7 އޮގަސްޓު 2021 - 06:38 0
ފާތިމަތު ސާޔާ އަހުމަދު
ރާއްޖޭގައި މީހަކަށް ކޮވިޑް ވެކްސިން ވެކްސިން ދޭން ތައްޔާރު ވަނީ.-- ފޮޓޯ: އަދަދު
7 އޮގަސްޓު 2021 - 06:38 0
ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 7) - ވެކްސިން ޖަހައިގެން ތިބި މީހުންނަށް ވުރެ ވެކްސިން ނުޖަހާ ތިބި މީހުންނަށް ތަކުރާރުކޮށް ކޮވިޑް ޖެހުމުގެ ފުރުސަތު ދެ ގުނަ އިތުރު ކަމަށް އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ދިރާސާއެއްގައި ބުނެފި އެވެ.
ސީޑީސީން ހުކުރު ދުވަހު ބުނީ ދިރާސާގެ ހޯދުންތަކުން ބާރު ދެނީ ކުރިން ކޮވިޑް ޖެހިފައި ހުރި ނަމަވެސް ބައްޔާ ދެކޮޅަށް ވެކްސިން ޖެހުމަށް ކަމަށެވެ.
އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުން މީގެ ކުރިން ބުނެފައި ވަނީ ކޮވިޑް ޖެހިފައި ވާތީ ގުދުރަތީ ގޮތުން ވަައިރަހާ ދެކޮޅަށް ހަށިގަނޑުގައި ރައްކާތެރިކަން އުފެދިފައި ވާނެ ކަމަށާއި އެހެންވެ ވެކްސިން ޖަހަން ނުވިސްނާ ކަމަށެވެ.
ސީޑީސީން އާއްމު ކުރި ދިރާސާގައި ބައިވެރިވި 246 މީހުންނަކީ 2020 ވަނަ އަހަރު ކޮވިޑް ޖެހުމަށް ފަހު މިދިޔަ މޭ އަދި ޖޫން މަހު ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުނު މީހުންނެވެ.
ދިރާސާއިން ހޯދުނު ގޮތުގައި ވެކްސިން ޖަހައިގެން ތިބި މީހުންނަށް ވުރެ ވެކްސިން ނުޖަހާ ތިބި މީހުންނަށް ތަކުރާރުކޮށް ބަލި ޖެހުމުގެ ފުރުސަތު 2.34 ގުނަ އިތުރެވެ. ވެކްސިން ޖަހައިގެން ތިބި މީހުންގެ ގޮތުގައި ފާހަގަކުރީ ފައިޒާ، މޮޑާނާ އަދި ޖޯންސަން ވެކްސިން ޖެހި މީހުންނެވެ.
ދިރާސާ ރިޕޯޓުގައިވާ ގޮތުން ކޮވިޑް ޖެހުމުން ގުދުރަތީ ގޮތުން ހަށިގަނޑަށް ލިއްބައިދޭ ރައްކާތެރިކަން އޮންނަނީ ކިހާ މުއްދަތަކަށް ކަން އަދި ޔަގީންކޮށް ހޯދިފައި ނުވާ ކަމަށެވެ. އޭގެ އިތުރުން އާ ވޭރިއެންޓުތަކާ އެކު ގުދުރަތީ ގޮތުން ލިބޭ ރައްކާތެރިކަމަށް ބަދަލު އަންނަމުން ދާނެ ކަމަށް ފާހަގަކުރި އެވެ.
އެގޮތުން ޗައިނާގެ ވޫހާނުން އެންމެ ފުރަތަމަ ފެނުނު ކޮވިޑް ފަތުރާ އޮރިޖިނަލް ވައިރަސް ޖެހުނު މީހުން ލޭގެ ސާމްޕަލްގައި ހުރި އެންޓިބޮޑީން ފަހުން ދެކުނު އެފްރިކާއިން ފެނުނު ބީޓާ ވޭރިއެންޓާ ދެކޮޅަށް މާ ބޮޑު ރައްކާތެރިކަމަށް ނުލިބޭ ކަމަށް ލެބޯޓަރީ ދިރާސާތަކުން ދައްކާފައި ވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment