެފީމެވެ. ތި ރެފްރީއެއްގެ ފުލުހުން ނުތިބޭހެއްޔެވެ؟ ބުނެފިއެވެ. އަހަރެމެން އެންމެންނަކީ އޭނާގެ ފުލުހުންނެވެ. އަހަރެމެން އެންމެންނަކީ އޭނާގެ އެހީތެރިންނެވެ. އޭނާއާ ދެކޮޅުވެ އޭނާއާ އިދިކީލިވާ ހަމަ ކޮންމެ މީހަކާ އިދިކޮޅަށެވެ. އަހަރެމެން އޭނާއަށް އިތުބާރުކުރަމެވެ. އޭނާގެ އަދުލުވެރިކަން އަހަރެމެންނަށް ފުދެ އެވެ. ބުނެފީމެވެ. އޭނާގެ ހުރަގެއެއް ނުހުރޭ ހެއްޔެވެ. ބުނެފިއެވެ. ނުހުރެއެވެ. އަހަރެމެންގެ ތެރޭގައި ކުށްކުރާ މީހާއަށް އުގޫބާތެއްކަމުގައި އޭނާއަކީ އަގެއް ނެތް މީހެއްކަމަށް ދެންތިބި މީހުން ދުށުމުން ފުދެ އެވެ. އަހަރެމެން ކުރެ މީހަކަށް އޭނާގެ ގައުމުގެ މީހުންގެ ގާތުގައި އޭނާގެ ނަފުސުގެ އަގެއް ނެތުމަށްވުރެ، އުޑުން އެތިގަނޑެއް ވެއްޓި ނެތިދިއުންވެސް މާހެވެ. އޭނާއަކީ އެއްވެސް އަގެއް ނެތް މީހަކަށްވުމަށްވުރެ އެގޮތްވެސް އޭނާއަށް ހެޔޮވަނީ އެވެ.

މިހާހިސާބަށް ދިޔަތަނާ ރަށުތެރެއިން އެނބުރެމުން ސެނބުރެމުންގޮސް ނުކުމެގެންދިޔަ ގެޔަށް އެނބުރި އައިސް ވަދެވިއްޖެ އެވެ. އެގޭގެ އަހުލުވެރިން އުފާވެރިކަމާއެކު މަރުހަބާ ތަހުނިޔާ ކިޔެވެ. ދުނިޔޭގެ އެއްވެސް ތާކުން މިހާ ނަސީބުގަދަ، މިހާ އުފާވެރި މިހާ ފާގަތި ދިރިއުޅުމެއް ލިބިފައިވާ، މިހާ ހަމަޖެހިގެން އުޅޭ ބަޔަކު ނުދެކެމެވެ.

އެއީ އުފާސިޓީ އެވެ. އެތަނުގެ އަހުލުވެރިން އުފާވެރިކަމާއެކު އުޅޭ ސިޓީއެވެ. ކަންބޮޑުވުމުގެ ޝަކުވާއެއްނެތެވެ. އެމީހުން ތިބެނީ ފުދިގަނެގެން ކަމަށް ވާތީ އެވެ. އެމީހުންގެ ނަފުސުން ހަސަދަވެރިކަމެއް ނުއުފުލަ އެވެ. އެއީ އެންމެން ހަމަހަމަވެފައި ވާތީ އެވެ. އެއްވެސް ބިރުވެރިކަމެއް އެމީހުން އިހުސާސެއް ނުކުރެ އެވެ. އެއީ އެމީހުންތިބެނީ އެހެން މީހުންނަށް އަމާން ދީގެންނެވެ.

އެއީ އަހަންނަށް ފެނުނު އުފާސިޓީއެވެ. އެތަނަށް ލޯބިޖެހުނު އެތަނުގައި އުޅުމަށް ޝައުގުޖެހުނު ސިޓީ އެވެ. ﷲ ތައާލާ އެކަލާނގެ ހެއްދެވުމުގައި ބަދަލުނުވާނޭ ސުންނަތެއް ލައްވާފައި ނުވާނަމަ، ދެގޮތް ވެދާނެ ކަންތައްތަކެއް ލައްވާފައި ނުވާނަމަ އެވެ. ރޭގަނޑު އަތުވެއްޖެ އެވެ. އެބޭބެގެ ގޭގައި އަހަރެން އޮތްތަނުން ނަގައިގަނެއްޖެ އެވެ. ދެން ހޭލެވުނުއިރު އަހަރެން އޮތީ އަހަރެންގެ އެނދުގައެވެ. އަހަރެންގެ ގޭގަ އެވެ. ފަސޭހަކަމެއް ފަރުބަދައެއް ނެތެވެ. މުސްކުޅިބޭބެއެއް ދަނޑުފަނގެއް ނެތެވެ. ސޓީއެއް އުފާވެރިކަމެއް ނެތެވެ.

އަހަރެމެން ފޭބިހިނދު ވާދީއަކަށް ޝަބްނަމް އެ އަތުރާލީ

އަލިން ނޫރުން ފޮޅުނުހާ މާތަކާ ގުލްޒާރު ފަތުރާލީ

ޖެހުނުމުން ލޯބި ފެނިފައި ރީތިކަން ހިތްގައިމުކަން ދެކެފައި

އެދުނުހިނދު އެދުމަކީ ތިއެދުންތަކޭ އަހަރެންގެ ހިތުގައިލީ