Advertisement

އޮލިމްޕިކްސްގައި ކްރިކެޓް ހިމަނަން ބިޑްކުރަނީ

11 އޮގަސްޓު 2021 - 09:00 0


އޮލިމްޕިކްސްގައި ކްރިކެޓް ހިމަނަން ބިޑްކުރަނީ

11 އޮގަސްޓު 2021 - 09:00 0

ލަންޑަން (އޮގަސްޓް 11) - ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރުގެ އީދު ކަމަށްވާ އޮލިމްޕިކްސްގައި ކްރިކެޓް ހިމަނަން ބިޑް ކުރަން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މަސައްކަތް ފަށައިފި އެވެ.

އައިސީސީގެ ވިސްނުމަކީ 2028 ވަނަ އަހަރު ލޮސް އެންޖެލްސްގައި ބާއްވާ އޮލިމްޕިކްސްގައި ކްރިކެޓް އިވެންޓް ހިމެނުމަށެވެ. އެއީ ދެ ޖިންސުން ވެސް އިވެންޓް ބާއްވާ ގޮތަށެވެ. އެގޮތަށް އެކަންތައް ވެއްޖެނަމަ 128 އަހަރު ފަހުން ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ކްރިކެޓް އިވެންޓް ފެންނާނެ އެވެ.

އައިސީގެ ޗެއާމަން ގްރެގް ބާކްލޭ ވިދާޅުވީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރާއިރު އޮލިމްޕިކްސްގައި ކްރިކެޓް އޮތުން ވަރަށް މުހިއްމު ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އައިސީސީން މިހާރު ފަށާފައިވާ ކަމަށެވެ.

"ކްރިކެޓަށް އެބައޮތް ބިލިއަނެއްހާ ސަޕޯޓަރުން. ޔަގީނުން ވެސް އޭގެތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ މީހުން އެދޭނެ އޮލިމްޕިކްސްގައި ކްރިކެޓް އޮންނަން. ކްރިކެޓަށް އޮތް ސަޕޯޓް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން،" ބާކްލޭ ވިދާޅުވި އެވެ.

"ދެކުނު އޭޝިއާ އަށް ބަލާއިރު 92 މީހުންގެ މެދުގައި ކްރިކެޓް މަގުބޫލް. ދެން އެމެރިކާގައި 30 މިލިއަން ކްރިކެޓް ސަޕޯޓަރުން އެބަތިބި. އެ ސަޕޯޓަރުން އެންމެ ގަޔާވާ ކުޅުންތެރިން އޮލިމްޕިކް މެޑަލަކަށް ވާދަކުރާތަން ބަލާލަން އެންމެން ބޭނުންވާނެ،"

ކްރިކެޓް ފުޅާކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން ބާމިންހަމްގައި 2022 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސްގައި އަންހެނުންގެ ކްރިކެޓް މުބާރާތް ކުރިއަށްދާނެ އެވެ. އައިސީސީން ދެކޭ ގޮތުގައި މިއީ ބައިނަލްއަގުވާމީ ގިނަ ގޭމްސްތަކެއްގައި ކްރިކެޓް ހިމެނުމަށް ކުރެވޭ މަސައްކަތުގެ ފެށުމެކެވެ.